މަހްލޫފް: އޭނާގެ މައްސަލަ ކުރިއަކަށް ނުދިޔަ. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މަހްލޫފުގެ މައްސަލަ ހެކި ނެތިގެން ކޯޓުން ބޭރުކޮށްލައިފި

އެކަށީގެންވާ މިންވަރަށް ހެކި ނެތުމުން މަދަނީ މިންގަނޑުން މި މައްސަލަ ކުރިއަށް ނެގެންދެވޭނެ ކަމަށް ކޯޓުން ނިންމި
1 މާރިޗު 2022

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން 2014ގައި ރިޝްވަތުގެ ގޮތުގައި ފައިސާ ނެންގެވި ކަމަށް ބުނެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ކުރާ ދައުވާގެ މައްސަލަ މިއަދު ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފި އެވެ.

މައްސަލައިގެ ހުލާސާ:

  • ދައުލަތުން މަހުލޫފުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ ކުރީ 2014ގައި މަޖިލީހުގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމުގެ ބަދަލުގައި އަދީބު އަތުން 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެންގެވި ކަމަށް ބުނެ

  • ދައުލަތުން ބުނަނީ މަހުލޫފަށް ފައިސާ ދިނީ އެމްއެމްޕީއާރްސީގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނީގެ ޗެކަކުން ކަމަށް

  • މަހުލޫފު ބުނަނީ އެއީ ޑޮލަރު ގަތުމުގެ މުއާމަލާތަކުން ލިބުނު ފައިސާ ކަމަށް؛ އެކަމުގެ ރިސީޓެއް ވެސް ދައްކާ

  • ދައުލަތުން ބުނަނީ މަހުލޫފު ހުށަހަޅާފައި ވަނީ ސައްހަ ރިސީޓެއް ނޫން ކަމަށް

މިދިޔަ މަހުގެ 10ގައި މަހުލޫފުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ފަށައި އެ ދުވަހު މައްސަލައަށް ޖަވާބުދާރީވުމާއި ހެކި ހުށަހެޅުމުގެ ކަންކަން ކުރިއަށް ގެންދިޔަ އެވެ. އަދި ހުށަހަޅާފައިވާ ހެކިތަކަށް ބަލައި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށްގެންދެވިދާނެ ކަމާ މެދު ދެ ފަރާތަށް ވާހަކަ ދައްކަން ފުރުސަތު ދިނުމަށް ފަހު އެ ދުވަހުގެ އަޑުއެހުން ނިންމާލީ އެވެ.

ވީ ކިހިނެއް؟ - މިއަދު މަހުލޫފުގެ މައްސަލައިގައި ބޭއްވި އަޑުއެހުމަކީ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށްގެންދެވިދާނެ ކަމާ މެދު ގާޒީ މުހައްމަދު މިސްބާހުގެ ނިންމެވުން ހާމަކުރައްވަން ބޭއްވި އަޑުއެހުމެކެވެ. އޭނާއަށް ފެނިވަޑައިގަތީ އެކަށީގެންވާ މިންވަރަށް ހެކި ނެތުމުން މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ނެގެންދެވޭނެ ކަމަށެވެ. އަދި މައްސަލަ ބާތިލުކޮށް، ދައުވާ ބޭރުކޮށްލި އެވެ.

ކްރިމިނަލް ކޯޓު: މަހްލޫފުގެ މައްސަލަ މިއަދު ވަނީ އެ ކޯޓުން ބޭރުކޮށްލާފައި. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެނގުން މުހިންމު - މަދަނީ މިންގަނޑުން މައްސަލަ ކުރިއަށްގެންދެވިދާނެތޯ ބަލަނީ ދައުލަތުން ހުށަހަޅާ ހެކިތަކަށް ބެލުމަށް ފަހު، ދައުވާއެއް ކުރެވޭ ވަރަށް ހެކި ހުރިތޯ ގާޒީ ވަޒަންކުރުމަށް ފަހު އެވެ. މިއަދު ގާޒީ މިސްބާހު އިއްވެވި ނިންމުމުގައި ފާހަގަކުރެއްވީ، މި މައްސަލަ ކުރިއަށްގެންދެވިދާނެތޯ ބަލަން ދެ ކަމަކާ ގުޅޭ ހެކި ބޭނުންވާ ކަމަށެވެ. އެއީ:

  • މަހުލޫފަށް ޗެކު ލިބުނުކަން އެނގޭ ހެކި

  • އެ ޗެކު ދިނީ އެސްއީޒެޑް ބިލަށް ވޯޓު ދިނުމުގެ ބަދަލުގައިކަން އެނގޭ ހެކި

މީގެ ތެރެއިން މަހުލޫފަށް ޗެކެއް ލިބުނުކަން އެނގޭ ހެކިތައް ދައުލަތުން ހުށަހަޅާފައިވާ ކަމަށް މިސްބާހު ނިންމެވި އެވެ. އެކަން ސާބިތުކުރަން ދައުލަތުން ބޭންކް ސްޓޭޓްމެންޓުތައް ފަދަ ލިޔުންތައް ހުށަހަޅާފައިވެ އެވެ.

އެކަމަކު، އެ ފައިސާ ދިނީ އެސްއީޒެޑްގެ ބިލަށް ވޯޓު ދިނުމުގެ ބަދަލުގައިކަން އެނގޭ ހެކި އެކަށީގެންވާ ވަރަށް ނެތް ކަމަށް ނިންމެވި އެވެ. އެކަން ސާބިތުކުރަން ދައުލަތުން ހުށަހަޅާފައި ވަނީ އަދީބު އެކަނި ކަމަށް އެ ނިންމުމުގައިވެ އެވެ. އެކަން ދިފާއުން ކުރި ސުވާލުތަކާ ގުޅިގެން ދައުލަތުން ދިން ޖަވާބުތަކުން އެނގޭ ކަމަށް ބުނެފައިވެ އެވެ. އަދި ދެން ހުރީ މުޅިން ވެސް އޭނާގެ ބަހަށް ބާރު ލިބޭ ހެކިތަކެއް ކަމަށް ބުނެފައިވެ އެވެ.

ރިޝްވަތު ދިން ކަމަށް އަދީބު ބުނެފައި ވާއިރު، އެއީ އޭނާ އައްލާމް ލަތީފާ ހަވާލާދީ ދެއްކި ވާހަކައެއް ކަމަށް ފާހަގަކޮށްފައިވެ އެވެ. އެކަމަކު އެއްވެސް ފައިސާއެއް އަދި ޗެކެއް ނުދޭ ކަމަށް ބުނެ އައްލާމް އެކަން ދޮގުކޮށްފައި ވާކަން ވެސް ގާޒީ ވިދާޅުވި އެވެ. އެހެންވެ، އެއީ ތޯތޯ ވާހަކަތަކެއް ނުވަތަ 'ހިއާސޭ' ވާހަކަތަކެއް ކަމަށް ނިންމެވި އެވެ.

އަދީބާއި އައްލާމްގެ ވާހަކަތަކުގައި ހުރި ފުށުއެރުންތައް:

  • ޕޭމަންޓު ރިސީޓު އެސްއޯއެފްއިން ނުދޭ ކަމަށް އަދީބު ބުންޏަސް، އައްލާމް ބުނަނީ ރިސީޓް ހެދި ކަމަށް

  • އޭރު ޑޮލަރު ވިއްކަމުން ދިޔައީ އެމްއެމްއޭގެ ރޭޓަށް ވުރެ މަތިން ކަމަށް އަދީބު ބުނާއިރު، އައްލާމް ބުނަނީ ވިއްކީ އެމްއެމްއޭގެ ރޭޓުގައި ކަމަށް

  • އައްލާމް މެދުވެރިކޮށް ޗެކެއް ދިން ކަމަށް އަދީބު ބުނާ ވާހަކަ އައްލާމް ދޮގުކުރޭ

އަދީބަކީ ދައުލަތާ އެކު އެއްބަސްވުމެއް ހަދައިގެން އުޅޭ މީހަކަށް ވާއިރު، އޭނާއަކީ ލާބައެއް ލިބިދާނެކަމުގެ އުންމީދެއް ނެތި އަދި ގެއްލުމެއް ލިބިދާނެކަމުގެ ބިރެއް ނެތި ހެކިބަސް ދޭން ހުރި މީހެއް ކަމަށް ބެލެވެން ނެތް ކަމަށް ވެސް ގާޒީ މިސްބާހު ނިންމެވި އެވެ.

ބާރު ލިބޭ ހަރުދަނާ އިތުރު ހެއްކާއި ގަރީނާ ނެތި އަދީބުގެ ހެކި ބަހަށް އެއްވެސް ބުރަދަނެއް ދެވެން ނެތް އިރު، އެފަދަ އިތުރު ހެއްކާއި ގަރީނާ ދައުލަތުން ހުށަހަޅާފައި ނެތް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. އެގޮތުން ދައުލަތުން ހުށަހެޅި ވަކިވަކި ހެކި ގަރީނާތަކަށް ބުރަދަން ނުދެވޭ ސަބަބުތައް ވަކިވަކިން ބަޔާންކުރެއްވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފްގެ އިސްވެރިންގެ ތެރޭގައި ހިމެނޭ އައްލާމް ލަތީފް (ވ). (ފޮޓޯ/އަލްޖަޒީރާ)

އަދީބާއި މަހުލޫފާ ދެމެދު ބަދަލުކުރި މެސެޖުތައް ވެސް ދައުލަތުން ހުށަހަޅާފައި ވާއިރު، އެއިން އެއްވެސް މެސެޖެއްގައި އެސްއީޒެޑް ބިލަށް ވޯޓުދިނުމުގެ ބަދަލުގައި ފައިސާ ދިންކަން އެނގެން ނެތް ކަމަށް ގަޒީ މިސްބާހު ވިދާޅުވި އެވެ. އެސްއީޒެޑް ބިލަށް ވޯޓު ދިނުމަށް ޝަރުތުކޮށް ފައިސާ ނެގި ކަމަށް ބުނާއިރު، އެކަމާ ގުޅޭ މެސެޖުތައް ކަމަށް ދައުލަތުން ދައްކާ މެސެޖުތައް ކޮށްފައި ވަނީ، އެސްއީޒެޑް ބިލަށް ވޯޓު ދިން ފަހުންކަން ތާރީހުތަކާ އެކު ގާޒީ ފާހަގަކުރެއްވި އެވެ.

ދައުވާގައި ބުނާ 33،000 ޑޮލަރުގެ ޗެކު ލިބުނީ އެސްއީޒެޑް ބިލަށް ވޯޓު ދިނުމުގެ މުގާބިލުގައިކަމަށް ބުރަވެވޭ ފަދަ ހެކިތަކެއް ހުށަހަޅާފައި ނެތްކަން މައްސަލައިގައި ޝަރީއަތެއްކޮށް ހެކިންގެ ހެކިބަސް ނެގި ނަމަވެސް، އަދީބު އެސްއޯއެފްގެ ޗެކެއް ބޭނުންކޮށްގެން ރިޝްވަތު ދިނުމުން، މަހްލޫފު ރިޝްވަތު ހިފީކަން ސާބިތުކޮށްދެވޭނެ ފުރުސަތު އޮތް ކަމަށް ބެލޭނެ ހެކިތަކެއް ނެތް ކަމަށް ވެސް ނިންމުމުގައިވެ އެވެ.

އޭގެ އިތުރުން، މައްސަލަ ތަހުގީގުކޮށްފައި ވަނީ ހެކި ހޯދުމަށް ވުރެ ބޮޑަށް ދިފާއީ ހެކި ނަފީކުރަން އިސްކަން ދީގެން ކަމަށް މިސްބާހު ލިޔުއްވި އެވެ. އެގޮތުން:

  • ޑޮލަރު ދިން ގޮތް އެކަށީގެންވާ ވަރަށް ތަހުގީގުކޮށްފައެއް ނުވޭ

  • ފައިސާ ނެގީ އެސްއީޒެޑް ބިލަށް ވޯޓު ދިނުމުގެ ބަދަލުގައި ކަމަށް މާ ކުރިން ދެކިގެން ކަމަށް

  • މައްސަލައިގައި ހުރި ފުށުއެރުންތައް ބަލާފައެއް ނުވޭ

އެނގުން މުހިއްމު - މަހްލޫފުގެ މައްޗަށް ދައުވާކުރީ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް މައްސަލަ ފޮނުވިތާ ފަސް މަސް ދުވަސް ފަހުންނެވެ. އެކަމާ މެދު އޭނާ ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދެވި އެވެ. އޭރު ދައުލަތުން ގެންދިޔައީ އިނގިރޭސިވިލާތުގެ ފަރަޑޭ ފޮރެންސިކްސް މެދުވެރިކޮށް އަދީބުގެ ފޯނެއް ތަހުލީލު ކުރަމުންނެވެ.

ތުހުމަތުތަކާ ގުޅިގެން މަހުލޫފު މީގެ ކުރިން ވިދާޅުވެފައި ވަނީ އެކައުންޓަށް ޑޮލަރު ޖަމާވެފައި ވަނީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއްގައި ކަމަށާއި އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުން ހުރި ފައިސާއެއްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް