ވާހަކަ: މިއީ ތަޤްދީރުހޭ

ވާހަކަ

ވާހަކަ: މިއީ ތަގުދީރު ހޭ؟

ހަރުކަށި ފިޔަވަޅެއް އަޅަން އަހަންނަށް ނުކެރެނީ ކީއްވެބާއޭ ސަމީހު ހިތަށް އަރާނެ އެވެ. އަހަރެންގެ ވެސް ސުވާލެއް އޮތެވެ. ނަތާ އުޅޭނޫޅޭ ގޮތް ސަމީހަށް އެހާ ބޮޑަށް އެނގެނީ ކިހިނެއް ހެއްޔެވެ؟
26 ސެޕްޓެމްބަރު 2022

އެޕިސޯޑް 17

ނަތާ ހިންދިރުވާލިތަން އަހަންނަށް ފެނުނެވެ. މިހާރު ވެސް އަރުގައި ހިތި ރަހަ ލާން ފެށީ ހެއްޔެވެ؟

"އެއް ފަހަރުވެސް ބުނެބަލަ މަޢާފުކުރާނަމޭ. އަހަންނަށް ލިފާންގެ މަޢާފު ވަރަށް މުހިންމު،" އެއީ ހަގީގަތެއް ހެއްޔެވެ؟ ފިރިމީހާގެ ހިތް ހަލާސް ބޭނުންވާ މީހުން އުޅޭނީ އެހެންނެއް ނޫނެވެ.

"އަހަރެން މައާފު ކުރާނަން. އެކަމަކު ދެން ނަތާ އެ ކަހަލަ ކަމެއް ކޮށްފިއްޔާ ހަމަ ވަގުތުން ވަރި ކުރާނަން،" އަހަރެން އިންޒާރު ދިނީ މަޑުންނެވެ. ދުވަހަކު ވެސް ހިތްހަމަ ނުޖެހިފައި ނުވަތަ އަޑުގަދަކޮށް ނަތާއާ ވާހަކަ ނުދައްކަމެވެ. ކިތަންމެ ރުޅި އަޔަސް ވެހެވެ.

އަހަރެން ބުނި އެއްޗަކާ މެދު ނަތާ ވިސްނާލި ހެނެއް ހިއެއް ނުވެ އެވެ. ނަތާގެ މޫނު މައްޗަށް ވެރިވި ހިނިތުންވުމުންނެވެ.

"އެކަމަކު އޭރުން ދަރިފުޅު؟" ކަންބޮޑުވެފައި ކަމަށް ހަދާފައި ނަތާ ބުންޏެވެ. ދެން ވެސް އެ ކަހަލަ ކަމެއް ނުކުރާނަން ކަމުގައި އެއްބަސް ވީއެއް ނޫނެވެ. އަނެއް ކޮޅުން ދަރިފުޅާ މެދު އެ ވަރަށް ވިސްނާ މަޔަކަށް އެ އުޅުން އުޅޭކަށް ނުކެރޭނެ އެވެ.

"އަދިވެސް ނަތާ ނުބުނޭ ދެން ދުވަހަކު ވެސް އެ ކަހަލަ ކަމެއް ނުކުރާނަމެކޭ. އަހަރެން މި އިންތިޒާރު ކުރަނީ އެ ކަމަށް،" އަހަރެން ރުންކުރުވެފައި ބުނީމެވެ. "އަތްނބަކު ތިހެން އުޅެންޏާ ފިރިއެއްގެ އެއްވެސް ބޭނުމެއް ނެތެއްނު. އެނގޭތަ މި ބުނާ އެއްޗެއް؟"

"ތި ބުނާ އެއްޗެއް އެނގެޔޭ،" އަހަރެންގެ އަތުގައި ނަތާ ހިފި އެވެ. "އަހަރެން ދެން އެހެނެން ނޫޅޭނަން. އެއީ އަހަރެން ގަސްދުގައި ކުރި ކަމެއް ނޫން."

މީހަކު އަޖައިބެއް ނުވާނެ ހެއްޔެވެ؟ ނަތާއަކީ ބުއްދި ސަލާމަތުން ހުރި މީހެކެވެ. އަމިއްލަ އިޚުތިޔާރުން ބޭރުގައި ކަންކަން ކުރާ މީހެއް ނޫނެވެ. ގަސްދުގައި ނޫން ނަމަ އެކަންކަން ކުރީ ކީއްވެ ހެއްޔެވެ؟ އޮތީ ކޮން މަޖުބޫރީ ހާލަތެއް ހެއްޔެވެ؟ ތިމާއަށް ކުރެވުނީއޭ، އޮޅިގެންނޭ ކިޔައި ސަލާމަތް ވާން މަސައްކަތް ކުރާނީ އެއްވެސް ގޮތެއް ނެތީމަ އެވެ. އަހަރެން ހީކުރި ވަރަށް ވުރެ ނަތާ މާ ހުޝިޔާރެވެ. ނަތާގެ ކޮންމެ ޖުމްލައެއް ބުނަނީ މަޖުބޫރުވެގެން ކަމަށް އަހަންނަށް އިހުސާސް ކުރެވުނެވެ. އަނެއްކާ ވެސް ވިސްނާލަން އަހަރެން ބޭނުންވި އެވެ. ކައިވެނި ސަލާމަތް ކުރަން މަސައްކަތް ކުރަން ވީ ހެއްޔެވެ؟ ނަތާ ދެން އެހެން ނޫޅޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް އަހަންނަކަށް ނެތެވެ. އެއް ގޮތަކީ ނަތާ ވަރިކުރުމެވެ. ގެއްލުން ވާނީ އަހަންނަށާއި ޒުފާންއަށެވެ. އަނެއް ގޮތަކީ އިސްލާހުވާން ފުރުސަތު ދިނުމެވެ. ދަރިފުޅުގެ މުސްތަގުބަލަށް ހިޔަނި އެޅޭ މީހަކަށް އަހަރެން ވާން ބޭނުން ނުވަނީ އެވެ. އަހަންނަށް އެ ކަންކަން އެނގުނީ ކިހިނެއްތޯ ވެސް ނަތާ ނާހަ އެވެ. އެނގެން ބޭނުން ނުވަނީ ކަމެއް، އެކަމާ ފަރުވާލެއް ނެތީ ކަމެއް ނޭނގެ އެވެ.

ނިމިދިޔަ އެއް މަސް ދުވަހުގެ ތެރޭގައި ނަތާގެ ފަރާތުން ނޭދެވޭ އެއްވެސް ކަމެއް ނުފެނެ އެވެ. އަހަރެން އުންމީދުކުރީ ދިރިއުޅުމުގެ ސަމުގާ ބަދަލުވީ އަހަރެން ބޭނުންވާ ގޮތަށް ކަމަށެވެ. ނަތާ އާއި އަހަރެންގެ ހަޔާތަށް އާ ދިރުމެއް ގެނުވީ ކަމަށެވެ. ނަތާ ދެކެ އަހަރެން ކިތަންމެ ލޯބިވި ކަމުގައި ވިޔަސް އެ ލޯތްބަށް ބަދަލެއް އަ އެވެ. ނަތާއަށްޓަކައި ވިންދު ޖަހަމުން ދިޔަ ހިތުގައި އެ ވިންދު ކަނިވަމުން ދިޔަ އެވެ. ސަބަބީ ނަތާއަށް އަހަރެން ކުރި އިތުބާރަށް ލޮޅުން އެރުމެވެ. ކިތަންމެ ދޮން ކުރިޔަސް ދުނބުރިއެއް އަނބަކަށް ނުވާނެ އެވެ. ނަތާއަށް އިތުބާރު ކުރަން ކިތަންމެ ބޭނުންވި ނަމަވެސް އަހަންނަށް އެކަމެއް ނުކުރެވުނެވެ.

"ބަލާބަލަ މި ބުނާ އެއްޗެއް،" ނަތާ އިނީ ފޯނަށް ބަލަހައްޓައިގެންނެވެ. "އެންމެ ސިކުންތެއްގެ ތެރޭގައި ދިމާވާ ކަމަކުން ވެސް، ހަޔާތަށް ބޮޑު ބަދަލެއް އައިސްދާނެޔޯ."

ނަތާ ބުނީ ކީކޭ ކަން އަހަންނަށް އެނގެ އެވެ. އެކަމަކު އެނގުނު ކަން ނުދެއްކީ އެވެ. އިވުނު ކަމަށް ވެސް ނުހެދީ އެވެ. ފޯނު ބާލީސް ދަށަށް ލާފައި އަހަރެން ނިދޭތޯ އުޅުނީމެވެ. ކުރީގައި ދެ މީހުން ނިދަނީ އެއްކޮށެވެ. ނަމަވެސް މިހާރު އެ މީހަކު ނިދި އައިމާ ނިދަންވީ އެވެ. ދެމަފިރިން ވިޔަސް އެކަން އޮތީ އެހެންނެވެ. ނަތާ އާއި އަހަރެން އިނދެގެން އުޅެނީ އުޅޭހިތަކުން ނޫން ހެން ހީވާން ފެށި އެވެ. ކިތަންމެ ވަރަކަށް ނަތާގެ އުޅުން ރަނގަޅު ކުރިޔަސް އަދިވެސް އިތުބާރު އޮތީ އެ ގޮތަށެވެ. ހިތް ބިރުގަންނަނީ ބޭނުންނުވާ މަންޒަރެއް ލޮލަށް ފެނިދާނެތީ އެވެ. އިވެން ނުޖެހޭ އަޑެއް އިވިދާނެތީ އެވެ.

ސަމީހު އަހަންނަށް ގުޅީ ކާނިވާ ސަރަހަށްދަށް ސައިބޯން ދާށެވެ. މީހުން ތޮއްޖެހިފައިވާ އެ ތަނުގައި މޭޒެއް ލިބުމަކީ ދަތިކަމެކެވެ. ބަނޑުހައިވެފައި ހުރިލެއް ބޮޑުކަމުން އަހަރެން ވަރަށް އަވަސް ކޮށްލާފައި ދިޔައީމެވެ. ކޮފީ ބުއިމުގެ ނަމުގައި ގިނަ މީހުން އަޔަސް އެންމެން ވެސް ތިބެނީ ފޯނާ ކުޅެ ސިނގިރޭޓް ބޯށެވެ. އެ ތަނަށް ވަދެފައި އަހަރެންގެ ލޯ ހިންގާލީ އެކި މޭޒަށް ވަކިވަކިންނެވެ. ސަމީހު ފެންނާކަށް ނެތެވެ. އޭނާއަށް ގުޅުމަށްޓަކައި ފޯނު ނެގި ވަގުތު ފަހަތުން މީހަކު ގޮވާލި އެވެ. އަހަރެން އެނބުރި ބަލައިލި އިރު ހުރީ ސަމީހެވެ. ސަމީހުގެ މޫނުމަތިން ފެނުނީ މީގެ ދުވަސްތަކެއް ކުރިން ފެނުނު ކުލަވަރެވެ. އަހަރެން ހިތަށް އެރި އެވެ. އަހަރެން ހީކުރި ކުރުން ޔަގީނަށް ބަދަލު ވާކަށް މާ ގިނަ ދުވަހެއް ނުނެގި އެވެ.

ދެ މީހުން ރެސްޓޯރެންޓަށް ވަދެފައި އިށީނީ ތަންކޮޅެއް އެކަހެރި މޭޒެއްގަ އެވެ. އިރު އޮއްސޭ ވަގުތު ކަމުން ތަނަށް އޮތީ ހިޔާޖެހިފަ އެވެ.

"ކޯއްޗެއް ގެންނާނީ؟" ސަމީހު ހިނިތުންވަމުން އެހި އެވެ.

"ހެދިކާ ދޯ. މަ ވަރަށް ބަނޑުހައިވެފައި މީނީ. މެންދުރު ނުވެސް ކަން،" އަހަރެން ބުނީމެވެ.

ދެ މީހުން ވެސް ގެނައީ ހެދިކާ އާއި ކޮފީ އެވެ. ސަމީހުގެ ބަސް މަދުކަން ފާހަގަވީ އެ ވަގުތު އެވެ. އަހަންނާ ދިމާލަށް ނުބަލަން އުޅޭހެން ވެސް ހީވި އެވެ.

"މި ފަހަރު އަނެއްކާ ކާކު؟" އަހަންނަކަށް ނީދެވުނެވެ. ސަމީހު އަތުން ޖޯޑު ނުވެއްޓުނީ ކިރިޔާ އެވެ. ހައިރާންވެފައި ބަލަހައްޓައިގެން އިނެވެ. އެ ބެލުމުގައި ކިތަންމެ ސުވާލެއް ހުއްޓެވެ. ނަމަވެސް ޖަވާބު ދޭކަށް އަހަރެން ބޭނުމެއް ނޫނެވެ.

"ވައިފްގެ ގޯސް ވާހަކަ ދައްކާކަށް ނޫން ލިފާން މިތަނަށް މި ގެނައީ. ލިފާންއަކީ މަގޭ ވަރަށް ކްލޯސް މީހެއް މިހާރު. ވައިފްގެ އުޅުން އެނގޭ އިރު އެއްޗެއް ނުބުނެތަ ތި ހުންނަނީ؟ މަށަށް އެނގޭ އޭނާ އެ އުޅޭ އުޅުން ލިފާން ބަލައި ނުގަންނާނެ ކަން ވެސް. އެކަމަކު އަތްނބަކު އެހެން އުޅޭ އިރު ފިރިމީހާއަށް އެނގި ހުރެ އަޅާނުލާ ފިރިންނަށް ކިޔާ ނަން ލިފާންއަށް އެނގޭނެ،" ސަމީހު އެންމެ ފަހުން ބުނި ޖުމްލައިން އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔަ އެވެ. އެއީ ތެދެކެވެ. ލިފާން ދައްކާ ވާހަކަ އަހަރެން ގަބޫލުކުރަމެވެ.

"މިހާރު ވަރަށް ގިނަ މީހުންނަށް އެނގޭ ނަތާ އުޅެނީ އެހެންކަން. އަހަރެންގެ ތިމާގެ މީހުންނާއި ލިފާންގެ ގިނަ ރައްޓެހިންނަށް އެނގިގެން ވެސް އަހާ އަހަރެން ގާތު. ލިފާން ގާތުގައި އަހާލަން ނުކެރެނީ ކަންނޭނގެ. އަހަންނަށް ނުވިސްނެނީ ލިފާން ކަހަލަ މީހަކު ލިބުމުން ވެސް ނަތާއަށް އުޅެން ނޭނގޭތީ. ކޮން ކަމެއް މަދު ވެގެން، ކޯއްޗެއް ހޯދަން ނުކުމެތަ އޭނަ އެ އުޅެނީ؟" ސަމީހުގެ އަޑުގައި ވަނީ ހިތްހަމަ ނުޖެހުމެވެ. ތިމާގެ އަނބިމީހާގެ ގޯސް ވާހަކަ ދައްކާކަށް އެއްވެސް ފިރިއަކު ބޭނުމެއް ނުވާނެ އެވެ. އަޑު އަހާކަށް ވެސް ބޭނުމެއް ނުވާނެ އެވެ. އަހަރެންގެ ހާލު ވެސް އެ ފަދަ އެވެ. އަހަރެންގެ މަންމަ އާއި އާއިލާއަށް ނަތާގެ ވިޔާނުދާ އުޅުން އެނގުމުން ވާނެ ގޮތެއް ވެސް ނޭނގެ އެވެ.

"ލިފާން. ފިރިއަކަށް ވެ ބަލަ. އެ ކަހަލަ އަނބިން މައިތިރިވާނީ ފިލާވަޅެއް ލިބިގެން. އަހަރެން ނުބުނާނަން ލިފާންއަކީ ފިނޑިއެކޭ. އެކަމަކު އެންމެ ފަހަރަކު ވެސް ބާރެއްގެ ބޭނުން ކޮށްބަލަ،" ސަމީހު ބުނާ އެއްޗެއް އަހަންނަށް އެނގެ އެވެ. އަހަރެން އަޅާ އެންމެ ފިޔަވަޅަކުން ވެސް މުޅި ހަޔާތް ބަދަލުވެގެން ދާނެ ކަން ވެސް އެނގެ އެވެ. ހުރިހާ ވާހަކައެއް ދެއްކީ ސަމީހު އެވެ. އަހަރެން އިނީ ދައްކާނެ ވާހަކައެއް ނޭނގިފައެއް ނޫނެވެ. ބުނާނެ އެއްޗެހި ގިނަކަމުން ފައްޓާނެ ކޮޅެއް ވެސް ނޭނގިފަ އެވެ. އެ ވާހަކަ ދައްކަން ވެސް ބޭނުން ނުވެފަ އެވެ.

"މިހާރު މި ވަގުތު ވެސް އޭނާ ވީ ހުޅުމާލޭގައި...." ސަމީހު ބުންޏެވެ.

"ކީއްވެތަ އަބަދު ސަމީހަށް ތި ކަހަލަ ކަންކަން އެނގެނީ؟" އަހަރެން ނުކުރަން އުޅުނު ސުވާލު ކުރީމެވެ.

- ނުނިމޭ -

އެހެން ބައެއް ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް