ހުޅުމާލެ ދެ ފޭސް ގުޅާލާ ސަރަހައްދުގައި ހަދާ ޗެނަލްގެ މަސައްކަތް ކުރަނީ(ދައުރު ފޮޓޯ/އަބްދުﷲ އަނޫފް)

ހުޅުމާލެ

ހުޅުމާލޭގެ 'ޗެނަލް ޕާކާ' އެކު ސަރަހައްދުގެ މަލަމަތި ބަދަލުވަނީ

ޗެނަލްގެ ފުންމިނުގައި 1.85 މީޓަރު ހުންނައިރު، ފުޅާމިނުގައި 50 މީޓަރު ހުންނާނެ

ހުޅުމާލޭގެ ދެ ފިޔަވަހި ގުޅުވައިދޭ ހަތަރު ބްރިޖްގެ އަޑިން ހަދާ ޗެނަލްގެ ލޮނުގަނޑު ފެންނަން ފަށައި، މުޅި ސަރަހައްދުގެ މަލަމައްޗަށް އިތުރު ރީތި ކަމެއް ގެނެސްދީފި އެވެ.

'ޗެނަލް ޕާކް'ގެ ނަމުގައި ތަރައްގީކުރާ ސަރަހައްދުގައި ހިމެނޭ ބްރިޖްތައް ހަދަން ކުރިން އޮތީ މުޅި ތަން ހިއްކައިފަ އެވެ. އެކަމަކު ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އެއްގަމު ތޮށި ލައި ނިމި، ހިއްކާފައި އޮތް ބައި ވެސް ގާތްގަނޑަކަށް މިހާރު ވަނީ ކޮނެ ނިމިފަ އެވެ. މިހާރު ފެންނަނީ ދެ ވަނަ ފިޔަވަހި ހިއްކަން ފެށުމުގެ ކުރިން އެ ފަރާތުގައި އޮތް މޫދު، ބްރިޖްގެ ދަށުން އަލުން ދެމެމުން ދާ ތަނެވެ.

ވީ ކިހިނެއް؟ - ދެ ފޭސް ގުޅާލަން އަޅާފައިވާ ބްރިޖުތަކުގެ ދަށުން ލޮނުގަނޑު ގުޅިފައި އޮންނާނީ ހުޅުމާލޭގެ އިރުމަތީ ފަރާތު މޫދާއި ހުޅަނގު ފަރާތު ބަނދަރާ އެވެ. މި މަސައްކަތް ނިމެމުންދާ ވަރަކަށް މުޅި ހިސާބުގެ ލޭންޑްސްކޭޕަށް ބޮޑު ބަދަލެއް އެބަ އާދެ އެވެ.

ޗެނަލް ޕާކުގެ މަސައްކަތް 23 ޖުލައި 2021ގައި ކުރިއަށް ގޮސްފައިވާ ހިސާބު (ދައުރު ފޮޓޯ/ އަބްދުﷲް އަނޫފް ޖުނައިދު)
ހުޅުމާލެ ދެ ފޭސް ގުޅާލައި ސަރަހައްދުގައި ހަދާ ޗެނަލް ޗެނަލް ޕާކުގެ މަސައްކަތް 15 ނޮވެމްބަރު 2021ގައި ކުރިއަށް ގޮސްފައިވާ ހިސާބު (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު) 

ތަފްސީލް - އޮއިދެމޭ ގޮތަށް ހަދާ ޗެނަލްގެ ފުން މިނުގައި 1.85 މީޓަރު އަދި ފުޅާމިނުގައި 50 މީޓަރު ހުންނާނެ އެވެ. އެންމެ އިރުމަތީ ބްރިޖުން އަރާ ބަލައިލާއިރު، ހުޅަނގު ފަރާތަށް ދެމިފައި އޮންނަ ލޮނުގަނޑާއި ބްރިޖްތައް ފެންނަ އިރު މަންޒަރު ހިތްގައިމެވެ. އިރުއޮއްސޭ މަންޒަރު ބަލަން ބައެއް މީހުން އެ ބްރިޖަށް އަރާ، ފޮޓޯ ނަގާ ވެސް ހަދަ އެވެ. 

ހުޅުމާލެ ދެ ފޭސް ގުޅާލާ ސަރަހައްދުގައި ހަދާ ޗެނަލްގެ މަސައްކަތް ކުރިއަށްދަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް)

މީގެ ކުރިން ބާބަކިޔު ސަރަހައްދުގެ ގޮތުގައި ހުޅުމާލޭގައި ބޭނުން ކުރަމުންދިޔަ ހިސާބުގަނޑު ޗެނަލް ޕާކެއްގެ ގޮތުގައި ތަރައްގީކޮށް ނިމޭއިރު އެ ތަނުގައި ރެސްޓޯރެންޓުތަކާއި ސްކޭޓު ޕާކެއްގެ އިތުރުން ރޯވިން ކްލަބެއް ވެސް ހުންނާނެ އެވެ. އެ ސަރަހައްދުގެ މަސައްކަތް ނިމޭއިރު އޮންނާނެ ގޮތުގެ ވީޑިއޯއެއް 20 ފެބްރުއަރީ 2020 ގައި އެޗްޑީސީ އިން ވަނީ އާންމު ކޮށްފަ އެވެ.

އެޗްޑީސީ އިން މީގެ ކުރިން ބުނެފައިވަނީ ޗެނަލް ޕާކުގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހު ނިމޭނެ ކަމަށެވެ. ސެޕްޓެމްބަރު މަހު އެންމެ ފަހުން އެ މަސައްކަތުގެ އަޕްޑޭޓު ހިއްސާކުރި އިރު ބުނީ %68 ނިމިފައިވާ ކަމަށެވެ. އޭގެ ފަހުން މަސައްކަތުގެ އަޕްޑޭޓަކަށް އެދިފައި ވީނަމަވެސް އެޗްޑިީސީގެ ބަހެއް އަދި ނުލިބެ އެވެ.

ހުޅުމާލެ ދެ ފޭސް ގުޅާލައި ސަރަހައްދުގައި ހަދާ ޗެނަލްގެ މަސައްކަތް ކުރިއަށްދަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި މަޝްރޫއު ވެސް ކުރިން ކަނޑައަޅާފައި އޮތް ތާރީހަށް ވުރެ މިހާރު ވެސް ފަސްވެއްޖެ އެވެ. އެޗުޑީސީން ބުނެފައި ވަނީ އޭރުގެ ގިނަ މަޝްރޫއުތަކަށް ހުއްޓުން އެރުމުގައި ކޮވިޑް-19ގެ ބަންދުތައް ވެސް ކުރިމަތިވި ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް