އިސްލާމިކް މަރުކަޒު ޑިޒައިންކުރަން ރަސްމީކޮށް ދައުވަތު ދެއްވުމުގެ ފުރަތަމަ ބައްދަކުކުރެއްވުމުގައި ރައީސް މައުމޫން، ހާޖީދާރާ ސަލާންކުރައްވަނީ

މެލޭޝިއާގެ ޒުވާނާއަށް ލިބުނީ މައުމޫންގެ ސިޓީއެއް، ދެން ފެށުނީ އިސްލާމީ މަރުކަޒު ހެދުމުގެ ދަތުރު

މެލޭޝިއާގައި މަޝްހޫރު އާކިޓެކްޓް ހާޖީދާރަށް އިސްލާމީ މަރުކަޒަކީ ހަޔާތުގައި ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށް އަދިވެސް ދެކޭ
3 އޭޕްރީލު 2022
6

އެއީ އޭނާއަށް ވަރަށް ބޮޑު ހައިރާންކަމެކެވެ. ނަމަވެސް އެއީ ރާއްޖޭގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުވަތެއްކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ.

މެލޭޝިއާގެ ޒުވާން އާކިޓެކްޓް ހާޖީދާރު އަބްދުލް މާޖިދު އެ ދައުވަތު ގަބޫލުކުރައްވައި، ރާއްޖެއަށް ޒިޔާރަތްކުރައްވަން ނިންމެވި އެވެ. ރައީސް މައުމޫން ބޭނުންފުޅުވާ ކަންތަކުގައި އެހީތެރިނުވުމަކީ، އިސްލާމް ދީނަށް އޭނާގެ ހުރި ލޯތްބަށް އެކަނި ބެލިކަމުގައި ވިޔަސް، ކުރެއްވޭނެ ކަމެއް ނޫނެވެ. އެހެންކަމުން 1983 ގައި އެ ދަތުރު އޭނާ ކުރެއްވި އެވެ. ރައީސް އޮފީހުގައި މައުމޫނާ ބައްދަލުކުރެއްވި އެވެ.

"އަޅުގަނޑު ފެނުނީމާ މައުމޫން ފުރަތަމަ ވެސް ވިދާޅުވި ހާދަ ޒުވާނޭ،" މީގެ 39 އަހަރުގެ ކުރީގެ އެ ބައްދަލުވުމާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ދިވެހި މީޑިއާއަކާ ވާހަކަ ދައްކަވަމުން ހާޖީދާރު ވިދާޅުވި އެވެ.

މައުމޫންގެ އަސްލު މަގުސަދަކީ އޭރު އުމުރުން އެންމެ 37 އަހަރުގެ އާކިޓެކްޓް ލައްވާ އިސްލާމީ މަރުކަޒު ޑިޒައިންކުރުމާއި އެ މަޝްރޫއު ކުރިއަށް ގެންދިއުމެވެ. އޭރު ރާއްޖެއަކީ ބޭރު ގައުމުތަކަށް މާ ބޮޑަށް ހުޅުވިފައި އޮތް އަދި ޒަމާނީ އިމާރާތްކުރުމުގެ ފަންނު ވެސް ނެތް ތަނެކެވެ. ރާއްޖޭގައި މިސްކިތްތައް ޑިޒައިންކުރާ އާކިޓެކްޓުންނެއް ވެސް އޭރު ނެތެވެ.

ހާޖީދާރު: އޭނާއަކީ މެލޭޝިއާގައި މަޝްހޫރު އާކިޓެކްޓްއެއް

އިސްލާމީ މަރުކަޒުގެ ބިންގާ ރައީސް މައުމޫން އެޅުއްވީ 11 ނޮވެމްބަރު 1982 ގަ އެވެ. އެކަމަކު އޭރު އިމާރާތް ޑިޒައިންކުރުން ފަދަ ކަންކަން ކުރިއަށް ގެންގޮސް އޮތް ކަމަކަށެއް ނުފެނެ އެވެ. އޭރު މަސައްކަތްކުރަމުން އައީ ރާއްޖެއަށް އެކަށީގެންވާ ކަހަލަ މިސްކިތަކާއި އިސްލާމީ މަރުކަޒެއް ހުރި ތަނެއް ފެނޭތޯ އެވެ.

ހާޖީދާރުގެ އެހީތެރިކަން ހޯއްދެވުމުގެ ފަހަތުގައި އޮތީ މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުގެ ބަންގްސާގައި އޭގެ އަހަރެއްހާ ދުވަސް ކުރިން ހުޅުވި އަބޫބަކުރު އައްސިއްދީގު މިސްކިތެވެ. އެއީ މާލޭގައި ހަދަން މައުމޫން ބޭނުންފުޅުވި ކަހަލަ މިސްކިތެކެވެ. އެތަނުގައި އިސްލާމީ މަރުކަޒެއް ވެސް ހިމެނޭ ގޮތަށެވެ.

މެލޭޝިއާގެ ވެރިރަށް ކުލާލަ ލަމްޕޫރުގެ ބަންގްސާގައި ހުންނަ މިސްކިތް: ރާއްޖޭގެ އިސްލާމީ މަރުކަޒު ހަދާފައި ވަނީ މި މިސްކިތް ނަމޫނާއަކަށް ބަލައިގެން
ބަންގްސާގައި ހުންނަ މިސްކިތް: ރާއްޖޭގެ އިސްލާމީ މަރުކަޒާއި ބަންގްސާ މިސްކިތް ވެސް ޑިޒައިންކުރީ މެލޭޝިއާގެ އާކިޓެކްޓް ހާޖީދާރު

ބަންގްސާގައި ހެދި މިސްކިތް ޑިޒައިންކުރެއްވީ ހާޖީދާރެވެ. އޭގެ އިތުރުން އޭނާ ވިދާޅުވި ގޮތުގައި މިސްކިތް ހުރި ބިން ހޯދުން ފަދަ ކަންކަމުގައި ވެސް އަމަލީ ގޮތުން ބޮޑު މަސައްކަތެއް ކުރެއްވި އެވެ. 

ބަންގްސާ މިސްކިތަކީ އެދުވަސްވަރު މެލޭޝިއާގައި ވެސް ނަމޫނާ ތަނެކެވެ. އެ މިސްކިތުގެ ހަބަރު މައުމޫނާ ހަމައަށް ގެންގޮސްދެއްވީ ސަރުކާރުގެ ވަރަށް ގިނަ މަޝްރޫއުތަކެއްގައި އިސް ދައުރެއް އަދާކުރެއްވި އަދި ގިނައިން ރާއްޖެއިން ބޭރުގައި އުޅުއްވި ވިޔަފާރިވެރިޔާ ކޮލި އަލީ އުމަރު މަނިކެވެ. މައުމޫންގެ ދައުވަތު ލިބިވަޑައިގަތުމުގެ ކުރިން އަލި މަނިކު އޮތީ މެލޭޝިއާގައި ހާޖީދާރާ ބައްދަލުކުރައްވައި، ބަންގްސާ މިސްކިތުގެ ރީތިކަމާއި އެފަދަ ތަނެއް ރާއްޖޭގައި ހަދަން ބޭނުންވާ ވާހަކަ ވިދާޅުވެފަ އެވެ.

އިސްލާމި މަރުކަޒު ހަދަމުން ދިޔަ އިރު މެލޭޝިއާގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ރާއްޖެއަށް ކުރެއްވި ދަތުރެއްގައި ހާޖީދާރު، އޭނާގެ ޓީމު ތައާރަފުކޮށްދެއްވަނީ

"އަލި މަނިކު ކައިރީގައި ވެސް އަހަރެން ބުނިން ކޮށްދެވެން އޮތް ކޮންމެ ކަމެއް ކޮށްދޭ ނަމޭ،" ހާޖީދާރު ވިދާޅުވި އެވެ.

މައުމޫންގެ އިތުރުން އަލި މަނިކާއި އޭރުގެ ޓްރޭޑް މިނިސްޓަރު އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އިލްޔާސް އިބްރާހިމް ވެސް އިންނެވި ރައީސް އޮފީހުގެ ބައްދަލުކުރެއްވުމުގައި މައުމޫނަށް ވެސް އޭނާ އެ ޔަގީންކަން ދެއްވި އެވެ. 

"އަހަރެން ބުނިން އަލްހަމްދުލިﷲއޭ، ދީނީ ގޮތުން ވެސް އެއީ އަހަންނަށް ވަރަށް ބޮޑު ކަމެއް. ލާރި ލިބޭނެތޯ ނުވަތަ ނޫންތޯއެއް ނޫން އޮތް ސުވާލަކީ. އަހަރެން ބޭނުންވީ މިސްކިތެއް އަޅަން ލިބުމުން އެ ފުރުސަތުގެ ބޭނުންހިފަން،" މައުމޫނާ އެކު އޮތް ބައްދަލުކުރުމުގެ ހަނދާންތައް، ހާޖީދާރު ކިޔައިދެއްވި އެވެ.

މިއީ އޭރަށް ބަލާއިރު ވެސް އާދައިގެ ވާހަކައެއް ނޫނެވެ. އަދި މެލޭޝިއާގެ އާކިޓެކްޓެއް ލައްވާ މިސްކިތް ޑިޒައިންކޮށް، މެލޭޝިއާގެ ކޮންޓްރެކްޓަކާ ހަވާލުކޮށްގެން އިމާރާތްކުރުމުގެ މަސައްކަތްކުރުވުމަކީ، ހާޖީދާރު ވިދާޅުވި ގޮތުގައި، އާކިޓެކްޗާގެ ދާއިރާއިން މެލޭޝިއާގެ ފުރަތަމަ 'އެކްސްޕޯޓް' އެވެ. އޭގެ ކުރިން މެލޭޝިއާގެ އާކިޓެކްޓަކު ބޭރު ގައުމެއްގައި މިސްކިތެއް ޑިޒައިންކޮށް، ހަދާފައެއް ނުވެ އެވެ.

އިސްލާމީ މަރުކަޒުގެ ނަމޫނާއަކީ ބަންގްސާގެ މިސްކިތް ކަމަށް ވާތީ، ޑިޒައިންގެ ހިޔާލު އެ އޮތީ އޭރު ވެސް ކަރުދާހުގަ އެވެ. ހާޖީދާރު ވިދާޅުވާ ގޮތުން ދަތުރުން އެނބުރި މަލޭޝިއާއަށް ވަޑައިގެން، މަހެއްހާ ދުވަހުގެ ތެރޭގައި ޑިޒައިންގެ ބައި ނިންމާލެއްވި އެވެ.

އިމާާރާތްކުރުމުގެ މަރުހަލާ

އިސްލާމީ މަރުކަޒު ކަހަލަ ބޮޑު އިމާރާތެއް ހަދަން ބޭނުންވާ އެއްވެސް ސާމާނެއް ރާއްޖެއިން ލިބޭކަށް ނެތެވެ. އެންމެ ކުޑަވެގެން ކޮންނަން ބޭނުންވާ އެކްސްކަވޭޓަރު ފަދަ އެއްޗެހި ވެސް ޖެހުނީ ގެންނާށެވެ. ދަތުރުފަތުރު އުނދަގުލެވެ. މާލީ މުއާމަލާތްތައް ހިންގަން ބޭންކިންގެ ހިދުމަތްތައް ވެސް، އެހާ ދަށެވެ.

ހާޖީދާރު ވިދާޅުވި ގޮތުގައި އިސްލާމީ މަރުކަޒު އިމާރާތްކުރަން އޭނާ ފުރަތަމަ ހޯއްދެވި މެލޭޝިއާގެ ކުންފުންޏަށް މަސައްކަތް ކުރިއަށް ނުގެންދެވުނީ ވެސް، އެކަން ފަށަން ބޭނުންވާ ފައިސާ މެލޭޝިއާގެ އެއްވެސް ބޭންކަކުން ލިބޭ ގޮތް ނުވުމުންނެވެ. ދެވަނައަށް އޭނާ ހޯއްދެވީ އޭގެ ކުރިން މިސްކިތް އިމާރާތްކުރުމުގެ އެއްވެސް ތަޖުރިބާއެއް ނެތް އެކަމަކު އޭނާގެ ޑިޒައިންތަކަށް ހޮޓެލް ފަދަ ތަންތަން ހަދަމުން އައި މެލޭޝިއާގެ ޗައިނާ ދަރިކޮޅުގެ މީހެއް ކަމަށްވާ ޓާން ޗޫ ޕިއާއޫގެ ޗޫޕީއާރު ކޮންސްޓްރަކްޝަން އެވެ. ފުރަތަމަ ބޭނުންވާ އެއްޗެހި ފޮނުވަން ޗޫއަށް ވެސް މާލީ މައްސަލަތަކެއް ދިމާވި އެވެ.

އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް: މިއީ އޭރު ރާއްޖޭގައި ކޮށްފައި ނެތް ވަރުގެ ބޮޑު މަސައްކަތެއް

"އަލިމަނިކު އެހި ލަސްވަނީ ކީއްވެތޯ. އަހަރެން ބުނިން އެއްވެސް ބޭންކަކުން ފައިނޭންސެއް ނުކޮށްދިނޭ. އެހެން ބުނީމާ އެހީ ކިހާވަރެއްގެ އެޑްވާންސެއް ބޭނުންތޯ، އަހަރެން ބުނިން 10 ޕަސެންޓް ނޫނީ 15 ޕަސެންޓޭ. އަލިމަނިކު ބުނީ 25 ޕަސެންޓް ދީފާނަމޭ، މަސައްކަތް ފަށާށޭ،" ހާޖީދާރު ވިދާޅުވި އެވެ.

އެ ފެށި މަސައްކަތް ނިންމާލީ އެންމެ 10 މަސް ދުވަހުގެ ތެރޭގަ އެވެ. އެއީ އެފަދަ އިމާރާތަކަށް ބަލާ ނަމަ، ހާޖީދާރު ވިދާޅުވި ގޮތުގައި، މެލޭޝިއާގައި ވެސް ވަރަށް އަވަސް މުއްދަތެކެވެ.

އިސްލާމީ މަރުކަޒުގެ ގުއްބު ބެހެއްޓުމުގެ މަރުހަލާ: މުޅި އިމާރާތް ނިންމީ އެންމެ 10 މަސް ދުވަހުން

އިސްލާމީ މަރުކަޒަކީ މާލޭގައި ހެދި ކޮންކްރީޓް ފުރަތަމަ އިމާރާތެވެ. އެތަނުގެ ފައުންޑޭޝަނަކީ ވެސް، އޭރަށް ބަލާއިރު ވަރަށް ތަފާތު އަދި އެހާމެ ބޮޑު މަސައްކަތެކެވެ. އެއީ ރާއްޖޭގެ ފުރަތަމަ ރާފްޓް ފައުންޑޭޝަން ވެސް މެ އެވެ. މުޅި އިމާރާތް ހަދާފައި އެހުރީ ހަ ފޫޓު ބޯމިނުގެ ބިޔަ ފައުންޑޭޝަނެއްގެ މައްޗަށެވެ.

"ވަރަށް ވަރުގަދަވާނެ އެ ފައުންޑޭޝަން. މިސްކިތުގެ މުންނާރު ވެސް އެ ހުރީ އެ ފައުންޑޭޝަންގެ މަތީގައި،" ހާޖީދާރު ވިދާޅުވި އެވެ.

ކޮންސްޓްރަކްޝަންގެ މަސައްކަތަށް މުޅިން ވެސް މެލޭޝިއާއިން މަސައްކަތު މީހުން ގެންނަން ނިންމުން، އެކަމާ އަލި މަނިކު ސުވާލުކުރެއްވި އެވެ. އޭގެ ޖަވާބަކީ، ހާޖީދާރު ވިދާޅުވި ގޮތުގައި، ކޮންކްރީޓް މަސައްކަތް ދަންނަ މީހުން ރާއްޖޭގައި ނެތުމެވެ. އެހެންވެ މާލެއަށް މެލޭޝިއާއިން 100-150 މަސައްކަތު މީހުން ގެންނަން ޖެހުނެވެ. އެކަމަކު ސަރުކާރުން ނިންމީ ސިމެންތި ޖަހަން ސްރީ ލަންކާއިން މީހުން ގެންނަ ގޮތަށެވެ. އެހެންވެ އެ ބަޔާ ހަވާލުވީ ސަރުކާރުންނެވެ.

"މެލޭޝިއާގެ މީހުން މަސައްކަތް ކުރިއަށް ގެންދިޔަ ރޭގަނޑު ނުވައެއް ޖަހަންދެން. ބައެއް މީހުން ތިން މަހުން ތިން މަހުން ކުޑަ ޗުއްޓީއަކަށް އާއިލާ ކައިރިއަށް ފޮނުވަން ޖެހުނު. އެހާ ގިނަ ދުވަހު ރަށުން ބޭރުގައި އުޅެން އުނދަގޫވި އެމީހުންނަށް،" ހާޖީދާރު ވިދާޅުވި އެވެ.

އިސްލާމީ މަރުކަޒު ހަދަމުން ދިޔަ އިރު އޭރުގެ ޓްރޭޑް މިނިސްޓަރު އިލްޔާސް އިބްރާހިމާއި ޕަބްލިކް ވޯކްސް ޑިޕާޓްމަންޓްގެ ޑިރެކްޓަރު އަބްދުﷲ ކަމާލުއްދީން އާއި ހާޖީދާރު (ކ)

'އެކަމަކު 10 މަސް ދުވަހުން މަސައްކަތް ނިންމާލުމަކީ އަސްލު ވަރަށް އަވަސް ސްޕީޑެއް. މެލޭޝިއާގައި ވެސް ނަގާނެ މަދުވެގެން 12 ނޫނީ 14 މަސް. ބަންގްސާ މިސްކިތް ނިންމީ 12 މަސްދުވަހުން."

އިސްލާމީ މަރުކަޒަށް މިހާރު 38 އަހަރެވެ. އެކަމަކު އަދިވެސް އިމާރާތް ފެންނަނީ ވަރުގަދަކޮށެވެ. ރީތިކަމަކަށް ބަދަލެއް ނާދެ އެވެ.

"މަސައްކަތަށް ބޭނުންވާ އެއްޗެހި ހޯދުމުގައި އެއްވެސް ދައްޗެއް ނެތް. އަލި މަނިކާއި އިލްޔާސް ކައިރީގައި ބުނާ ކޮންމެ އެއްޗެއް ހޯދައިދޭ. އެބައި ވެސް ދިޔައީ ވަރަށް ރަނގަޅަށް،" އޭނާ ވިދާޅުވި އެވެ.

އެހީ ލިބުނު ވަރަކުން ފުރިހަމަކުރި

އިސްލާމީ މަރުކަޒު ހެދީ ބުރުނާއީގެ ރަސްގެފާނާއި ސައުދީގެ ރަސްގެފާނުގެ ވަރަށް ބޮޑު އެހީއެއްގެ ދަށުންނެވެ. އޭގެ އިތުރުން މެލޭޝިއާ އާއި ޕާކިސްތާނާއި ޔޫއޭއީން ވެސް އެހީތެރިވި އެވެ. ބައެއް އެހީ ލިބެމުން އައީ، ހާޖީދާރު ވިދާޅުވި ގޮތުގައި، މަސައްކަތް ކުރިއަށް ދަނިކޮށެވެ. އެހެންކަމުން އެ އެހީގެ މައްޗަށް ބިނާކޮށް އިސްލާމީ މަރުކަޒުގެ ފުރިހަމަކަމަށް ވެސް އިތުރު ބަދަލުތަކެއް ގެނަ އެވެ. މިސާލަކަށް އޭނާ ދެއްކެވީ، މައި މިސްކިތު ހޯލުގެ ދެ ފަރާތަށް އޮތް ދެ ބައިގެ ސީލިން އެވެ. އޭރު ފައިސާ ނެތުމުން ފުރަތަމަ އޮތީ ސީލިން ނާޅާ ގޮތަށެވެ. އެކަމަކު ބުރުނާއީގެ ރަސްގެފާނުގެ ވަރަށް ބޮޑު އެހީއެއް ކަށަވަރުވުމުން ސީލިން އަޅަން ނިންމި އެވެ. އަދި މައި މިސްކިތުގައި ހިމެނުނު ލަކުޑީގެ މަސައްކަތްތައް އިތުރުކުރި އެވެ.

އިސްލާމީ މަރުކަޒުގެ އެތެރޭގެ ވަޑާމުގެ މަސައްކަތް ދިވެހިންގެ ބަޔަކު ކުރަނީ: މިއީ ވެސް ވަރަށް ބޮޑު މަސައްކަތެއް

ބަންގްސާގައި ހުރީ 3،200 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އިސްލާމީ މަރުކަޒު ހެދީ 4،200 މީހުންގެ ޖަގައަށެވެ. ބަންގްސާ މިސްކިތުގައި ވެސް ހަރިންމަ ހުންނަ މައި ހޯލުގެ އެތެރޭގައި އުސްމިން 70 ފޫޓަށް ވުރެ މައްޗެވެ. އެގޮތަށް ޑިޒައިން ހެއްދެވީ ވެސް، ހާޖީދާރު ވިދާޅުވި ގޮތުގައި ސަބަބުތަކެއް އޮވެގެންނެވެ.

"އިންސާނާގެ އިސްކޮޅަށް ވުރެ ތަންކޮޅެއް އުސްކޮށްލިޔަސް އަސްލު އެ ހައިބަތެއް ނާދޭ މިސްކިތް ކަހަލަ ތަނަކަށް. އެކަމަކު 70 ވަރަކަށް ފޫޓު އުސް އަދި މުޅިން ހުސްކޮށް އޮންނަ ތަނެއްގައި އިންސާނަކު ހުންނަ އިރު ވަރަށް ތަފާތުވާނެ އިހުސާސްތައް،" ހާޖީދާރު ވިދާޅުވި އެވެ.

މައި މިސްކިތުގެ ބައި އެހާ އުސްކޮށް ހެދުމުން އަޅުކަންކުރާ އިރު އޭގެ ހައިބަތު ވެސް އިހުސާސްކުރެވޭނެ ކަމަށް، ހާޖީދާރު ވިދާޅުވި (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އޭނާ ވިދާޅުވި ގޮތުގައި އިސްލާމީ މަރުކަޒުގެ ހުރިހާ މަސައްކަތާ މެދު ވެސް ހިތްހަމަޖެހިވަޑައިގަނެ އެވެ. މަސައްކަތް ހިނގަމުން ދިޔަ އިރު ކޮންމެ މަހަކު އެއް ފަހަރު އޭނާ މާލެ ވަޑައިގެން ކަންކަން ބެއްލެވި އެވެ. އެ މަޝްރޫއު އޭނާ ނެންގެވީ ދީނީ މާތް ނިިޔަތެއް ވެސް އޮތުމުން ވީހާވެސް ފުރިހަމަކޮށް ހެދުމުގެ އުއްމީދުގަ އެވެ.

އިސްލާމީ މަރުކަޒުގެ ލަކުޑީގެ މަސައްކަތް: އެތެރޭގެ ބައެއް މަސައްކަތް ކުރެވޭ ގޮތް ވީ ފަހުން ލިބުނު މަލީ އެހީގެ ދަށުން

"އަހަރެން ގަބޫލުކުރަނީ އެހެން ގައުމެއްގައި މިސްކިތެއް ހަދަން ލިބުމަކީ ނިއުމަތެއް ކަމަށް، އަހަރެންގެ ނަސީބު ކަމަށް،" ހާޖީދާރު ވިދާޅުވި އެވެ.

"އިސްލާމީ މަރުކަޒަކީ މާލޭގެ ލޭންޑްމާކެއް. ވަރަށް އުފާވޭ އަދިވެސް އެތަން މީހުން ބަލައިގަންނާތީ."

ހާޖީދާރަކީ އަސްލު ކޮން ބޭފުޅެއް؟

މިއީ އާދައިގެ އާކިޓެކްޓެއް ނޫނެވެ. މިއީ ވަރަށް ކުޑައިރު މެލޭޝިއާގައި މަޝްހޫރުކަން ހޯއްދެވި ކުރެހުންތެރިއެކެވެ. އޭގެ ފަހުން 1960ގެ އަހަރުތަކުގެ ފަހުކޮޅު ސަރުކާރުގެ ސްކޮލަޝިޕެއްގައި އިނގިރޭސި ވިލާތަށް ވަޑައިގެން، އާކިޓެކްޗާގެ ދާއިރާއިން ކިޔަވާ ވިދާޅުވި އެވެ. ހަތް އަހަރު އިނގިރޭސި ވިލާތުގައި އުޅުއްވުމަށް ފަހު 1973 ގައި އެނބުރި މަލޭޝިއާއަށް ވަޑައިގެން ޒަމާނީ ގޮތްގަނޑަށް މެލޭޝިއާގެ ބައެއް އިމާރާތްތައް ބަދަލުކުރުމުގައި، ހާޖީދާރަކީ މަޝްހޫރު ބޭފުޅެކެވެ.

އޭނާގެ އަމިއްލަ ކުންފުނި ހާޖީދާރު އެންޑް އެސޯސިއޭޓްސްއަށް މިހާރު 43 އަހަރު ވެއްޖެ އެވެ. މެލޭޝިއާ އާއި މެލޭޝިއާއިން ބޭރުގައި 100 އަށް ވުރެ ގިނަ އިމާރާތް ޑިޒައިންކުރި އެވެ. 

އިސްލާމީ މަރުކަޒު ހުޅުވަން 11 ނޮވެމްބަރު 1984 ގައި ބޭއްވި ރަސްމިއްޔާތު: އޭރަށް ބެއްޔަސް އަދި މިހާރު ވެސް އިސްލާމީ މަރުކަޒަކީ ލޭންޑްމާކެއް

ހާޖީދާރުގެ މިހާރުގެ އުމުރަކީ 77 އަހަރެވެ. އޭނާގެ އަންބަކާއި ތިން ބޭފުޅުން ތިއްބަވަ އެވެ. 

"އަހަންނަށް ކުރެވުނު ބައެއް މަސައްކަތްތައް އޭގެ ގޮތުގައި ވަރަށް ފުރިހަމަ. ވިސްނާލާ، އެންމެ މީހަކަށް 14 މިސްކިތް ހެދުން،" މިދިއަ އަހަރު މެލޭޝިއާގެ ނިއު ސްޓްރެއިޓްސް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި ހާޖީދާރު ވިދާޅުވި އެވެ.

"ނަމާދުކުރަން މިސްކިތް ހެދުން، އެއީ އަހަންނަށް ކޮށްދެވުނު ވަރަށް ބޮޑު މަސައްކަތެއް. އަހަރެން އުއްމީދުކުރަނީ އެއީ ރަހުމަތެއް ކަމަށް."

ކުރީގެ ރައީސް މައުމޫން 2018 ގައި މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދާއި ހާޖީދާރާއި އިސްލާމީ މަރުކަޒުގެ މަސައްކަތުގައި ބައިވެރިވި އެހެން ބައެއް ބޭފުޅުން

މިސްކިތްތައް ހައްދަވަން އޭނާގެ ހާއްސަ ލޯތްބެއް އޮތްކަން، އިސްލާމީ މަރުކަޒު ހުޅުވަން 11 ނޮވެމްބަރު 1984 ގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުން ވެސް އެނގެ އެވެ.

"އާކިޓެކްޓް ހާޖީދާރު އަބްދުލް މާޖިދުގެ ދީލަތި އެހީތެރިކަން ފާހަގަކުރަން، އޭނާގެ ކޮންޓްރެކްޓް ފީން ވެސް ވަރަށް ބޮޑު އެއްޗެއް އުނިކޮށްދިން،" މައުމޫން ވިދާޅުވި އެވެ.

އިސްލާމީ މަރުކަޒުގެ މަސައްކަތާ އެކު ބައެއް ދިވެހިންނާއި ހާޖީދާރާ ދެމެދު އުފެދުނު ރަހުމަތްތެރިކަން ވަރަށް ބޮޑެވެ. ހާޖީދާރު ވިދާޅުވި ގޮތުގައި އެ ރަހުމަތްތެރިކަން މިހާރު ވެސް އޮތީ ހަމަ އެގޮތަށެވެ. 

މާލޭގެ ކުރީގެ ބޯޓުޔާޑް (މިހާރު ކާނިވާ ހުރި ސަރަހައްދު) ގައި ހަދަން ހާޖީދާރު 1985 ގައި ޑިޒައިންކުރެއްވި ފަސް ތަރީގެ ހޮޓެލް

"ރަހުމަތްތެރިއަކަށް ވެއްޖެ މީހެއް އެއީ މުޅި އުމުރުދުވަހުގެ ރަހުމަތްތެރިއެއް. އެއީ އަހަރެން ދެކޭ ގޮތަކީ،" އޭނާ ވިދާޅުވި އެވެ.

އިސްލާމީ މަރުކަޒު ހަގީގަތަކަށް ވިޔަސް، ރައީސް މައުމޫން އެދިވަޑައިގެން އޭނާ ޑިޒައިން ކުރެއްވި އެހެން މަޝްރޫއުތައް ހަގީގަތަކަށް ނުވި އެވެ. އެގޮތުން މާލޭގައި ފަސް ތަރީގެ ހޮޓަލެއް އަޅާށާއި ސްޓޭޑިއަމާއި ސޯޝަލް ސެންޓަރެއް ވެސް ޑިޒައިންކޮށްދެއްވި އެވެ.

އެކަމަކު އެ ޑިޒައިންތަކުގައި އަމަލީ ސިފަ ނުޖެހުނަސް ހާޖީދާރު ހިތާމައެއްނުކުރައްވަ އެވެ. އޭނާގެ އަސްލު މަސައްކަތާ މެދު ދިވެހިން އަބަދުވެސް ފަހުރުވެރިވާނެ އެވެ. އެއީ މިހާރު ވެސް ރާއްޖޭގެ އެންމެ ރީތި އެއް އިމާރާތެވެ.

އިސްލާމީ މަރުކަޒު: މިއީ މިހާރު ވެސް ރާއްޖޭގެ އެންމެ ރީތި އެއް އިމާރާތް (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)
ރާއްޖެއަށް ޒިޔާރަތްކުރާ ބޭރު މީހުން ވެސް އެންމެ ގިނައިން ފޮޓޯ ނަގާ އެއް ތަނަކީ އިސްލާމީ މަރުކަޒު (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ކޮމެންޓް (6)

ައަސްއަދް

3 އޭޕްރީލު 2022
ވަރައް ފުރިހަމަ .އެންމެ ދެރަވާކަމަކީ މިފަހުން އިސްލާމީމަރުކަޒު ކުރާ މަރާމާތު ތަކުގައި، ފަރުމާ ކޮއްފަވާ ގޮތް ދަމަނަހައްޓާތީ. މުޅި މިސްކިތުގެ ލައިޓްތަ މިފަހުން ބަދަލު ކޮއްލީ "ކޫލް ވައިޓް"(ފިނި ހުދު) ލައިޓައް. ކުރީގަ ހުންނާނީ "ވޯމް ވައިޓް"(މަޑު ރީނދޫ) ލައިޓް. ހިތާމަކުރަނީ މުޅި ތަނުގެ "އޭމްބިއެންސް" ގެއްލި ދިޔައީމަ. މިފަހުން ހުޅުވި ކިންގް ސަލްމާން މިސްކިތުގަ ހުންނަނީ ލޮލައް ފަސޭހަ "ވޯމް ވައިޓް" ލައިޓް. ހަމަ މިފަދައިން، ހުޅުމާލޭގެ ބޮޑު މިސްކިތުގައިވެސް ވަނީ އެތަނުގެ ބޭރު ފާރުގައި ހުރި، (ރަންކުލައިގެ ގުއްބާ، އަދި ތަނާ، ތިމާވެއްޓާ ގުޅޭ) "ބްރައުން" މުށި ކުލަ، ނޫކުލަޔައް ބަދަލު ކޮއް، މުޅި އީމާރާތާއި ތަނުގެ މަލަމަތި ވަރައް ދެރަވާ ގޮތަކައް ބަދަލުވެފަ. މިފަދަ މާތް، ލޯބިވާ އަދި ލޭންޑްމާކް ބިލްޑިންތައް ހިތު ހުރި އެޗެހިން މަރާމާތު ކޮއްގެން ނުވާނެކަމައް ދެކެން، އަދި މިނިސްޓްރީ އިން މަރާމާތް ކުރުމުގެ "ސްޓޭންޑަޑް" އެއް ލިޔެ ބާއްވާ އެކަން ދަމަހައްޓަން ރަނގަޅު ކަމައްފެނޭ. މީގާ ހިމެނުން ރަނގުޅު ބޭނުން ކުރެވޭނެ ކޮލިޓީ އާއަ "ޑިޒައިން ސްޕެސިފިކޭޝަން" ފަދަ އެއްޗެހި. އޭރުން މިފަދަ ކަމެއް ކުރިއައްއޮތް ތަނުގައިވެސް ނުވެދާނެކަމައް ވަރައް އިހުތިރާމާއިއެކު ދެކެން.
35 2

މުހައްމަދު

4 އޭޕްރީލު 2022
@ައަސްއަދް ވަރައް ރަގަޅު ވާހަކައެއް. %100 ތާއީދު.
5 1

މަގުސަދު

4 އޭޕްރީލު 2022
@ައަސްއަދް ލިޔެވިފައިވާ ކޮމެންޓަށް ތާއީދު ކުރުމާއެކު އިސްލާމިކް މިނިސްޓްރީން ނޯޓް ކުރެއްވުން އެދި އާދޭސް ދަންނަވަން
6 1

މުހައްމަދު

3 އޭޕްރީލު 2022
ސަޅި ޕްރޮޖެކްޓެއް - ވަރަށްވެސް އިންފޮމޭޓިވް ލިޔުމެއް. ކުރިން ނޭގޭ ވަރައް ގިނަ ކަންތައްތަކެއް އެނގިއްޖެ. ތޭންކްސް
26 1

މައުމޫން

3 އޭޕްރީލު 2022
މައު ކުރިޔަސް ރަނގަޅު ކަމެއްވާނީ ރަނގަޅު ކަމަކަށް
21 0

އާއެކެވެ

3 އޭޕްރީލު 2022
އެޒަމާނަށް ބަލާފައި އާދަޔާހިލާފު ފުރިހަމަ މަސައްކަތެއް. އަދި ދިވެހިންގެ ލަކުޑީގެ ޑިޒައިންތަކަކީވެސް ތަފާތު ފުރިހަމަ މަސައްކަތްތަކެއް. އަދި އްދާޖެހެންދެންވެސް ބަދަލެއް ނައިސް ރީތިކަމުގައި ހިފެހެއްޓިފައި ހުރީ މަސައްކަތުގެ ފުރިހަމަކަމާއި ހަމައެއާއެކު ބަލަހައްޓާ ފަރާތްތަކުގެ މަސައްކަތުން.
25 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް