ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ރަޝިޔާގެ ރައީސް ވެލްޑިމިއާ ޕޫޓިން ރަޝިޔާގެ ވެރި ރަށް މޮސްކޯގައި ބައްދަލުވެ ސަލާމް ކުރައްވަނީ -- ފައިލް ފޮޓޯ/ ކްރެމިލިން ޕްރެސް އޮފީސް

ޗައިނާ

ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަމަށް ސަޕޯޓް ދޭނެ ކަމަށް ޗައިނާއިން ބުނެފި

މިއީ ރަޝިޔާއިން ޔޫކުރެއިނަށް 24 ފެބްރުއަރީގައި އެރިފަހުން އެ ދެ ބޭފުޅުން ފޯނުން ވާހަކަ ދެއްކެވި ދެ ވަނަ ފަހަރު

ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް، ރަޝިޔާއާ އެކު ދެމި އޮންނާނެ ކަމުގެ ޔަގީންކަން ޗައިނާގެ ރައީސް ޝީ ޖިންޕިން ދެއްވައިފި އެވެ. ޗައިނާގެ ރައީސް އެ ކަށަވަރުކަން ދެއްވީ ބުދަ ދުވަހު ރަޝިޔާގެ ރައީސް ވެލެޑިމިއާ ޕޫޓިން އަށް ފޯން ގުޅުއްވައި ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ކަމަށް ރަޝިޔަން ޓީވީން ބުންޏެވެ.

ޗައިނާގެ ރައީސް ވިދާޅުވީ ދެ ގައުމުގެ އެންމެ ފުނުގެ މަސްލަހަތާ ގުޅިފައިވާ ކަންކަމުގައި ޗައިނާ އޮންނާނީ ރަޝިޔާއާ އެކު ކަމަށެވެ. އޭގެ ތެރޭގައި ދެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ މުހިންމު އަދި ޗައިނާއިން އެންމެ އިސްކަން ދޭނެ ކަން ކަމަށް ޝީ ވިދާޅުވި އެވެ. އަދި ޝީ ވިދާޅުވީ ބައިނަލްއަގުވާމީ މައިދާނުގައި ދުރުރާސްތާގެ ވިސްމުނުމާ އެކު ދެ ގައުމަށް ފައިދާ ހުރި ކަންކަމުގައި ގުޅުންތައް ދަމަހައްޓައި، އެ ގުޅުންތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. އެއާ އެކު އދ.ގަޔާއި ބްރިކްސްގައި ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާ ކަމަށެވެ.

އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ޗައިނާގެ ބުޑުގައި އޮތް ތައިވާނަށް ހަތިޔާރާއި އެ ނޫން ވެސް އަސްކަރީ އާލަތްތައް ފޯރުކޮށްދީ ބާރުވެރި ކުރުވުމަށް ކުރާ މަސައްކަތްތަކަށް ޗައިނާއިން ދެކޮޅު ހަދަ އެވެ. ހަމަ އެއާ އެކު ޔޫކުރެއިން ބާރުވެރި ކުރުމަށް ހުޅަނގާއި އެމެރިކާއިން ހަތިޔާރު ފޯރުކޮށްދީ ހިންގާ ހަރަކާތްތަކަށް ރަޝިޔާ އާއި ޗައިނާއިން ދެކޮޅެވެ.

ޗައިނާގެ ރައީސްގެ ފޯން ކޯލް ދިމާވީ ޝީގެ 69 ވަނަ އުފަން ދުވަހާ ވެސްމެ އެވެ. އަދި ދެ ބޭފުޅުން ފާހަގަ ކުރެއްވީ  އެ ދެބޭފުޅުންގެ ވެރިކަމުގައި ދެ ގައުމުގެ ގުޅުން ދުވަހަކު ވެސް ނުދާވަރަށް ކުރިއަށް ގޮސްފައިވާ ކަމަށެވެ.

ޕޫޓިން ވިދާޅުވީ ޗައިނާގެ އެއްވެސް ތަނަކަށް ބޭރުގެ ފަރަތާތަކުން ނުފޫޒު ފޯރުވުމަށް ހިންގާ ކޮންމެ ކަމަކަށް ރަޝިޔާ ދެކޮޅުވާނެ ކަމަށެވެ. އޭގެ ތެރޭގައި ޝިންޖިއާންގް އާއި ހޮންކޮންގް އަދި ތައިވާން ހިމެނޭ ކަމަށެވެ.

ޔޫކުރެއިން ހަނގުރާމައާ ބެހޭ ގޮތުން ޝީ ވިދާޅުވީ އެކަމުގައި ޗައިނާއިން ގަބޫލު ކުރާ ގޮތަކީ ދެ ފަރާތުން ވާހަކަ ދައްކައިގެން ސުލްހަވެރި ހައްލެއް ހޯދުން ކަމަށެވެ. އަދި ޗައިނާގެ ލީޑާޝިޕް އޮތީ އެކަމަށް މަގުފަހިކޮށްދިނުމަށް ކޮއްދެން ޖެހޭ ކޮންމެ ކަމެއް ކޮށްދިނުމަށް ތައްޔާރަށް ކަމަށެވެ.

މިއީ ރަޝިޔާއިން ޔޫކުރެއިނަށް 24 ފެބްރުއަރީގައި އެރިފަހުން އެ ދެ ބޭފުޅުން ފޯނުން ވާހަކަ ދެއްކެވި ދެ ވަނަ ފަހަރެވެ.

އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ، ޔޫރަޕްގެ ގައުމުތައް، ޖަޕާން، އޮސްޓްރޭލިއާ އަދި އެ ނޫން ބައެއް ގައުމުތަކާ ހިލާފަށް، ރަޝިޔާއިން ޔޫކުރެއިނަށް އެރުމަކުން، ޗައިނާއަކުން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. ޗައިނާއިން އަބަދު ވެސް ބުނަމުން އަންނަނީ ސުލްހަ އިސްކުރުމަށެވެ. އަދި ބުނީ ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ގޮތުން ރަޝިޔާއިން ދެކޭ ގޮތް ގަބޫލު ކުރާ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށެވެ. އަދި ހުޅަނގާއި އެމެރިކާއިން ޔޫކުރެއިނަށް ހަތިޔާރު ސަޕްލައި ކުރުމާ ދެކޮޅު ކަމަށެވެ.

ރަޝިޔާއިން ޔޫކުރެއިނަށް އެރި މައްސަލަ ކުށްވެރިކޮށް އދ.ގެ ސިކިއުރިޓީ ކައުންސިލުން ނެގި ވޯޓުގައި ޗައިނާއިން އެއްވެސް ކޮޅަކަށް ވޯޓެއް ނުދެ އެވެ.

އެމެރިކާއިން އަންނަނީ ހުޅުނގުގެ ގައުމުތަކެކޭ އެއް މަގުން ހިނގުމަށް ޗައިނާއަށް ޕްރެޝަރު ކުރަމުންނެވެ. އެހެން ނަމަވެސް ރަޝިޔާއާ ދެކޮޅަށް އެއްވެސް ހަރުކަށި ފިޔަވަޅެއް އެޅުމަށް ޗައިނާއިން އަންނަނީ ދެކޮޅު ހަދަމުންނެވެ. އަދި އެއާ ހިލާފަށް ޗައިނާއިިން ބުނަނީ ރަޝިޔާއަކީ "ސްޓްރެޓިޖިކް ޕާޓުނާ"އެއް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް