ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ކޮށްފައިވާ ދައުވާތަލުގެ ޝަރީއަތަށް ކްރިމިނަލް ކޯޓަށް ހާޒިރުވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ނިހާންގެ ދިފާއީ ހެކިންނަށް ރައީސް އާއި ނައިބު ރައީސް ހާޒިރުނުކުރަން ހައިކޯޓުގެ ތާއީދު

ހައިކޯޓުގެ މި ހުކުމާއެކީ ނިހާނާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ކުރިޔަށްދާ މައްސަލައިގައި ޝަރީއަތްތައް ފަށަން ހުރަހެއް ނޯންނާނެ
22 ޑިސެމްބަރު 2022

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހަސަން މަނިކުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުންތަކަށް ހައިކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

ވީ ކިހިނެއް؟ - ނިހާންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކުރުމުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރޭގައި:

  • ޖޮއިންޓް އިންވެސްޓިގޭޝަނަކަށް ފަހު ދައުވާ ކުރި ގޮތާ މެދު ސުވާލު އުފެއްދި

  • ދިފާއި ހެކިންގެ ގޮތުގައި ރައީސް ސޯލިހު އާއި ނައިބު ރައީސް ފައިސަލް ހިމެނޭހެން އޭރުގެ ފަސް މެމްބަރެއްގެ ހެކި ހުށަހެޅި

  • ދިފާއުގެ ބޭނުމަށް ޖޮއިންޓް އިންވެސްޓިގޭޝަނާއި އަދީބާއެކީ ވެފައިވާ އިއުތިރާފު އެއްބަސްވުން ހާމަކުރަން އެދުނި

ހައިކޯޓަށް މައްސަލަ ހުށަހެޅީ މި ހުރިހާ ކަމެއްގައި ކްރިމިނަލް ކޯޓުން ނިހާނާ ދެކޮޅަށް ނިންމާ، އޭނާއާ ދެކޮޅަށް އުފުލާފައިވާ ދައުވާތައް ކުރިޔަށް ގެންދެވޭނެ ކަމަށް ކަނޑައެޅުމާ ގުޅިގެންނެވެ.

ތަފްސީލް - ކްރިމިނަލް ކޯޓުގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރަމުން ނިހާން އެދުނީ ކްރިމިނަލް ކޯޓުން ނިންމުންތަށް ބާތިލުކޮށް ދިނުމަށެވެ. މި ނިންމުންތައް ބާތިލުކޮށްދިނުމަށް އެދުނު ސަބަބުތަކުގެ ގޮތުގައި ފާހަގަކުރި ކަންކަމަކީ:

  • ޖޮއިންޓް އިންވެސްޓިގޭޝަން ނުހިންގޭނެ، ހިންގިޔަސް ދައުވާކުރެވޭނީ ރައީސްގެ ލަފާ ލިބިގެން، އެ ލަފާ ނުލިބޭ

  • ކިތާބީ ހެކިތައް ބަލައިގަތުމަށް ފަހު ޝަފަވީ ހެކިން ބަލައިނުގަތުން ގޯސް

  • ޖޮއިންޓް އިންވެސްޓިގޭޝަން އެއްބަސްވުމާއި އަދީބާ އެކީ ވެފައިވާ އެއްބަސްވުން ހާމަނުކުރުމުން ދިފާއަށް ހުރަސް އެޅޭ

ނިހާނަށް ރިޝްވަތު ދިން ކަމަށް ވިދާޅުވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ނިހާން (ފޮޓޯ/ސޯޝަލް މީޑިއާ)

ފަނޑިޔާރުންގެ ބަސް - މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ހުކުމް ކުރެއްވީ މި ހުރިހާ ނުކުތާއެއްގައި ވެސް ކްރިމިނަލް ކޯޓުން ގޮތް ނިންމާފައިވަނީ ރަނގަޅަށް ކަމަށެވެ. ފަނޑިޔާރުގެ ހުކުމުގައި ލިޔުއްވި ގޮތުގައި:

  • ޖޮއިންޓް އިންވެސްޓިގޭޝަން ހިންގޭނެ، ދައުވާ ކުރުމުގެ ކުރިން ރައީސްގެ ލަފާ ހޯދާކަށް ނުޖެހޭ

  • ބައެއް ހެކި ބަލައިނުގަންނަން ނިންމުމުން ހައްގެއް ނުގެއްލޭ، އެއީ ފަނޑިޔާރަށް ލިބޭ އިހުތިޔާރެއް

  • ޖޮއިންޓް އިންވެސްޓިގޭޝަން އެއްބަސްވުމާއި އަދީބުގެ އިއުތިރާފު އެއްބަސްވުން ދިފާއަށް މުހިންމުވާ ސަބަބެއް ބުނެ ނުދެވޭ

އެނގުުން މުހިންމު - ކްރިމިނަލް ކޯޓުގައި ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ:

  • ރިޝްވަތު ހިފުމުގެ ތިން ދައުވާ

  • ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާ

  • މަނީ ލޯންޑަރިންގެ ދައުވާ

ހައިކޯޓުގެ މި ހުކުމާއެކީ ނިހާނާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ކުރިޔަށްދާ މައްސަލައިގައި ޝަރީއަތްތައް ފަށަން ހުރަހެއް ނޯންނާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް