އީދު ބަންދަށް މާލެއިން މީހުން އެކި ރަށްރަށަށް ފުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ފިތުރު އީދު 2022

އީދަށް މާލެ ކައިރި ރަށްރަށުގެ ގެސްޓްހައުސްތައް ފުރިއްޖެ

މާ ބޮޑު ހަރަކާތްތަކެއް ނެތް ނަމަވެސް މިއީ ކޮވިޑްގެ ފިޔަވަޅުތައް އުވާލި ފަހުން އަންނަ ފުރަތަމަ އީދު ބަންދަށް ވުމާ އެކު ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްލަން ރަށްރަށަށް އެބަދޭ

އަހަރަކު އަންނަ ދެ އީދުގެ ތެރެއިން ކުޑަ އީދަކީ ފާހަގަކުރި ނަމަވެސް ފޯރި ކުޑަ އީދެކެވެ. އެކަމަކު، އެއީ އަމިއްލަ ރަށުން ބޭރުގައި އުޅޭ މީހުންނަށް، ރަށަށް ދާން ލިބޭ ޗުއްޓީއެކެވެ. މާލޭގެ ތޮއްޖެހުމުން ދުރުވެލަން ލިބޭ ފުރުސަތެކެވެ. ނަމަވެސް، ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދަތުރުފަތުރު ކުރުން ކޮންޓްރޯލު ކުރަން މިދިޔަ ދެ އަހަރު ފިޔަވަޅުތަކެއް އަޅާފައި އޮތުމުން އެ ފުރުސަތު ގިނަ ބަޔަކަށް ނުލިބުނެވެ.

މިއީ އެ ފިޔަވަޅުތައް އުވާލި ފަހުން އަންނަ ފުރަތަމަ އީދަށް ވުމާ އެކު ގިނަ ބަޔަކު މިހާރު ވެސް ވަނީ މާލެއިން ފުރާފަ އެވެ. ބައެއް މީހުން ރާއްޖެއިން ބޭރަށެވެ. އަނެއް ބަޔަކު ކައިރި އަތޮޅުތަކުގެ އެކި ރަށްރަށަށެވެ.

ތުލުސްދޫ: އޮކިއުޕެންސީ %95ގައި

ކ. ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވި ގޮތުގައި، ކުޑަ އީދު ފާހަގަކުރަން އެ ރަށުގައި ވަކި ހާއްސަ ކަމެއް ކުރަން ރާވަފައެއް ނެތެވެ. ހުރިހާ ބޮޑެތި ޕްލޭންތައް އޮތީ، އޭނާ ވިދާޅުވި ގޮތުގައި، ބޮޑު އީދަށެވެ.

"އެކަމަކު ގެސްޓްހައުސްތައް ހަމަ ވަރަށް ފުލްކޮށް ހުރީ. ވަރަށް ބައިވަރު މީހުން އެބަތިބި ޗުއްޓީ ހޭދަކޮށްލަން މި ކޮޅަށް އަންނަން ބުކިން ހަދާފައި،" އޭނާ ވިދާޅުވި އެވެ.

"ގެސްޓްހައުސްތައް ގާތްގަނޑަކަށް %50 އޮކިއުޕެންސީގައި އޮއްވާ އީދު އައިމަ މާލެ ކޮޅުން ދިވެހިން އަންނާތީ %95އާ ހަމައަށް [އޮކިއުޕެންސީ] އަރާފައި އޮތީ."

ކ. ތުލުސްދޫ (ފޮޓޯ/ ސީޒަން ޕެރަޑައިސް)

އޭނާ ވިދާޅުވި ގޮތުގައި ތުލުސްދޫގައި މިހާރު ހިދުމަތް ދެމުން އަންނަނީ ޖުމުލަ 35 ގެސްޓްހައުސްއަކުންނެވެ. ގާތްގަނޑަކަށް ހުރިހާ ގެސްޓްހައުސްތައް ވެސް އީދަށް ފުރިފައިވާއިރު، އޭނާ ވިދާޅުވީ އެ ރަށުގައި ދުވަހު ކުއްޔަށް ދޭ ކޮޓަރިތައް ވެސް ވަނީ ބުކްވެފަ އެވެ.

"ބާކީ ހުރީ ތަންކޮޅެއް އަގުބޮޑުކޮށް ހުރި ގެސްޓްހައުސްތަކުގައި ހުރި މަދު ރޫމުތަކެއް،" އޭނާ ވިދާޅުވި އެވެ.

ކ. ތުލުސްދޫގައި ބަޔަކު މޫދު ކުޅިވަރު ކުޅެނީ. (ފޮޓޯ/ޓްރިޕް އެޑްވައިޒާ)

މާފުށި: އީދުގެ ފޯރި އެންމެ ގަދަވާނެ ރަށް

ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކުން މިނިވަންވީ ފަހުން އަންނަ ފުރަތަމަ ކުޑަ އީދު އެންމެ ކުލަގަދަކޮށް ފާހަގަކުރާނީ ކ. މާފުށީގަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އީދު ފާހަގަކުރައްވަން މާދަން އެ ރަށަށް ވަޑައިގަންނަވާނެ އެވެ.

ކ. މާފުށި. (ފޮޓޯ/ޓްރިޕް އެޑްވައިޒާ)

މާފުށީ ކައުންސިލުން ލަފާކުރާ ގޮތުގައި، އީދު ބަންދަށް 1،500 އެއްހާ މީހުން އެ ރަށަށް ދާނެ އެވެ. އަދި އީދު ބަންދުގެ ފުރަތަމަ ތިން ދުވަހަށް މާފުށީގެ ހުރިހާ ގެސްޓްހައުސްތަކެއް ފުރިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

އީދު ނަމާދަށް ފަހު މާފުށީގައި:

  • ހެނދުނު މޫދު ކުޅިވަރު ބާާއްވާނެ

  • ކުޑަކުދިންގެ ހަވީރެއް އޮންނާނެ

  • ރޭގަނޑު އީދު ޝޯ ބާއްވާނެ؛ މި ޝޯގައި ޔާރާ ޓީމު، ހަބޭސް ބޮޑުބެރު ގްރޫޕް އަދި ސަފޫރާ އެންޑް ފްރެންޑްސް ބައިވެރިވާނެ

  • އީދު ދުވަސް ނިންމާލާނީ ހަވާ އެރުވުމާ އެކު

މާފުށީގައި އީދު ޝޯ ބާއްވަން ތައްޔާރުވަނީ. (ފޮޓޯ/މާފުށީ ކައުންސިލް)

މަތިވެރި: 2 ހަފްތާ ކުރިން ގެސްޓްހައުސްތައް ފުލްވެއްޖެ

އީދު ނަމާދަށް ފަހު އއ. މަތިވެރީގައި އީދުގެ ހަރަކާތްތައް ފަށާނީ އެ ރަށު ރައްޔިތުން އިންތިޒާމުކޮށްގެން ބާއްވާ އީދު ސަޔަކުންނެވެ.

"ކައުންސިލާއި ހުރިހާ ގޭބިސީތައް ގުޅިގެން ބާއްވާ ސައެއް އެއީ. ހުރިހާ ރައްޔިތުންނާއި ރަށުން ބޭރު މީހުންނަށް ވެސް ބައިވެރިވެވޭ ގޮތަށް އޮންނާނީ،" މަތިވެރި ކައުންސިލްގެ ނައިބު ރައީސް އަލީ ނާފިޒު ވިދާޅުވި އެވެ.

އއ. މަތިވެރި. (ފޮޓޯ/ޓްރިޕް އެޑްވައިޒާ)

ސަޔަށް ފަހު އެ ރަށު ދެ ކުލަބަކުން އިންތިޒާމުކޮށްގެން ބާއްވާ ކުޅިވަރު ޕްރޮގްރާމްތަކެއް، އީދުގެ ތިން ދުވަހު އެކި ގަޑިތަކަށް ބަހާލައިގެން ކުރިއަށް ގެންދާނެ އެވެ.

"މީގެ ދެ ހަފުތާ ކުރިން ފުލްވެގެން މިހާރު އެއްވެސް ވަރެއް ނުވެފައި އޮތީ. ގެތަކުގައި ހުރި ރޫމުތައް ވެސް ފުލްވެފައި ހުރީ. މި ރަށު މީހުން ވެސް އެބަތިބި މިކޮޅަށް ނާދެވިފައި،" ނާފިޒު ވިދާޅުވި އެވެ.

މަތިވެރީގައި މިހާރު ހިދުމަތް ދެމުން އަންނަނީ ޖުމްލަ ނުވަ ގެސްޓްހައުސްއަކުންނެވެ. އިތުރު ތަންތަނަށް ހުއްދަ ލިިބިފައި ހުރި ނަމަވެސް، ނާފިޒު ވިދާޅުވީ އެ ތަންތަން އަދި އޮޕަރޭޝަނަށް ނުގެންނަ ކަމަށެވެ.

"ހޯމްސްޓޭގެ ވެސް ގާތްގަނޑަކަށް ފަސް ތަނެއް އެބަހުރި. އެ ތަންތަން ވެސް ފުލްވެފައި ހުރީ،" އޭނާ ވިދާޅުވި އެވެ.

އއ. މަތިވެރި. (ފޮޓޯ/ޓްރިޕް އެޑްވައިޒާ)

ދަނގެތި: ދިވެހިން ގޮސް 16 ގެސްޓްހައުސް ފުރާލައިފި

އދ. ދަނގެތީ ކައުންސިލުން ބުނީ ފުޓްސަލް މުބާރާތެއް ފިޔަވައި ކުޑަ އީދަށް މާ ބޮޑު ހަރަކާތްތަކެއް އެ ރަށުގައި ނެތް ކަމަށެވެ. ނަމަވެސް، މާލެ ކައިރި ގިނަ ރަށްރަށާ އެއްގޮތަށް ދަނގެތީގެ ގެސްޓްހައުސްތައް ވެސް އީދު ބަންދާ ދިމާކޮށް ވަނީ ފުރިފަ އެވެ.

"މި ދޭތެރެއިން ވަރަށް ދަށްކޮށް [އޮކިއުޕެންސީ] އޮވެފައި އީދަށް ދިވެހިން އަންނާތީ ފުރިގެން މި އުޅެނީ. ޓޫރިސްޓުން ވެސް އެބައުޅޭ ކޮންމެވެސް ވަރަކަށް،" ދަނގެތީ ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވި އެވެ.

ދަނގެތީގައި އަދި އެއްވެސް ތަނެއް ހޯމްސްޓޭއަށް ރަޖިސްޓްރީ ނުކުރި ނަމަވެސް، އެ ރަށުގައި ހިދުމަތް ދޭ 16 ގެސްޓްހައުސް ވެސް އީދަށް ވަނީ ފުރިފަ އެވެ.

އދ. ދަނގެތީގެ މަތިން ނަގާފައިވާ ފޮޓޯއެއް. (ފޮޓޯ/ޓްރެވަލް ޓްރޭޑް މޯލްޑިވްސް)

ތޮއްޑޫ: ފޯރި ނެތަސް ގެސްޓްހައުސްތަކުގެ ޖާގަ ފުލް

ގިނަ ބަޔަކު އއ. ތޮއްޑޫ ދަންނަނީ ދަނޑުވެރިކަމުގައި އެންމެ ކުރީގައި އުޅޭ އެއް ރަށް އަދި ކަރާ ހެއްދުމުގައި ދެ ވަނައެއް ނެތް ރަށެއްގެ ގޮތުގަ އެވެ. އެކަމަކު، މިހާރު އެއީ ލޯކަލް ޓޫރިޒަމް ވެސް އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ އެއް ރަށެވެ. އެކަން އެ ރަށުގައި ހިންގާ ގެސްޓްހައުސްތަކުގެ އަދަދަށް ބަލައިލުމުން ވެސް އެނގެ އެވެ.

"މިހާރު އޮޕަރޭޝަނަލްކޮށް މި ހުރީ 50 ގެސްޓްހައުސް. އެ ހުރިހާ ތަނެއް ވެސް ފުލްކޮށް ހުރީ،" ތޮއްޑޫ ކައުންސިލްގެ ރައީސް އަދި ކުރިން ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސްކަން ވެސް ކުރައްވާފައި އަހްމަދު ކަރަމް ވިދާޅުވި އެވެ.

އެއީ ލޯކަލް ޓޫރިޒަމްގެ އެންމެ ކުރީގައި އުޅޭ މާފުށީގައި ހިދުމަތް ދޭ ގެސްޓްހައުސްތަކަށް ވުރެ ވެސް ގިނަ އަދަދެކެވެ.

ތޮއްޑުއަށް ޒިޔާރަތް ކުރާ މީހުންގެ ސަމާލުކަން ލިބިފައިވާ އެ ރަށުގެ "ވާވު" މަގު. (ފޮޓޯ/ކައުންސިލް)

ކަރަމް ވިދާޅުވީ ކުޑަ އީދަށް އެ ރަށުގައި ވެސް މާ ބޮޑު ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވާފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެން ކައުންސިލްގެ ޕްލޭންގައި މި އޮތީ ބޮޑު އީދު ފާހަގަކުރަން. [ކުޑަ އީދާ އެކު] ހަ ރޯދަ ވެސް އަންނާތީއާ އެކީ މާ ބޮޑު ކަމެއް ނެތް،" އޭނާ ވިދާޅުވި އެވެ.

"މި ޗުއްޓީ ނިމިގެން ހުޅުވުނީމަ މާ ގިނަ ދުވަސްތަކެއް ނުކޮށް ބޮޑު އީދުގެ ޕްލޭންތައް ރާވާފައި އާންމު ކުރާނަން."

އއ. ތޮއްޑޫ. (ފޮޓޯ/ޓްރިޕް އެޑްވައިޒާ)

އެނގުން މުހިންމު - މި އަހަރުގެ ފިތުރު އީދު ދުވަހަކީ މާދަމާ އެވެ. މިދިޔަ ހުކުރު ދުވަހުން ފެށިގެން މުޅި ހަފްތާއަށް ސަރުކާރު ބަންދު ކުރުމުން މިފަހަރު ކުޑަ އީދަށް ޖުމުލަ ނުވަ ދުވަސް ލިބޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް