ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ދަނީ: މިއީ މި ސަރުކާރުގެ އެންމެ ހުވަފެނީ އެއް މަޝްރޫއު (ދައުރު ފޮޓޯ/ އިބްރާހިމް އިފާޒް)

އަދަދުތަކުން ތަރައްގީ ބަލާ ނަމަ މި ސަރުކާރު ކުރީގައި

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ޕީއެސްއައިޕީއަށް ކުރި ހޭދައަށް ވުރެ މި ސަރުކާރުން ކުރާނެ ކަމަށް ލަފާކުރެވޭ ހޭދަ 7.7 ބިލިއަން ރުފިޔާ ގިނަ
17 ނޮވެމްބަރު 2022
10

މުހިންމު ނުކުތާތައް

ބަޖެޓްގައި ހިމެނޭ އަދަދުތަކަކީ ހިޔާލީ އެއްޗެއް ކަމަށް އަބަދުވެސް ބުނޭ

ދެ ސަރުކާރުން ވެސް ގިނަ ބަޔަކަށް ފެންނާނެ ބޮޑެތި މަޝްރޫއުތަކެއް ހިންގި/އަންނަނީ ހިންގަމުން

އާރުޓީއެލްއަކީ ތާރީހުގައި ފާހަގަކޮށްލެވޭނެ އަދި މުޅި ރާއްޖެއަށް ފެތުރޭނެ ހިދުމަތެއް

އަހަރެމެންގެ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް މާ ގިނަ އެވެ.

މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިސް ބޭފުޅުންނާއި ދެ ސަރުކާރުގެ އިސް ވެރިންނާއި ދެ ބޭފުޅުންގެ ދިފާއީ ސަޕޯޓަރުންގެ ތުންތުންމަތިން އަބަދުމެ ކުރާ ދައުވާއެކެވެ.

ކޮންމެ ސަރުކާރެއްގައި ވެސް ދާދި އެއް ވާހަކަތަކެކެވެ. ފަޅު ހިއްކުމާއި ތޮށިލުމާއި ބަނދަރު ހެދުމާއި މަގުގައި ތާރު އެޅުމާއި އެއާޕޯޓް ހެދުމެވެ. ކުޅިވަރުގެ ދަނޑުތަކާއި ކޯޓުތަކާއި ސްކޫލާއި އޮފީސް އިމާރާތްތަކެވެ. ފެނާއި ނަރުދަމާތަކެވެ. އުމުރާނީ އެހެން އެތައް މަޝްރޫއުއެކެވެ. 

ޔާމީންގެ ވެރިކަމުގައި ދިވެހިންނަށް ފެނުނީ އޭގެ ކުރިން ނުދެކޭ ވަރުގެ ކުއްލި ތަރައްގީއެކެވެ؛ ސިނަމާލެ ބްރިޖެވެ. ހުޅުމާލެ ދެވަނަ ފިޔަވައްސާއި އެ ފިޔަވަހީގައި ހެދި 25 ބުރީގެ ޓަވަރުތަކެވެ. ވީއައިއޭގެ އާ ރަންވޭ އާއި އާ ޓާމިނަލާއި އާ ސީޕްލޭން ޓާމިނަލާއި ކާގޯ ޓާމިނަލާއި ވީއައިޕީ ލައުންޖް އަދި އާ ފިއުލް ފާމެވެ.

މަޝްރޫއުތަކުގެ އަގު އެތައް ބިލިއަން ރުފިޔާއެއްގަ އެވެ. ތަރައްގީގެ އާ މަންޒަރުތަކެވެ.

މިހާރުގެ ރައީސް ސޯލިހުގެ ސަރުކާޜަށް މިއަދު ހަތަރު އަހަރު ވީ އިރު، ކުރިއަށް ވެސް އަދި ފަހަތަށް ވެސް ބެލެން އޮތީ، ކުރީ ސަރުކާރުގެ ތަރައްގީގެ ތަސްވީރުތަކަށެވެ. އެހެންކަމުން ސިނަމާލެ ބްރިޖް ކަހަލަ ބިޔަ މަޝްރޫއުތަކެއް ތާރީހުގެ ތެރެއަށް ދޫކޮށްނުލައި، ރައްޔިތުންނަށް އަޅާބަލާނެ ހިސާބުތަކެއް މި ސަރުކާރަށް ދައްކައެއް ނުދެވޭނެ އެވެ.

ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖް ނުވަތަ ތިލަމާލެ ބްރިޖަކީ އޭގެ އެއް ހެއްކެވެ. އެ މަޝްރޫއުއަށް އެކަނި ވެސް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) އަރާނެ ކަމަށް، މިހާތަނަށް އިއުލާންކުރި ހިސާބުތަކުން ފެނެ އެވެ.

ރައީސް ޔާމީންގެ ސަރުކާރުން ފެށި ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ކުރިއަށް ދަނީ: މިއީ ރާއްޖޭގެ ތަރައްގީގެ ވަރަށް ބޮޑު މަޝްރޫއުއެއް(ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް) ޓޫރިޒަމް، އިގްތިސާދު، އިގްތިސޯދު، ވިޔަފާރި ޓޫރިސްޓް

ޗައިނާއާ ގާތް ގުޅުމެއް ބޭއްވި ޔާމީންގެ ސަރުކާރުގެ ސިޔާސަތާ ހިލާފަށް، މި ސަރުކާރުން އިންޑިއާއާ ގާތްވުމުގެ ނަތީޖާއަކީ އެ ގައުމުގެ އެގްޒިމް ބޭންކުން ރާއްޖެއަށް 1.4 ބިލިއަން ޑޮލަރު (21 ބިލިން ރުފިޔާ)ގެ ލޯނު ދޭން އެއްބަސްވުމެވެ.

ހިސާބުތަކުން ފެންނަނީ ބޮޑު ހޭދައެއް

ފެންނަން ހުރި ރަސްމީ ހިސާބުތަކުގެ ފަހަތުގައި ކޮންމެ ކަމެއް ހިނގިޔަސް، އާންމުން އަޅައެއްނުލަ އެވެ. މި ހުރިހާ މަޝްރޫއުތަކެއްގެ ތެރެއިން ދެ ސަރުކާރުގެ އެކި ފެންވަރުގެ ވެރިން ނަގާނެ ކަމަށް ތުހުމަތުކުރެވޭ ނާޖާއިޒު ފައިދާގެ ވާހަކަ މީޑިއާތަކުން ދައްކާއިރަށް، ރައްޔިތުން ނުކުންނަނީ އެމީހަކު ސަޕޯޓްކުރާ ވެރިއެއްގެ ދިފާއުގަ އެވެ.

"ވައްކަން ނުކުރަނީ ކޮން ސަރުކާރަކުން؟" މިއީ އެ ވާހަކަ ދައްކާ މީހުންނާ ދިމާއަށް، ސިޔާސީ ވެރިންގެ ސަޕޯޓަރުން ނުވަތަ ޕާޓީތަކުގެ މެމްބަރުން ދޫކޮށްލާ ސުވާލެވެ.

ބޭނުންވަނީ ތަރައްގީ އެވެ. އެ ތަރައްގީގެ އަގު އެތައް ބިލިއަން ރުފިޔާއަކަށް އަރަ އެވެ. ބަޖެޓްގައި ހިމެނޭ އަދަދުތަކާ އެއްވަރަށް މަޝްރޫއުތައް ނިމުނުކަމާ މެދު އޮތީ ބޮޑެތި ސުވާލުތަކެވެ. ބަޖެޓްގައި ހިމެނޭ އެތައް ކަމެއް ނުފަށަ އެވެ. ފަށާފައި ހުއްޓެ އެވެ. ނުނިންމަ އެވެ. އެތައް އަހަރަކަށް ދެމިގެންދެ އެވެ. އެހެންކަމުން ކޮންމެ ސަރުކާރެއްގެ ބަޖެޓް ފޮތުގައި ބޮޑެތި އަދަދުތަކުން ތަރައްގީ ފެނުނަސް، އޭގެ ހަގީގީ މަންފާ ނުލިބޭ ރައްޔިތުން އެ ވާހަކަ ދައްކަ އެވެ.

ދެ ސަރުކާރުގެ ބަޖެޓްގެ ހިސާބުތަކަށް ނަޒަރެއް މި ދޫކޮށްލަނީ، އޭގެ ތެރެއިން ހާސިލްވި މިންވަރު، ބަރާބަރަށް އެނގެން ނެތް ހާލަތުގަ އެވެ. ބައެއް މީހުންނަށް މިއީ ހަމަ ހިސާބުތަކެކެވެ. ދެ ސަރުކާރުގެ ވެރިންނަށް އެ ހިސާބުތަކަކީ ކުރެވުނު މަސައްކަތް ދައްކައިދޭ އަދަދުތަކެވެ.

ބަޖެޓް ފޮތްތަކުން ފެންނަނީ ރައީސް ޔާމީންގެ ވެރިކަމަށް ވުރެ ރައީސް ސޯލިހުގެ ސަރުކާރުން މިހާތަނަށް ހިންގި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)އަށް ކުރި ހޭދަ މަތިކަމެވެ.

މި ސަރުކާރުގެ މުއްދަތު ހަމަވާން އަދި އެއް އަހަރު އޮތުމުން، 'ދައުރު'ން ފުރަތަމަ ބަލައިލީ، ޔާމީންގެ ސަރުކާރުގެ ހަތަރު އަހަރާއި މި ސަރުކާރުގެ މި ނިމުނު ހަތަރު އަހަރު، ޕީއެސްއައިޕީގެ ބަޖެޓަށެވެ. ކުރީގެ ސަރުކާރުން ހަތަރު އަހަރު ތެރޭގައި 22 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ހޭދައެއް، ތަރައްގީގެ އެކި މަޝްރޫއުތަކަށް ކުރި އެވެ.

ހދ. ނައިވާދޫގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމައި، ހިދުމަތް ދޭން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންވަނީ: ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތަކެއް މި ސަރުކާރުން އަންނަނީ ހިންގަމުން (ފޮޓޯ/ ރައީސް އޮފީސް)

މި ސަރުކާރުގެ ހަތަރު އަހަރު އެ އަދަދު އުޅެނީ 24 ބިލިއަން ރުފިޔާގަ އެވެ. އެއީ ޔާމީންގެ ސަރުކާރުން އެ މުއްދަތުގައި ހޭދަކުރި ވަރަށް ވުރެ ގާތްގަނޑަކަށް 2 ބިލިއަން ރުފިޔާ ބޮޑު އަދަދެކެވެ.

ޔާމީންގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ޕީއެސްއައިޕީއަށް ހޭދަކުރީ 24.8 ބިލިއަން ރުފިޔާ އެވެ. މި ސަރުކާރުން އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓްގައި ޕީއެސްއައިޕީއަށް ހާއްސަކުރި އަދަދު ލައިގެން، ފަސް އަހަރުގެ ތަރައްގީގެ މަޝްރޫއުތަކަށް 32.5 ބިލިއަން ރުފިޔާ ހޭދަކުރާނެ އެވެ. މިއީ ކުރީ ސަރުކާރަށް ވުރެ 7.7 ބިލިއަން ރުފިޔާ ބޮޑު އަދަދެކެވެ.

ދެ ސަރުކާރުން ޕީއެސްއައިޕީއަށް 57 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ހޭދައެއް (އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި އޮތް އަދަދު ލައިގެން) ކުރާނެކަން 10 އަހަރުގެ ބަޖެޓްތަކުން އޮތީ ފެންނާށެވެ. މި ވަރުގެ ހޭދައެއް ކޮށްގެން ހުރިހާ މަޝްރޫއުތަކެއްގައި އަމަލީ ސިފަ ޖެހުނު ނަމަ ރާއްޖޭގެ ކޮންމެ ހިސާބެއްގައި ވެސް، ކޮންމެވެސް ކަމެއް ކޮށްފައި އޮންނާނެކަމާ މެދު ޝައްކެއް ނެތެވެ. 

މި ސަރުކާރުން ޕީއެސްއައިޕީގެ ބަޖެޓް ބޮޑުކުރަމުން ގެންދިޔައީ މިދިއަ 100 އަހަރުގެ ތެރޭގައި މުޅި ދުނިޔެ ދުށް އިގުތިސާދީ އެންމެ ބޮޑު ހުއްޓުން ގެނުވި އަދި ރާއްޖެއަށް ވެސް ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމުގައި އެރި އިގުތިސާދީ ލޮޅުމުން އަރައިގަންނަން ވެސް މަސައްކަތް ކުރަމުންނެވެ. އެކަމަކު ސަރުކާރަށް އެއް އަހަރު ވީ ތަނާ ދިމާވި އެ ދަތިކަމުގެ އަސަރުތަކުން އަދިވެސް އަރައެއް ނުގަނެވެ އެވެ.

އާރުޓީއެލް: ދަތުރުފަތުރުގެ އާ 'ބްރިޖެއް'

ޕީއެސްއައިޕީގެ ގިނަ މަޝްރޫއުތައް ހުންނަނީ އެކި ރަށްރަށަށް ބަހާލާފައި ކަމުން، ގިނަ ބަޔަކަށް އެ މަސައްކަތްތަކެއް ނުއެއް ފެންނާނެ އެވެ. ފެންނާނީ އާބާދީ ބޮޑު ސަރަހައްދުތަކުގައި ކުރާ ކަންކަމެވެ. އެގޮތުން ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެމުން އަންނަ، އަދި ރާއްޖޭގެ އެކި ހިސާބުތަކުގެ މީހުން ޒިޔާަރަތް ވެސް ކުރާ މައި މަރުކަޒު، މާލޭ ސަރަހައްދުގައި ހިންގާ މަޝްރުއުތައް މުޅި ރާއްޖެއަށް ފެނެ އެވެ.

ހަމަ އެފަދަ މަޝްރޫއެއް ރާއްޖެއަށް ފަތުރާލަން މި ސަރުކާރުން ފެށި ފެށުން ވަރަށް ބޮޑަށް ފާހަގަކުރެވެ އެވެ: ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) އެވެ. މިއީ ބާރު ސްޕީޑްގެ ފެރީ އާއި ބަހުގެ ހިދުމަތުން ރާއްޖެ ގުޅާލުމެވެ. އާރުޓީއެލްއަށް އާންމުންގެ ވަރަށް ބޮޑު ސަމާލުކަމެއް އަންނަނީ ލިބެމުންނެވެ.

އާރުޓީއެލްގެ ހިދުމަތް އެންމެ އުތުރުގެ ތިން އަތޮޅު ނުވަތަ ޒޯން 1 ގައި ރަސްމީކޮށް، ރައީސް ސޯލިހު އިފްތިތާހުކޮށްދެއްވަނީ (ފޮޓޯ/ޕްލޭނިން މިނިސްޓްރީ)

އެމްޑީޕީން ރާއްޖޭގެ ވެރިކަން ހޯދުމުގެ ދަތުރުގައި 'ރަށު ބަންދުން' ރައްޔިތުން ވީއްލުމަކީ ވަރަށް އަޑުގަދަ މައުލޫއެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭގެ އަމަލީ މަސައްކަތް ފެށި އެވެ. ރަށު ފެރީތަކާއި އަތޮޅު ފެރީތަކެއް ބޭނުންކުރި އެވެ. ބައެއް ސަރަހައްދުތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމުގެ ބަދަލެއްގެ ގޮތުން ރިސޯޓް ހަދަން ރަށްރަށް ވެސް ހަވާލުކުރި އެވެ. ނަމަވެސް ބައެއް ކުންފުނިތަކުން ރިސޯޓް ހަދާފައި، ދަތުރުތައް ހުއްޓާލީ އެވެ. 

އެފަދަ އަމަލްތަކާ ހެދި ބަދުނާމުތަކެއް އެޅުނު ނަމަވެސް ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަތޮޅު ތެރޭގައި ދަތުރުފަތުރުގެ ހިދުމަތް ފެށިކަމުގެ ކްރެޑިޓް އެމްޑީޕީގެ ކުރީގެ ސަރުކާރަށް އެބަ އޮތެވެ. އެކަމަކު ރައީ ސޯލިހުގެ ސަރުކާރުން، އެމްޓީސީސީއާ ހަވާލުކޮށްގެން މިހާރު ކުރިއަށް ގެންދާ އާރުޓީއެލްއަކީ މުޅިން ތަފާތު މަޝްރޫއުއެކެވެ. ސްޕީޑް ލޯންޗުތަކުން އެންމެ އުތުރުގެ ތިން އަތޮޅު މިހާރު ވަނީ ގުޅާލައިފަ އެވެ. އެހެން ބައެއް ހިސާބުތަކުގައި  އާރުޓީއެލް ބަހުގެ ހިދުމަތް ވެސް ވަނީ ފަށައިފަ އެވެ.

މި ސަރުކާރުގެ ހަތަރު އަހަރަށް ބަލާއިރު، ބްރިޖާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އަދި މާ ބޮޑަށް ކޮޅަށް ޖެހި، އާންމުންގެ ލޮލުގައި އަޅައިނުގަތަސް އާރުޓީއެލްގެ ބަސްތަކާއި ލޯންޗުތައް އެ ދަނީ އާންމުން ގޮވައިގެން ދަތުރުކުރަމުންނެވެ.

"މި ހިދުމަތާ އެކު ރާއްޖެ މި ގުޅާލެވެނީ ބްރިޖަކުން. މި ބްރިޖުން ގުޅާލުމާ އެކު، މި ބްރިޖުން ރާއްޖޭގެ ކޮންމެ ތާކުން، ކޮންމެ މީހަކަށް ދަތުރުކޮށްލާފައި ކޮންމެ ތަނަކަށް ދެވޭނެ ނިޒާމް މި ގާއިމްކޮށްދެވެނީ،" އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިދިއަ ސެޕްޓެމްބަރު މަހު ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވީ އުތުރުގެ ތިން އަތޮޅަށް ފަހު ދެން ފެރީގެ ހިދުމަތް ދޭން ޖެހޭ 17 އަތޮޅަށް ހާއްސަކޮށްގެން 65 ލޯންޗު ބަންނަން އަލް-ޝާލީއާ ހަވާލުކުރި މަޝްރޫއުގައި ސޮއިކުރަން 15 ސެޕްޓެމްބަރުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. ޖުމްލަ 50 މީހުންގެ ޖާގަ ހިމެނޭ އަދި އޭސީކޮށްފައި ހުންނަ މި ފެރީ ލޯންޗުތަކަށް 537 މިލިއަން ރުފިޔާ ހޭދަކުރަން ސަރުކާރުން އޮތީ ހަމަޖައްސައިފަ އެވެ.

ހއ. އަށް ދަތުރު ފެށުމަށް ތައްޔާރުވެފައި އޮތް އާރުޓީއެލްގެ ފެރީއެއް: މިހާރު މި ފެރީތައް އޮޕަރޭޓް ކުރަނީ ހދ. އަތޮޅުގައި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މިއީ ރާއްޖޭގެ ތާރީހުގައި ވެސް ދަތުރުފަތުރުގެ ތަރައްގީއަށް އެއްވެސް ސަރުކާރަކުން ކުރި ހޭދައެއް ނޫނެވެ. އާޒިމް ސިފަކުރެއްވި ގޮތުގައި މިއީ 'ރަށު ބަންދުން ރައްޔިތުން ފިލުވައިދޭނެ' މަޝްރޫއުއެކެވެ. ކޮންމެ ރަށެއްގެ ކައުންސިލަކުން ވެސް ހިތްހަމަޖެހުމާ އެކު ބަލައިގަންނާނެ ހިދުމަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ވަރަށް ގިނަ ކައުންސިލްތަކުގެ ރައީސުންނާ ބައްދަލުކުރެވިއްޖެ. ވަކި ކުލައެއް ނެތި، ހުރިހާ އެންމެން އިއްތިފާގުވޭ މިއީ މިހާތަނަށް ރާއްޖޭގައި ހިންގޭ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ޕްރޮޖެކްޓް ކަމަށް،" އެދުވަހު އާޒިމް ވިދާޅުވި އެވެ.

އޭނާ ދެން ތަކުރާރުކުރެއްވީ ސަރުކާރުގެ އެހެން ކުންފުނިތަކުގެ ސީއީއޯއިން ވެސް އަދި ސަރުކާރަށް ތާއީދުކުރާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވެސް ވިދާޅުވާ ތައުރީފްގެ ބަސްކޮޅެވެ.

މާލޭގައި އާރުޓީއެލްގެ ބަހަކަށް އާންމުން އަރަނީ: އާރުޓީއެލްއަކީ ރާއްޖޭގައި މިހާތަނަށް ހިންގާ ދަތުރުފަތުރުކުރުމުގެ އެންމެ ބޮޑު އެއް މަޝްރޫއު (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

"މިއީ މާލެއަށް އެކަނި ތަރައްގީ ގެންނަ ސަރުކާރެއް ނޫން،" އާޒިމް ވިދާޅުވި އެވެ.

ދެ ސަރުކާރުގެ ބަޖެޓްގައި ހިމެނޭ ތަރައްގީގެ މަޝްރޫއުތަކުން ހާސިލްވި މިންވަރަކީ، އެއް ސަރުކާރު ނިމުނު އިރު ވެސް އަދި އަނެއް ސަރުކާރުގެ ފަހު އަހަރަށް ކުރިމަތިލާ އިރު ވެސް، ބޮޑު ބަހުސެކެވެ. އެކަމަކު ގިނަ މީހުންނަށް ފެންނަން ހުރި ބޮޑެތި މަޝްރޫއުތަކަށް ބަލާ ނަމަ، ޔާމީންގެ ސަރުކާރުން ވެސް ތަރައްގީއަށް ކުރީ ބޮޑު ހޭދައެކެވެ. އަދި އާރުޓީއެލް ފަދަ ބޮޑެތި ފަސޭހަތަކެއް މި ސަރުކާރުން ވެސް އެ އަންނަނީ ދެމުންނެވެ.

ބަޖެޓްގެ ހިސާބުތައް ގަބޫލުނުކުރެވުނަސް، ދެ ސަރުކާރުން ކުރަން ކަނޑައެޅި މަސައްކަތްތައް ފެންނަން އޮތީ އެ އަދަދުތަކުންނެވެ. ރިޔާސީ އިންތިހާބުގެ އަހަރަށް ކުރިމަތިލާ އިރު، ޔަގީނުން ވެސް، އެ ހިސާބުތައް ކެމްޕޭންތަކުގައި ތަކުރާރުކުރާނެ އެވެ.

ކޮމެންޓް (10)

ސިކުނޑި

20 ނޮވެމްބަރު 2022
ދަރަނިވެރިވެގެން ގެންނަ ތަރައްގީއާއި ދެކޮޅަށް ވަކާލާތުކޮށްގެން މިވެރިކަންއައީ! ހަގީގަތުގައިވެސް އެވަރުގެ ތަރައްގީއެއް ބޭނުމެއްނޫން! އާންމު މީހަކު ލޯނު ނަގާއިރު ބޭންކްތަކުން ކޮލިފައިވޭތޯ ބަލާ! ދައުލަތެއްވީމާ ހިތުހުރިހާ ގޮތެއްތިހަދަނީ! ލޯނު ނަގައިގެން ލޯނުދައްކަން ހިސާބު ޖަހާ މީހުންނަށް ހަލާކުހުރި! އަންނަން އޮތް ޖީލުތަކުން ތި ތަރައްގީ ގަބޫލެއް ނުކުރާނެ!
0 0

ކަރުބުޑު

17 ނޮވެމްބަރު 2022
ރައީސް ޞާލިހަކީ ރާއްޖޭގެ ރައީސްކަމުގައި ވަކި އަތޮޅެއް ތަފާތެއް ކުރެއްވުމެއްނެތި ، މިހާތަނަށް އެންމެ ޚިދުމަތްތެރި ރައީސް. ކޯވިޑް 19 ނެތްނަމަ ރާއްޖެއޮންނާނީ ގާތްގަނޑަކަށް ސިންގަޕޫރު ފެންވަރުގަ. އެހެން ވިނަމަ އިދިކޮޅު ލީޑަރު އަމިއްލަފުޅަށް ޖަލަށް ވަންނަވާ ގޮތަށް ނިކުންނަވާކަށް ކަމެއް ނުކުރައްވާނެ. ސަބަބަކީ ލަދުފުޅުން. 5 އަހަރު ކުރެއްވުނު ކަންތައް ކުރެއްވުނުގޮތް ހިތްޕުޅަށްއަރާފަ.
1 3

މޫސަބެ

17 ނޮވެމްބަރު 2022
ކިހާވަރެއް ދީގެން ޖަހާފައިން އާރޓިކަލެއްބާ! ބުރިޖައްވެސް 530 މިލިއަން ރުފިޔާ ހަރަދު ކުރިއިރު އަދި ތަނބެއްވެސް ޖަހާނުލެވޭ.
5 0

ގަމަރު

17 ނޮވެމްބަރު 2022
ފައިސާގެ އަދަދުން ބޮޑީ، އެކަމަކު ތިޔަ އަދަދު ހޭދަކޮށްގެން ކުރި ކަމެއް ފެންނާކަށްނެތް. ޢަދަދުތައް ދިޔައީ ބޮނޑުންގެ ޖީބަށް.
7 0

ނަހުލާ

17 ނޮވެމްބަރު 2022
ވަރަށްވެސް ފުރިހަމަ ލިޔުމެއް! މޫސަގެ މިކަހަލަ މޮޅެތި އިންފޮމޭޓިވް ލިޔުންތައް މިކިޔާލަނީ ހަމަ ކިޔާ ހިތުން
3 4

ފަހުދު

17 ނޮވެމްބަރު 2022
ރައްޔިތުން އިނދަ ޖެއްސުމުގައި ވެސް އެންމެ ކުރީގައި އޮތީ
7 0

ރަފީ

17 ނޮވެމްބަރު 2022
ލޯނުގެ ގޮތުން ވެސް އެންމެ ކުރީ ސަފުގައި އޮތީ
6 0

ރަސްފާ

17 ނޮވެމްބަރު 2022
ތިކަން ރައްޔިތުންނަށް އަންގާ ދީބަލަ. ތިހެން ބުނެލާ އެއްޗަކުންނެއް ތި ކަމެއް ފާހަގައެއް ނުވެއޭ
2 0

ހަސަނު

17 ނޮވެމްބަރު 2022
އަދަދު ތަކުން ބަލާނަމަ ކުރީގައި އޮތީ އެކަމަކު ނިސްބަތުން ބަލާނަމަ؟ ނޫނީ އަމަލީ ގޮތުން ބަލާނަމަ؟
2 1

ޔާނު

17 ނޮވެމްބަރު 2022
އިބޫ ކިހާވަރެއް ދިނީ؟
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް