ކުޅި ބޯކިބާ: ވާރޭ ވެހޭ ދުވަހެއް ނަމަ ބައެއް މީހުންނަށް މި ކެއުމުން ހަށިގަނޑަށް ހާއްސަ ހަމަޖެހުމެއް ގެނެސްދޭ

ފުޑް

މި ދުވަސްވަރު ކުޅި އެއްޗެހި ކާހިތްވޭތަ؟

ފިނި ދުވަސްދުވަހު ކުޅި އެއްޗެހި ކާން ބޭނުންވަނީ ހަށިގަނޑުގެ ހޫނުކަން ދަމަހައްޓަން

މި ދުވަސްވަރާއި މިފަހަކަށް އައިސް އާދަޔާ ހިލާފަށް ކުޅި އެއްޗެހި ކާހިތްވޭ ހެއްޔެވެ؟ ކުޅިކޮށް ހަދާފައި ހުންނަ ކޮންމެވެސް ކުޅި ހެދިކާއެއް ނޫނީ ނޫޑުލްސް ނުވަތަ ކުޅި ފާރޮށި ކުއްލިއަކަށް ކާ ބޭނުންވޭ ހެއްޔެވެ؟

ސައިންސް ބުނާ ގޮތުން އެކަން އޮތީ މޫސުމާ ގުޅިފަ އެވެ. އަދި މި ދުވަސްވަރު ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެއަށް ފެށިފައިވުމާ އެކު އެ ބަދަލުތައް އަހަރެމެންނަށް އައުން އެކަށީގެންވެ އެވެ.

ފިނި ދުވަސްދުވަހު ކުޅި އެއްޗެހި ކާހިތްވަނީ ހަށިގަނޑުގެ ހޫނުކަން ދެމެހެއްޓުމަށެވެ. ފިނި ދުވަސް ދުވަހު ފިނިހޫނުމިން ދަށްވުމުން ހަށިގަނޑު މަސައްކަތް ކުރަނީ ޓެމްޕަރޭޗަރު މަތިކުރުމަށެވެ. ޗައިނީސް މެޑިސިން އިން ބުނާ ގޮތުން ހަށިގަނޑުގެ ކޮންމެ ގުނަވަނެއް ވަކި ފްލޭވަރެއް ނުވަތަ ރަހައެއް ބޭނުންވެ އެވެ. މިސާލެއްގެ ގޮތުން ފުއްޕާމޭގެ ހަކަތައަށް ވަރަށް ބޮޑަށް ކުޅި އެއްޗެހި ކަމުދެ އެވެ. ކުޅި އެއްޗެހި ކެއުމުގެ ސަބަބުން ހަށިގަނޑު ހޫނުވެ ރޯގާގެ އަސަރު ހަށިގަނޑުން ކެނޑެން މެދެވެރިވެ އެވެ.

ރާއްޖޭގައި ހަދާ ކުޅި ބޯކިބާ: ފިނި ދުވަސްދުވަހު މިއީ ރަނގަޅު ކޮމްބިނޭޝަނެއް ކަމަށް ބެލެވޭ

ފިނި ދުވަސްވަރު އަރިދަފުސް ރޯގާ އާއި ފުއްޕާމޭގެ އެހެނިހެން އިންފެކްޝަންތައް ޖެހެން ފަސޭހައިން މެދުވެރިވަނީ ވައިގެ ތެރޭގައި ހިމެނޭ ޕެތޯޖަންސްތަކުގެ ސަބަބުންނެވެ. އެހެންކަމުން މީހާގެ ފުއްޕާމޭގެ ދުޅަހެޔޮކަމަށް ސާމާލުވާން ޖެހެ އެވެ. ފުއްޕާމޭގެ މަސައްކަތަށް ބުރޫއަރައިފި ނަމަ ސައިނަސް މައްސަލަ، ބޮލުގައި ރިހުން، ކެއްސުން، ފިނިވެ ހީކަރުވާ އަދި ގައިގައި ރިހުން ފަދަ ކަންކަން ދިމާވެ އެވެ.

ކުޅިކޮށް ކެއުމުން ހަށިގަނޑުން ވަޔާ އެކު ޕެތޯޖަންސް ބޭރުވެ ހަށިގަނޑުގައި ލޭ ދައުރުވުން ރަނގަޅުކޮށްދީ ހަކަތަ ވެސް އިތުރުކޮށްދެ އެވެ. ކުޅިކޮށް ކެއުމުން ފާހަގަވާ އެއް ކަމަކީ ނޭފަތުން ފެން ފޭބުމެވެ. މީގެ ސަބަބުން ހަށިގަނޑުން މިއުކަސް ނުވަތަ ދަވަ ބޭރުވެ އެވެ. ފިނި ބޮޑުވެގެން އުޅޭ ނަމަ ކުޅިކޮށް ކައިފި ނަމަ ހަށިގަނޑު ހޫނުކޮށްލައި، މީހާ ދާ ހިތްލާ ގޮތްވެ އެވެ.

ކަނޑޫދޫގެ މިރުސް: މިއީ ރާއްޖެއިން ލިބެން ހުންނަ އެންމެ ކުޅި މިރުސް

މީގެ އިތުރުން ވެސް ކުޅިކޮށް ކެއުމުގެ ފައިދާތައް އެބަ ހުއްޓެވެ. މީހާގެ ހަޖަމުކުރުން ރަނގަޅުވެ މެޓަބޮލިޒަމް މައްޗަށް ދެ އެވެ. އަދި މިއީ ބަރުދަން ލުއިކުރަން ވެސް އެހީތެރިވާ ކަމެކެވެ. ކުޅިކޮށް ކެއުމަކީ ހިތަށް ވެސް ރަނގަޅު ކަމެއް ކަމަށް ބެލެވެ އެވެ. ސަބަބަކީ ނުރަނގަޅު ކޮލެސްޓްރޯ ދަށްކޮށްލަން ކުޅި ކެއުންތަކުން ކޮންމެވެސް ވަރަކަށް އެހީތެރިވާ ކަމަށް، ބައެއް ހޯދުންތަކުން ދައްކާތީ އެވެ.

ބެލެވޭ ގޮތުގައި ކުޅިކޮށް ކާ މީހުން އެފަދަ ކެއުންތަކަށް ފަހު މޫޑު ރަނގަޅުވެ އެވެ. ކުޅި ވުމުން ހަށިގަނޑުގައި ސެރޮޓޯނިއަން ހޯމޯން އުފެއްދުން އިތުރުކޮށްދީ، ސްޓްރެސްވުމާއި އެންޒައިޓީ އަދި ރުޅިގަދަވުމުން ފަދަ ކަންކަމުން ދުރުކޮށްދެ އެވެ.

މާލޭގެ ލޯކަލް މާރުކޭޓުގައި މީހަކު މިރުސްތަކެއް ވިއްކަނީ: ގިނަ ދިވެހިން ބޭނުންވަނީ ކުޅިކޮށް ކާން (ދައުރު ފޮޓޯ/ އަހުމަދު ނާއިފް)

އެކަމަކު އެންމެންނަކަށް ކުޅިކޮށެއް ނުކެވެ އެވެ. ބައެއް މީހުންނަށް ކުޅިކޮށް ކެއުމުން ދިމާވާ އުނދަގޫތައް ގިނަ އެވެ. ބަނޑުގައި އަލްސާ ނުވަތަ ކުދިކުދި ފާރުކޮޅުތައް ހުންނަ ނަމަ ވަކިން ގޯހެވެ. އެކަމަކު ހަނދާންކުރަންވީ ކަމަކީ ކުޅިކޮށް ކެއުމޭ ހަމަ ބުނެލާ އިރަށް "ކަނޑޫދޫ މިރުހެއް" ގަންނަން ޖެހުނީތާއޭ ހިތަށް ނޭރުވުމެވެ. ހަށިގަނޑު ހޫނުކޮށްލަދިނުމަށް އިނގުރު، ލޮނުމެދު، ބެލްޕެޕާ ފަދަ ތަކެތިން ވެސް ކާ އެއްޗެއް ކުޅިކޮށްލެވިދާނެ އެވެ. 

 މި ދުވަސްވަރު ސޯޝަލް މީޑިއާގައި ކުޅި ކާ އެއްޗެހީގެ ވާހަކަ ދެކެވޭލެއް ގިނަ އެވެ. ކުރިއަށް ދެން އޮތީ ވެސް ހުޅަނގު މޫސުމުގެ "ޖޫންޖުލައި"ގެ ވިއްސާރަ އެވެ. އެހެންކަމުން އެއްބަޔަކަށް ކަމުދާނީ ވެސް ދިވެހިވަންތަ ރަހަތަކެވެ.

ވިއްސާރަ މޫސުމުގައި ޓުވިޓާގައި ދެ ޒުވާނަކު ހިއްސާކޮށްލި ޓުވީޓްތަކުން އެކަން ފެނެ އެވެ. އާޓިސްޓެއް ކަމަށްވާ އައިޝަތު ނިފާއަކީ ގޭގައި މަސައްކަތް ކުރާ މީހެކެވެ. ތިން ކުދިންގެ މަންމަ ބުނާ ގޮތުގައި ވިއްސާރަ ދުވަސްތަކަށް އެންމެ ރަނގަޅު ކޮމްބިނޭޝަންއަކީ ކުޅި ފާރޮއްޓާއި ކަޅު ސަ އެވެ.

އާޓިސްޓް އައިޝަތު ނިފާއަށް ވިއްސާރަ ދުވަސްދުވަހު އެންމެ ކަމުދަނީ ކުޅި ފާރޮއްޓާއި ކަޅު ސައި

އެކަކު ބުނަނީ ވާރޭވެހޭ ދުވަސްތަކަށް ފުރިހަމަކަން ގެނެސްދޭ އެއްޗަކީ ކުޅިބޯކިބާ ކަމަށެވެ. ދެ މީހުން ޝެއާކުރި ފޮޓޯތަކަށް ބަލާ ނަމަ އެއިން ކޮންމެ އެއްޗަކާ އެކު ވެސް ރަނގަޅީ ކަޅު ސައިތައްޓެކެވެ.

މީހަކު ޓުވިޓާގައި ހިއްސާކޮށްފައިވާ ފޮޓޯއެއް. ވާރޭވެހޭ ދުވަަސްތައް ފުރިހަމަ ކޮށްދެނީ ކުޅިބޯކިބަލުން ކަމަށް ބުނޭ

ދިވެހިންގެ ކެއިން ބުއިމުގެ ވައްޓަފަޅީއަށް އަވަށްޓެރި ގައުމުތަކުގެ ރަހަތައް ވަދެފައިވާ އިރު ވިއްސާރަ ދުވަސްވަރު މި ރަހަތަކަށް ލޯބިކުރާ މީހުން އުޅޭނެ އެވެ. މިސާލަކަށް ކުޅި ނޫޑުލްސްގަނޑެކެވެ. 

ސޯލްފުޑްބައިހިމޫ ހިންގާ ހިމޫ ވަހީދު ވިއްކާ ޗައިނީސް ނޫޑުލްތަކުގެ ތެރެއިން 'ކްރޭވް ވާ ވަރު އިތުރު'އަށް ފިނި ދުވަސްދުވަހު އޮންނަ ޑިމާންޑް ބޮޑުވެ އެވެ.

ފިނި ދުވަސް ދުވަހު ކުޅި ނޫޑްލްސް ކާހިތްވާ މީހުން ގިނަ (ފޮޓޯ/ސޯލްފުޑްބައިހިމޫ)

ކޮމެންޓް (1)

މުހައްމަދު

20 މޭ 2022
ނުވޭ ނުވޭ ނުވޭ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް