ވާހަކަ: މެންދަން ވީމާ ހިމޭން

ވާހަކަ

ވާހަކަ: މެންދަން ވީމާ ހިމޭން

ނިޝާއަކީ އަހަރެންގެ މުސްތަގުބަލް ނޫންކަން އަހަންނަށް އެނގެ އެވެ. ގަބޫލުކުރަން ބޭނުން ނުވަނީ އެވެ. ނޫނީ އަދި ވަގުތު ނުޖެހެނީ އެވެ.
18 ޖުލައި 2022

އެޕިސޯޑް 06

ނިޝާއަށް ގަބޫލުކުރަން އުނދަގޫ ވާނެކަން އެނގެ އެވެ. ހަގީގަތުގައި އެއީ އަސްލު ސަބަބެއް ވެސް ނޫނެވެ. އަހަރެން ނިޝާއަށް ދޮގު ހެދީމެވެ. ހަގީގަތް ބުނުމުން ނިޝާ ބިރުގަނެފާނެތީ އެވެ. ނުވަތަ ގަބޫލުނުކޮށްފާނެތީ އެވެ. އޭރުން އަހަރެން މާ ދެރަވާނެ އެވެ. ނިޝާއާ އަހަރެންގެ ގުޅުމަށް ދުވަސްތަކެއް ވެފައި ވީ ނަމަވެސް އަހަރެން ނިޝާއަށް އިތުބާރެއް ނުކުރަމެވެ. ލޯބި ނުވާކަން ވެސް އިހުސާސް ވާން ފެށި އެވެ. އެ ވާހަކަ ބުނަން ކިތަންމެ ފަހަރަކު ބޭނުންވި އެވެ. އެކަމަކު ނުބުނަމެވެ.

"ފަވާޒް. ކޯއްޗެއްތަ ތި ވިސްނަނީ؟ ފަވާޒް މިހާރު ހާދަ ބަސް މަދު ވެއްޖެއޭ. ކަމެއް ގޯސް ވީތަ؟" ނިޝާ އަނެއްކާވެސް ވާހަކަ ދެއްކި އެވެ. އަހަރެން ދެން ވެސް އެއްޗެއް ނުބުނަމެވެ. އަހަރެންގެ ވައަތް އޮތީ ހިމުން ވެލިގަނޑު މަތީގަ އެވެ.

"ފަވާޒް. އެއްޗެއް ބުނެބަލަ. ކިހިނެއް ވީތަ؟" އަހަރެންގެ ކަނާއަތް ފަރާތުގައި އިން ނިޝާ ތަންކޮޅެއް ބާރަށް ބުންޏެވެ. އަހަރެން އެއްޗެއް ބުނުމަށް އަނގަ ހުޅުވާލީމެވެ. އެ ވަގުތު ވައަތުގައި މީހަކު ބީހިލި ކަމުގެ އިހުސާސްވި އެވެ. އަހަރެން އަތް ބިންމަތިން ނަގަން އުޅުނީމެވެ. ނަމަވެސް އަތެއް ނުނެގުނެވެ. ހީވަނީ އަހަރެންގެ އަތް މަތީގައި ބަރު އެއްޗެއް ބާއްވާފައި އޮތް ހެންނެވެ. އެ ފަރާތް ނުބެލުމަށް ހިތް ބުނަމުން ދިޔަ އެވެ. ނަމަވެސް މި ފަހަރު ހިތްވަރުކޮށްފައި ވައަތް ފަރާތަށް ބަލައިލީމެވެ. އަހަރެންގެ މޫނާއި މޫނު ޖެހޭ ހިސާބުގައި އެހެން މަޚުލޫގެއް އިން ކަމެއް ނޭނގެ އެވެ. އެކަމަކު އެ ކަހަލަ އިހުސާސެއް ވި އެވެ. ކުރިން ވެސް އަހަންނަށް ވާ ހޫނު އަހަރެންގެ މޫނަށް ވި އެވެ. ނޭވާގެ ހޫނެވެ.

"ހިނގާ މިތަނުން ދާން. މިހާރު ވަރަށް ލަސް ވެއްޖެ،" ނިޝާ އެހެން ބުނި ނަމަވެސް އަހަރެން ތެދުވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ އަތް މި ވަނީ ބަންދު ވެފަ އެވެ.

"އަދި އިރުކޮޅަކުން ދޯ،" އަހަރެން ހިނިތުންވާން މަސައްކަތް ކުރަމުން ބުނީމެވެ.

"ކީއްކުރަން މިތާ ތިބެނީ؟ ފަވާޒް ތި އިންނަނީ އަނގައިން ވެސް ނުބުނެ،" ފޫހިވެފައި ނިޝާ ބުންޏެވެ.

އަހަރެން މަސައްކަތް ކުރީ އަހަރެން އަތް ސަލާމަތް ކުރެވޭތޯ އެވެ. ނަމަވެސް ކާމިޔާބު ވާ ގޮތެއް ނުވި އެވެ. އަހަރެންގެ ކޮނޑުގައި މީހަކު ބޯ އަޅާލި ކަމުގެ އިހުސާސް ވިއެވެ. އަހަންނަށް ގަޔަށް ކުޑަކަމު ނުދެވުނީ ކިރިޔާ އެވެ. ބިރުން ގޮސް މުޅި މީހާ އިނީ ގޮތް ހުސް ވެފަ އެވެ.

"އެހެންވީމަ ބުނެބަލަ ތާރީޚެއް،" އަހަންނަށް އަޑު އިވުނީ ނިޝާ ބުނި އެ ޖުމްލަ އެކަންޏެވެ. ކުރިން ދެއްކި އެއްވެސް ވާހަކައެއް އަޑެއް ނީވުނެވެ. އެކަމަކު ނީވުނު ކަމަކަށް ނުހަދަމެވެ.

"ދެން ތި ކަމާ ވިސްނާނީ ދޯ؟" ބުނާނެ ނުބުނާނެ އެއްޗެއް ނޭނގިގެން އަހަންނަށް ބުނެވުނީ އެހެންނެވެ. އަހަރެންގެ އުނަގަނޑުގައި އަތް ބާއްވާލިހެން ހީވި އެވެ. އަހަރެން ފުންމައިގެން ތެދުވީމެވެ.

"ކިހިނެއް ވީ؟ އަހަރެން އަތް ލިޔަސް ކަމަކު ނުދޭތަ މިހާރު؟" އަހަރެން ތެދުވުމުން ނިޝާ ބުންޏެވެ. އަހަންނަށް ބަލައިލެވުނީ އަހަރެން އިން ދިމާލުގެ ވައަތް ފަރާތަށެވެ. އެތަނުގައި މީހަކު އިށީދެފައި ހުރިކަން ފެންނަން ހުއްޓެވެ.

"އޭތް. އަޅެ ކިހިނެއް ވެގެންތަ މިރޭ ތިއުޅެނީ؟" ނިޝާ ތެދުވެގެން އަހަރެން ގާތަށް ހުއްޓިފައި ބުންޏެވެ.

"ކަމެއް ނުވޭ. ހިނގާ ދާން ދޯ،" އަހަރެންގެ އަތުގައި ހުރި ވެލިތައް ފޮޅާލަމުން ބުނީމެވެ.

ޑިއުޓީއަށް ދާން ފެންވަރަން ވަނީމެވެ. ޔުނީފޯމް ބޭއްވީ އެނދުމަތީގަ އެވެ. އޭރު ގަޑިން މެންދުރު ފަހު ތިނެއް ޖަހަނީ އެވެ. ފާޚާނާއަށް ވަންނަން ދާން އުޅެނިކޮށް މީހަކު ތަޅުގައި ހިފާލިހެން ހީވި އެވެ. އަހަރެން ގޮސް ދޮރު ހުޅުވާލި އިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ދޮރު ލައްޕާފައި ގޮސް ފަޚާނާއަށް ވަނީމެވެ.

ފެންވަރައިގެން ނުކުމެ ފުނާ އަޅައި ތައްޔާރުވެލީމެވެ. ޔުނީފޯމް ލުމަށް އެނދުމަތި ބަލާލި އިރު ޔުނީފޯމެއް ނެތެވެ. އެނދުމަތީގައި އޮތް ބެޑްޝީޓް ވެސް އޮތީ ރީތިކޮށްފަ އެވެ. އަހަންނަކީ ދުވަހަކު ވެސް ތަންމަތި ރީތި ކުރި މީހެއް ނޫނެވެ. ހިތަށްއެރި އެވެ. މަންމަ މިތަނަށް ވަނީބާ އެވެ؟ ދޮރު ހުޅުވާލުމަށް ދިޔަ އިރު ދޮރު ހުރީ ތަޅުލާފަ އެވެ. އަހަރެން ހަނދާން އެބަ ހުއްޓެވެ. ފާޚާނާއަށް ވަނީ ކޮޓަރި ދޮރު ތަޅުނުލަ އެވެ. ދެން އެއީ ކިހިނެއް ވާނެ ކަމެއް ހެއްޔެވެ؟ ވަށައިގެން ކޮޓަރި ތެރެއަށް ބަލައިލީމެވެ. އެ ވަގުތު ޔުނީފޯމު ލޮލުގައި އަޅައިގަތެވެ. ހުރީ އަންނައުނު ބަހައްޓާ ހަރެއްގަ އެވެ. މަޑުމަޑުން ހެލެމުން ދިޔަ އެވެ. އަހަރެން ފަންކާއެއް ނުޖަހަމެވެ. ކުޑަ ދޮރެއް ވެސް ނުހުޅުވަމެވެ. ވަޔާ ހެލެންވީ ސަބަބެއް ވެސް ނުވިސްނުނެވެ. އަހަރެން ހުރީ ތުވާލި އަނދެގެންނެވެ. ފޫޅުން މަތި ހުރީ ހާމައަށެވެ. ހުރެވުނީ ލޯގަނޑަށް ފުރަގަސް ދީގެންނެވެ. އަނެއްކާވެސް ބުރަކައްޓަށް އެއްކަލަ އިހުސާސްވި އެވެ. ހޫނުވި އެވެ. ގައިގައި މީހަކު ބީހޭ ކަމުގެ އިހުސާސް ވި އެވެ. އަހަންނަށް ބޭ އިޚުތިޔާރުގައި ލޯ މަރާލެވުނެވެ.

ލޯ ހުޅުވާލި އިރު އިރު އޮއްސިއްޖެ އެވެ. އަހަރެން އޮތީ އެނދުމަތީގަ އެވެ. ގައިމަތީ ބެޑްޝީޓް އަޅާފައި އޮތެވެ. ކޮޓަރިތެރެ އަނދިރި އެވެ. އަހަރެން ފޯނު ހޯދީމެވެ. އަދި ގަޑި ބަލައިލީމެވެ. އޭރު ގަޑިން ހަ ގަޑި ބައި ވަނީ އެވެ. އަހަރެން ތެދުވީމެވެ. އޭރު ހުރީ ހަށިގަނޑު ވަރުދެރަވެފަ އެވެ. ބޯ ވެސް އަނބުރަ އެވެ. އަވަސް އަވަހަށް ޔުނީފޯމް ލައިގެން އޮފީހަށް ދާން ނުކުތީމެވެ. ސައިކަލުގައި އަހަރެން ދިޔަ އިރު ހަނދާން ކުރަމުން ދިޔައީ ފެންވަރައިގެން ނުކުމެ ވީ ކަންކަމެވެ. ނަމަވެސް ހަނދާނެއް ނުވި އެވެ. ނިދުނީ ކަމަށް ހިތަށްއެރި އެވެ. އެކަމަކު އެއީ އަހަރެން ނިދާ ގަޑިއެއް ވެސް ނޫނެވެ. އަހަރެން އެހާ ނިދި ގަދައެއް ވެސް ނުވާނެ އެވެ. ބައެއް މީހުން އަހަރެންގެ ފޯނަށް ހަތް ފަހަރު ވެސް ގުޅާފައި ހުއްޓެވެ. ފޯނު އޮތީ ރިންގް އޮފް ނުކޮށެވެ.

އަހަރެން ނިޝާއާ ގުޅުން ކަނޑާލީމެވެ. އަދި އެހެން ކުއްޖަކާ ގުޅުނީމެވެ. އެއީ ޝަހުލާ އެވެ. ޝަހުލާއަކީ އަހަންނަށް ވުރެ އުމުރުގެ ގޮތުން ހައެއްކަ އަހަރު ހަގު ކުއްޖެކެވެ. އަދި އުޅެނީ ވެސް ގްރޭޑް ދިހައެއްގަ އެވެ. ޝަހުލާއަކީ ވަރަށް ވިސްނުން ތޫނު ކުއްޖެކެވެ. ކިޔެވުމަށް މޮޅު ކުއްޖެކެވެ. ބުރުސޫރަ ރީތި، ހުޝިޔާރު ކުއްޖެކެވެ. އަހަންނަށް އެ ސިފަތައް ކަމުދިޔަ އެވެ. ޝަހުލާއާ ވެސް އަހަރެން ބައްދަލުކުރަނީ ރޭގަނޑު އެވެ. ތުނޑިންނާއި ރަށުގެ ގަސް ގިނަ ހިސާބުތަކުންނެވެ. އެ ގޮތް ޝަހުލާއަށް ވެސް ކަމުދާތީ އެވެ.

ހަނދުވަރު ތޫނު ރެއެކެވެ. އަހަންނާއި ޝަހުލާ ތިބީ ރަށުގެ ބާބަކިޔު ހަދާ ސަރަހައްދުގަ އެވެ. އެއީ ބޮޑު ދޮންވެލިގަނޑެއް ލާފައި އޮންނަ އަތިރި ފަރާތެވެ. އެތަނުގައި އިށީނދެ ތިބޭ އިރު ފަހަތުގައި އޮންނަނީ ގަސް ބޯ ހޭޅިއެކެވެ. ދެ މީހުން އެކި ވާހަކަ ދައްކަމުން ދިޔައީމެވެ. ކުޑައިރުގެ ވާހަކަތަކާއި ސުކޫލު ވާހަކަތައް ދެއްކީ ޝަހުލާ އެވެ. އޭނައަކީ ވަރަށް އަނގަ ގަދަ ކުއްޖެކެވެ. އަހަރެން އިނީ މޫދާ ދިމާލަށް ބަލަހައްޓައިގެންނެވެ. ހަނދުވަރުގެ ރިހި އަލިން މުޅި މޫދު އޮތީ ދިއްލިފަ އެވެ. ކައިރި ރަށްރަށުން އެކި ވަރުގެ އަލިކަން ފެންނަން ހުއްޓެވެ.

"ކޮން އިރަކުން އަހަރެން ތިގެއަށް ގެންދާނީ؟" ޝަހުލާ އެހި އެވެ.

"ޝަހޫ ބޭނުން ދުވަހަކު،" އަހަރެން އޯގާތެރިކަމާ އެކު ބުނީމެވެ.

"އަސްލު؟ މިހާރު ކިޔެވުން ނިމެން އިނީ ތިން މަސް. ނިމުނީމަ ދާނީ ދޯ،" އަހަރެންގެ އަތުގައި ހިފާލަމުން ޝަހުލާ ބުންޏެވެ. އަހަރެން ބޯ ޖަހާލީމެވެ.

އަހަރެން ފަހަތް ބަލައިލީމެވެ. އެ ހީލުން އަޑު އިވުމުންނެވެ. އެއީ އެ އަޑެވެ. ރީތީ އަންހެންވަންތަ އަޑެކެވެ. އަބަދުވެސް އެ އަޑުއަހަން ބޭނުންވާ އަޑެވެ. އަހަންނަށް އެއްޗެއް ފެނުނެވެ. މީހެއް ހެއްޔެވެ؟ ސީދާ ބުނާކަށް ނޭނގެ އެވެ. މުޅި ތަނަށް އަލިވެފައި ވީ ނަމަވެސް އެ ދިމާ އަނދިރި އެވެ. ފެންނަނީ ހިޔަންޏެކެވެ. މަގޫ ގަސްތަކާ ދިމާލަށް ގުދުވާހެން ވެސް ހީވެ އެވެ. އަތުގައި އޮތް ރިހި ގިގުނި ވިދާލި އެވެ. ގިގުނި ހެލޭ އަޑު ވެސް އިވުނެވެ. ކަޅި ޖަހާ ނުލައި އަހަރެން ބަލަހައްޓައިގެން އިނީމެވެ. އަހަރެން ގާތުގައި އަންނާށޭ ބުނާ ގޮތަށް އަތް ހޫރާތީ ފެނުނެވެ. އަހަރެން ތެދުވީމެވެ. އަދި އެ ދިމާލަށް ހިނގައިގަތީމެވެ.

- ނުނިމޭ -

އެހެން ބައެއް ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް