ހުޅުމާލޭގެ ދެ ވަނަ ފޭސް. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޓޫރިޒަމް

މާލޭގެ ޓޫރިޒަމް ބިންތައް ވަކިކޮށް، އަކަމީޓަރަކަށް އަހަރަކު 95 ޑޮލަރު ދައްކަން ޖެހޭ ގޮތަށް ފާސްކޮށްފި

މި ބަދަލާ އެކު މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ޓޫރިޒަމް ބިންތަކުގެ ކުލި ވަރަށް ބޮޑަށް އުފުލޭނެ

ފަތުރުވެރިކަމަށް ދޫކުރާ ބިންތަކުގެ ކުލި ކަނޑައަޅާއިރު މާލެ ވަކި ކެޓަގަރީއެއްގެ ގޮތުގައި ހިމަނައި އެ ސަރަހައްދުގެ ބިމު ކުއްޔަށް އަކަމީޓަރަކަށް އަހަރަކު 95 ޑޮލަރު ނަގާ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - މަޖިލީހުން މިގޮތަށް ފާސްކުރީ، މިިދިޔަ މާޗު މަހު ސަރުކާރުން މަޖިލީހަށް ހުށަހެޅި ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުންނެވެ. މި ބިލު ދިރާސާ ކުރި އިގްތިސާދީ ކޮމިޓީގެ އިސްލާހުތަކާ އެކު މި ބިލު މަޖިލީހުން މިއަދު ފާސް ކުރީ 50 މެންބަރުންގެ ވޯޓާ އެކު އެވެ.

ތަފްސީލު - މިހާރު ގާނޫނު އޮންނަ ގޮތުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ބިންތައް ކެޓަގަރީކޮށްފައިވަނީ، ކ. އަތޮޅުގެ ހުރިހާ ރަށްތަކެއް ހިމެނޭ ގޮތަށް އެއް ކެޓަގަރީއެއްގަ އެވެ. އެ ކެޓަގަރީގެ އަގުތަކަކީ:

  • 200،000 އަކަމީޓަރަށް ވުރެ ކުޑަ ބިންތަކަށް އަކަމީޓަރަކަށް 4 ޑޮލަރު، 500،000 ޑޮލަރާ ހަމައަށް

  • 400،000 އަކަމީޓަރަށް ވުރެ ކުޑަ ބިންތަކަށް އަހަރަކަށް 750،000 ޑޮަލަރު

  • 400،000 އަކަމީޓަރަށް ވުރެ ބޮޑެތި ބިންތަކަށް އަހަރަކަށް 1 މިލިއަން ޑޮލަރު

މިހާރު ބިލު ފާސްކޮށްފައި އޮތް ގޮތުން މާލެ ސަރަހައްދުގެ ކޮންމެ ބޮޑު މިނެއްގެ ބިމަކަށް ވެސް އަހަރަކަށް ނަގާނީ އަކަމީޓަރަކަށް 95 ޑޮލަރެވެ.

ސަރުކާރުން ބިލު މަޖިލީހަށް ފޮނުވި އިރު، މާލެ ސީޓީ ވަކި ކެޓަގަރީއެއްގެ ގޮތުގައި ހިމެނުމަށް އިސްލާހު ހުށަހަޅާފައި ނުވެ އެވެ. މިއީ ކޮމިޓީން މި ބިލު ފާސް ކުރި ގެނައި އިސްލާހެކެެވެ.

ކޮމިޓީ ރިޕޯޓުގައި މި އިސްލާހު ގެންނަ ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ، މިވަގުތު މާލޭން ކުއްޔަށް ދޫކޮށްފައިވާ ބިންތަކަކީ މާކެޓް އަގާ އަޅާބަލާއިރު ވަރަށް ކުޑަ އަގެއްގައި ދޫކޮށްފައިވާ ތަންތަން ކަމަށް ވުމެވެ. އެހެންކަމުން، މާކެޓް އަގުގައި އެފަދަ ތަންތަނުން ކުލި ނެގުމަކީ މުހިންމު ކަމެއްގެ ގޮތުގައި ގަބޫލު ކުރެވޭތީ، އެކަން އެގޮތަށް ބަދަލު ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. 

އެނގުން މުހިންމު - މީގެ ނަތީޖާއެއްގެ ގޮތުން، ރައީސް މި ބިލު ތަސްދީގުކުރެއްވުމާ އެކު، މާލެ ސަރަހައްދުގެ ޓޫރިޒަމް ބިންތަކުގެ ކުލި ވަރަށް ބޮޑަށް ބޮޑުވާނެ އެވެ. އެގޮތުން:

  • މިސާލަކަށް 5،000 އަކަމީޓަރުގެ ބިމަކަށް އަހަރަކަށް ދެން ނަގާނީ 475،000 ޑޮލަރު؛ މިހާރު ގާނޫނު އޮތް ގޮތުން އެ ސައިޒުގެ ބިމަކަށް އަހަރަކަށް ނަގާނީ 20،000 ޑޮލަރު

އިތުރު އާޓިކަލް

އިތުރު އާޓިކަލް