އެމްޑީޕީ މަތި އުތުރު ދާއިރާއަށް ކުރިމަތިލެއްވި ދެ ސްޓޭޓް މިނިސްޓަރުން: އާދިލް(ކ) އަދި އަކްރަމް

އެމްޑީޕީ ގައުމީ މަޖިލީހުގެ ހުސްވި ގޮނޑީގެ ވާދަވެރިކަން ބޮޑުވެއްޖެ؛ ދެ ސްޓޭޓް މިނިސްޓަރުން ވާދަ ކުރަނީ

ދެ ސްޓޭޓް މިނިސްޓަރުންގެ އިތުރުން ދެން މި މަގާމަށް ކުރިމަތިލެއްވީ، ހެރިޖޭޓް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަހްމަދު ހާޝިމް

އެމްޑިޕީގެ ގައުމީ މަޖިލީހުން ހުސްވި، މަތި އުތުރު ދާއިރާ ރައީސްގެ މަގާމަށް ހައުންސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް ކުރިމަތިލައްވައިފި އެވެ. ދެ ސްޓޭޓް މިނިސްޓަރުން މި މަގާމަށް ކުރިމަތިލެއްވުމާއެކު މި މަގާމުގެ ވާދަވެރިކަން ވަނީ ބޮޑުވަފަ އެވެ.

ވީ ކިހިނެއް؟ - ހއ، ހދ. އަދި ށ އަތޮޅު ހިމެނޭ މަތި އުތުރު ދާއިރާގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް މި މަހު ހަވަނަ ދުވަހު ހުޅުވާލާފައި ވަނީ، ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ވަހީދު (އިބުރޭ) އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވުމާ ގުޅިގެންނެވެ. މިއަދު އެމްޑީޕީން ވަނީ އެ މަގާމަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ނަންތައް ހާމަކޮށްފަ އެވެ.

ތަފްސީލު - ޖުމްލަ ތިން ބޭފުޅަކު މި މަގާމަށް ކުރިމަތިލެއްވިއިރު، އަކްރަމް އާއި އާދިލްގެ އިތުރުން ދެން އެ މަގާމަށް ވާދަ ކުރައްވަނީ ހެރިޖޭޓް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަހްމަދު ހާޝިމް (ޓިންޓިން) އެވެ.

މި ތިން ބޭފުޅުންނަކީ، މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ބޭއްވި ގައުމީ މަޖިލިސް އިންތިހާބުގައި ވެސް ވާދަކުރައްވައި ބަލިވި ތިން ބޭފުޅުންނެވެ. އެގޮތުން:

  • އަކްރަމް ވާދަ ކުރެއްވީ ކުރިން އޭނާ ހުންނެވި މާލޭ ދާއިރާގެ ރައީސްގެ މަގާމަށް؛ ބަލިވީ 346 ވޯޓުގެ ތަފާތަކުން

  • އާދިލް ވާދަ ކުރެއްވީ ދަނގެތީ ދާއިރާގެ ރައީސްގެ މަގާމަށް؛ ބަލިވީ އަށް ވޯޓުގެ ތަފާތަކުން

  • ހާޝިމް ވާދަ ކުރެއްވީ، ވައިކަރަދޫ ދާއިރާގެ ރައީސްގެ މަގާމަށް؛ ބަލިވީ ނުވަ ވޯޓުގެ ތަފާތަކުން

އެނގުން މުހިންމު - މަތި އުތުރު ދާއިރާގެ ރައީސްގެ މަގާމުގެ އިންތިހާބުގެ ވޯޓުލުން ބާއްވަނީ އަންނަ މަހު 17ގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް