ކާބުލްގެ މިސްކިތަށް ދިން ހަމަލާގައި މަރުވި މީހުންގެ ސަންދޯއްތައް މިއަދު ބަޔަކު ގެންދަނީ. (ފޮޓޯ/އޭޕީ)

އަފްގާނިސްތާން

ކާބުލްގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި 10 މީހަކު މަރުވެއްޖެ

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ މިސްކިތަކަށް ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި 10 މީހަކު މަރުވެއްޖެ އެވެ. އެ މީހުންގެ ތެރޭގައި  މަގުބޫލު އިމާމަކު ހިމެނޭ އިރު، ޒަހަމުވި މީހުންގެ އަދަދު 27އަށް އަރާނެ ކަމަށް މަންޒަރު ދުށް މީހުންނާއި ފުލުހުން ބުންޏެވެ.

އެ ހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު ނުނަގަ އެވެ. މިއީ ތޯލިބާނުން އަފުގާނިސްތާނުގެ ވެރިކަން ކުރަން ފެށި ފަހުން، މި ފަހުން ދިން އެންމެ ވަރުގަދަ ހަމަލާ އެވެ. އަނިޔާވެ، ޒަހަމުވި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެމެރިކާ އާއި ނޭޓޯގެ ބާރުތަކުން އަފުގާނިސްތާނުން މިދިޔަ އަހަރުގެ އޯގަސްޓް މަހު ފޭބުމަށް މަސައްކަތް ކުރި އިރު އަދި ތޯލިބާން ގައުމަށް ވެރިވެގަތުމަށް މަސައްކަތް ކުރަމުން ދިޔަ ދަނޑިވަޅު، އިސްލާމިކް ސްޓޭޓް (އައިއެސް)ގެ އަފްގާނު ގޮފިން ވަނީ ކުރިއަށް ޖެހި، ތޯލިބާނުންގެ އަމާޒުތަކަށާއި އާންމުންނަށް ހަމާލާ ދީފަ އެވެ. މިދިޔަ ހަފުތާގައި ވެސް ވަނީ ތޯލިބާނުންގެ އިސް މީހަކު މަރާލައިފަ އެވެ. އެ ހަމަލާގެ ޒިންމާ ވަނީ އައިއެސް އިން ނަގައިފަ އެވެ.

މަންޒަރު ދުށް މީހުން ބުނަނީ ސީއްދީގިއްޔާ މިސްކަތަށް ހަމަލާދީފައިވަނީ އަމިއްލައަށް މަރުވެގެން ކަމަށެވެ. އެ ހަމަލާގައި އަވަހާރަކޮށްލާފައިވަނީ މުއްލާ އާމިރު މުހަންމަދު ކަބޫލީ އެވެ.

ބައެއް މަސްދަރުތަކުން ބުނަނީ އެ ހަމަލާގައި 30 މީހަކު ޒަހަމުވި ކަމަށެވެ. ނަމަވެސް، ކާބުލްގައި ހުންނަ އިޓަލީގެ އިމަޖެންސީ ހޮސްޕިޓަލުން ބުނަނީ އެ ހަމަލާގައި 27 މީހަކު ޒަހަމުވެގެން އެ ގޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އެ މީހުންގެ ތެރޭގައި ފަސް ކުޑަކުދިން ހިމެނޭ ކަމަށެވެ.

ކާބުލްގެ އުތުރުގައި ހުންނަ މިސްކިތުގައި ބޮން ގޮއްވާލިކަން ތޯލިބާނުންގެ ފުލުހުން ޔަގީންކޮށްދެ އެވެ. ނަމަވެސް މަރުވި މީހުންގެ އަދަދާއި ޒަހަމުވި މީހުންގެ އަދަދެއް ނުބުނެ އެވެ.

ތޯލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީއުލާ މުޖާހިދު ވަނީ އެ ހަމަލާ ކުށްވެރި ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެ ހަމަލާ ދިން މީހުން ހޯދައި ޝަރީއަތުގެ ކުރިމައްޗަށް ގެނެސް، އަދަބު ދޭނެ ކަމަށެވެ.

މަރުވާ މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތެވެ. މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް ނޫސް އެޖެންސީން ބުނަނީ މަރުވާ މީހުންގެ އަދަދު މަދުވެގެން 25އަށް އަރާނެ ކަމަށެވެ. 

ތޯލިބާނުންގެ ކުރީގެ ސަރުކާރު ވައްޓާލީ އެމެރިކާއިންނެވެ. އެއީ 11 ސެޕްޓެމްބަރު 2001ގައި އެމެރިކާގެ ޓުވިން ޓަވަރަށް ހަމަލާ ދިން މޭސްތިރިޔާ، އުސާމާ ބިން ލާދިންއަށް އަފުގާނިސްތާނުގައި ރައްކާތެރިކަން ދީގެން ގެންގުޅުނު ކަމުގެ ތުހުމަތުގަ އެވެ.

ތޯލިބާނުން ދެ ވަނަ ފަހަރަށް ވަނީ އަފުގާނިސްތާނުގެ ވެރިކަމަށް އައިސްފަ އެވެ. ނަމަވެސް ބައިނަލްއަގުވާމީ ގައުމުތަކުން އެ ސަރުކާރު ބަލައެއް ނުގަނަ އެވެ. އެ ގައުމުގެ ފައިސާތައް ވެސް ވަނީ ހިފަހައްޓައިފަ އެވެ.

ތޯލިބާނުން ބުދަ ދުވަހު ބުނީ މެހެދި މުޖާހިދު އީރާނު ބޯޑަރުން ފިލަން އުޅެނިކޮށް ހައްޔަރުކޮށް މަރާލާފައިވާ ކަމަށެވެ. މުޖާހިދަކީ ތޯލިބާނުންގެ ކުރީގެ ކޮމާންޑަރެކެވެ. އޭނާ ނިސްބަތްވީ ބައި މަދު ޝިއްޓި ހަޒުރާ ކޮމިއުނިޓީ އަށެވެ.

ތޯލިބާނުންގެ ވެރިންނާ ދެކޮޅުވެ، މުޖާހިދު ތޯލިބާނުންނާ ދުރަށް ދިޔައީ މިދިޔަ އަހަރު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް