ރައީސް ސޯލިހް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު މޯދީއާ މިއަދު ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ-އިންޑިއާ

އިތުރު 2،000 ފްލެޓު އަޅަން އިންޑިއާއިން 119 މިލިއަން ޑޮލަރުގެ ލޯނު ދެނީ

މީގެ އިތުރުން، އިންޑިއާއިން ރާއްޖޭގައި ހިންގާ މަޝްރޫއުތައް އަވަސް ކުރުމަށް 100 މިލިއަން ޑޮލަރުގެ އިތުރު ލޯނެއް ދޭން ވެސް ވަނީ ނިންމާފައި
2 އޯގަސްޓު 2022

މާލެ ސަރަހައްދުގައި އިތުރު 2،000 ސޯޝަލް ހައުސިން ޔުނިޓު އަޅަން 119 މިލިއަން ޑޮލަރު (1.84 ބިލިއަން ރުފިޔާ)ގެ ލޯނެއް ދިނުމަށް، އިންޑިއާގެ އެގްޒިމް ބޭންކުން ހުއްދަ ދީފި އެވެ.

ވީ ކިހިނެއް؟ - އެކަން ހާމަކޮށްފައި ވަނީ އެގްޒިމް ބޭންކުގެ ލޯނުގެ ދަށުން ރާއްޖޭގައި ކުރިއަށް ގެންދާ އިންފްރާސްޓްރަކްޗާގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ، ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން އިންޑިއާގައި މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ.

ތަފްސީލް - އެ ރަސްމިއްޔާތުގައި، މިހާރު އިންޑިއާއަށް ވަޑައިގެން ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވާފަ އެވެ. އެ ބަޔާނުގައި މޯދީ ވިދާޅުވީ، ރައީސް ސޯލިހާ އެކު މިއަދު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި، އިންޑިއާގެ ލޯނުގެ ދަށުން މާލެ ސަރަހައްދުގައި މިހާރު ކުރިއަށްގެންދާ 4،000 ހައުސިން ޔުނިޓުގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ސާފުކުރެއްވި ކަމަށެވެ.

ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ މިއަދު ރަސްމީ މަޝްވަރާތައް ބާއްވަވަނީ. (ފޮޓޯ/ރައީސް އޮފީސް)

އެގްޒިމް ބޭންކުގެ ލޯނުގެ ދަށުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ދަނީ ސަރުކާރުން އަންދާޒާ ކޮށްފައިވާ ގޮތަށް ކަމަށް މޯދީ ވިދާޅުވި އެވެ.

އޭގެ އިތުރުން، މާލެ ސަރަހައްދުގައި އިތުރު 2،000 ހައުސިން ޔުނިޓު އަޅަން ބޭނުންވާ މާލީ އެހީތެރިކަން ދިނުމަށް އިންޑިއާއިން ނިންމާފައިވާކަން ވެސް މޯދީ ހާމަކުރެއްވި އެވެ. އަދި މިއަދު ދިވެހި ސަރުކާރާއި އެގްޒިމް ބޭންކާ ދެމެދު ވަނީ އެކަމާ ގުޅޭ 'ލެޓާ އޮފް އިންޓެންޓް' ބަދަލުކޮށްފަ އެވެ.

ރައީސް ސޯލިހު ވަނީ އިތުރު ހައުސިން ޔުނިޓު އެޅުމަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިނުމުން އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ މިއަދު ގުޅިފައިވާ ބަޔާނެއް ދެއްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ގުޅުންހުރި ކަމެއް - މޯދީ ވަނީ އިންޑިއާއިން ރާއްޖޭގައި ކުރިއަށް ގެންދާ އިންފްރާސްޓްރަކްޗާ މަޝްރޫއުތައް ނިންމުމަށް އިތުރު 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ)ގެ ލޯނެއް ދިނުމަށް ނިންމާފައިވާކަން ވެސް ހާމަކުރައްވައިފަ އެވެ.

ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފެށުމުގެ އިތުރުން، މިއަދުގެ ރަސްމިއްޔާތުގައި ވަނީ ދެ ގައުމުގެ ދެމެދުގައި ހަ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. 

  • 1-

    އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި (ޑަބްލިއުޑީސީތަކާއި) ކައުންސިލްތަކަށް ތަމްރީނުދިނުމުގެ އެމްއޯޔޫ - މި އެމްއޯޔޫގެ ދަށުން ޑަބްލިއުޑީސީތަކާއި ކައުންސިލްތައް ތަމްރީނުދީ އެ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރެވޭނެ

  • 2-

    ސައިބާ ސެކިއުރިޓީއާ ގުޅޭ އެމްއޯޔޫ - ސައިބާ ސެކިއުރިޓީއާ ގުޅޭ މައުލޫމާތު ދެ ގައުމުގެ ދެމެދު ބަދަލުކުރެވިގެންދާނެ

  • 3-

    ޕޮޓެންޝަލް ފިޝިން ފޯކާސްޓް ކެޕޭސިޓީ އިތުރުކުރުމާ ގުޅޭ އެމްއޯޔޫ: މަސްވެރިކަން ކުރެވޭނެ ސަރަހައްދުތައް ދެނެގަތުމުގެ ގާބިލުކަން އިތުރުކޮށް، މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރެވޭނެ

  • 4-

    ޑިޒާސްޓާ މެނޭޖްމެންޓާ ގުޅޭ އެމްއޯޔޫ - މި އެމްއޯޔޫގެ ދަށުން ކުރިމަތިވާ ކާރިސާތަކުގައި ކުއްލި ހާލަތުގައި ދިމާވާ ކަންކަން މެނޭޖުކުރުމުގެ ދާއިރާއިން ދެ ގައުމު ގުޅިގެން މަސައްކަތް ކުރާނެ

  • 5-

    ފުލުހުންގެ އުމްރަނީ ތަރައްގީއާ ގުޅޭ އެމްއޯޔޫ - ފުލުހުންނާއި އާއްމުންނާ ދެމެދު އޮތް ގުޅުން ބަދަހިވެ، މުޖުތަމައުގެ އަމާންކަން ދެމެހެއްޓުމަށް އެހީތެރިވެދޭނެ؛ މި މަޝްރޫއަށް އިންޑިއާއިން ވަނީ 41 މިލިއަން ޑޮލަރު (663.5 މިލިއަން ރުފިޔާ)ގެ ލޯނެއް ހަމަޖައްސައިދީފައި

  • 6-

    މާލެ ސަރަހައްދުގައި އިތުރު 2،000 ސޯޝަލް ހައުސިން ޔުނިޓު އެޅުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ އެމްއޯޔޫ - އިންޑިއާއިން 119 މިލިއަން ޑޮލަރު (1.84 ބިލިއަން ރުފިޔާ)ގެ ލޯނެއް ދިނުމަށް ވަނީ ހަމަޖެހިފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް