ފެބްރުއަރީ 16، 2022ގައި ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ކޮށްފައިވާ ދައުވާތަލުގެ ޝަރީއަތަށް ކްރިމިނަލް ކޯޓަށް ހާޒިރުވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޕީޖީ އޮފީސް

ނިހާންގެ މައްޗަށް ކުރި ހަ ދައުވާގެ ތެރެއިން ދައުވާއެއް އަނބުރާ ގެންގޮސްފި

އަނބުރާ ގެންދިޔައީ ނިހާން އަދީބު އަތުން ރިޝްވަތުގެ ގޮތުގައި 150،000 ޑޮލަރު ހޯއްދެވި ކަމަށް ބުނެ ކުރި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެއް

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު ނިހާން ހުސެއިން މަނިކުގެ މައްޗަށް ދައުލަތުން ކުރި ދައުވާތަކުގެ ތެރެއިން ރިޝްވަތު ހިފުމުގެ ދައުވާއެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންގޮސްފި އެވެ.

މައްސަލައިގެ ފެށުން - ނިހާން މަޖިލީހުގެ މެމްބަރަކަށް އަދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރަކަށް ހުންނެވި އިރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތަށް އެދިވަޑައިގެން، ރިޝްވަތު ހޯއްދެވި ކަމުގެ ތުހުމަތުގަޔާއި ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ދައުލަތުން ވަނީ އޭނާގެ މައްޗަށް ހަ ދައުވާއެއް ކޮށްފަ އެވެ. 

ވީ ކިހިނެއް؟ - އެކަމަކު، އޭގެ ތެރެއިން އެއް ދައުވާ އަނބުރާ ގެންގޮސްފައިވާ ކަމަށް މިއަދު ނިހާންގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ބުނެފަ އެވެ.

ނިހާންގެ މައްޗަށް ކުރި ރިޝްވަތު ހިފުމުގެ އެ ދައުވާ ބޭރުކޮށްލީ އޭނާގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއްގައި ފާހަގަ ކުރި ކަމަކާ ގުޅިގެންނެވެ.

ނިހާންގެ ފަރާތުން ހުށަހެޅި ހުށަހެޅުމުގައި ކްރިމިނަލް ކޯޓުގައި ޝަކުވާކޮށްފައި ވަނީ، އޭނާގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން ރިޝްވަތު ހިފުމުގެ ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއެއް ކޮށްފައި ވަނީ އެއް ކަންތައްތަކެއްގެ މައްޗަށް ކަމަށެވެ. އެއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ހުށަހެޅުމުގައި ފާޙަގަ ކުރި ކަންކަމާ ގުޅިގެން ދައުލަތުން ވަނީ އަމިއްލަ އިހްތިޔާރުގައި އެ ދެ ދައުވާގެ ތެރެއިން ރިޝްވަތު ހިފުމުގެ ދައުވާ އަނބުރާ ގެންގޮސްފަ އެވެ. ދައުލަތުން ވެސް ބުނެފައި ވަނީ އެ ދައުވާ އަނބުރާ ގެންދިޔައީ އެއް ކަމެއްގެ މައްޗަށް ދެ ދައުވާކޮށްފައިވާތީ ކަމަށެވެ.

ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން، 2014 ގައި އާ ރައްޔިތުންގެ މަޖިލިސް ހުޅުވި ދުވަހު ވާހަކަ ދައްކަވަނީ

އެނގުން މުހިންމު - ދައުލަތުން އަނބުރާ ގެންދިޔަ ރިޝްވަތު ހިފުމުގެ ދައުވާއަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން ނިހާން 150،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކުރެއްވި ކަމަށް ތުހުމަތު ކުރި ދައުވާއެކެވެ. އެ ޑޮލަރުތައް ނިހާނަށް ލިބިވަޑައިގަތީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާތައް ވަން އެސްއޯއެފް ކުންފުނިން ކަމަށް ދައުލަތުން ބުނެ އެވެ. މަނީ ލޯންޑަރިންގެ ދައުވާ ހަމަ އެކަމާ ގުޅިގެން ކޮށްފައިވެ އެވެ.

އެއް ކަމެއްގެ މައްޗަށް ކޮށްފައިވާ ދެ ދައުވާ ދައުލަތުން އަނބުރާ ގެންދިޔަ އިރު، އޭގެ ތެރެއިން ބޮޑު އަދަބެއް ލިބޭ ކުށަކީ މަނީ ލޯންޑަރިން އެވެ.

އެއް ދައުވާ އަނބުރާ ގެންދިޔުމުން މިހާރު ބާކީ ހުރި ދައުވާތަކަކީ:

  • ރިޝްވަތު ހިފުމުގެ ދެ ދައުވާ

  • ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާ

  • މަނީ ލޯންޑަރިންގެ ދައުވާ

ދައުލަތުން ކުރާ ތުހުމަތުތައް ކުރުކޮށް:

  • ނިހާން އޭނާގެ ޕްލެޓިނަމް ރެޒިޑެންސްް އެޕާޓްމެންޓް ބައްލަވައިގަތީ ރިޝްވަތުގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި 150،000 ޑޮލަރު އެހެން ފައިސާއާ އެއްކޮށް، އެ ފައިސާ ލޯންޑާ ކޮށްގެން

  • ރޮލެކްސް ގަޑި ހޯއްދެވީ، 2014 ވަނަ އަހަރު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަންކުރާ މެމްބަރު ހޮވުމަށްޓަކައި މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި

  • އަދީބު އެދިވަޑައިގަންނަވާ ގޮތަކަށް ކަންތައް ކުރުމަށް ރިޝްވަތުގެ ގޮތުގައި 650،000ރ. ދިނުމަށް އަމިއްލައަށް އެދިވަޑައިގެން، އެ ފައިސާ ވެސް ހޯއްދެވި

ފަސްމަންޒަރު - ނިހާންއަކީ ޕީޕީއެމްގެ އިސް ސަފުގައި ހުންނަވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު އެންމެ ބޮޑަށް ދިފާއު ކުރެއްވި އެއް ބޭފުޅާ އެވެ. އެކަމަކު، ރިޔާސީ އިންތިހާބުން ޔާމީން ނާކާމިޔާބުވެވަޑައިގެންނެވި ފަހުން އޭނާ ޕީޕީއެމް ދޫކުރައްވައި ވަޑައިގަތީ ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް