ސްރީ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން އަދި ކުރީގެ ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސަ އާ ނަޝީދު ބައްދަލުކުރައްވަނީ (ފޮޓޯ/މަޖިލިސް)

ރާއްޖެ-ލަންކާ

ލަންކާއާ މެދު ނަޝީދުގެ ކަންބޮޑުވުން: ތަޖުރިބާކާރުންގެ އެހީ ބޭނުންވޭ

ލަންކާގެ ރައްޔިތުން ވިސްނުންތެރިކަން އިސްކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި

ސްރީ ލަންކާގެ މަސްރަހު ހޫނުވެ، މިހާރު ކުރިމަތިވެފައިވަނީ ހަލަބޮލި ދުވަސްވަރެއް ކަމަށާއި ހާލަތު ބަދަލުކުރަން ތަޖުރިބާ ހުރި މީހުންގެ އެހީ ބޭނުންވާ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މައްސަލައިގެ ފެށުން - ލަންކާގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ، އެ ގައުމުގެ ރައްޔިތުން ނުކުމެ ރައީސްގެ ގެ އާއި އޮފީސް އިއްޔެ ވަނީ ހިސޯރުކޮށްފަ އެވެ. އަދި ބޮޑުވަޒީރުގެ ގެއަށް ވެސް ވަދެގަނެ އެތަނުގައި ވަނީ ހުޅުޖަހައިފަ އެވެ. އެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސް ގޯތާބާޔަ ރާޖަޕަކްސާ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގްހާ މިހާރު ވަނީ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފަ އެވެ.

ވީ ކިހިނެއް؟ - އަބަދުވެސް ލަންކާއާ ގާތް ގުޅުމެއް ބާއްވަވާ ނަޝީދު، އެކުވެރި ގައުމަށް ކުރިމަތިވެފައިވާ ހާލަތާ މެދު ހުންނެވީ ކަންބޮޑުވެވަޑައިގެންފަ އެވެ.

ލަންކާގައި މުޒާހަރާ ކުރާ މީހުން އިއްޔެ ރައީސް އޮފީސް ކައިރީގައި މުޒާހަރާ ކުރަނީ. (ފޮޓޯ/އޭޕީ)

ބުނީ ކީކޭ؟ - މިއަދު ކުރެއްވި ޓްވީޓެއްގައި އެ މަނިކުފާނު ވިދާޅުވީ:

  • ސިޔާސީ ގޮތުންނާއި އިގްތިސޯދީ ގޮތުން ވެސް ލަންކާގެ ހާލަތު ބަދަލުކުރަން ތަޖުރިބާ ހުރި މީހުންގެ އެހީބޭނުންވާ ކަމަށް

  • އަދި ކުރިއަށް ދިޔުމުގައި ލަންކާގެ ރައްޔިތުން ވިސްނުންތެރިކަން އިސްކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް

އިގްތިސޯދީ ގޮތުން އަނދަވަޅަކަށް ވެއްޓި، ގައުމު ބަނގުރޫޓުވެފައިވާތީ ލަންކާއަށް ބައިނަލްއަގްވާމީ އެހީ ހޯއްދަވަން ނަޝީދު އިސްނެންގެވި އެވެ. އަދި އެކަމާ ގުޅިގެން ވިކްރަމަސިންހައާ އެކު ލަންކާގައި ބައްދަލުވުންތަކެއް ވެސް ބޭއްވި އެވެ. އެކަމަކު ނަޝީދުގެ މަސައްކަތުން ފެނުނު އެއްވެސް ނަތީޖާއެއް އަދި ނެތެވެ.

ސިޔާސީ ގޮތުންނާއި އިގްތިސޯދީ ގޮތުން ވެސް، ލަންކާ މިހާރު ދަނީ މިއިން ދުވަހަކު ނުދެކޭހާ އުނދަގޫ ދުވަސްތަކެއް ތަޖުރިބާކުރަމުންނެވެ. ލަންކާގެ އެކި ކަންކޮޅުތަކުން ވެރިރަށް ކޮލަމްބޯއަށް މީހުން އެއްވެ މުޒާހަރާތައް ކުރަމުން ދާއިރު، ރައީސް ގޯތާބާޔަ ރާޖަޕަކްސާ ވަނީ ސިފައިންގެ ހިމާޔަތުގައި ފިއްލަވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް