ހުޅުމާލެ ފޭސް ދޭކަށް އަރާ ބުރިޖުގައި ޓްރެފިކް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ހުޅުމާލެ

ހުޅުމާލޭގައި 10 ބުރިއަށް އިމާރާތްކުރަން ސަރުކާރާއި އެޗްޑީސީ ވެސް ދެކޮޅު

ހުޅުމާލޭގައި 10 ބުރިއަށް އިމާރާތްކުރަން ހުއްދަ ދީފި ނަމަ، އާބާދީ އިތުރުވެ ހިދުމަތްތަކަށް ބުރޫއަރާނެ ކަމަށް ހައުސިން މިނިސްޓްރީ އާއި އެޗްޑީސީން ވެސް ގަބޫލުކުރޭ
5 ޑިސެމްބަރު 2021

ހުޅުމާލޭގައި އާންމުންގެ ގޭގެ 10 ބުރިއަށް އިމާރާތްކުރަން ހުއްދަ ދިނުމާއި ހައުސިން މިނިސްޓްރީ އާއި ހުޅުމާލޭގެ ބެލެނިވެރި އެޗްޑީސީން ވެސް ދެކޮޅު ހަދައިފި އެވެ.

ވީ ކިހިނެއް؟ - ހުޅުމާލޭގައި އާންމު ފަރުދުންގެ ގެތައް 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް، ރައްޔިތުންގެ މަޖިލީހުން ގަވާއިދަށް ގެނައި އިސްލާހު އެ ގޮތަށް ގެޒެޓުކުރައްވަން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ދެކޮޅު ހައްދަވައިފަ އެވެ. ގަވާއިދު ގެޒެޓުކުރަން ރައީސް އޮފީހަށް ފޮނުވާފައި އޮއްވައި، މިނިސްޓަރު ވަނީ އެ ގަވާއިދު އަނބުރާ ގެންދަވާފަ އެވެ. އަދި މިދިޔަ ހަފްތާގައި އެކަން ރައްޔިތުންގެ މަޖިލީހަށް ވެސް އެންގެވި އެވެ.

ޕްލޭނިން މިނިސްޓަރުގެ އިތުރުން، އެޗްޑީސީން ވެސް ވަނީ އެ ގަވާއިދާ ދެކޮޅުހަދައިފަ އެވެ. މިދިޔަ އަންގާރަ ދުވަހު ބޭއްވި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހައިލް ވަނީ އެ އިސްލާހާ ދެކޮޅު ހައްދަވައި ގިނަ ސަބަބުތަކެއް ވިދާޅުވެދެއްވައިފަ އެވެ.

އެނގުން މުހިންމު - ހުޅުމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް ގަވާއިދަށް ބަދަލު ގެނައީ 18 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ. ގަވާއިދަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ވަކި ފްލޯއަކުން ފެށިގެން މަތީގެ ބެލްކަނި މަގުމައްޗަށް ނެރެވޭ ގޮތަށް ހެދުން ވެސް ހިމެނެ އެވެ.

"އަޅުގަނޑުމެން ހަމަ ކަނޑައެޅިގެން އިދިކޮޅު ހަދާނަން ހުޅުމާލޭގައި އާންމު ފަރުދުންގެ އެންމެނަށް 10 ބުރިއަށް އިމާރާތް ކުރުމަށް ހުއްދަ ދޭން،" ކޮމިޓީގައި، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ފަހު ބަހަކީ މީ އެވެ.

"އަޅުގަނޑުމެންގެ ޕްލޭނިން ބޭފުޅުންނަށް ދިމާވި އެންމެ ބޮޑު އުނދަގުލަކީ ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުގެ ގެދޮރު އިމާރަތްކުރުން 10 ބުރިއަށް، ގަވާއިދަށް ގެނެވުނު އިސްލާހުގެ ތެރޭގައި މަޖިލީހުން ނިންމި ނިންމުން."

ގަވާއިދު ކޮމިޓީގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވާހަކަދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

ތަފްސީލް - އަސްލަމް ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ޕްލޭނިން ގަވާއިދުތައް ހަދާފައި ހުންނަނީ މުޅި މުޖުތަމައުގެ ފައިދާއަށް ވިސްނުމަށް ފަހު ކަމަށެވެ. އަދި އެކަމުގައި ވަކިވަކި ފަރުދުންގެ ހައްގުތަކަށް ވުރެ، މުޅި މުޖުތަމައުގެ ހައްގުތަކަށް ބަލަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގައި އާންމު ފަރުދުންގެ އިމާރާތްތައް 10 ބުރިއަށް ނެގުމާ ދެކޮޅު ހައްދަވާ އެންމެ ބޮޑު ސަބަބަކަށް އަސްލަމް އަދި ސުހައިލް ވެސް ވިދާޅުވަނީ:

  • ހުޅުމާލެ އަކީ އެންމެ ކުރިން ފެށިގެން ވެސް ތަރައްގީގެ ޕްލޭނެއް އޮވެގެން މީހުން އާބާދުކޮށްފައިވާ ތަނަކަށް ވުން

  • ހުޅުމާލެ އާބާދު ކުރިއިރު، އެ ތަނުގެ އިންފްރާސްޓްރަކްޗާ ގާއިމުކުރީ އާބާދީއާ އެކަށޭނަ މިންވަރަކަށް ވުން 

  • އާބާދީއާ އެކަށޭނަ މިންވަރަކަށް، ހުސް ޖާގަތަކާއި މިސްކިތްތަކާއި ސްކޫލުތަކާއި ވިޔަފާރި ކުރާ ތަންތަނާއި ޕާކިން ޖާގަތައް ވެސް ގާއިމުކުރަންޖެހޭކަން

"މި ހުރިހާ އެއްޗަކީ ލާމެހިފައި ހުންނަ ކަންކަން. އެހެންވީމާ އާބާދީ އެއް ސަރަހައްދެއްގައި ކުރީގައި ޕްލޭން ކޮށްފައި އޮތް މިންވަރަށް ވުރެ އިތުރު ވާކަހަލަ ކަމެއް ކޮށްފިއްޔާ [މިހާރު ހުރި] އިންފްރާސްޓްރަކްޗާއާ، މި ދެންނެވި ޕަބްލިކް ސްޕޭސް އާއި އިޖުތިމާއީ ހަރަކާތްތަކަށް ހުންނަ ކަންތައްތަކަށް ކޭޓާއެއް ނުކުރެވޭނެ،" އަސްލަމް ވިދާޅުވި އެވެ.

ހުޅުމާލޭގެ ފޭސް އެކަކާއި ދޭއް ގުޅުވައިދޭ ބްރިޖެއް ކައިރި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އާންމު ފަރުދުންގެ ގެތައް 10 ބުރިއަށް ނަގަން އަސްލަމް ދެކޮޅު ހައްދަވާއިރު، ސަރުކާރުން އިމާރާތްކުރާ ތަންތަން 10 ބުރިއަށް ވުރެ މައްޗަށް ނަގާފައިވާ ކަމަށް ބުނެ މީހުން ޝަކުވާކުރާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު އަޅާކިޔުމެއް ކަމަށް މިނިސްޓަރު ގަބޫލެއް ނުކުރައްވަ އެވެ. މިނިސްޓަރު ވިދާޅުވީ އެއީ އެކަމަށް ވަކި ހިސާބެއް ހާއްސަކޮށް، ކުރިން ޕްލޭންކޮށްގެން ކުރާ ކަންކަން ކަމަށެވެ.

މިހާރު އަމަލުކުރަމުން އަންނަ ޕްލޭން ބަދަލުކޮށް، ކުއްލިއަކަށް 10 ބުރިއަށް ގެތައް ހިއްލަން ފުރުސަތު ދީފި ނަމަ، ހުޅުމާލެ "ހަމައިން ނެއްޓި"، އާބާދީ އިތުރުވެ އަނެއްކާ އިންފްރާސްޓްރަކްޗާއަށް ކެތް ނުވެ، ރައްޔިތުންނަށް ހިދުމަތްކުރަން ހުރި އެހެން އިންސްޓިޓިއުޝަންތައް ވެސް އެކަށީގެންވާ މިންވަރަށް ވުރެ މަދުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

10 ބުރިއަށް ހަދަން ފަށައިފި ނަމަ ހުޅުމާލޭގެ ޕްލޭނަށް ނުކަތާނެ

މިނިސްޓަރުގެ ވާހަކައަށް ސުހައިލް ވެސް ފުރިހަމައަށް ތާއީދުކުރެއްވި އެވެ.

"ހުޅުމާލެ އަކީ ޕްލޭން ކުރެވިގެން ޑިވެލޮޕްކުރެވެމުންދާ ސިޓީއަކަށް ވާއިރު އަޅުގަނޑުމެންނަށް މިހާ ހިސާބުން އެކަހަލަ ބަދަލުތަކެއް ގެންނަ ކަމަށް ވަންޏާ އަޅުގަނޑުމެންގެ ޕްލޭން، އަނެއްކާވެސް މާލެ ފަދަ ކޮންޖެސްޓެޑް ވެފަ އޮތް ތަނަކަށް ހުޅުމާލެ ބަދަލުވެގެން ދިއުމުގެ ފުރުސަތު އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.

