އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ. (ފޮޓޯ/ރޮައިޓާސް)

އިންޑިއާ

މޯދީއަށް ފާޑުކިޔާ ޑޮކިއުމެންޓްރީ މަނާކުރުން ކުށްވެރިކޮށްފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފާޑުކިޔާ ބީބީސީގެ ޑޮކިއުމެންޓްރީ އިންޑިއާގެ ސަރުކާރުން މަނާކުރުމާ ގުޅިގެން ބައެއް މީޑިއާތަކުން އެކަން ކުށްވެރިކޮށްފި އެވެ. އެއާ އެކު، އިންޑިއާގައި ޑޮކިއުމެންޓްރީއަށް ވަނުމާއި ޝެއާކުރުން ހުއްޓުވުމަށް ކުއްލި ނުރައްކަލުގެ ބާރުތައް ބޭނުންކުރާ ކަމަށް ބުނެ، ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.

އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓްރީގެ އެޑްވައިޒަރަކު ހޮނިހިރު ދުވަހު ވިދާޅުވީ ބީބީސީ ޑޮކިއުމެންޓްރީ އިންޑިއާ ހިއްސާކުރާ ލިންކުތައް ބްލޮކްކުރުމަށް ޓުވިޓާ އާއި ޔޫޓިއުބަށް އަންގާފައިވާ ކަމަށެވެ. އެއީ "ޕްރޮޕެގެންޑާ ޕީސް"އެއް ކަމަށް ސަރުކާރުން ކުރިން ލޭބަލްކޮށްފައިވެ އެވެ.

ޑޮކިއުމެންޓްރީގައި މޯދީގެ އަމިއްލަ ސްޓޭޓް ގުޖުރާތުގައި 2002 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކުގައި ޗީފް މިނިސްޓަރުގެ ހައިސިއްޔަތުން މޯދީގެ ލީޑާޝިޕާ މެދު ސުވާލު އުފައްދާފައިވެ އެވެ. އެ ހާދިސާގައި ގާތްގަނޑަކަށް 1،000 މީހުން މަރުވި އިރު، އޭގެ ތެރޭގައި ގިނައީ މުސްލިމުންނެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 2،500އަށް ވުރެ މަތިވާނެ އެވެ.

އިންޓަނޭޝަނަލް ޕްރެސް އިންސްޓިޓިއުޓް (އައިޕީއައި) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ޑޮކިއުމެންޓްރީ ބްލޮކް ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ކުއްލި ގާނޫނުތައް ބޭނުން ކުރާތީ ކަންބޮޑުވާ ކަމަށެވެ. އިންޑިއާ އިން 2021 ވަނަ އަހަރު ގެނައި އައިޓީ ގަވައިދުގެ ދަށުން އޮންލައިން ކޮންޓެންޓާއި ނިއުސް އައުޓްލެޓްތައް ކޮންޓްރޯލްކޮށް ސެންސަރު ކުރުމުގެ ބާރު ސަރުކާރަށް "ފުޅާ އަދި ހުއްޓުމެއް ނެތި" ލިބިގެންވާ ކަމަށް އައިޕީއައިން ބުންޏެވެ.

"މޯދީގެ ސަރުކާރުން އައިޓީ ގަވައިދުގެ ދަށުން ލިބިދޭ ކުއްލި ނުރައްކަލުގެ ބާރުތަކުގެ ބޭނުން ވަރަށް ސާފުކޮށް ނަހަމަ ގޮތުގައި ހިފައިގެން ސަރުކާރުން ގެންދަނީ އެ ގައުމުގެ ސިޔާސަތުތަކަށް ފާޑުކިޔާ ކޮންމެ މީހަކަށް އަދަބު ދެމުން ނުވަތަ ހުރަސްއަޅަމުން،" އައިޕީއައިގެ ޑިރެކްޓަރު އޮފް އެޑްވޮކޭސީ އެމީ ބްރޫއިލެޓް ވިދާޅުވި އެވެ.

"މޯދީ ސަރުކާރުގެ ވަރަށް ފުޅާ އަދި ބޭއިންސާފު ސެންސާޝިޕް ޑިމާންޑްތަކާ ދެކޮޅަށް އަމިއްލަ ޕްލެޓްފޯމްތަކުން ފަހަތަށް ނުޖެހުމަށް އިލްތިމާސްކުރަން."

ސޯޝަލް މީޑިއާގެ ބޮޑެތި ކުންފުނިތަކުން ވަނީ އިންޑިއާ ސަރުކާރުގެ އަމުރަށް ބޯލަނބައިފަ އެވެ. އޭގެ ތެރޭގައި ޓުވިޓާ އާއި ޔޫޓިއުބު ހިމެނެ އެވެ.

"ގައުމީ ސިޔާދަތާއި އާންމު އަމާންކަން" ހިމާޔަތް ކުރުމަށް ކަމަށް ބުނެ، "ފޭކް ނުވަތަ ދޮގު" ކަމަށް ބެލެވޭ ކޮންޓެންޓް ޕްލެޓްފޯމްތަކުން ނައްތާލަން ޖެހޭ ގޮތަށް އައިޓީ ގަވައިދަށް މިދިޔަ ހަފުތާގައި ސަރުކާރުން ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.

އެންމެ ފަހުގެ މި ފިޔަވަޅަކީ 2014 ވަނަ އަހަރު މޯދީ އާއި އޭނާގެ ހިންދޫ ނޭޝަނަލިސްޓް ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ވެރިކަމަށް އައި ފަހުން އިންޑިއާގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ދިން ވަރުގަދަ ހަމަލާ އެކެވެ.

ހޯމަ ދުވަހު ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ބުނީ އެ ޑޮކިއުމެންޓްރީ ބްލޮކް ކުރަން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އެންގުމަކީ ޑިމޮކްރެޓިކް އަސާސްތަކަށް އެ ގައުމުން ކަނޑައަޅާފައިވާ ވައުދާ އިދިކޮޅަށް މިނިވަން ނޫސްވެރިކަމަށް ދިން ހަމަލާއެއް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް