އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ސޯލިހު މިރޭ އައްޑޫގައި ބޭއްވި ޖަލްސާގައި އައްޑޫގެ މޭޔަރާ އެކު. (ފޮޓޯ/ރައީސް ސޯލިހުގެ ކެމްޕެއިން ޓީމު)

އެމްޑީޕީ ތަމްސީލުކުރާ ރައީސަކަށް ޕްރައިމަރީއަކާ ނުލާ ޓިކެޓު ދޭން ހުށަހަޅާނަން: ނިޒާރު

އީސް ސޯލިހާއި ނަޝީދާ ދެ ބޭފުޅުންގެ މެދުގައި އުފެދިފައިވާ ވާދަވެރިކަމަށް އިޝާރާތްކުރައްވަމުން އޭނާ އެކަން ސިފަކުރެއްވީ ވެސް "ފިތުނައެއް"ގެ ގޮތުގައި
26 ޖެނުއަރީ 2023

އެމްޑީޕީގެ ފަރާތުން އޭރަކު ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ދެ ވަނަ ދައުރަކަށް އެ ޕާޓީގެ ރިޔާސީ ޓިކެޓު ޕްރައިމަރީއަކާ ނުލާ ލިބޭނެ ގޮތް ހަދަން އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވާނެ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ނިޒާރު އެ ގޮތަށް ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން މިރޭ އައްޑޫ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. 

އެނގުން މުހިއްމު - އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. ދެ ބޭފުޅުން ގެންދަވަނީ ވާދަވެރިކަމާއި ފޯރިއާ އެކު ކެމްޕޭނުކުރައްވަމުންނެވެ. ނަޝީދުގެ ކެމްޕެއިން ނިންމާލުމުގެ ޖަލްސާ ބޭއްވީ މިރޭ މާލޭ އާޓިފިޝަލް ބީޗުގަ އެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ސޯލިހު އައްޑޫގައި މިރޭ ބޭއްވި ޖަލްސާގައި އައްޑޫގެ މޭޔަރު ނިޒާރު ވާހަކަދައްވަނީ. (ފޮޓޯ/ރައީސް ސޯލިހުގެ ކެމްޕެއިން ޓީމު)

ބުނީ ކީކޭ؟ - އެ ޖަލްސާގައި ވާހަހަކަދައްކަވަމުން ނިޒާރު ވިދާޅުވީ ޕާޓީގެ ހިންގުމަށާއި އުސޫލުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން، ޕާޓީގެ ފަރާތުން ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ޕްރައިމަރީއަކާ ނުލާ ދެ ވަނަ ދައުރަކަށް ކުރިމަތިލެވޭ ގޮތަށް ޕާޓީގެ ޓިކެޓު ލިބޭ ގޮތް ހެދުމަކީ ބޭނުންތެރިކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސަކަށް ހުންނަވާ ބޭފުޅަކަށް ޕްރަިއމަރީއަކާ ނުލާ ޕާޓީގެ ޓިކެޓު ލިބޭ ގޮތް ހެދުން މުހިންމުވާ ސަބަބަބެއްގެ ގޮތުގައި ނިޒާރު ވިދާޅުވީ، ޕާޓީގެ އެތެރޭގައި އުފެދޭ ވާދަވެރިކަން ކުޑަކުރުމަށެވެ. ރައީސް ސޯލިހާއި ނަޝީދާ ދެ ބޭފުޅުންގެ މެދުގައި އުފެދިފައިވާ ވާދަވެރިކަމަށް އިޝާރާތްކުރައްވަމުން އޭނާ އެކަން ސިފަކުރެއްވީ ވެސް "ފިތުނައެއް"ގެ ގޮތުގަ އެވެ. 

"މި ގޮތަށް ޕާޓީގެ ތެރޭގައި ބޭކާރު ވާދަވެރިކަން، ފިތުނަވެރިކަމެއްގެ ތެރޭގައި ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ނުދެކެން. މި ބަދަލު ގެންނަން ދެން އަންނަ ކޮންގްރެސްގައި ހުށަހަޅާނަން،" ނިޒާރު ވިދާޅުވި އެވެ.

ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ސޯލިހު މިރޭ އައްޑޫގައި ބޭއްވި ޖަލްސާގެ ތެރެއިން. (ފޮޓޯ/ރައީސް ސޯލިހުގެ ކެމްޕެއިން ޓީމު)

އެނގުން މުހިއްމު - އެމްޑީޕީގެ އަސާސީ ގަވައިދުގައި މިހާރު އޮތް ގޮތުން، ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރާ ކެންޑިޑޭޓަކު ހޮވަން ޖެހޭނީ ޕާޓީގެ މެންބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީއަކުންނެވެ.   

ރައީސް ސޯލިހަށް ތާއީދުކުރައްވާ ބައެއް ބޭފުޅުން ވަނީ މީގެ ކުރިން ވެސް ރައީސް ސޯލިހަށް ޕްރައިމަރީއަކާ ނުލާ ޕާޓީގެ ޓިކެޓު ލިބޭ ގޮތް ހަދަން ތާއީދުކުރާ މޭރުމުން ވާހަކަދައްކަވާފަ އެވެ. އެގޮތުން، ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް ސޯލިހާ އެކު ނ. ކެނދިކުޅުދުއަށް ވަޑައިގެން އެ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވީ:

  • ޑިމޮކްރަޓިކް މުޖުތަމައުތަކުގައި، ރައީސަކަށް ހުންނަވާ ބޭފުޅަކަށް ދެ ދައުރަށް ވެރިކަން ކުރެވޭ ކަމަށް

  • ފަސް އަހަރުގެ ދައުރަކީ އިހްލާސްތެރި ވެރިއަކު ލިބިއްޖެ ހާލަތެއްގައި "އެ ވެރިމީހާ ރައްޔިތުންނަށްޓަކާ، ގައުމަށް ގެންނަން ބޭނުންވާ އިހުލާސްތެރި ބަދަލުތަކަށް އެކަށީގެންވާ ވަރަށް ވުރެ ކުރު މުއްދަތެއް" ކަމަށް ޑިމޮކްރަޓިކް މުޖުތަމައުތައް ގަބޫލުކުރޭ

.

އިތުރު އާޓިކަލް

އިތުރު އާޓިކަލް