ސުހައިލް ވިދާޅުވީ ހުޅުމާލޭގެ މަގުތަކާއި އެހެނިހެން ހުރިހާ ކަމެއް ވެސް ޕްލޭންކޮށްފައި ވަނީ ވަކި އާބާދީއަކަށް ކަމަށެވެ. އެ އާބާދީއަށް ވުރެ މީހުން އިތުރުވާ ގޮތަށް ހުޅުމާލޭގެ ޕްލޭން ބަދަލުކޮށްފި ނަމަވެސް، ރަނގަޅު މާހައުލެއްގައި ހިދުމަތް ނުދެވޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ހުޅުމާލޭ ސެންޓަލް ޕާކުގައި ތަރައްގީ ކުރި މިޔުޒިކަލް ފައުންޓެއިން ނުވަތަ މިޔުޒިކީ ފައްވާރު: ހުޅުމާލޭގައި އަމިއްލަ މީހުންގެ ގޭގެ 10 ބުރިއަށް ހަދަން ހުއްދަ ދީފި ނަމަ، ހުޅުމާލޭގެ އާންމު ތަންތަނާއި އެހެނިހެން ވަސީލަތްތަކަށް ނުކަތާ ވަރަށް އާބާދީ ބޮޑު ވާނެ ކަމަށް ސަރުކާރުން ދެކޭ. (ދައުރު ފޮޓޯ/މުހައްމަދު އަނަމް)

ސުހައިލް ވަނީ އޭގެ އިތުރުން ދެން ނުކުންނާނެ މައްސަލަތައް ވެސް ވިދާޅުވެދެއްވައިފަ އެވެ. ސުހައިލް ވިދާޅުވީ ހުޅުމާލޭގައި ހަތަރު ބުރިއަށް އިމާރަތްކުރުމުގެ ހުއްދަ ދިނުމާ އެކު، ނަރުދަމާގެ މައްސަލަތައް ވެސް ނުކުންނަން ފެށި ކަމަށެވެ.

"މިހާރު ވެސް އެބަ އުޅޭ ބައެއް ގަޑިތަކުގައި ޕްރެޝަރުގައި ފެން ނުލިބުމުގެ މައްސަލަ. އެމްޑަބްލިއުއެސްސީން ފޯކާސްޓް އެބަކުރޭ ނަރުދަމާގައި ވެސް މާލޭގައި ނުކުތް ކަހަލަ މައްސަލަ ނުކުމެދާނެ ކަމަށް. ޖަންކްޝަން ތަކުން އޯވަފްލޯ ވުމާއި އެކަހަލަ ކަންކަން. އެހެންވީމަ އަޅުގަނޑުމެން އެޗްޑީސީން ވެސް ރެކަމެންޑް ކުރާ ކަމެއް ނޫން މިކަމަކީ. މިހާރު ހުރި އާބާދީ ބަދަލުކުރުން،" ސުހައިލް ވިދާޅުވި އެވެ.

"މިހާރު ހުޅުމާލެ ފޭސް އެކެއްގެ އާބާދީ އަކީ 80،000 ކަމަށް ބެލިފަ މިއޮތީ. ފޭސް ދޭއްގެ އާބާދީ އަކީ 110،000 ކަމަށް ބެލިފައި މިއޮތީ. އެހެން ވީމަ އެއަށް ބަދަލު އަންނަ ކަމަށް ވަންޏާ، މިހާރު ހުރި އިންފްރާސްޓްރަކްޗާ ތަކަކުންނެއް ކޭޓާއެއް ނުކުރެވޭނެ ރައްޔިތުންނަކަށް."

ގަވާއިދު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/ މަޖިލިސް)

ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމާ ދެކޮޅުހައްދަވާ އިތުރު ކަމެއްގެ ގޮތުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، ހުޅުމާލެއާ ޖެހިގެން ވެލާނާ އިންޓަނޭޝަލް އެއާޕޯޓު (ވީއައިއޭ) އޮތުމެވެ.

"އެ ތަނުގައި އިމާރާތެއް ކުރީމަ ފްލައިޓް ނުޖެއްސޭނީ. ސިވިލް އޭވިއޭޝަނުން މައްސަލަ ޖެހޭނީ. ދިހަ ބުރިއަށް އިމާރާތް ކުރަން ހުއްދަ ދިނީމަ، އެންމެން އިމާރަތް ކުރީމަ އެ ތަނުގައި އޮތް ނަޖިސް ހޮޅިއަށް ނުތަކާނީ، ފެން ނުލިބޭނީ، ކަރަންޓު ކެނޑޭނީ، މަގުތައް ފުރޭނީ. އެ ހުރިހާ ކަމެއް ވެސް ދިމާވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ޓެކްނިކަލް އެންމެން ވެސް ހުޅުމާލޭގައި 10 ބުރިއަށް އިމާރާތްކުރާ ދެކޮޅު ހަދާ ކަމަށެވެ. އެގޮތަށް ގަވާއިދު އިސްލާހުކުރި ނަމަވެސް، އެކަމާ ދެކޮޅު ހައްދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ވަރަށް ރެސިސްޓް ކޮށްފަ ވެސް، ގާނޫނުގައި އޮތް ގޮތަކަށް އަޅުގަނޑުމެންނަށް އަމަލުކުރެވޭނީ. އަޅުގަނޑުމެން ހަމަ ކަނޑައެޅިގެން އިދިކޮޅު ހަދާނަން ހުޅުމާލޭގައި އާންމު ފަރުދުންގެ އެންމެނަށް 10 ބުރިއަށް އިމާރާތް ކުރުމަށް ހުއްދަ ދޭން،" މިނިސްޓަރު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް