އުކުޅަހުގައި ކުރިއަށްދާ 'ވިއަވަތި ރާއްޖެ' މަހާސިންތާގެ މިއަދުގެ ސެޝަންގެ ތެރެއިން. (ފޮޓޯ/ ރައީސް އޮފީސް)

ޑަބްލިއުޑީސީގައި ފިރިހެނުން ހިމެނުމަށް ރައީސް އާއި މިނިސްޓަރުގެ ހިޔާލެއް

ރައީސް ވިދާޅުވީ އެކަމާ ބަހުސްކޮށް، ރަނގަޅު ކަމަކަށް ވާނަމަ ގާނޫނަށް ބަދަލުގެނެވޭނެ ކަމަށް

ހުސް އަންހެނުންގެ މައްޗަށް އެކުލެވޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް (ޑަބްލިއުޑީސީ)ގައި ކޮންމެވެސް ވަރަކަށް ފިރިހެނުން ބައިވެރިކުރުމަކީ މަޝްވަރާކުރުން ރަނގަޅު ކަމެއް ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ކައުންސިލްތަކަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް މަޝްވަރާ ކުރުމަށް އއ. އުކުޅަހުގައި މިހާރު ކުރިއަށްދާ 'ވިއަވެތި ރާއްޖެ' މަހާސިންތާގައި މިއަދު އޮތީ ޑަބްލިއުޑީސީތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ.

ތަފްސީލް - އެ މަޝްވަރާތަކުގެ ތެރެއިން، ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވަނީ ހިޔާލެއް ހުށަހަޅުއްވައިފަ އެވެ. އޭނާ ވިދާޅުވީ އެއީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ކަމަށާއި، "އަންހެނުންގެ ކޮމިޓީ"ތަކެއް ނޫން ކަމަށެވެ.

އެ ކޮމިޓީތަކުގެ ބޭނުމަކީ "ކުނި ނަގައި ކުނި ނައްތާލުން ނޫން" ކަމަށާއި، އެއީ ރަށްރަށުގައި އަންހެނުންނާއި ފިރިހެނުންނަށް އޮންނަ ފުރުސަތުތައް ހަމަހަމަކުރުމަށް މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އުކުޅަހުގައި ކުރިއަށްދާ 'ވިއަވަތި ރާއްޖެ' މަހާސިންތާގެ މިއަދުގެ ސެޝަންގައި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވާހަކަދައްކަވަނީ. (ފޮޓޯ/ ރައީސް އޮފީސް)

އެހެންކަމުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގައި ކޮންމެވެސް ޕަސެންޓަކަށް ފިރިހެނުން ތިބުމަކީ ބަހުސްކުރެވިދާނެ ކަމެއް ކަމަށް އާއިޝަތު މުހައްމަދު ދީދީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ ބައެއް ތަންތަނުގައި އެ ގޮތަށް މަސައްކަތް ކުރުމުން ފައިދާވެފައި އެބަ ހުރި ކަމަށެވެ.

ރައީސްގެ ބަސް - އާއިޝަތު މުހައްމަދު ދީދީގެ ވާހަކައަށް ރައީސް ސޯލިހް ވެސް ތާއީދުކުރެއްވި އެވެ. ރައީސް ވިދާޅުވީ އެކަމުގެ ކޮންމެވެސް ވަރެއްގެ މަޝްވަރާއެއް، ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާ އެކު ކުރެއްވި ކަމަށެވެ.

"އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގައި ކޮންމެވެސް ވަރަކަށް ފިރިހެނުންގެ ބައިވެރިވުން އޮތުން އެއީ ފައިދާ ހުރި ގޮތަކަށް ވެދާނެތޯ އަޅުގަނޑުމެން މަޝްވަރާ ކޮށްލަން ހަމަ ރަނގަޅު ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް އެ ހިޔާލު ފާޅުކުރެއްވީ ކުރިން މާލޭގައި އޮތް އަވަށް ކުރިއަރުވާ ކޮމިޓީތަކުގެ މަސައްކަތުން މިސާލު ނަންގަވަމުންނެވެ. ރައީސް ވިދާޅުވީ އަވަށް ކުރިއަރުވާ ކޮމިޓީތަކަށް އިންތިހާބު ކުރެވޭނީ ހަމައެކަނި އަންހެނުން ކަމަށް ގާނޫނުގައި ލިޔެފައި ނެތް ނަމަވެސް، އޭރު އެ ކޮމިޓީއަށް މުޅިން ވެސް ކުރިމަތިލީ އަންހެނުން ކަމަށެވެ.

އުކުޅަހުގައި ކުރިއަށްދާ 'ވިއަވަތި ރާއްޖެ' މަހާސިންތާގެ މިއަދުގެ ސެޝަންގެ ތެރެއިން. (ފޮޓޯ/ ރައީސް އޮފީސް)
އުކުޅަހުގައި ކުރިއަށްދާ 'ވިއަވަތި ރާއްޖެ' މަހާސިންތާގެ މިއަދުގެ ސެޝަންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ. (ފޮޓޯ/ ރައީސް އޮފީސް)

ނަމަވެސް ފަހުން، މައްޗަންގޮޅީގެ ކޮމިޓީއަށް ފިރިހެނަކު ވެސް ކުރިމަތިލައި މަގާމަށް ހޮވި، އަންހެނުންނާ ގުޅިގެން ކޮމިޓީގައި ކާމިޔާބު މަސައްކަތްތަކެއް ކުރި ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންކަމުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގައި ފިރިހެނުންގެ ކޮންމެވެސް ވަރެއްގެ ބައިވެރިވުމެއް އޮތުމަކީ ރަނގަޅު ކަމެއް ކަމަށް ފެނިއްޖެ ނަމަ، ގާނޫނަށް ބަދަލުގެނެވިދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނުގައި މިހާރު އޮންނަނީ:

  • ކޮންމެ ރަށެއްގެ އަދި ސިޓީއެއްގެ ކައުންސިލާ އެކުގައި، އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރުމަށް، އެ ރަށުގެ ނުވަތަ އެ ސިޓީގެ އަންހެނުންގެ ތެރެއިން އެ ރަށެއްގެ ރައްޔިތުން އިންތިހާބުކުރާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއެއް އޮންނަންވާނެ

އެނގުން މުހިންމު - 'ވިއަވެތި ރާއްޖެ' މަހާސިންތާގެ މިއަދުގެ ސެޝަންގައި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ ފަރާތުން ވަނީ މަސައްކަތް ކުރުމުގައި ދިމާވާ ދަތިތައް ހިއްސާކޮށްފަ އެވެ. އަންހެނުންގެ ކޮމިޓީތަކުން ފާހަގަކުރި އެންމެ ބޮޑު ކަންބޮޑުވުމަކީ ކައުންސިލްތަކުގެ އެއްބާރުލުން ނުލިބުމާއި މަސައްކަތް ކުރާނެ ޖާގަ އާއި ވަސީލަތް ނެތުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް