ފެޝަން

އަންހެނުންނަށް ނޫކުލައިގެ ގިރުވާންލީ ގަމީހުގެ ޓްރެންޑެއް

މިއީ ފަހުގެ ފެޝަން ސްޓައިލުތަކުގެ ތެރެއިން އެންމެ މަގުބޫލު އެއް ސްޓައިލު
14 އޯގަސްޓު 2022

އެމެރިކާގެ ސުޕަ މޮޑެލް ޖީޖީ ހަދީދުއަކީ އަބަދުވެސް އަމިއްލަ ސްޓައިލަށް ލޯބިކުރާ ތަރި އެކެވެ. އަދި އޭނާގެ ގިނަ ލުކްތައް ވަނީ އާއްމުންގެ ތެރޭގައި ވައިރަލް ވެފަ އެވެ. ޖީޖީ މިދިޔަ ހަފްތާގައި ނިއު ޔޯކް ސިޓީގެ މަގުމަތިން ދަނިކޮށް ނަގައިފައިވާ ޕަޕަރާޒީ ފޮޓޯތަކަކުން ވެސް ފެންނަނީ ވަރަށް ސިމްޕަލް އަދި ސަޅި ލުކްއެއްގަ އެވެ.

ޖީޖީ ހަދީދުގެ ފަހުގެ ލުކް

ޖީޖީގެ މި ލުކް އަކީ ނޫ ކުލައިގެ އަތްދިގު ގަމީހަކާ އެކު ނޫ ޑެނިމް ޖިންސެކެވެ. މިއީ ބަލައިލަން ރީތި އަދި ލައިގެން އުޅެން ފަސޭހަ ސްޓައިލެއްކަން ޔަގީނެވެ. މި ޒަމާނުގެ ނިވާކަން ކުޑަ ގިނަ ޓްރެންޑުތަކާ ތަފާތު ވައްތަރެކެވެ.

ނޫ ގަމީހުގެ މަގުބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަމުން އެބަދެ އެވެ. ހޫނު މޫސުމުގެ އެންމެ ފަހުގެ މި ސްޓައިލު ފުރިހަމަ ކޮށްލަން ބޭނުންވާނީ ގަދަ ނޫ ކުލައިގެ، ގިރުވާންލީ އަތް ދިގު ގަމީހެކެވެ. މި ގަމީސް ސްކާޓަކާ އެކު، ޖިންސު، ފަޓުލޫނު ނުވަތަ ސޯޓަކާ އެކު ވެސް ލެވިދާނެ އެވެ.

ނޫ ކުލައިގެ ގަމީހަކީ އާއްމުކޮށް ފިރިހެނުންގެ ވޯޑްރޯބުން ފެންނަ ވައްތަރެކެވެ. އެކަމަކު މިހާރު ޒަމާން ބަދަލުވެ، ގަމީސް ވެސް އަންހެންވަންތަ ސްޓައިލަކަށް ލެވިދާނެ އެވެ. މިހާރު ލިބެން ހުންނަ ނޫ ގަމީހަކީ ކުދި ބަދަލުތައް ގެެނެސް ތަފާތު ކޮށްލައިފައިވާ ވައްތަރެކެވެ. އެގޮތުން އެންމެ މަގުބޫލު ވައްތަރަކީ 'އޯވާ ސައިޒްޑް' ގަމީހެވެ. ގަޔަށް ދޫކޮށް، ކޮނޑުން ވެސް ފުޅާކޮށް ހުންނަ މި ސްޓައިލުގެ ގަމީހަކީ ޖީޖީ ވެސް ލައިގެން ހުރި ވައްތަރެވެ. 'އޯވާ ސައިޒްޑް' ގަމީހަކާ އެކު، ގަޔަށް ފިޓުކޮށް ހުންނަ 'ޓެއިލާޑް' ފަޓުލޫނެއް ނުވަތަ ސްކާޓަކާއި ފޮށިކޮށް ހުންނަ އަތްދަބަހެއް ނަލަ ވާނެ އެވެ. 

އެހެން އަހަރުތަކާ ހިލާފަށް މިފަހުގެ އެންމެ މަގުބޫލު ނޫ ގަމީހަކީ ގަދަ ނޫ ކުލައިގެ ގަމީހެވެ. ފެޝަން ބްލޮގަރުންނާއި ސެލެބްރިޓީއިން ވަނީ ގަދަ ނޫ ކުލައިގެ ގަމީސް މި އަހަރުގެ ހޫނު މޫސުމުގައި ލައިފަ އެވެ. ގަދަ ނޫ ގަމީހަކާ އެކު ގަދަ ނޫ ސޯޓެއް، ސްކާޓެއް ނުވަތަ 'ކާގޯ' ހަރުވާޅަކީ ވަރަށް އާއްމުކޮށް މިފަހަރު ފެނުނު ސްޓައިލެކެވެ. އަދި މިއީ މަޝްހޫރު 'ޑޯޕަމިން ޑްރެސިން'ގެ ތެރޭގައި ހިމެނޭ ޓްރެންޑެކެވެ. މިކަހަލަ ގަދަ ކުލަތަކަކީ މި އަހަރުގެ ފެޝަން ޓްރެންޑުތަކުގައި ހިމެނޭ ވަރަށް ބޮޑު ޓްރެންޑެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް