ރާޅާ އަޅަން ގެންދަން ޚައިފް ގޮނޑިން ނެގުމުގައި އޭނާގެ އެކުވެރިން އެހީވަނީ: ފުވައްމުލަކަށް ދިޔުމަށް ދެކުނު ހުވަފެން އެ ރަށުގެ މީހުން ވެގެން ވަނީ ހަގީގަތަކަށް ހަދައިދީފައި

މި ރާޅާ އެޅުންތެރިޔާގެ ހުވަފެން ހަގީގަތަކަށް ހަދައިދޭން ފުވައްމުލައް ތައްޔާރު

ޚައިފްއަކީ ކުރިމަތިވި ހާދިސާއަކާ ގުޅިގެން ފުރޮޅުލީ ގޮނޑީގައި އިންނަން ޖެހިފައިވާ ރާޅާއެޅުންތެރިއެއް

މުހިންމު ނުކުތާތައް

އޭނާގެ ދަތުރު ހަމަޖައްސައިދޭން ފުވައްމުލަކު އެކި ފަރާތްތަކުން ވަނީ ނިންމާފައި

މ. މުލިން ފުވައްމުލަކަށް ކުރާ ދަތުރުގެ ހަރަދު ދެއްވަނީ މޭޔަރު އިސްމާއިލް

ކަންކަން ވަމުންދިޔަ ގޮތް ގަބޫލުކުރަން ވެސް ހައިފްއަށް ދަތި

މިދިޔަ ހުކުރު ދުވަހުގެ ރޭ ނިދަން އޮވެފައި ނުނިދިގެން ފޭސްބުކް ހުޅުވާލި ތަނުން، ޚައިފް އަހުމަދު (ޗައިނާ)ގެ ލޮލުގައި އަޅައިގަތީ ޏ. ފުވައްމުލަކުގެ ރީތިކަން ފެންނަ ވީޑިއޯއެކެވެ. ރާޅާއަޅާ މީހުންގެ މެދުގައި މަޝްހޫރު އެ ރަށަށް ޒިޔާރަތް ކުރުމަކީ މ. މުއްޔަށް އުފަން އެ ޒުވާނާގެ ހުވަފެނެކެވެ.

އެކަމަކު ޑައިވިން ކުރަން އުޅުމުގެ ތެރޭގައި 2012 ގައި ހިނގި ހާދިސާއަކާ ގުޅިގެން، އުނަގަނޑުން ތިރި  ވާވެފައިވާތީ އެކަން އޮތީ ފުރިހަމަ ނުކުރެވި އެވެ.

ފުވައްމުލަކަށް ދިޔުމަކީ ބޮޑު ހުވަފެނެއް ކަމަށް ބުނެ ޚައިފް އެރޭ އެ ވީޑިއޯ ފޭސްބުކްގައި ޝެއާކޮށްލީ، އެކަމަށް މާ ބޮޑު އުއްމީދެއް ކޮށްގެންނެއް ވެސް ނޫނެވެ. އެކަމަކު ހެނދުނު ހޭލެވުމާ އެކު އޭނާއަށް، ސްޕޯޓްސް ފޮޓޯގްރާފަރު ހަސަން ރަޝީދު (ރަޝް ފޮޓޯޒް) ގުޅީ، އެކަން ހާސިލްކުރަން މަސައްކަތް ކޮށްދޭނެ ކަމަށް ބުނެ އެވެ.

ޚައިފް: ޑައިވިންގައި އުޅެނިކޮށް ދިމާވި ހާދިސާއެއްގައި އުނަގަނޑުން ތިރި ވާގި ދިޔަ ނަމަވެސް އޭނާއަކީ މިހާރު ވެސް މޮޅު ރާޅާއެޅުންތެރިއެއް.

ފުވައްމުލަކުގެ ރީތިކަން ފެންނަ 'މައި ފުވައްމުލަކު' ޕޭޖުގެ ވީޑިއޯ ޝެއާކޮށް، ޚައިފް އާއްމުކުރި ޕޯސްޓް އޭރު އޮތީ، އެ ރަށުގައި ގެސްޓްހައުސްއެއް ހިންގާ ސައުދުﷲ އަހުމަދަށް ފެނިފަ އެވެ. ވަގުތުން އޭނާގެ ގެސްޓްހައުސް 'ސަމޭދާން އިން ފުވައްމުލަކު'ގައި ޚައިފްގެ ހުރުން ހަމަޖެއްސި އެވެ. ފޭސްބުކްގައި ދެން އޭނާ އެދުނީ، އެ ޒުވާނާގެ ދަތުރުގެ ހަރަދު މީހަކު ހަމަޖައްސައިދިނުމަށެވެ.

އެކަމަށް އިސް ނެންގެވީ، ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ރަފީގެވެ.

މުލިން ފުވައްމުލަކަށް ކުރާ ދަތުރުގެ ހުރިހާ ހަރަދަކާ މޭޔަރު ހަވާލުވެވަޑައިގަންނަވާނެ ކަމަށް، ކޮމެންޓެއްގެ ގޮތުގައި އޭނާ ލިޔުއްވި އެވެ. އެއާ އެކު ޚައިފްގެ އެކި ކަންކަމާ ފުވައްމުލަކުގެ މީހުން ހަވާލުވާން ފެށި އެވެ.

ގޮނޑީގައި އިންނަން ޖެހުނު ނަމަވެސް ޚައިފް ރާޅާއެޅުން ދުލެއް ނުކުރެ އެވެ. އަދިވެސް އޭނާއަކީ އެކި މުބާރާތްތަކުގައި ވާދަކުރާ ހުނަރުވެރި ރާޅާ އެޅުންތެރިއެކެވެ. 

ޚައިފްގެ ފުވައްމުލަކަށް ކުރާ ދަތުރުގައި އޭނާ ރާޅާ އެޅުމުގެ ހުރިހާ ކަމަކާ ހަވާލުވީ، އެ ރަށުގެ ސާފިން ސްކޫލް 'އަރިފިޔާޅޯ' އިންނެވެ. ރެސްޓޯރަންޓުތަކުން އިސްނަގައިގެން ކެއުންތައް ހަމަޖައްސައިދިނެވެ.

ޚައިފްގެ ޒަމާންވީ އެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުވައްމުލަކުގެ ގިނަ ބަޔަކު އެއްބައިވި އެވެ. އެ ހުރިހާ ކަމެއް ދިޔަލެއް ފުރިހަމަކަމުން ޚައިފަށް ގަބޫލުކުރަން ވެސް ދައްޗެވެ.

"ހިޔެއް ވެސް ނުކުރަން މިހެން ވެދާނެ ކަމަކަށް. ފުވައްމުލަކު މީހުން މިހާ ރަނގަޅު ވެދާނެ ކަމަށް ހީ ވެސް ނުކުރަން،" އެ ޒުވާނާ ބުންޏެވެ.

ޚައިފް (މެދުގައި އިށީނދެގެން) އޭނާގެ އެކުވެރިންތަކަކާ އެކު ރާޅާ އަޅަން ގޮސް 

ޑައިވިން ކުރުމުގެ ތެރޭގައި މައިބަދައަށް ގެއްލުންވެ، ގޮނޑީގައި އިށީންނަން ޖެހުމުގެ ކުރިން ވެސް ފުވައްމުލަކުގައި ރާޅާ އަޅާލުމަކީ ޚައިފްގެ ހުވަފެނެކެވެ. އެކި ސަބަބުތަކާ ހުރެ އެކަން އޭނާއަށް ނުވެ އޮތީ އެވެ.

އެކަމަކު ފުވައްމުލަކު މީހުން ދިން މި ހަދިޔާއާ އެކީ އޭނާ ހުރީ އުފަލުން ފުރިފަ އެވެ. މިހާރު ނިންމާފައި އޮތީ އަންނަ މަހުގެ ތެރޭގައި ހަފުތާއަކަށް އޭނާ ފުވައްމުލަކަށް ގޮސް، ހުވަފެން ހަގީގަތަކަށް ހަދާށެވެ.

ސައުދުﷲ ބުނި ގޮތުގައި މިއީ ފެށުމެކެވެ. ފުވައްމުލަކުގެ ރީތިކަން ދެކިލާ ހިތްވެ، އެކަމަކު މިފަދަ ކޮންމެވެސް ސަބަބަކާ ގުޅިގެން އެ ނަސީބު ލިބިފައި ނުވާ މީހުންނަށް އެހީވާން ފުވައްމުލަކުން އޮތީ ތައްޔާރަށް ކަމަށް އޭނާ ބުންޏެވެ.

"މިކަމުގައި ވެސް އާއްމުންގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ބޮޑު ތަރުހީބެއް. ވަކިން އާއްމުން ވެސް އަޅުގަނޑުމެންނަށް މެސެޖްކޮށް، ޚައިފް ބޭނުން ކަމެއް ރަށުގައި ކޮށްދޭނެ ކަމަށް ބުނަމުން ދިޔަ،" ސައުދުﷲ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް