ހުތުބާއަށް އުނި އިތުރު ގެނައި މައްސަލައިގައި ސަސްޕެންޑު ކުރި މުހައްމަދު ރަޝީދު. (ފޮޓޯ/އައްޑޫ ލައިވް)

ރައީސް އޮފީސް

މުދިމު ސަސްޕެންޑް ކުރީ ހުތުބާއަށް އުނި އިތުރު ގެނައި ކަމަށް ބަލައިގެން

އޭނާ ސަސްޕެންޑުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު މީދޫ މަސްޖިދުލް މަޖްދުއްދީނުގައި އައްޑޫ ބަހުރުވައިން ހުތުބާ ކިޔާފައި ވަނިކޮށް
7 ސެޕްޓެމްބަރު 2022

އައްޑޫ މީދޫގައި ހުކުރު ކުރާ މުދިމަކު ސަސްޕެންޑުކުރީ އައްޑޫ ބަހުރުވައިން ހުތުބާ ކިޔުމަށް ވުރެ ބޮޑަށް، އިސްލާމިކް މިނިސްޓްރީން ފާސްކޮށްފައިވާ ހުތުބާއަށް އުނި އިތުރު ގެނައުމުގެ މައްސަލައެއްގެ ގޮތުގައި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ސަސްޕެންޑު ކޮށްފައި ވަނީ މީދޫގެ މުދިމެއް ކަމަށް މުހައްމަދު ރަޝީދު އެވެ. އޭނާ ސަސްޕެންޑުކޮށްފައި ވަނީ:

  • މިދިޔަ ހުކުރު ދުވަހު މީދޫ މަސްޖިދުލް މަޖްދުއްދީނުގައި އައްޑޫ ބަހުރުވައިން ހުކުރު ހުތުބާ ކިޔާފައި ވަނިކޮށް 

  • އޭނާ ސަސްޕެންޑުކުރީ އެ ބަހުރުވައިން ހުތުބާ ކިޔުމުން ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައި

ތަފްސީލް - ނަމަވެސް، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ފާސްކޮށްފައިވާ ގޮތާ ހިލާފަށް އައްޑޫ މީދޫގައި ހުކުރު ހުތުބާ ކީ މައްސަލައެއްގައި، އެ މައްސަލަ ބަލާ ނިމެންދެން އެ ހަތީބަށް ހުކުރު ކުރަން ނުޖައްސަން އައްޑޫގައި އޮންނަ ހުތުބާ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

ބުނީ ކީކޭ؟ - "އައްޑޫ ބަހުރުވައިން ހުތުބާ ކިޔުމުގެ މައްސަލައަކަށް ވުރެ ބޮޑަށް ހުތުބާ ކޮމިޓީން މި މައްސަލަ ބަލަނީ އޮންނަ އުސޫލާ ހިލާފަށް، ފާސްކޮށްފައިވާ ހުތުބާއަށް އުނި އިތުރު ގެނައި މައްސަލައެއްގެ ގޮތުގައި. އެއީ މަނާކަމެއް،" މިއުވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފާސްކޮށްފައިވާ ހުކުރު ހުތުބާއަށް ހަތީބުން އަމިއްލައަށް އުނި އިތުރު ގެންނަ ނަމަ، އެއިން ނިކުންނަ ނަތީޖާ ރަނގަޅު ނުވެދާނެ ކަމަށާއި އެ މައްސަލަ ނިންމުމަށް ފަހު އައްޑޫގައި އޮންނަ ހުތުބާ ކޮމިޓީގެ ރިޕޯޓް އިސްލާމިކް މިނިސްޓްރީއަށް މިއަދު ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.

މިނިސްޓްރީގެ ބަސް - އިސްލާމިކް މިނިސްޓްރީން ވެސް ބުނީ މުދިމަކު ސަސްޕެންޑު ކުރީ ހުތުބާ ކިޔުމުގެ އުސޫލާ ހިލާފުވެގެން އެ މައްސަލަ އިތުރަށް ބެލުމަށް ކަމަށެވެ.

ނަމަވެސް، ހުތުބާއަށް ގެނައި ބަދަލަކީ ކޮބައި ކަމެއް އެއްވެސް އިދާރާއަކުން ނުބުނެ އެވެ. އެ ބަދަލަކީ އައްޑޫ ބަހުރުވައިން ހުތުބާ ކިޔުންތޯ ނުވަތަ މިނިސްޓްރީން ދިން ހުތުބާގައިވާ އިބާރާތްތަކަށް ބަދަލު ގެނައުންތޯ އަދި ސާފެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް