ސްރީ ލަންކާގެ ރައީސް ގޯތާބާޔަ ރާޖަޕަކްސަ. (ފޮޓޯ/ބްލޫމްބާގް)

ސްރީ ލަންކާ

ލަންކާގެ ރައީސް ގޯތާބާޔަ ފިއްލަވަން އުޅުއްވަނިކޮށް އެއާޕޯޓުން ހުރަސްއަޅައިފި

ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ގޯތާބާޔަ ހައްޔަރެއް ނުކުރެވޭނެ

ސްރީ ލަންކާގެ ރައީސް ގޯތާބާޔަ ރާޖަޕަކްސާ ފިއްލަވައިގެން ގައުމުން ފުރާވަޑައިގަންނަވަން އުޅުއްވަނިކޮށް އެއާޕޯޓްގެ މުވައްޒަފަހުން އެ މަނިކުފާނު ގައުމުން ފިއްލެވުމަށް ހުރަސް އެޅުމުން އަމިއްލަ ގައުމުގައި ތާށިވެފައިވާ ކަމަށް އޭއެފްޕީ ނިއުސް އެޖެންސީން މިއަދު ބުނެފި އެވެ.

ގޯތާބާޔަ ރާޖަޕަކްސާ ވަނީ މާދަމާ އިސްތިއުފާ ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. ގައުމުގެ އިގްތިސާދު ފުނޑި، ރައްޔިތުން މަގުތަކަށް ނުކުމެ ކުރި މުޒާހަރާއަށް ފަހު، އެ މަނިކުފާނު ދިރިއުޅުއްވި ދައުލަތުގެ ގެއަށް މީހުންތައް ވަދެގަތް ހިސާބުން ވަނީ އިސްތިއުފާ ދެއްވައި ސުލްހަވެރިކަމާ އެކު ބާރުތައް ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ގޯތާބާޔަ ރާޖަޕަކްސާ، 73، ރިޔާސީ ގަނޑުވަރުން ހޮނިހިރު ދުވަހު ފިއްލެވީ އެތައް ހާސް ބަޔަކު އެ ތަނަށް ވަނުމުގެ ވަގުތުކޮޅެއް ކުރިންނެވެ. ގޯތާބާޔަ ރޭ އުޅުއްވީ ދުބާއީއަށް ފިއްލަވާށެވެ.

ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ގޯތާބާޔަ ހައްޔަރެއް ނުކުރެވޭނެ އެވެ. ގާނޫނީ ގޮތުން ރައީސަށް ހިމާޔަތް ލިބެ އެވެ. އެހެންވެ، އެ މަނިކުފާނު އުޅުއްވީ އިސްތިއުފާ ދެއްވުމުގެ ކުރިން ގައުމުން ބޭރަށް ވަޑައިގަންނަވާށެވެ. އެއީ މަގާމުން އިސްތިއުފާ ދެއްވުމުން ހައްޔަރުކޮށްފާނެ ކަމުގެ ބިރަށެވެ.

ނަމަވެސް އިމިގްރޭޝަން އޮފިސަރުން ވީއައިޕީއަށް ގޮސް ގޯތާބާޔަ ޕާސްޕޯޓްގައި ސްޓޭމްޕް ޖެހުމަށް އިންކާރު ކުރި އެވެ. އާންމު ރޫޓުން ވަައިގަންނަވާކަށް ގޯތާބާޔަ ބޭނުންފުޅެއް ނުވި އެވެ. އެއީ ފުރަން ގޮސް ތިބޭ މީހުންގެ ފުރައްސާރައާ ކުރިމަތިލައްވަން ބޭނުންފުޅު ނުވުމުންނެވެ.

ޔޫއޭއީއަށް ހަތަރު ފްލައިޓް ރޭ ފުރި އިރު ވެސް ގޯތާބާޔަ އާއި އަނބިކަނބަލުން ތިއްބެވީ ލަންކާގެ މައި އެއާޕޯޓް ކައިރީގައި ހުރި އަސްކަރީ މަރުކަޒެއްގަ އެވެ. އެ ހަތަރު ފްލައިޓަކީ ވެސް އެ މަނިކުފާނު ފުރާވަޑައިގަތުމަށް ފުރުސަތު އޮތް ހަތަރު ފްލައިޓެވެ.

ގޯތާބާޔަގެ ކޮއްކޮ ބާސިލް ރާޖަޕަކްސާ ވެސް މިއަދު ހެނދުނު ދުބާއީއަށް ފުރާވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގަތުމުން ވެސް ވަނީ ހިފަހައްޓައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް