އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ސޯލިހުގެ ކެމްޕޭނަށް ނ. ކެނދިކުޅުދޫގައި ބޭއްވި ޖަލްސާ. (ފޮޓޯ/ ރައީސް ސޯލިހުގެ ކެމްޕޭނު ޓީމު)

ޓްރަމްޕަށް ވެސް ޕްރައިމަރީއަކާ ނުލާ ޓިކެޓު ދިން؛ އެމްޑީޕީއަށް ވީ އެހެން ގޮތެއް: އީސަ

ރައީސް ސޯލިހް ނޫނީ އެމްޑީޕީއަށް ދެވަނަ ދައުރެއް ހޯދައިދެވޭ ވަރުގެ ބޭފުޅަކު އެ ޕާޓީގައި ނެތް ކަމަށް ވެސް އީސަ ވިދާޅުވި

ނ. ކެނދިކުޅުދޫ - ފަހުގެ ތާރީހެއްގައި އެންމެ ގިނަ ފާޑުކިޔުންތައް އަމާޒުވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވެސް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް އޭނާ ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީން ޕްރައިމަރީއަކާ ނުލާ ޓިކެޓު ދޫކޮށްލި ނަމަވެސް، އެމްޑީޕީގެ ތެރެއިން ދިމާވެގެން އުޅެނީ މުޅިން އެހެން ގޮތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މި މަހުގެ 28ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުތުރުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ފުރަތަމަ ވަޑައިގެންނެވީ ނ. ކެނދިކުޅުދު އަށެވެ. ކެނދިކުޅުދޫ ދާއިރާގެ އެހެން ރަށްރަށް ކަމަށްވާ ކުޑަފަރި، މާޅެންދޫ އަދި ހެބަނދޫން ވެސް ރައީސްއާ ބައްދަލުކުރުމަށް ކެނދިކުޅުދުއަށް މީހުން އައިސްފައިވެ އެވެ.

އެއްވެ ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުންނާ ސަލާމްކުރެއްވުމަށް ފަހު، އެ ރަށުގެ ބަނދަރު ސަރަހައްދުގައި ހަދާފައިވާ އެމްޑީޕީ ހަރުގޭގައި ކެނދިކުޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހުގެ އިތުރުން އެ މަނިކުފާނާ އެކު ވަޑައިގެންނެވި ބައެއް އަރިސް ބޭފުޅުން ވާހަކަ ދެއްކެވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ސޯލިހުގެ ކެމްޕޭނަށް ނ. ކެނދިކުޅުދޫގައި ބޭއްވި ޖަލްސާ. (ފޮޓޯ/ ރައީސް ސޯލިހުގެ ކެމްޕޭނު ޓީމު)
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ސޯލިހުގެ ކެމްޕޭނަށް ނ. ކެނދިކުޅުދޫގައި ބޭއްވި ޖަލްސާ. (ފޮޓޯ/ ރައީސް ސޯލިހުގެ ކެމްޕޭނު ޓީމު)

ބުނީ ކީކޭ؟ - މި ދާއިރާގެ މެމްބަރު އީސަގެ ވާހަކަައިގައި ފާހަގަކުރެއްވި ގޮތުގައި، ޕާޓީގެ ޓިކެޓުގައި ރައީސް ކަމަށް ހޮވިވަޑައިގެންފައި ވާނަމަ ރިޔާސީ ދެވަނަ ދައުރަކަށް ޕްރައިމަރީއަކާ ނުލާ ޓިކެޓު ދިނުމަކީ ލިޔެފައި ނެތް ނަމަވެސް އާންމު އުސޫލެކެވެ.

އޭނާ ވިދާޅުވީ:

  • ޑިމޮކްރަޓިކް މުޖުތަމައުތަކުގައި ހަދާފައިވާ ގާނޫނުތަކަށް ބަލާއިރު ގިނަ ގައުމުތަކުގެ ގާނޫނުއަސާސީގައި ވަނީ ދެ ދައުރު ވެރިކަން ކުރެވޭނެ ކަމަށް ކަނޑައަޅާފައި

  • ސަބަބަކީ ފަސް އަހަރުގެ ދައުރަކީ އިހްލާސްތެރި ވެރިއަކު ލިބިއްޖެ ހާލަތެއްގައި "އެ ވެރިމީހާ ރައްޔިތުންނަށްޓަކާ، ގައުމަށް ގެންނަން ބޭނުންވާ އިހުލާސްތެރި ބަދަލުތަކަށް އެކަށީގެންވާ ވަރަށް ވުރެ ކުރު މުއްދަތެއް ކަމަށް ޑިމޮކްރަޓިކް މުޖުތަމައުތައް ގަބޫލުކުރާތީ"

"އެމެރިކާގެ ހަޔާތުގައި އެންމެ ދޯދިޔާ ވެރިޔަކީ، އެންމެ ގޮތެއް ނެތި ވެރިކަން ކުރި ވެރިޔަކީ، ވަރަށް ގިނަ ބޭފުޅުން ވިދާޅުވޭ ޑޮނަލްޑް ޓްރަމްޕޭ. އެ ބޭފުޅާ ނިސްބަތްވާ ޕާޓީން ވެސް ރިޔާސީ ޕްރައިމަރީއަށް އިތުރު ކެންޑިޑޭޓަކު ނުނެރޭ އެ ބޭފުޅާއާ ވާދަކުރަން ވެސް އެންމެ ފަހުން ބޭއްވި އިންތިހާބުގައި،" އީސަ ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ސޯލިހުގެ ކެމްޕޭނަށް ނ. ކެނދިކުޅުދޫގައި ބޭއްވި ޖަލްސާ. (ފޮޓޯ/ ރައީސް ސޯލިހުގެ ކެމްޕޭނު ޓީމު)

ނަމަވެސް، އެމްޑީޕީގެ ތެރޭގައި ދިމާވެގެން އުޅެނީ ތަފާތު ގޮތެއް ކަމަށް ވިދާޅުވެ، އީސަ ވިދާޅުވީ "އަޅުގަނޑުމެންގެ ޕާޓީއަށް ވެރިކަމުގެ ދެވަނަ ދައުރެއް ބޭނުންވާ ކަމަށް ވަންޏާ އަޅުގަނޑުމެންގެ ތެރެއަކު ނެތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނޫނިއްޔާ ދެވަނަ ދައުރެއް ހޯދައިދެވޭ ވަރު"ގެ ކެންޑިޑޭޓަކު ނެތް ކަމަށެވެ.

އީސަގެ ވާހަކައިގައި ރައީސް ސޯލިހުގެ ވެރިކަން ސިފަކުރައްވަން ބޭނުންކުރެއްވީ، ކުކުޅާއި ވެލާކަހަނބުގެ ބިސް އެޅުމާ ގުޅޭ ގޮތުން ކިޔާ އުޅޭ ވާހަކަ އެކެވެ.

"ކުކުޅު އެންމެ ބިހެއް އަޅާފައި ހިސާބުގަނޑު އެންމެންނަށް އުނދަގޫވާ ވަރަށް އެތައް އިރެއް ވަންދެން ހަޅޭފަޅޭއް ލަވަން ފެށީމައި ވެލާ އޮވެފައި ބުނެޔޯ، ކިހާ ބޮޑު އުނދަގުލެއްހޭ، އެންމެ ބިހެއް އެޅިގެންހޭ ތި ހަޅޭއްލަވަނީ، ތިމަންނާ އެބަ އަޅަމޭ އަޅާ ކޮންމެ ފަހަރަކު 100، 150، ކުކުރާނުލާ،" އޭނާ ވިދާޅުވި އެވެ.

އީސަ ވިދާޅުވީ، އޭނާގެ ނަޒަރުގައި، ރައްޔިތުން ގުނަން ޖެހޭނީ "އަޅާފައި ހުރި ބިހާއި އަޅަމުންދާ ބިހު"ގެ އަދަދެވެ. އެ ތަރައްގީ ރައީސް ސޯލިހު ރައްޔިތުންނަށް ހޯދައިދެއްވާފައިވާ ކަމަށް އީސަ ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ސޯލިހުގެ ކެމްޕޭނަށް ނ. ކެނދިކުޅުދޫގައި ބޭއްވި ޖަލްސާ. (ފޮޓޯ/ ރައީސް ސޯލިހުގެ ކެމްޕޭނު ޓީމު)

އެނގުން މުހިއްމު - ކެނދިކުޅުދޫގައި ދެއްކެވި ވާހަކަފުޅުގައި އެ ރަށުގައި ނިމިފައިވާ މަސައްކަތްތަކާއި ކުރިއަށް ހުރި ބޮޑެތި މަޝްރޫއުތަކުގެ ވާހަކަ ރައީސް ސޯލިހު ދެއްކެވި އެވެ. އެގޮތުން، އެންމެ ބޮޑު މަޝްރޫއުއަކަށް އެ ރަށުގައި ހޮސްޕިޓަލެއް އަޅަން ކޮންޓްރެކްޓަރާ އެކު މިހާރު ސޮއިކޮށްފައި ވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

އެކި ރަށްރަށުން ކެނދިކުޅުދުއަށް އައި ޕާޓީގެ މެމްބަރުންނާ ހަރުގޭގައި ބައްދަލުކުރައްވައި އެ މީހުންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް ވެސް ރައީސް އަޑު އެއްސެވި އެވެ.

ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް އެ އަތޮޅު މަނަދު އަށާއި ވެލިދުއަށް މިއަދު ޒިޔާރަތްކުރައްވާނެ އެވެ. ވެލިދޫގައި މިރޭ ހާއްސަ ޖަލްސާއެއް ބާއްވަން ވެސް ހަމަޖެހިފައިވެ އެވެ.

ކޮމެންޓް (1)

ފދސތ.

7 ޖެނުއަރީ 2023
އެއްބުރުން އަންނި. އީސަމެން ދުނިޔޭގެ މާއްދީ އެދުމަށް ފެންބޮވައިގެންފައިވާ މިންވަރު މި ފެންނަނީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް