ހުޅުމާލެ ފޭސް 2އަށް އަރާ ބުރިޖު ސަރަހައްދު: 18 ވަނަ މަޖިލީހުގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދޭ ގޮތަށް ހަދާފައިވާ ގަވައިދު ގެޒެޓް ކުރަން މިނިސްޓްރީއަށް އަންގަން ކޮމިޓީން ނިންމި ނިންމުމަށް މަޖިލީހުގެ ރުހުމެއް ނުލިބުނު (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ހުޅުމާލޭ އިމާރާތްތައް 10 ބުރިއަށް ހަދަން އަންގަން މަޖިލީހުގެ ރުހުމެއް ނުލިބުނު

ނިމިދިޔަ 18 ވަނަ މަޖިލީހުން ނިންމި ގޮތަށް ހުޅުމާލޭ އިމާރާތްތައް 10 ބުރިއަށް ހަދަން މިނިސްޓަރު އަސްލަމް ވަނީ ދެކޮޅު ހައްދަވާފައި

ހުޅުމާލޭގައި އާންމުންނަށް ދޫކޮށްފައިވާ ހުރިހާ ބިންތަކުގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް ނިމިދިޔަ 18 ވަނަ މަޖިލީހުގައި ހަދާފައިވާ ގަވައިދު ގެޒެޓް ކުރަން ނާންގަން ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

މައްސަލައިގެ ފެށުން - ހުޅުމާލޭގައި އާންމުންނަށް ދޫކޮށްފައިވާ ބިންތަކުގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތް ހަދަން ފަހިކޮށްދޭ 'ހުޅުމާލޭ ޕްލޭނިން އަދި އިމާރާތްކުރުމުގެ ގަވާއިދު' 18 ވަނަ މަޖިލީހުގައި ފާސްކުރީ 27 ނޮވެމްބަރު 2018ގަ އެވެ. ނަމަވެސް، މަޖިލީހުން ހެދި އެ ގަވައިދު އެ އޮތް ގޮތަށް ގެޒެޓު ކުރަން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ދެކޮޅުހައްދަވައި އެ ގަވާއިދު ގެޒެޓެއް ނުކުރައްވަ އެވެ. އެގޮތުން:

  • ޕްލޭނިން މިނިސްޓަރުގެ އިތުރުން އެޗްޑީސީން ވެސް ވަނީ މި ގަވައިދާ ދެކޮޅު ހަދާފައި  

  • މިނިސްޓްރީން ސަބަބެއް ކަމަށް ބުނަނީ ހުޅުމާލެއަކީ ރޭވިގެން ތަރައްގީކުރަމުން އަންނަ ސިޓީއަކަށް ވާތީ، ކުއްލިއަކަށް ގެތައް ހިއްލަން ފުރުސަތު ދީފި ނަމަ އާބާދީ އިތުރުވެ، އިންފްރާސްޓްރަކްޗާއަށް ނުކަތާނެކަމުގެ ބިރު އޮތުން

ވީ ކިހިނެއް؟ - މަޖިލީހުގެ ގަވައިދު ކޮމިޓީން އަނެއްކާވެސް އެ ގަވައިދު ގެޒެޓްކުރުމަށް މިނިސްޓްރީއަށް އަންގަން މި މަހުގެ 10 ވަނަ ދުވަހު ވަނީ ފާސްކޮށްފަ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ގަވައިދަށް އަމަލުކުރަން އެންގުމަށް ނިންމި ކޮމިޓީގެ ރިޕޯޓް ތަޅުމަށް ހުށަހަޅާފަ އެވެ.

  • އިތުރަށް ކިޔާލަން: ހުޅުމާލޭ ގެތައް 10 ބުރިއަށް ހެދޭ ގަވާއިދު ގެެޒެޓުކުރަން އަންގަން ކޮމިޓީން ފާސްކުރުން

ތަފްސީލު - މަޖިލީހުގެ ޖަލްސާގައި އެ ރިޕޯޓަށް ވޯޓަށް އެހުމުން 40 މެންބަރުން ވޯޓު ދެއްވީ ކޮމިޓީގެ ނިންމުމާ ދެކޮޅަށެވެ. އަދި 19 މެންބަރުން އެ ނިންމުމަށް ތާއީދު ކުރި އެވެ.

އެހެން ކަމުން، ހުޅުމާލޭ އިމާރާތްތައް 10 ބުރިއަށް ހަދަން އަންގަން މަޖިލީހުގެ ރުހުމެއް ނުލިބުނެވެ.

ކޮމިޓީން ނިންމުގައި ބުނެފައިވަނީ، ޕްލޭނިން މިނިސްޓްރީ އާއި އެޗްޑީސީން ގަވާއިދަށް ނުރުހުނު ނަމަވެސް، މަޖިލީހުގެ ގަވައިދު ކޮމިޓީން މައްސަލަ ބެލުމަށް ފަހު ނިންމީ ގަވާއިދު ގެޒެޓްނުކޮށް ބޭއްވުމަކީ މިނިސްޓަރަށް ލިބޭ އިހުތިޔާރެއް ނޫން ކަމަށެވެ. އެހެންވެ، މަޖިލީހުން ރިޕޯޓު ފާސްކުރާތާ ހަތް ދުވަހުގެ ތެރޭގައި ގަވާއިދު ގެޒެޓުކުރަން ރައީސް އޮފީހަށް ފޮނުވަން މިނިސްޓްރީއަށް އަންގަން ކޮމިޓީން ފާސްކުރި އެވެ.

ގަވާއިދު ކޮމިޓީގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވާހަކަދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

މި މައްސަލައިގައި މަޖިލީހުގެ ނިންމުމަށް މިނިސްޓަރު އަސްލަމް އަމަލު ނުކުރައްވާތީވެ، އެކަމާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިނިސްޓަރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އަދި މިކަމުގައި މިނިސްޓަރު ގާނޫނާ ހިލާފުވެފައިވާ ކަމަށް ވިދާޅުވެ، ފިޔަވަޅު އެޅުމަށްވެސް އެމަނިކުފާނު ބާރު އެޅުއްވި އެވެ.

ފަސް މަންޒަރު - ހުޅުމާލޭގައި އިމާރާތްކުރުމުގެ ކަންކަމުގައި މިހާރު އަމަލުކުރަމުންދަނީ އެޗްޑީސީން 2015ގައި ގެޒެޓުކޮށްފައިވާ ގަވައިދަކަށެވެ. އެ ގަވައިދުގައި އޮންނަ ގޮތުން ހުޅުމާލޭގައި އާންމުންގެ ގެތައް އެންމެ އުސްކޮށް ވެސް އިމާރާތް ކުރެވެނީ ހަ ބުރިއަށެވެ.

ކޮމެންޓް (3)

ރައްޔިތު މީހާ

22 ނޮވެމްބަރު 2022
ވިޔަފާރިވެރިންގެ ޖީބަށް އެރި މެންބަރުން ތިބެންޏާ ތަކަހަލަ ކިތަންމެ އެންގުމެއް އަންގަން އުޅޭނެ. ތިއީ ރައްޔިތުންގެ ބަންދޫބުންނެއް ނޫން، މަހުޖަނުންގެ މަންދޫބުން. ވ. ސަލާމް
2 1

ނަމޫނާ

22 ނޮވެމްބަރު 2022
ނަސީބެއް. ދޭނެ ކަމެއް ނެތޭ. ހަމަ ހިތަށް އެރި އަދަދަކަށް އިމާރާތްތައް ހަދަން ޖެހޭތަ ބަލަގަ
2 2

ފާއިޒް

22 ނޮވެމްބަރު 2022
ދިހައެއް ނޫން. އައްޑިހަ ބުރިއަށް ހަދާބަލަ. އެ ކަހަލަ ކޮސް ވާހަކަ ދައްކާނެ. މިހަރު ވެސް މި މާލޭގެ ފަރުތައް ހަލާކު ވަނީ މިތާ ބޮޑު އިމާރާތް ފުންޏެއް ޖަހައިގެން
2 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް