ރޮށި ހިމެނޭ ހެނދުނުގެ ނާސްތާއެއް: ދިވެހިން އާންމުކޮށް ރޮށި ބޭނުންކުރޭ

ފުޑް

ދިވެހިން ފިހާ ރޮށި ފިހާރަތަކަށް، އިތުރު ފަސޭހައެއް

ދިވެހިންގެ މައިގަނޑު ކެއުމުގައި ހިމެނޭ ރޮށި ފިހާރަތަކުން މިހާރު ލިބެން ހުރޭ

މުހިންމު ނުކުތާތައް

ރޯދަމަހު އެއް ތަނަކުން އެކަނި ދުވާލަކު 5،000 ރޮށި ޑެލިވަރީކުރި

ރޮށި ފިހުމުގެ މަސައްކަތްކުރާ މީހުން އެކޮށްދެނީ ވަރަށް ބޮޑު ފަސޭހައެއް

ވަގުތު ނެތް ދިރިއުޅުމެއްގައި އުޅޭ ބަޔަކަށް ރޮށި ގަންނަން ލިބުމަކީ ނަސީބެއް

މިދިއަ ރޯދަމަހު އެއް ތަނަކުން ދުވާލަކު 5،000 ރޮށި، އެކި ގޭގެއަށް ޑެލިވަރީކޮށްދިނެވެ.

މާލޭގެ ބައެއް ފިހާރަތަކުގައި ރީތިކޮށް ފިހެ، ބަންދުކޮށްފައި ހުންނަ ރޮށި ޕެކެޓްތައް ފެންނަލެއް ގިނަވެއްޖެ އެވެ.

"ހެނދުނު ގެންނަ އެއްޗެއް އެއީ، ގެންނަ ތަނުން ހުސްވާނެ،" ހެންވޭރުކޮޅުގައި ހުރި ފިހާރައެއްގެ ސޭޓަކު، މެންދުރު ފަހު އެތަނަށް ރޮށި ގަންނަން ވަން މީހެއް ކައިރީގައި ބުންޏެވެ.

 ރޮށި ފިހެގެން އާމްދަނީ ހޯދާ މީހުންގެ އަދަދު ގިނަކަން ޔަގީނެވެ. ގޭގައި އަމިއްލައަށް ރޮށި ފިހުމުގެ ބުރައިން ސަލާމަތްކޮށްދޭނެ ބަޔަކު ވުމަކީ، އަތުގެ ކުޑަ ހުޅުގައި ރިއްސުން ފަދަ މައްސަލަތައް ދިމާވާ އަންހެނުންނަށް އޮތް ހައްލެކެވެ. ބިޒީ ދިވެހިންނަށް އޮތް ނަސީބެކެވެ. 

ރޮއްޓަކީ ދިވެހިންގެ މައިގަނޑު ކެއުމެކެވެ. ހެނދުނު ނާސްތާގައި ރޮށި ނެތް ނަމަ ދުވާލުގެ ކޮންމެވެސް އެހެން ގަޑިއެއްގައި ނަމަވެސް ރޮށި ބޭނުންކުރުމަކީ ދިވެހިންގެ އާދައެކެވެ. ހުރިހާ އުމުރުފުރައެއްގެ މައިގަނޑު ކެއުމަށް ރޮށިވެފައިފާ އިރު، ގިނަ ތުއްތު ކުދިން ހަރު ކާނާ ކާން ފުރަތަމަ ދަސްކުރަނީ ވެސް ރޮށި ހަފައިގެންނެވެ.

 އެކަމަކު މިހާރު މާލޭގައި ދިރިއުޅޭ އެތައް ބައެއްގެ ދުވަހުގެ ބިޒީ ޝެޑިއުލްއާ ހެދި ރޮށި ފިހާކަށް ވަގުތެއް ނުލިބެ އެވެ. ފުށް މޮޑެގެން ރޮށި ދަމައި އަދި އެ ފިހުމަކީ، އެއް ބަޔަކު ދެކޭ ގޮތުގައި، މިހާރުގެ ޒުވާނުންނަށް އެހާމެ ބުރަ ވެސް ކަމެކެވެ. އެ ސަބަބާ ހުރެ ބައެއް ޒުވާނުންގެ މެދުގައި މަގުބޫލުވީ ރާއްޖެއިން ބޭރުން ތައްޔާރުކޮށްފައި ހުންނަ ފްރޯޒަން ފަރާޓާ އާއި ރޮށި ޕެކެޓެވެ.  

އެކަމަކު މިހާރު ބައެއް ފިހާރަތަކުން ލިބެން އެ ހުރީ ދިވެހި ގޭގޭގައި ތައްޔާރުކުރާ ތާޒާ ރޮއްޓެވެ. އަދި އެއަށް އޮތް ޑިމާންޑް ވެސް އެހާމެ ބޮޑެވެ. 

ދިވެހިންގެ މައިގަނޑު ކެއުމުގައި ހިމެނޭ ރޮށި މިހާރު ގޭގޭގައި ފިހުމުގެ ބަދަލު ގައި އޯޑަރު ކުރަނީ. (ފޮޓޯ/ސީހައުސް މޯލްޑިވްސް)

ރޮށި ވިއްކައިގެން އާމްދަނީ ހޯދަމުން އަންނަ ބައެއް މީހުންނާ ގުޅޭތޯ 'ދައުރު'ން މަސައްކަތްކުރި އެވެ. ނަމަވެސް އެ މީހުން މީޑިއާއާ ވާހަކަ ދައްކާކަށް ބޭނުމެއް ނުވި އެވެ. ބެލެވޭ ގޮތުގައި ރޮށި ވިއްކާ ވާހަކަ ދައްކަން ޖެހިލުންވަނީ އެވެ. ނުވަތަ ލަދުގަންނަނީ އެވެ.

އެކަމަކު ކޭކް އެޅުން ފަދަ ނުވަތަ ގޭގައި ހެދިކާ ހަދައިގެން ވިއްކުން ފަދަ ވިޔަފާރިއެކޭ ރޮށި ވިއްކުމެކޭ ވަކި ތަފާތެއް ނެތެވެ. ކޭކާއި ހެދިކާ އަކީ މައިގަނޑު ކެއުމެއް ނޫނެވެ. އެކަމަކު ރޮއްޓަކީ މައިގަނޑު ކެއުމުގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. އެހެންކަމުން އެ ބާވަތް ގޭގައި ތައްޔާރުކޮށް ބާޒާރަށް ވިއްކަން ނެރުމަކީ އަސްލު ވަރަށް ބޮޑު ހިދުމަތެކެވެ.

މީހަކު ރޮށި ދަމަނީ، ރޮށި ދެމުމުން ބައެއް މީހުންނަށް އަތުގެ މައި ނާރެއް ފިތޭ މައްސަލަ ކުރިމަތިވޭ

ރޮށި ލިބެން ހުރުން، ބައެއް މީހުންގެ ނަސީބު

ރާއްޖޭގެ ވަރަށް ގިނަ އަންހެނުންނަށް 'ކާޕަލް ޓަނަލް ސިންޑްރޯމް' ކުރިމަތިވެ އެވެ. އާންމުކޮށް މި މައްސަލައާ ދިމާވަނީ އުމުރުން ދުވަސް ވުމުންނެވެ. އެކަމަކު 'ދައުރު'ގައި ކުރިން ޖެހި ރިޕޯޓަކަށް ވާހަކަ ދެއްކި ކަށީގެ ބައެއް ޑޮކްޓަރުން ބުނާ ގޮތުގައި ވަރަށް ހަގު އުމުރުގެ މީހުންނަށް ވެސް މިހާރު އެ މައްސަލަ ތަހައްމަލްކުރަން ޖެހެ އެވެ.

މިއީ އަތު ކުރިން އަތްތިލައާ ގުޅޭ މައި ނާރު ފިތުމުން އައްސިވުން ހިމެނޭ ސިއްހީ މައްސަލައެކެވެ. ކާޕަލް ޓަނަލް ހުންނަ މީހުންނަށް އަތް ބޭނުންކުރަން އުނަދގޫވެ އެވެ. ގިނައިން އަންހެނުންނަށް މި މައްސަލަ ދިމާވަނީ ގުދުރަތީ ގޮތުން ވެސް އަންހެނުން އުފެދުމުގައި އަތުކުރީގެ މައި ނާރާއި އަތްތިލަ ގުޅުވައިދޭ 'ކާޕަލް ޓަނަލް'ގައި ހުންނަ ޖާގަ ކުޑަވެގެންނެވެ.

ބައެއް އަންހެނުންނަށް އޮތް ހިތާމަވެރި ހަބަރަކީ ކޮންމެ ދުވަހަކު ފުށްގަނޑު މޮޑެ، ރޮށިދެމުން ފަދަ، ކުޑަ ހުޅަށް ބާރުކުރާ މަސައްކަތްތަކާ ހެދި ކާޕަލް ޓަނަލް ސިންޑްރޯމްއާ ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމެވެ. 

ދިވެހިން ކާން ބޭނުންކުރާ ރޮށީގެ މައިގަނޑު ޝަރުތުތައް ހަމަވާ ގޮތަށް ރޮށި ފިހެ، އެ ވިއްކާ މީހުންގެ ސަބަބުން، ވަރަށް ގިނަ އަންހެނުންނަށް މިހާރު ލިބިފައި މިވަނީ ވަރަށް ބޮޑު ފަސޭހައެކެވެ.

ރޮށި ފިހަން ގިނަ މީހުންނަށް ބުރަވާ ސަބަބުތަކުގެ ތެރޭގައި ކާޕަލް ޓަނަލް ސިންޑްރޯމް

ރޮށި ފިހުމަކީ ފަސޭހައިން އާމްދަނީ ލިބޭނެ މަސައްކަތެއް ކަން ޔަގީނެވެ. ރޮށި ވިއްކާ ގިނަ މީހުން އާއްމުކޮށް ރޮށި ވިއްކާ އުޅެނީ ރޮއްޓެއް 2 ރުފިޔާ އަށެވެ. ބައެއް މީހުން ރުފިޔާއަކަށް ވެސް ރޮއްޓެއް ވިއްކަ އެވެ.

އެޗުޕީއޭގެ ކަންބޮޑުވުމަށް ވެސް ހައްލެއް

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗުޕީއޭ) އިން އެކުލަވާލާފައިވާ ދިވެހިންގެ އާންމު ކާނާއާ ބެހޭ ގައިޑްލައިން އިން އެނގޭ ގޭގައި ރޮށި ފިހެގެން ކެއުމުގެ އާދައަށް ވަނީ ބަދަލެއް އައިސްފަ އެވެ. އެގޮތުން ގޭގައި ރޮށި ފިހުމުގެ ބަދަލުގައި ފްރޯޒަން ރޮށި ނުވަތަ ފަރާޓާގެ މަގުބޫލުކަން ބޮޑުވަމުން ދާކަން، ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރި އެވެ.

ދިވެހި އަންހެނުން ގޭގައި ރޮށި ފިހެ ވިއްކާ ނަމަ ބޭރުން އެތެރެކުރާ ގަނޑުކޮށްފައި ހުންނަ ފަރާޓާ ފަދަ އެއްޗިއްސާ ދިމާއަށް ދިއުން މަދުވުން އެކަށީގެންވެ އެވެ. ތާޒާކޮށް ހުންނަ ރޮއްޓަށް ވުރެ ގަނޑުކޮށްފައި ހުންނަ ފަރާޓާ ފަދަ އެއްޗެހިން ލިބޭ ގެއްލުން ބޮޑުވާނެ އެވެ. އެހެންކަމުން މާލޭގެ ފިހާރަތަކުން ދިވެހި ރޮށި ލިބެން ހުރުމަކީ، އެޗުޕީއޭގެ ކަންބޮޑުވުމަށް އޮތް ކޮންމެވެސް ވަރެއްގެ ހައްލެއް ކަމަށް ވެސް ބެލެވެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް