މާލެއަށް ކުރިން ކުރި ވިއްސާރައިގައި ކުޑަކުއްޖަކާއި ބޮޑު މީހަކު ހިނގާފައި ދަނީ. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މޫސުން

ހުކުރު ދުވަހުގެ މެންދުރުފަހާ ޖެހެންދެން ބޯކޮށް ވާރޭވެހޭނެ: މެޓު

މިއަދު އިރުއޮއްސެންދެން ބައެއް ސަރަހައްދުތަކަށް ވާރޭ ވެހޭއިރު، ދެކުނަށް ވިއްސާރަ ކުރަން ފަށަނީ ހުކުރު ދުވަހުގެ ފަހުން

މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރަ އަންނަ ހުކުރު ދުވަހުގެ މެންދުރުފަހާ ހަމައަށް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް އިއްޔެއިން ފެށިގެން ދަނީ ބޯކޮށް ވާރޭވެހެމުންނެވެ. މި ވިއްސާރައިގެ އަސަރެއް އަދި ދެކުނަކަށް ނުކުރެ އެވެ.

ބުނީ ކީކޭ؟ - މެޓު އޮފީހުގެ މީޓިރިއޮލޮޖިސްޓް އަހުމަދު ޝަބީން ވިދާޅުވީ އުތުރާއި މެދުރާއްޖެތެރެއަށް ކުރާ ވިއްސާރަ އަންނަ ހުކުރު ދުވަހު މެންދުރު ފަހާ ޖެހެންދެން ދިގުލައިގެން ދާއިރު، މިއަދު އެންމެ ބޯކޮށް ވާރޭ ވެހޭނީ ނ. އަދި ލ. އަތޮޅަށް ކަމަށެވެ. އަދި މިއަދު އިރުއޮއްސެންދެން ވިއްސާރަ ކުރާނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ.

ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނީ އަންނަ ހުކުރު ދުވަހުގެ ފަހުން ކަމަށް މެޓުން ބުންޏެވެ.

  • މިހާރު އެންމެ ވައި ގަދަައީ ދެކުނާއި މެދު ރާއްޖެ ތެރޭގައި

  • މި ވިއްސާރައިގައި އެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެ

  • މާލެ ސަރަހައްދަށް ވައި ޖެހެނީ ހުޅަނގު ދެކުނުން 18 ނޯޓިކަލް މޭލު ބާރުމިނުގައި

މިއީ 2 މޫސުން ބެދޭ ވިއްސާރަ

އޭޕްރީލް މަހަކީ ކޮންމެ އަހަރެއްގެ ވެސް އެންމެ ހޫނު ގަދަ މަހަށް ވިޔަސް، އިރުވައި މޫސުމާއި ހުޅަނގު މޫސުން ގުޅޭ ދުވަސްވަރު ދިމާވަނީ މި މަހާ އެވެ. އެހެންވެ، މި މަހުގެ އެކި ދުވަސްވަރު ގަދައަށް ވިއްސާރަކުރުމަކީ އާއްމު ކަމެކެވެ.

މިއަދު ރާއްޖޭގެ ސަރަހައްދު މަތިން ނަގާފައިވާ ސެޓެލައިޓް ފޮޓޯއެއް.

މެޓުން ބުނާ ގޮތުގައި:

  • މިހާރު ވިއްސާރަ ކުރަނީ ރާއްޖެ މަތީގައި އުފެދިފައިވާ ދެ ސާކިއުލޭޝަނެއްގެ ސަބަބުން

  • އެއީ ދެ މޫސުން ބެދޭ ދުވަސްވަރު އުފެދޭ ސާކިއުލޭޝަންތަކެއް

  • މާދަމާއިން ފެށިގެން އެ ސާކިއުލޭޝަންތައް ދާނީ ރާއްޖެއާ ދުރަށް؛ އެހެންވެ، މޫސުން ރަނގަޅު ވާން ފަށާނެ

މިއަދު މާލެ ސަރަހައްދުގެ މޫސުން ލަފާކުރާ ގޮތް.

ހުޅަނގު މޫސުން ދެނެގަންނާނީ ކިހިނެއް؟

ހުޅަނގު މޫސުމުގެ ގޮތުގައި އާއްމު ގޮތެއްގައި ބަލަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އޭގެ އިތުރުން، ހުޅަނގު މޫސުން ކަނޑައެޅުމުގައި މެޓު އޮފީހުން ބަލަނީ:

  • ދެކުނުން ވައި ޖެހުން؛ ގަޑިއަކު 10 ނޮޓްސްއަށް ވުރެ ބާރު މިނުގައި

  • ދެކުނުން ވިއްސާރަ ކުރަން ފެށުން

  • ޖެހިޖެހިގެން ދެ ދުވަސް ވަންދެން، ދެކުނުގެ %60އަށް 2.5 މިލިމީޓަރަށް ވާރޭވެހުން

  • ވައި ޖެހޭ ގޮތާއި ސްޕީޑަށް ބަދަލުތަކެއް އަންނާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް