ދުވާފަރުން ނެގި ކޮވިޑް ސާމްޕަލްތަކެއް މާލެ ފޮނުވާލުމަށް ލޯންޗަކަށް އަރުވަނީ: ކޮވިޑް ޖެހިގެން އެ ރަށުން ހާހެއްހާ މީހުންނަށް ވަނީ ބަލި ޖެހިފައ. (ފޮޓޯ/ ދުވާފަރުލައިވް)

ކޮވިޑް-19

ކޮވިޑްގައި ދުވާފަރުން އަށްވަނަ މީހާ މަރުވެއްޖެ

މާލެ ފިޔަވައި އެހެން ރަށަކުން، ކޮވިޑް ޖެހިގެން އެންމެ ގިނަ ބަޔަކު މަރުވި ދުވާފަރަށް އަރާފޭބުން މަނާކޮށްފައި އޮންނަތާ ހަތަރު މަސް
6 ސެޕްޓެމްބަރު 2021

ރ. ދުވާފަރުގައި ކޮވިޑް-19 ޖެހިގެން ހާލު ސީރިއަސްވި މީހަކު މާލޭގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވެއްޖެ އެވެ. މިއީ މި ބަލީގައި ދުވާފަރުން މަރުވި އަށްވަނަ މީހާ އެވެ.

ވީ ކިހިނެއް؟ - ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނިގޮތުގައި ހާލުބޮޑުވެގެން ދުވާފަރުން ގެނައި 80 އަހަރުގެ ފިރިހެން މީހާ މަރުވީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް، މިއަދު 3:35ގަ އެވެ.

މާލެ ފިޔަވައި އެހެން ރަށަކުން، ކޮވިޑް ޖެހިގެން އެންމެ ގިނަ ބަޔަކު މަރުވީ ދުވާފަރުންނެވެ.

ތަފްސީލް - އެ ރަށުގެ ކޮވިޑްގެ ހާލަތު އަދިވެސް ގޯހެވެ. ފަސްހާހެއްހާ މީހުން ދިރިއުޅޭ ދުވާފަރު މޮނިޓަރިންގައި އޮންނަތާ ހަތަރު މަސް ވެއްޖެ އެވެ.

  • ޖުމްލަ 957 މީހުންނަށް ވަނީ ބަލިޖެހިފަ އެވެ. 

  • އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ވެސް 101 މީހުން އެބަތިއްބެވެ.

"މިހާރު ވެސް ކޮންމެ ދުވަހަކު ވެސް ގިނަވެގެން 10 މީހުންނަށް އެބަ ބަލި ޖެހޭ،" ދުވާފަރު ކައުންސިލް މެމްބަރު މަރިޔަމް ޔަސްފާ ވިދާޅުވި އެވެ.

ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަރަށް ހާލުގައި އުޅެނީ.

މަރިޔަމް ޔަސްފާ، ކައުންސިލަރެއް

ނާޒުކު ހާލަތު - އޭނާ ވިދާޅުވި ގޮތުގައި ބަލިމަޑުކަމުގެ ސަބަބުން އެހާ ގިނަ ދުވަހު ރަށަށް އަރާ ފޭބުން މަނާކޮށްފައި އޮތުމުން، އޭގެ އުނދަގޫ ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރެ އެވެ. އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް ހުއްޓި، ގިނަ ބައެއްގެ މާލީ ހާލަތު ދަށަށް ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

"މިހާ ގިނަ ދުވަހު މޮނިޓަރިންއަށް ލާފައި އޮތުމުން، މަސްލަހަތު ގެއްލޭ ގިނަ ކަންކަން ވެސް ދަނީ ދިމާވަމުން. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަރަށް ހާލުގައި އުޅެނީ،" ޔަސްފާ ވިދާޅުވި އެވެ.

އުންމީދު - އޭނާ ވިދާޅުވި ގޮތުގައި މިހާރު ރަށުގެ އެންމެންގެ ވެސް އުއްމީދަކީ، ވީހާވެސް އަވަހަކަށް ދުވާފަރުގެ ކޮވިޑް ހާލަތު ރަނގަޅުވެ، އާއްމު ހާލަތަށް ރުޖޫއަވުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް