ރާއްޖޭގައި ފެޝަން ޑިޒައިން ކިޔަވައިދިނުމާއި ދާއިރާގެ ކުރިއެރުން މޫނިއާ އެކު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފެޝަން ޑިޒައިން ކޯހެއް ޕޮލިޓެކްނިކްގައި ކިޔަވައިދިނުމުގައި އޭނާގެ ތަޖުރިބާ އާއި ފެޝަން ދާއިރާ ހަރުދަނާކުރެވޭނެ ގޮތްތައް މި އެޕިސޯޑުގައި މޫނި ކިޔައިދިން

ރާއްޖޭގައި ފެޝަން ޑިޒައިންގެ ކުރު ކޯހެއް މުޅިން އަލަށް، މާލޭގެ ޕޮލިޓެކްނިކްއަށް ތައާރަފުކުރީ ދާދި ފަހުންނެވެ. މި ކޯހުގައި ފެޝަން ޑިޒައިން ކިޔަވާދެމުންގެންދަނީ ރާއްޖޭގެ މަޝްހޫރު ފެޝަން ޑިޒައިނަރު މޫނިސާ ލުތުފީ (މޫނި) އެވެ. މި ފަހަރުގެ 'ފަންނުވެރި އެކުވެރިން' ޕޮޑްކާސްޓުގައި މޫނިއާ އެކު ރާއްޖޭގެ ފެޝަން ދާއިރާގެ އެކި ކަންތައްތަކާއި މޫނިގެ އަމިއްލަ ތަޖުރިބާގެ ވާހަކަތައް ދައްކާލެވުނެވެ.

މޫނި އަކީ ރާއްޖޭގެ ފަންނުވެރި ދާއިރާއަށް އާ ނަމެއް ނޫނެވެ. މޫނިގެ ފެޝަން ޑިޒައިން މަސައްކަތް ވަނީ އެކި ފަހަރުމަތިން އާއްމުވެފަ އެވެ. އެގޮތުން 2011 ވަނަ އަހަރު ރާއްޖޭގައި ބޭއްވި މިސް ފްރާންސް މުބާރާތުގައި ބައިވެރިވި ފްރާންސުގެ ކޮންޓެސްޓެންޓުން މޫނިގެ ހާއްސަ ކަލެކްޝަނެއް ލައިގެން ދައްކާލި އެވެ. 

ފެޝަންގެ އިތުރުން މޫނި އަކީ ކުރެހުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުންނަ ފަންނުވެރިއެކެވެ. އަދި ޕޮލިޓެކްނިކްގައި ފެޝަން ކިޔަވައިދިނުމުގެ ކުރިން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގައި އާޓް ކިޔަވައިދީފައިވެ އެވެ.

ރާއްޖޭގެ ފެޝަން ދާއިރާ މިހާރު އަންނަނީ ބާރު ދުވެއްޔެއްގައި ކުރިއަރަމުންނެވެ. މީގެ 10 އަހަރު ކުރިއާ އަޅާބަލާއިރު މިހާރު ދިވެހި ފެޝަން ބްރޭންޑުތައް، ޑިޒައިނަރުން، ސްޓައިލިސްޓުން އަދި ފެޝަން ދާއިރާއަށް ނިސްބަތްވާ އެހެނިހެން ހުނަރުވެރިން ވެސް އިތުރުވަމުން އަންނަކަން ފާހަގަވެ އެވެ. އެކަމަކު ރާއްޖޭގައި މި ދާއިރާއިން އިތުރު ތައުލީމާއި ތަމްރީން ހޯދަން ބޭނުންވާ މީހުންނަށް ހުރި ފުރުސަތުތައް އަދިވެސް މަދެވެ. 

މި ފަހަރުގެ އެޕިސޯޑުގައި، މޫނި ފެޝަން ދާއިރާއަށް ކޮށްދީފައިވާ ހިދުމަތްތަކާއި މި ދާއިރާ އިތުރަށް ފުޅާކޮށް ހަރުދަނާ ކުރެވޭނެ ގޮތްތައް ކިޔައިދީ، މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ މީހުންނަށް ނަސޭހަތްކޮޅެއް ވެސް ދިނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް