ސަލްމާން މިސްކިތަށް އެތައް ބަޔަކު އުފަލުން؛ ފުރިހަމަކަމަށް ތައުރީފް

ނިމިފައި ހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްފަހުން ސަލްމާން މިސްކިތް ހުޅުވަން މިއަދު އެ މިސްކިތުގައި ކުރި ފުރަތަމަ ހުކުރު ނަމާދަށް އެތައް ހާސްބަޔަކު ޖަމާވެ މިސްކިތާއި ގޯތި ތެރެ ފުރާލި
1 އޭޕްރީލު 2022
2

ބޭސްފަރުވާއަށް އިންޑިއާއަށް ފުރަން މާލެ އައިސް ހުރި ހަސަން އަލީ، ގދ. ދާންދޫ، މިއަދު ހުކުރު ނަމާދަށް އައީ އާޓިފިޝަލް ބީޗް ސަރަހައްދުގައި ހަދާފައި ހުރި ބޮޑު މިސްކިތް، ކިންގް ސަލްމާން މިސްކިތުގައި ފުރަތަމަ ކުރި ހުކުރު ނަމާދުގައި ބައިވެރިވިވުމުގެ އުފާ ހޯދާށެވެ. ނިމިފައި ހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން މިއަދު ހުޅުވައި ނަމާދުކުރަން ފެށި ސަލްމާން މިސްކިތަށް އޭނާ އައީ މާފަންނު ޖަސްޓިސް ބިލްޑިންގް ސަރަހައްދުގައި ހުންނަ ގެއިން ޓެކްސީއެއް ނަގައިގެންނެވެ. އޭނާ ބޭނުންވީ މާލޭގައި އަލަށް ހުޅުވި މިވަރުގެ ބޮޑު މިސްކިތެއް ހަމަ ލޮލުން ދެކިލާށެވެ.

"ވަރަށް ފުރިހަމަ ޑިޒައިން ވެސް، ވަރަށް ރީތި. ވަރަށް ހިތްގައިމު. މިސްކިތުގެ އެތެރޭގެ އިންތިޒާމްތައް ވެސް ވަރަށް ފަސޭހަ،" އުމުރުން 70ގެ އަހަރުތައް ގުނަމުން އަންނަ ހަސަން، ހުކުރަށް ފަހު މިސްކިތުން ފައިބަމުން ބުންޏެވެ.

"މިހާ ބޮޑު މިސްކިތެއް ވީމާ މިއީ އެތައް ބަޔަކަށް ފަސޭހައަކަށް ވާނެ. މިތަނުގެ ވުލޫކުރާ ތަނާއި މިސްކިތުގައި އެތެރެ ވެސް ވަރަށް ހިތް ފަސޭހަ. އަދި ފަސޭހަވާނެ ގޮތަކަށް މި ހުރީ މިތަނަށް އަންނަ މީހުންނަށް."

ކިންގް ސަލްމާން މިސްކިތް މިއަދު ހެނދުނުގެ އިރާ އެކު: އެތައް ބަޔަކު މި ހިތްގައިމު މިސްކިތުގެ ފޮޓޯތައް ނެގި (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާދު)
ސަލްމާން މިސްކިތަށް މިއަދުގެ ހުކުރަށް ދިޔަ މީހުން: ހުކުރުގެ މާ ކުރިން އެތައް ސަތޭކަ ބަޔަކު ތިބީ މިސްކިތަށް ވަދެ (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާދު)

މާދަމާ ފެށޭ ރޯދަމަހާ ދިމާވާ ގޮތަށް ސަލްމާން މިސްކިތް މިއަދު ހުޅުވަން ބޭއްވި ފުރަތަމަ ހުކުރު ނަމާދަށް އެތައް ހާސް ބަޔަކު ޖަމާވި އެވެ. ގާތްގަނޑަކަށް 12 ޖެހުމާ ހަމައަށް އައިިއިރު، ނަމާދު ކުރަން ހާއްސަކޮށްފައިވާ މިސްކިތުގެ އެއް ވަނަ އާއި ދެވަނަ ފަންގިފިލާ އޮތީ އެކީހެން ފުރިފަ އެވެ. އެހެންވެ، މިސްކިތުގެ ސަފުތައް ސިޑިމައްޗާއި މިސްކިތުން ބޭރުގައި އޮތް ހުސް ބަޔާ ހަމައަށް ދަމާލާފައި އޮތެވެ. މިސްކިތް ވަށައިގެން އޮތް އެ ބޮޑު ހުސް ޖާގަ އޮތީ ވެސް ގާތްގަނޑަކަށް ފުރިފަ އެވެ.

ސަލްމާން މިސްކިތް

  • 2،500: ފުރަތަމަ ފަންގިފިލާގެ ޖާގަ

  • 1،700: ދެ ވަނަ ފަންގިފިލާގެ ޖާގަ

  • 5،000: ގޯތި ތެރޭގައި ނަމާދުކުރެވޭ ޖާގަ

  • 9،200: މިސްކިތުގެ މުޅި ޖާގަ

މިސްކިތަށް ވަންނަ ކޮންމެ މީހަކު ވެސް ފުރަތަމަ ބެލީ ފޯނުން ފޮޓޯއެއް ނަގާލާށެވެ. ހާއްސަަކޮށް މިސްކިތުގެ އެކި ތަންތަނުގައި ހުރި އަރަބި ލިޔުންތަކާއި މިންބަރާއި އިމާމު ހުންނަ ދިމާލުގައި ހުރި އަރަބި ލިޔުންތަކުގެ ފޮޓޯ ނަގަން ގިނަ ބައެއްގެ ފޯނުތައް އަމާޒުކުރި އެވެ. 

ކިންގް ސަލްމާން މިސްކިތުގައި މިއަދު އިމާމުވެ ހުކުރު ނަމާދުކުރެއްވީ ދީނީ ތަގުރީރުތައް ދިނުމުގެ ތެރެއިން އާންމުންގެ މެދުގައި މަގުބޫލްކަން ހޯއްދަވާފައިވާ ދީނީ އިލްމުވެރިޔާ އިލްޔާސް ހުސެއިންނެވެ. އޭނާގެ ހުތުބާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ ރޯދަ މަހުގެ މާތްކަމާއި އެ މަހުގައި ހެޔޮ ކަންތައްތައް ގިނަކުރުމުގެ މުހިންމު ކަމުގެ މައްޗަށެވެ. އަދި މައިން ބަފައިންނަށް ހެޔޮކޮށް ހިތުމާއި މީހުންނަށް ރަހުމް ކުރުމުގެ މައްޗަށް ވެސް ވާހަކަ ދެއްކެވި އެވެ.

ދީނީ އިލްމުވެރިޔާ އިލްޔާސް ސަލްމާން ސަލްމާން މިސްކިތުގައި މިއަދު ހުތުބާ ވިދާޅުވަނީ (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާދު)

ހުކުރު ނަމާދަށް ފަހު މިސްކިތުން ފޭބި ގިނަ މީހުން އަވަސްވެގަތީ މިސްކިތް ކުރިމަތީ ހުއްޓި ތިބެ ސެލްފީ ނެގުމަށެވެ. އެގޮތުން ދަރިން ގޮވައިގެން ހުކުރަށް އައި ގިނަ މީހުން ދަރިފުޅާ އެކު މިސްކިތުގެ ބޭރުގައި ސެލްފީ ނެގި އެވެ. އަނެއް ބަޔަކު މިސްކިތުގެ ގޯތިތެރޭގެ އެކި ތަންތަނުގައި ހައްދާފައިވާ މާ ގަސްތަކާއި ކަދުރު ރުއްތަކުގެ ފޮޓޯ ނަގައި ފޯނުގައި ރައްކާ ކުރަމުން ދިޔަ އެވެ. އަނެއް ބަޔަކު މިސްކިތުގެ މައްޗަށް އަރާ ސިޑިތައް ކައިރީ ބެލްކަންޏެއްހެން ހުރި ތަނުގައި މަޑުކޮށްލައިގެން ތިބެ ބޭރުން ފެންނަ ވިއުގެ ރީތި ފޮޓޯތައް ވެސް ނެގި އެވެ. 

މިސްކިތުން ފޭބި ގިނަ މީހުން ބުނީ ކިންގް ސަލްމާން މިސްކިތް ވަރަށް ހިތް ފަސޭހަ ކަމަށެވެ. އެ މީހުންނަށް މިސްކިތުގެ ޑިޒައިންނާއި އެތެރޭގެ އިންތިޒާމުތަކާ މެދު ތިބީ ހިތްހަމަޖެހިފަ އެވެ. އެންމެން ކަހަލަ ގޮތަކަށް މިސްކިތުގެ ޑިޒައިނާއި ހަދާފައިވާ ގޮތަށް ތައުރީފް ކުރި އެވެ.

ކިންގް ސަލްމާން މިސްކިތުން ހުކުން ފޭބި މީހަކު އޭނާގެ ދަރިފުޅާ އެކު މިސްކިތު ބޭރުގައި ސެލްފީ ނަގަނީ (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ދަރިފުޅު ގޮވައިގެން ސަލްމާން މިސްކިތަށް ހުކުރަށް އައިސް ހުރި ލުތުފީ ބުނި ގޮތުގައި މިއީ ހުރިހާ ގޮތަކުން ވެސް ހިތްގައިމު އަދި ރީތި މިސްކިތެކެވެ. ރޯދަ މަހާ ދިމާކޮށް ޖާގަ ތަނަވަސް ބޮޑު މިސްކިތެއް އޭނާ ދިރިއުޅޭ ސަރަހައްދާ ކައިރީގައި ހުޅުވީތީ އޭނާ ހުރީ އުފަލުންނެވެ.

"މި މިސްކިތް ހަޑިއޭ، ގޯހޭ ބުނާނެ އެއްވެސް ޖާގައެއް ނެތް. އެހާމެ ރީތި. ވަރަށް، ވަރަށް ފުރިހަމަ. ލިޔުންތަކާއި ލައިޓްތަކާއި ސައުންޑް ސިސްޓަމް ވެސް ހަމަ ރަނގަޅަށް ފެނުނީ،" ލުތުފީ ބުންޏެވެ.

އަބްދުއް ސައްތާރު ސުލައިމާން ބުނި ގޮތުގައި މިސްތުގައި އޭނާއަށް ފާހަގަވި އެންމެ ރަނގަޅު ކަމަކީ މިސްކިތުން ފައިބާ މީހުންނަށް ފަސޭހައިން ނުކުމެވޭނޭ ގޮތަށް އަރިމަތިން ޖާގަ ހަދާފައިވުމެވެ. ނަމާދަށް ތިބޭ މީހުންނަށް އުނދަގޫ ނުވެ މީހުންނަށް ނުކުމެވޭނެ ފުރުސަތު ލިބޭ ކަމަށް އޭނާ ބުންޏެވެ. މިސްކިތުގެ ޑިޒައިން ރީތިކަން ފާހަގަކުރަމުން އޭނާ ބުނީ އަރަބި ގޮތްގަނޑެއް ޑިޒައިންގައި ހުރި ނަމަ އަދި މާ ފުރިހަމަވީސް ކަމަށެވެ.

  •  ކިންގް ސަލްމާން މިސްކިތުގެ ލިއުންތަކެއް: ބައެއް މީހުން ސިފަކުރި ގޮތުގައި ލިއުންތައް ވަރަށް ހިތްގައިމު (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާދު)
  •  ކިންގް ސަލްމާން މިސްކިތުގެ ފުރަތަމަ ހުކުރަށް ދިޔަ މީހުން ކިޔެވުމުގައި (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާދު)
  • މިސްކިތް ހަދާފައި ހުރީ ވައް ބުރަކަށް: އެހެން ހުރުމުން ޖާގަ ބޮޑު ކަމަށް ދައްކާ (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާދު)
  • ހުކުރުގެ މާ ކުރިން ސަލްމާން މިސްކިތުގައި މީހަކު ނަމާދުކުރަނީ: މިއީ ރާއްޖޭގެ އެންމެ އަގުބޮޑު މިސްކިތް

"ދެން މިފަހަކަށް އައިސް މިސްކިތްތައް ހުންނަނީ މޮޑަން ޑިޒައިންތަކަށް. މިވެސް ހަމަ ވަރަށް މޮޑަން ޑިޒައިނެއް. ބޮޑަށް އަރަބި ކުރީގެ ޑިޒައިނަކަށް އެތެރެ ތަން ހުރި ނަމަ އަދި ވަރަށް ފުރިހަމަ ވީސް. އޯވަރޯލްކޮށް ވަރަށް ރަނގަޅޭ ދެންނެވޭނީ،" ސުލައިމާން ބުންޏެވެ.

"މާލޭގެ މުހިންމު ގިނަ ބަޔަކު އަންނަ ސަރަހައްދެއްގައި މިވަރުގެ ޖާގަ ތަނަވަސް މިސްކިތެއް ހުޅުވުމުން މިއީ އެތައް ބަޔަކަށް ފަސޭހައަކަށް ވާނެ. ރޯދަ މަސް ކުރިއަށް އޮތީމާ އަދި މާ ބޮޑަށް ބޭނުންތެރިކަމެއް މިއީ."

ކާފަ ދަރިފުޅާ އެކު ސަލްމާން މިސްކިތަށް ހުކުރަށް އައި އަބްދުއްލަތީފް އަލީ ބުނީ މިސްކިތުގެ ކާޕެޓްގެ ޑިޒައިންތައް އޭނާއަށް ވަރަށް ކަމާ ކަމަށެވެ. މިސްކިތް ވައްބުރަކަށް ވާ ގޮތަށް ހަދާފައިވުމުން މިސްކިތުން ނަމާދު ކުރަން ލިބޭ ޖާގަ ބޮޑުވުމަކީ އޭނާއަށް ފާހަގަވި އެއް ކަންތަކެވެ. އޭނާ ވެސް އުފަލުން ހުރީ ރޯދަ މަހާ ދިމާކޮށް ޖާގަ ތަނަވަސް ބޮޑު މިސްކިތެއް ހުޅުވުނީތީ އެވެ.

"މިތަން ނިމިފައި ހުންނަތާ ވެސް ވަރަށް ދުވަސް ވީ ފަހުން މި ހުޅުވެނީ. ހުޅުވުނުކަން މިއީ މިކަހަލަ ރޯދަ މަހަކާ ވެސް ދިމާވާތީ ވަރަށް ބޮޑު އުފަލެއް،" އަބްދުއްލަތީފް ބުންޏެވެ.

ކިންގް ސަލްމާން މިސްކިތަކީ ސައުދީ ރަސްގެފާނުގެ ހިލޭ އެހީގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބިނާކުރަން ފެށި މިސްކިތެކެވެ. އެ މިސްކިތަށް 25 މިލިއަން ޑޮލަރު ވަނީ ހަރަދުކޮށްފަ އެވެ. މިއީ ރާއްޖޭގައި ހެދި އެންމެ އަގު ބޮޑު މިސްކިތެވެ.

ސަލްމާން މިސްކިތް

  • 25 މިލިއަން ޑޮލަރު 

  • 14.5 މިލިއަން ޑޮލަރު: ސައުދީގެ އެހީ

  • 6 ފަންގިފިލާ 

  • 2 ފަންގިފިލާ، ނަމާދުކުރަން

  • ތިން ލިފްޓް

  • އެކި ބޭނުންތަކަށް ބޭނުންކުރެވޭ ހޯލުތަކެއް 

  • ދުނިޔޭގެ ފެންވަރުގެ ލައިބްރަރީއެއް 

  • ގުރުއާން ކިޔަވައިދޭ ސެންޓަރެއް 

  • ސެމިނާ ހޯލްތަކާއި ކްލާސްރޫމްތައް

ކޮމެންޓް (2)

ޖަމީލް

2 އޭޕްރީލު 2022
ހަމަ ވަަންނަ ގޮތަށްވަދެ، ދަރިފުޅާ އެއްކޮށް ސެލްފީ ނަގާ. ތި ދަސްކޮށްދެވެނީ ވަރަށް ހުތުރުކަންކަން.
2 0

އިބްރާހިމް

3 އޭޕްރީލު 2022
@ޖަމީލް ތީ ތެދު ވާހަކައެއް. މިސްކިތައް ދިޔުމުގެ އެންމެ ބޮޑު އަދި މުހިންމު ބޭނުމަކީ ނަމާދުކުރުން. މިހާރު އެވެސް ސްޓޯރީ ސޯޝަލް މީޑިއާއަށް ލާން ކުރާ ކަމަކަށް ވެއްޖެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް