ޔޯގާ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތް ހުއްޓުވަން ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް މިރޭ ހައްޔަރު ކުރަނީ.

ޔޯގާ ހަރަކާތުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން މުހައްމަދު އިސްމާއިލް އާއި އިތުރު 2 މީހަކު ހައްޔަރުކޮށްފި

އޭނާއާ އެކު މިރޭ އިތުރު 2 މީހަކު ހައްޔަރުކުރި؛ މީގެ ކުރިން ހަ މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވޭ

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް އިއްޔެ ހެނދުނު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ ތެރެއަށް ވަދެގަނެ، އެކަން ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މައްސަލައިގެ ފެށުން - ގަލޮޅު ދަނޑުގައި ޔޯގާ ދުވަހުގެ ހަރަކާތް ހިންގަމުން ދަނިކޮށް ޝަހާދަތުގެ ދެ ކަލިމަ ލިޔެފައި ހުރި ދިދަތަކެއް ހިފައިގެން ތިބި ބަޔަކު ވަނީ ގަލޮޅު ދަނޑަށް ވަދެގަނެ އެ ތަނުގައި ހަމަނުޖެހުން ހިންގައިފަ އެވެ. އެގޮތުން ބައެއް މީހުންނަށް ހަމަލާ ދިނުމުގެ އިތުރުން އެ ތަނުގައި ހުރި ބައެއް ތަކެއްޗަށް ވެސް ގެއްލުން ދިނެވެ.

  • އެ މައްސަލައިގައި އިއްޔެ ވަނީ ހަ މީހަކު ހައްޔަރުކޮށްފައި

  • މިއަދު ކްރިމިނަލް ކޯޓުން ވަނީ އެ ހަ މީހުންގެ ބަންދުގެ މުއްދަތު ޖަހާފައި

ވީ ކިހިނެއް؟ - ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައާ ގުޅިގެން މިރޭ އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް، އަދި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުުހުން ހާމަކޮށްފައެއް ނުވެ އެވެ.

ޔޯގާ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތް ހުއްޓުވަން ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހައްޔަރު ކުރަނީ.

ޕީޕިއެމް-ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، އެ މައްސަލައާ ގުޅިގެން މިރޭ ހައްޔަރު ކުރި މީހުންގެ ތެރޭގައި ޕީޕީއެމްގެ ހަރަކާތް ކޮމިޓީ ހިންގަވާ މުހައްމަދު އިސްމާއިލް ވެސް ހިމެނެ އެވެ. އޭގެ އިތުރުން ހަރަކާތް ކޮމިޓީގެ މަސައްކަތްތަކުގައި އުޅޭ އިބްރާހިމް ރައްޒާން (ޓަކީ) ވެސް ހައްޔަރު ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މުހައްމަދު އިސްމާއިލް ހައްޔަރު ކުރީ ކާނިވާ ސަރަހައްދުގައި ހުންނަ ކެފޭއެއްގައި އިންނަވަނިކޮށް ކަމަށްވެ އެވެ. ނަމަވެސް، ދެން ތިބި މީހުން ހައްޔަރު ކުރި ތަނެއް އަދި ސާފެއް ނުވެ އެވެ.

ގުޅުންހުރި ކަމެއް - އިދިކޮޅުން ހިންގާ 'އިންޑިއާ އައުޓް' ހަރަކާތާ ގުޅިގެން މީގެ ކުރިން ވެސް މުހައްމަދު އިސްމާއިލް ވަނީ ދެ ފަހަރެއްގެ މަތިން ހައްޔަރުކޮށްފަ އެވެ.

ތަފްސީލް - ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޔޯގާ ހަރަކާތުގައި ހަމަނުޖެހުން ހިންގި މީހުން ބޭނުން ކުރި ބައެއް ތަކެތި ނެރުނީ ޕީޕީއެމްގެ އޮފީހުން ކަމަށެވެ. އެ މީހުން ބޭނުން ކުރި ދިދަތަކަކީ އިދިކޮޅުގެ 'ނަބިއްޔާގެ ދިފާއުގައި' ހަރަކާތުގައި ބޭނުންކުރި ފަދަ ދިދަތަކެކެވެ. އެކަމަކު، ޕީޕީއެމް އިން ވަނީ ޔޯގާ ހަރަކާތުގައި ހިންގި ހަމަނުޖެހުން ކުށްވެރިކޮށްފަ އެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތް ހުއްޓުވަން ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން އިތުރު ބަޔަކު މިރޭ ހައްޔަރުކުރަނީ. (ފޮޓޯ/އެމްވީކްރައިސިސް)

މި މައްސަލައާ ގުޅިގެން މީގެ ކުރިން ހައްޔަރުކޮށްފައިވަނީ:

  • މުހައްމަދު ނަދީމް، 43، ކ. ތުލުސްދޫ/ވީނަސް

  • މުހައްމަދު ޒިލްޔަން، 37، މއ. ކަނުހުރާ

  • ޝާމީ ރަޝާދު އިދްރީސް، 30، ދަފްތަރު ނަންބަރު ދރ. 1105

  • މުހައްމަދު މައުސޫމް، 40، ތ. މަޑިފުށި/ހެޕީސައިޑް

  • މުހައްމަދު ހުސައިން، 47، ހއ. ތުރާކުނު/ގްރީންހައުސް

  • އަމީން އަހްމަދު، 35،ގދ. ރަތަފަންދޫ/ލިލީޕާކް

އެ މީހުންގެ ތެރެއިން ޒިލްޔަން އާއި ޝާމީ ރަޝާދުގެ ބަންދަށް ޖަހާފައިވަނީ ފަސް ދުވަހެވެ. ބާކީ ތިބި މީހުންގެ ބަންދަށް ޖަހާފައިވަނީ ދެ މަސްދުވަހެވެ.

ޔޯގާ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތް ހުއްޓުވަން ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހި ހަ މީހުން. (ދައުރު އިންފޮގްރެފިކްސް/އިބްރާހިމް އަލީފް)

ހާދިސާ ކުރުކޮށް:

  • އެ މީހުން ދަނޑަށް ވަންނަން މަސައްކަތް ކުރީ ހަރު އަޑުން ޝަހާދަތް ކިޔައި ތަކްބީރު ކިޔަމުން

  • ފުލުހުން ވަނީ މަގުމަތިން ބެރިކޭޑު ޖަހައި އެ މީހުން ހުއްޓުވަން މަސައްކަތް ކޮށްފައި

  • ނަމަވެސް މުޒާހަރާގެ ބައިވެރިން ފެންސް ފޫ އަޅުވާލައި ޔޯގާ ހަދަން ދަނޑުގައި ތިބި މީހުންނަށް ދިމާލަށް ގޮސް އެ މީހުންނަށް އިންޒާރުދީ އެތަނުން ނުކުތުމަށް އަންގަމުން ދިޔަ

  • އެ ސަރަހައްދުގައި ޖަހާފައި ހުރި ގައުމީ ދިދަތަކާއި އިންޑިއާގެ ދިދަ ދަނޑިތައް ބިންދާލައި، ޔޯގާ ހަރަކާތުގެ ބައިވެރިންނަށް ހަމަލާ ދިނުމަށް މަސައްކަތް ކުރި

  • އެ ހަރަކާތަށް ހުރަސް އެޅި މީހުން 40 ވަރަކަށް މިނެޓު ވަންދެން ހަމަނުޖެހުން ހިންގި ފަހުން، އެ މީހުން އެ ތަނުން ބޭރުކުރެވުނީ ފުލުހުން ކަރުނަ ގޭސް ޖަހައި ބާރުގެ ބޭނުންކޮށްގެން

  • އެ ހަރަކާތުގައިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުން ވެސް ބައިވެރިވި










އިތުރު އާޓިކަލް

އިތުރު އާޓިކަލް