ޓާކިޝް އެއާލައިންގެ މަތިންދާ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭގައި. (ދައުރު ފޮޓޯ/އަލީ ރަފީގް)

ފިތުރު އީދު 2022

ޗުއްޓީއަށް ތުރުކީ އާއި ދުބާއީއަށް؛ ވިޔަފާރިކޮށްލަން މެލޭޝިއާއަށް

އިންޓަނޭޝަނަލް ފްލައިޓްތަކުގެ އިތުރުން، އެތެރޭގެ އުދުހުންތަކާއި ރަށްރަށަށް ދަތުރުކުރާ ލޯންޗު ފެރީތަކަށް ވެސް މި ދުވަސްވަރު ބާރުބޮޑު

ދެ އީދު ބަންދަކީ އަބަދު ވެސް ދަތުރުފަތުރު ކުރުން އިތުރުވެ، އެތެރެ އާއި ބޭރުގެ އުދުހުންތަކަށް ބާރުބޮޑުވާ ދުވަސްވަރެކެވެ. މިއަދު ފާހަގަކުރާ ފިތުރު އީދާއި ހަފްތާ ބަންދުތަކާ އެކު މި އީދުގެ ޗުއްޓީއަށް ޖުމްލަ ނުވަ ދުވަސް ލިބޭއިރު، މި ފަހަރު ވެސް ކަން އޮތީ ހަމަ އެ ގޮތަށެވެ.

ކުޑަ އީދު ބަންދަށް އެތައް ހާސް ދިވެހިން ވެރިކަން ކުރާ މާލެއިން ފުރައިގެން ކައިރި ރަށްރަށަށް ވަނީ ގޮސްފަ އެވެ. ރާއްޖެއިން ބޭރަށް ފުރި މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ.

ގިނަ ދިވެހިން ދިޔައީ ތުރުކީ އާއި ދުބާއީއަށް

ދިވެހި ޓްރެވަލް އެޖެންސީތަކުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، އަދިވެސް ގިނަ ދިވެހިންނަށް ޗުއްޓީ ހޭދަކޮށްލަން ދާން އެންމެ ކަމުދަނީ ތުރުކީ އެވެ. އެއަށް ފަހު ދުބާއީ އެވެ. މިކަން މިހެން އޮންނަތާ ދުވަސްތަކެއް ވެފައި ވާއިރު، ކުޑަ އީދު ބަންދުގައި ވެސް ދިވެހިންގެ މި ޓްރެންޑަށް ބަދަލެއް އައިސްފައެއް ނުވެ އެވެ.

އީދު ބަންދާ ދިމާކޮށް މި މަންޒިލްތަކަށް ދާން ހެޔޮ އަގުގައި ޓިކެޓު ލިބޭ ޕްރޮމޯޝަންތަކެއް ވެސް ޓްރެވަލް އެޖެންސީތަކުން ވަނީ ފަށާފަ އެވެ. ޓާކިޝް އެއާލައިންގެ ރާއްޖޭގެ ޖެނެރަލް ސާވިސް އެޖެންޓު (ޖީއެސްއޭ) އެކްސްޕެޑައިޓް މޯލްޑިވްސްއިން ވެސް ވަނީ ހެޔޮ އަގުތަކެއް ލިބޭ ޕްރޮމޯޝަނެއް މި ދުވަސްވަރާ ދިމާކޮށް ފަށާފަ އެވެ.

އީދު ބަންދަށް މާލެއިން މީހުން އެކި ރަށްރަށަށް ފުރަނީ: ލޯންޗު ފެރީތަކަށް ވެސް ބާރުބޮޑު. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
އީދު ބަންދަށް މާލެއިން މީހުން އެކި ރަށްރަށަށް ފުރަނީ: ލޯންޗު ފެރީތަކަށް ވެސް ބާރުބޮޑު. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެ ކުންފުނީގެ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވީ އެއީ މި މަހުން ފެށިގެން ޖޫންގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ. އެ ޕްރޮމޯޝަންގެ ދަށުން މިދިޔަ މަހުގެ ފަހު ހަފުތާއާ ހަމައަށް އައިއިރު އެކަނި ވެސް 115 ދިވެއްސަކު ވަނީ ތުރުކީއަށް ދާން ޓިކެޓު ބުކްކޮށްފަ އެވެ. އޭގެ ތެރެއިން 112 ދިވެއްސަކަށް ޓިކެޓު ވަނީ ދޫކޮށްފަ އެވެ.

"އިޝޫ ކުރި ޓިކެޓުތަކުގެ ތެރެއިން 69 ޓިކެޓު އެއީ ސީދާ އީދު ބަންދާ ދިމާކޮށް ހަދާފައި ހުރި ބުކިންތައް،" އެ އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ އެއް ޓްރެވަލް އެޖެންސީ، އޭސް ޓްރެވަލްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވެސް 'ދައުރު'އަށް ވިދާޅުވީ މި ދުވަސްވަރު އެންމެ ގިނަ ދިވެހިން ބޭރަށް ފުރަނީ ތުރުކީ އާއި ދުބާއީއަށް ކަމަށެވެ.

ދުބާއީއަށް ފަތުރުވެރިން އުފުލާ އެމިރޭޓްސްގެ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. (ފޮޓޯ/އެމްއޭސީއެލް)

ވިޔަފާރިކޮށްލައި އާއިލާއާ ބައްދަލުވެލަން މެލޭޝިއާއަށް

ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ އެޖެންޓުކަން ވެސް ކުރާ ކުންފުނީގެ ވެރިޔާ ފިރާގު ވިދާޅުވި ގޮތުގައި މި ދުވަސްވަރު ވަރަށް ގިނަ ދިވެހިން މެލޭޝިއާއަށް ވެސް އެބަ ދަތުރުކުރެ އެވެ. އެކަމަކު އެއީ ޗުއްޓީ ހޭދަކޮށްލުމުގެ ބަދަލުގައި ވިޔަފާރިކޮށްލަން ކުރާ ދަތުރުތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"[ދިވެހި] އާއިލާތައް އެކޮޅުގައި އުޅޭތީއާ ވެސް އެއްކޮށް މެލޭޝިއާއަށް ވަރަށް ބާރުބޮޑުކޮށް އުޅެނީ،" ފިރާގު ވިދާޅުވި އެވެ.

"އީދު ބަންދު ދުވަސްވަރު ފްލައިޓްތައް ވެސް ހަމަ މުޅިން ފުލްކޮށް އޮތީ. އިތުރަށް ކެޕޭސިޓީ ހޯދަން ފްލައިޓްތަކުގެ ޖާގަ ބޮޑު ކުރުމާއި ކުރިން އޮޕަރޭޓު ކުރާ ފްލައިޓްތަކުގެ ބަދަލުގައި އޭ330 މިހާރު އޮޕަރޭޓު ކުރަނީ."

ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަންގެ މަތިންދާބޯޓެއް ވީއައިއޭގައި. (ފޮޓޯ/ޓްވިޓާ)

އީދު ބަންދުގައި ގިނަ އިންޓަނޭޝަނަލް ފްލައިޓްތައް ފުލްވެގެން ޖާގަ ނުލިބޭއިރު، ޑޮމެސްޓިކް ފްލައިޓްތައް ވަނީ ފުލްވެފަ އެވެ. އޭގެ އިތުރުން، ލޯންޗު ފެރީތަކަށް ވެސް ބާރުބޮޑުވެ، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހަށް ފެރީތަކުން ވެސް ޖާގަ ހޯދުން ވަނީ ދަތިވެފަ އެވެ. އެގޮތުން، ދިވެހިން ޗުއްޓީއަށް އާންމުކޮށް ގޮސް އުޅޭ ރަށްރަށުގެ ގެސްޓްހައުސްތައް ވެސް ވަނީ މުޅިން ފުލްވެފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް