ހިޔާ ފްލެޓް ސަރަހައްދު: މި ތަނުގެ ފްލެޓަކުން ބައި ލައްކަ ރުފިޔާ އާއި ޑްރަގާ އެކު ފަސް މީހަކު ވަނީ ހައްޔަރުކޮށްފައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ހިޔާ ފްލެޓްތައް

ހިޔާގެ އެޕާޓްމަންޓަކުން ޑްރަގާއި ބައި ލައްކަ ރުފިޔާއާ އެކު 5 މީހަކު ހައްޔަރުކޮށްފި

އެ ފްލެޓުން މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތައް ފެނިފައިވޭ

ހިޔާ ފްލެޓުތަކުގެ އެޕާޓްމަންޓެއްގައި ޑްރަގު ވިޔަފާރިކޮށް، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ފުލުހުން އެ ތަން ބަލައި ފާސްކޮށް، މަސްތުވާތަކެއްޗާއި ބައި ލައްކައަށް ވުރެ ގިނަ ރުފިޔާއާ އެކު ފަސް މީހަކު ހައްޔަރުކޮށްފި އެވެ. 

ވީ ކިހިނެއް؟ - ހިޔާ ފްލެޓް 16-11-8ގައި މަސްތުވާތަކެތީގެ ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ:

  • 1-

    އަހްމަދު ލޫތު ނައީމް، 21، ގުމްރީގެ/ ސ. ފޭދޫ

  • 2-

    އަހްމަދު ޝުއާއު، 24، ދިރިމާގެ/ ސ. ފޭދު

  • 3-

    އިބްރާހީމް ޝަވީނު، 24، ފިނޮޅު/ ސ. ފޭދޫ

  • 4-

    ހިސާމް ނަސީރު،19، ކަޅިރަވަ/ސ. ފޭދޫ

  • 5-

    މުހައްމަދު މާއިލް، 26 ގަލަދުންގެ/ ސ. މަރަދޫފޭދޫ

ތަފްސީލު - އައްޑުއަށް ނިސްބަތްވާ މި ފަސް ޒުވާނުންގެ ބަންދު އަމުރުގައިވާ ގޮތުން، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެ ފްލެޓް ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި އަޅާފައި ހުރި ހަ ރަބަރު ޕެކެޓާއި 50،300ރ. ފެނިފައިވެ އެވެ. އެގޮތުން:

  • މަސްތުވާތަކެތި ފެނިފައި ވަނީ ސިޓިން ރޫމުގައި ހުރި ޓީވީ ރެކުގެ ދަމާ ވަތްގަނޑުގެ ތެރެއިން އަދި ސޯފާ މަތިން

  • ފައިސާތައް ފެނިފައިވަނީ ފްލެޓުގެ ދެ ކޮޓަރިން، ހާމަކަން ބޮޑު ގޮތެއްގައި ބަހައްޓާފައި ހުއްޓާ

  • މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތައް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނޭ

ބުނީ ކީކޭ؟ - އިބްރާހިމް ޝަވީން ކޯޓުގައި ބުނީ: 

  • އޭނާގެ އަތުން ފެނުނު ފައިސާއަކީ ވަޒީފާ އަދާކުރާ ތަނުން ލިބުނު ފައިސާ ކަމަށް

  • އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ނޫން ކަމަށް

މާއިލް ބުނީ:

  • އޭނާއަކީ މަސްތުވާތަކެތި މީގެ ކުރިން ބޭނުން ކުރަމުންދިޔަ މީހެއް ކަމަށް

  • މިހާރު ފަރުވާ ޕްރޮގްރާމް ފުރިމަކޮށްފައިވާ ކަމަށް

ހިސާމް ނަސީރު ބުނީ:

  • އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށާއި ފައުވާއަށް ބޭނުންވެފައިވާ ކަމަށް

  • ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކުރުމަށް އެ އެޕާޓްމަންޓަށް ގޮސް އުޅެނިކޮށް ކަމަށް އޭނާ އެއްބަސްވެފައިވޭ

  • ބާކީ ތިބި ދެ މީހުންގެ ކޯޓު އަމުރުގައި އެ މީހުންގެ ފަރާތުން ފާހަގަކުރި ކަމެއް ހިމަނާފައެއް ނެތް

ފަސް މީހުން ވެސް ހައްޔަރުކޮށްފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ކަނޑައަޅައި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އެ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ދިނެވެ.

ފަސްމަންޒަރު - މިދިޔަ އަހަރު ފަހުކޮޅު މީހުން އާބާދުވާން ފެށި ހިޔާގެ ޓަވަރެއްގެ ފްލެޓަކުން މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްގެން މިއީ ރިޕޯޓު ކުރާ ފުރަތަމަ ފަހަރެވެެ. ނަމަވެސް، ޓަވަރުތަކުގެ ސިޑި ގޮޅީގައި މަސްތުވާތަކެތި ބޭނުންކޮށް އެފަދަ މީހުން އެ ތަނުގައި ނިދާ ކަމުގެ ޝަކުވާ މީގެ ކުރިން ފްލެޓްތަކުގެ ވެރިންކޮށްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް