ވާހަކަ: މިއީ ތަޤްދީރުހޭ

ވާހަކަ

ވާހަކަ: މިއީ ތަގުދީރު ހޭ؟

ނަތާއާ ހަތަރުކަޅި ހަމަކުރަން އަހަރެންނަށް އުނދަގުލެވެ. ނަމަވެސް ނަތާއަށް އެކަހަލަ ބަދަލެއް އައިހެނެއް ހިއެއް ނުވެއެވެ.
29 ސެޕްޓެމްބަރު 2022

އެޕިސޯޑް 18

"ކީއްވެތަ އަބަދު ސަމީހަށް ތިކަހަލަ ކަންކަން އެނގެނީ؟" އަހަރެން ނުކުރަން އުޅުނު ސުވާލު ކުރީމެވެ.

"ލިފާން މަށަށް ޝައްކު ކުރަނީތަ؟" ސަމީހު ހައިރާންވެފައި އެހިއެވެ.

"ތިއީ އަހަރެން ކުރި ސުވާލުގެ ޖަވާބެއް ނޫން،" އަހަރެން ބުނީމެވެ.

"އަހަރެންނަށް އެނގެނީ އަހަރެން ބަލާތީ. އެއީ އަހަރެން ކުރާ ހިތްވާ ކަމެއް ނޫން. މީހުންގެ އަނބިންނަށް ފާރަލަމުން ހިނގުން. އެކަމަކު ލިފާންއަށް ހެޔޮ އެދޭތީ އެކަން ކުރީ. މީހުން ދައްކާ ވާހަކަ އާއި ފެންނަ މަންޒަރުތަކުން އިތުރަށް ޔަގީންކޮށްލުމަށް،" ވިސްނައިދޭ ރާގެއްގައި ސަމީހު ބުންޏެވެ. "މިއަދު ވެސް ލިފާން ބުނެބަލަ އެއީ ތިމަންނަގެ އަންހެނުންނޭ، އޭނާގެ ކަންކަން ނުބަލާށޭ. މި ހިސާބުން މިކަން ނިމުނީ."

އަހަރެން ބޭނުންވީ ހުޅުމާލެއަށް ދާށެވެ. ނަތާގެ ބޭވަފާތެރިކަމުގެ އިތުރު ހަރުފަތެއް ގިރާ ކުރާ މަންޒަރު ލޮލުން ބަލާށެވެ. އަހަރެން ތަކުރާރުކޮށް ނަތާއަށް ދިން ނަސޭހަތްތަކަށް ބީރު ކަންފަތެއް ދިނީ ކީއްވެތޯ ސުވާލު ކުރާށެވެ. ނަތާ އެހެން އުޅެން ޖެހެނީ ކީއްވެތޯ އަހާލާށެވެ. ގައިމު ވެސް ފައިސާގެ ދަތިކަމެއް ނަތާއަކަށް ނޯންނާނެއެވެ. ލޯތްބާއި އަޅާލުން ނުލިބިގެން ހިލޭ ފިރިހެނުން ފަހަތުން އެ ހޯދަން ދާކަށް ނުޖެހޭނެއެވެ. އަތްނބަކަށްޓަކައި ފިރިއަކަށް ކޮށްދެވޭނެ ގިނަ ކަންކަން އަހަރެން ކޮށްދެނީ ކުރެވޭ އެންމެ ރަނގަޅަށެވެ. ފުރާފުރިހަމައަށް ނޫނަސް ޝަކުވާ ކުރާނެ ޖާގައެއް ނަތާއަކަށް ނޯންނާނެއެވެ. ގޭތެރޭގައި މަދު ނުވާނެ ވަރަށް އެއްޗެހި ހުންނާނީ ހޯދައިދީފައެވެ. ދިރިއުޅުމަށް ބޭނުންވާ އެއްޗެހި ވިޔަސް ގަނެދިނީ ފެންވަރުގެ އެއްޗެއްސެވެ. ކަނީ މީރު އެއްޗެއްސެވެ. ލަނީ ރީތި އަންނައުނެވެ. ބޭނުން ކުރަނީ ޒަމާނީ ފެންވަރުގެ ފޯނާއި ގަހަނާއެވެ. ވީ އިރު ނަތާގެ ހަޔާތަށް މަދު ވަނީ ކޮން ކަމެއް ހެއްޔެވެ؟ އަހަރެންނަކީ ނަތާ އުޅޭ އުޅުމުން ކުރާ ކަމަކުން ޝަކުވާ ކުރާ މީހެއް ނޫނެވެ. ކުދިކުދި ކަންކަމާ ރުޅި އައުމާއި އަތް އިސްކުރުމަކީ އަހަރެން ދުވަހަކު ވެސް ކުރި ކަންކަމެއް ނޫނެވެ.

ނަތާއަށް އަހަރެން ވިސްނައިދިނީމެވެ. އަޑުއަހާނެ ކަމުގެ އުންމީދުގައެވެ. އަހަރެން ދައްކާ ވާހަކަ ގަބޫލު ކުރާނެ ކަމުގެ އުންމީދުގައެވެ. ދުނިޔޭގެ އިތުރުން އާހިރަތާ މެދު ވެސް ވިސްނާލުމަށް ތަކުރާރުކޮށް ބުނެދިނީމެވެ. އަހަރެންނަށް ކުރިމަގު ފެނުނީ ބާނި ގިނަކޮށެވެ. ރާޅުގައި ހުދު ފޮނު ގިނަވެފައި، އުދަރެސް އަނދިރި ވެފައި ވަނިކޮށެވެ. ދާން އޮތް ރާސްތާ ދިގުވެފައި ވަނިކޮށެވެ. ނަމަވެސް އަހަރެން ދެއްކި ހުރިހާ ވާހަކައެއް ވީ ފޫ ނެތް ފާޔަށް ފެން ފުރުން ކަހަލަ ކަމަކަށެވެ.

އަހަރެންނަކީ މާ ގިނައިން މެސެޖް ކުރާ މީހެއް ނޫނެވެ. ކޮންމެ ކަމެއް ބޭނުން ވިޔަސް ގިނަ ފަހަރަށް ގުޅަނީއެވެ. އަހަރެން ހުރީ ހުޅުމާލޭގައެވެ. ނަތާ އުޅޭ ކަމަށް ބުނާ ގެ ސަމީހު އަހަރެންނަށް ދެއްކިއެވެ. އެ ގެއަކީ ކޮޓަރި ކުއްޔަށް ދޫކުރާ ތަނެކެވެ. އަހަރެން ގޭތެރެއަށް ވަންނަން ދާން އުޅެނިކޮށް ނަތާ އެގެއިން ނުކުތް ތަން އަހަރެންނަށް ފެނުނެވެ. އެ ވަގުތު ނަތާއަށް މެސެޖެއް ކޮށްލީމެވެ. އަހަރެން ހުރީ ދިއްގާ ގަހެއްގެ ނިވަލުގައެވެ. އަނދިރިވެފައި އޮތުމުން މީހަކު ހުރިކަން ނުވެސް އެނގޭނެއެވެ.

"މިރޭ ތަންކޮޅެއް ލަހުން ގެއަށް ދެވޭނީ. ނަތާ ކީއް ތި ކުރަނީ؟ ކޮބާ ޒުފާން؟" އެއީ އަހަރެން ވަރަށް މަދުން ވާހަކަ ދައްކާ ގޮތެކެވެ. ނަމަވެސް ނަތާއަށް ޝައްކު ނުވާނެ ވަރު ބަލައިގެން އަހަރެން މެސެޖް ލިޔުނީމެވެ.

ނަތާ ފޯނަށް ބަލާލިތަން އަހަރެންނަށް ފެނުނެވެ. އަދި މަގުގެ ދެ ކޮޅަށް ބަލާލާފައި ފޯނު ދަބަހަށްލިއެވެ. އަނެއްކާވެސް ފޯނު ނެގިއެވެ. އެއްޗެއް ލިޔަން ވެސް ފެށިއެވެ. އިރުކޮޅެއް ނުވެ އަހަރެންނަށް މެސެޖެއް އައެވެ.

"ހުޅުމާލޭގައި މި އުޅެނީ ގެއަކަށް އައިސް. ޒުފާން ވީ ލަތީކާއާ އެކު ގޭގައި،" މެސެޖްގައި އޮތެވެ. އަހަރެންނަށް ފެނުނީ ނަތާގެ ތެދުވެރިކަމެވެ. ބޭނުން ނަމަ ނަތާ ދޮގު ހަދަން ވީއެވެ. އަހަރެންނަށް ހިނިތުންވެވުނެވެ. މެސެޖް ނުކުރެވުނު ނަމައޭ ހިތަށްއެރިއެވެ. ނަތާއަށް ޝައްކު ކުރެވުނީތީއެވެ. އެއީ އެ ވަގުތުގެ އިހުސާސްތަކެވެ. އަހަރެން ހިތަށް އެރިއެވެ. މީހަކަށް ކުށްހީއެއް ކުރެވިދާނެއެވެ. ސަމީހަށް ވެސް އެ ވީ އެހެންނެވެ. އަހަރެން ހިތަށް ހަމަޖެހުން ލިބުނެވެ.

އަހަރެން ހިނގައިގަތީ ފެރީއާ ދިމާލަށް ދިޔުމަށެވެ. ކުރިމަތިން އައި ސައިކަލަށް ބަލާލެވުނީ ބޭއިހުތިޔާރުގައެވެ. ސައިކަލު ފަސް އެނބުރި ދިޔަ ފަހުން އަހަރެންނަށް ހިނގުން ހުއްޓާލެވުނެވެ. އަދި ފަހަތަށް ބަލާލެވުނެވެ. ސައިކަލުގައި އިނީ ދަންނަ މީހެކެވެ. ތަނަކުން ދުށް ހަނދާނެއް ވެއެވެ. އަހަރެންގެ ދެ ލޯ ބޮޑުވީ މަގުގެ އެއްފަރާތުގައި ހުރި ނަތާ އެ ސައިކަލުގެ ފަހަތަށް އެރުމުންނެވެ. ކުއްލިއަކަށް ހަނދާނަށް އައެވެ. އެއީ ނަތާގެ ކުރީގެ ފިރިމީހާއެވެ. މަގުގެ އެއްފަރާތަށް އަރައި އަހަރެން ބަލަހައްޓައިގެން ހުރީމެވެ. އަހަރެންގެ ކުރިމަތިން ލާފައި ނަތާ އާއި އޭނާ ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ.

އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދަރިފުޅު އެއްލާލާފައި ނަތާއަށް އެހެން އުޅެން ކެރޭތީ އަހަރެން ހައިރާންވެއްޖެއެވެ. ދަރިފުޅަށް އެކަމުގެ ސަބަބުން ކިހާ ނޭދެވޭ އަސަރެއް ކުރާނެކަން ނަތާއަށް ނުވިސްނެނީ ހެއްޔެވެ؟ ދުނިޔޭގެ ހެއްލުމާއި ގެއްލުމަށް މީހާ މަސްއޫލުވެގެން ދާ އިރު އެންމެ ފަހަރަކު ވެސް ހިތަށް ބިރުވެރިކަން ނުވަންނަނީ ހެއްޔެވެ؟ އެންމެ ފަހަރަކު ދެ ފަހަރަކު އެ މަންޒަރު އަހަރެންނަށް ފެނުމުން ވާ ގޮތް އެނގިއްޖެއެވެ. ޒުފާންއަށް އެކަން އެނގޭ ދުވަހު ނަތާއާ ދޭތެރޭ ޒުފާން ދެކޭނީ ކޮން ފަދަ ގޮތަކަށް ހެއްޔެވެ؟ ދަރިފުޅަށް އެ ދެވެނީ ކިހާ ބޮޑު އަނިޔާއެއް ކަން ނަތާއަށް ނުވިސްނެނީ ހެއްޔެވެ؟

ހިތަށް އެރިއެވެ. ނަތާއަށް އަހަރެން ދޭން ވީ ކިތައް ފުރުސަތު ހެއްޔެވެ؟ ނަތާއަށް މައިތިރި ނުވެވިގެން އެ އުޅެނީ ކީއްވެގެން ހެއްޔެވެ؟ ސައުވީސް ގަޑިއިރު އޭނަގެ ބޯކޮޅު ބެލުން ނޫން ކަމެއް ކުރުން އަހަރެންނަށް ނޯންނާނެ ހެއްޔެވެ؟ އާމްދަނީ ހޯދަން މަސައްކަތް ކުރަމުން، ދިރިއުޅުމުގެ ބޮޑު ބައެއް ބަލަހައްޓަމުން އެ ހުރިހާ ކަމެއް އަހަރެން ކުރާނީ ކިހިނެއް ހެއްޔެވެ؟ ކޮންމެވެސް އެއް ގޮތަކަށް ނިންމަން އެބަ ޖެހެއެވެ. ނަސޭހަތް ދެވިއްޖެއެވެ. އިންޒާރު ވެސް ދިނީމެވެ. ވަރިކުރާނަމޭ އަހަރެން ބުނީ ވެސް އެކަން ކޮންމެހެން ކުރާކަށް ނޫނެވެ. ނަތާ ވަރިކުރާނެހާ ހިތްވަރެއް އަހަރެންގެ ނެތެވެ. ކޮންމެ ގޮތަކަށް ނަތާގެ އުޅުން ހުރި ކަމުގައި ވިޔަސް އެއީ ކުރަން އުނދަގޫ ކަމެކެވެ. އެކަމަކު ނަތާގެ އުޅުމެއް ބަދަލެއް ނުކުރިއެވެ. ދުވަހެއް ދުވަހަކަށް އުޅުން ދަނީ ވިޔާނުދާ މަގުންނެވެ. ދުވަސްކޮޅެއްގައި ހިމޭނުން ހުރުމަށް ފަހު ދެން ކުރާ ކަންތައް މާ ކަމުނުދެއެވެ.

ނަތާއާ ހަތަރު ކަޅި ހަމަކުރަން އަހަރެންނަށް އުނދަގޫވިއެވެ. އެކަމަކު އެ ގޮތް ވާން ޖެހޭނީ ނަތާއަށް ނޫން ހެއްޔެވެ؟ އަހަރެންނަކީ ކުށްވެރިއެއް ނޫނެވެ. ކުށްވެރިއަކީ ނަތާއެވެ. ލަދުގަނެ ޖެހިލުންވާން ޖެހޭނީ ވެސް ނަތާއެވެ. އަދަބު ލިބެން ޖެހޭނީ ވެސް ނަތާ އަށެވެ. ބޭނުން ނަމަ މިހާރު ވެސް ނަތާ ކުރި ކަންތައް ބޭޒާރު ކޮށްލެވޭނެއެވެ. އިޖާބަ ނުދެނީ ހިތެވެ. ވަރިކުރާކަށް ނުވިސްނަމެވެ. ވީ ކަންތައް ނުވާ ކަމަކަށް ހަދާކަށް ވެސް ބޭނުމެއް ނޫނެވެ. ނަމަވެސް މީހާގެ އުޅުން ބަދަލު ކުރެވޭނީ އެ މީހަކު އަމިއްލައަށް ވިސްނިގެންނެވެ. އެ މީހަކު އަމިއްލައަށް ބޭނުން ވެގެންނެވެ. ގަދަކަމުން މީހަކު ނުހުއްޓުވޭނެއެވެ. ލޮނު މަޑުކޮށް ކުރެވޭނެ ހުރިހާ ކަމެއް އަހަރެންނަށް ކުރެވިއްޖެއެވެ. ނަމަވެސް ހަރުކަށިވެއްޖެ ނަމަ ދެން ނުކުންނާނެ ނަތީޖާ މާ ހިތިވެދާނެއެވެ. އެ ގޮތް އަހަރެންނަށް ކަމަކު ނުދިޔައެވެ. އޭރުން އެ ކަމުގެ ޒިންމާ އަހަރެންނަކަށް ނުނެގޭނެއެވެ.

"ހިނގާބަލަ އަހަރެމެން މެލޭއަށް ޗޭންޖް ވާން،" ނަތާ ބުންޏެވެ. އަހަރެންގެ ހިތަށް އެރިއެވެ. މިހާރު އެ އުޅެނީ ކީއް ކުރަން ބާވައެވެ؟ އޭގެ ފަހަތުގައި ވަނީ ނަތާގެ ކޮން މަގުސަދެއް ބާވައެވެ؟

- ނުނިމޭ -

އެހެން ބައެއް ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް