ސްރީ ލަންކާގެ ރައީސް ގޯތާބާޔަ ރާޖަޕަކްސަ. (ފޮޓޯ/ބްލޫމްބާގް)

ސްރީ ލަންކާ

ގޯތާބާޔަ ރާޖަޕަކްސާ ފިއްލަވައިގެން ރާއްޖެ ވަޑައިގެންފި

ގޯތާބާޔަ ރާއްޖެ ވަޑައިގެންނެވީ އަސްކަރީ މަތިންދާބޯޓެއްގައި ކަމަށް ލަންކާގެ ވައިގެ ސިފައިން ވެސް ވަނީ ކަށަވަރުކޮށްދީފައި
13 ޖުލައި 2022

އިސްތިއުފާދެއްވަން ނިންމަވާފައިވާ ސްރީ ލަންކާގެ ރައީސް ގޯތާބާޔަ ރާޖަޕަކްސާ އަސްކަރީ މަތިންދާބޯޓެއްގައި ފިއްލަވައިގެން ރާއްޖެ ވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ރިޔާސީ ގަނޑުވަރަށް އާންމުން ވަދެ އެތަން ހިފިމުގެ ކުރިން ސިފައިންގެ ހިމާޔަތުގައި ހުންނެވި ގޯތާބާޔަ، ލަންކާގެ ވައިގެ ސިފައިންގެ ބޯޓެއްގައި ރާއްޖެ ވަޑައިގަތީ ރޭ 3 ޖަހާކަންހާ އިރު އެވެ. އޭނާއަށް ލަންކާއިން ފުރުއްވޭ ގޮތްވީ އިމިގްރޭޝަންގެ އޮފިޝަލުންނާއި ސިފައިންނާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދި، އެތައް އިރެއްވީ ފަހުންނެވެ.

ތަފްސީލް - ލަންކާގެ އެއާފޯސްއިން ނެރުނު ބަޔާނެއްގައި ބުނީ ގޯތާބާޔަ އާއި އަނބިކަނބަލުންގެ އިތުރުން ހަށިފާރަވެރިންގެ ދެ މީހުންނާ އެކު ރާއްޖެ ވަޑައިގަތުމުގެ ކަންކަން ހަމަޖެއްސީ ރައީސަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ކަމަށެވެ.

އިގުތިސާދީ ބޮޑު ވެއްޓުމެއްގައި އޮތް ލަންކާގެ ރައްޔިތުންގެ ރުޅިވެރިކަން ހައްދުން ނެއްޓުމުން އެންމެ ފަހުން މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ގޯތާބާޔަ ވަނީ ވިދާޅުވެފަ އެވެ. އެގޮތުން އޭނާގެ މިއަދު އިސްތިއުފާ ދެއްވަން ސިޓީގައި ސޮއި ވެސް ކުރެއްވިކަން އިއްޔެ ވަނީ އާންމުވެފަ އެވެ.

އެނގުން މުހިއްމު - ގޯތާބާޔަ ފިއްލަވައިގެން ރާއްޖެ ވަޑައިގަންނަވަން އުޅުއްވާ ކަމުގެ މައުލޫމާތު ލަންކާގައި ތިބި ނޫސްވެރިންނަށް ލިބުނުތާ ދެ ދުވަސް ވަނީ ވެފަ އެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން 'ދައުރު' އިން ސުވާލުކުރުމުން ދިވެހި ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެކޭ ނުބުނެ އެވެ. ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ރޭ ވެސް އެކަން ދޮގުކުރެއްވި އެވެ.

އޭއެފްޕީ ނިއުސް އެޖެންސީން ކުރިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެތައް ދުވަހެއްގެ މުޒާހަރާތަކަށް ފަހު ރައްޔިތުން ނުކުމެ ރިޔާސީ ގަނޑުވަރު ހިފައި، ލަންކާގެ ހާލަތު އެންމެ ނުބައި ފައްތަރަށް ވެއްޓުމުން ގޯތާބާޔަ ފުރާވަޑައިގަންނަވަން އުޅުއްވަނިކޮށް އެއާޕޯޓްގެ މުވައްޒަފުން ހުރަސް އެޅުމުން އޭނާ އެއާޕޯޓުގައި ތާށިވެފައި ހުންނެވި އެވެ.

ގޯތާބާޔަ ނުފެނި އޭނާގެ ޕާސްޕޯޓްގައި ސްޓޭމްޕް ޖަހަން އިމިގްރޭޝަންގެ އޮފިޝަލުން ދެކޮޅުހެދި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް