ވާހަކަ: ކުލަވި މަންޒަރު

ވާހަކަ

ވާހަކަ: ކުލަވި މަންޒަރު

އާއިލާގެ ތެރޭގައި، ވަކިން ހާއްސަކޮށް ބޮޑެތި މީހުންގެ މެދުގައި އޮތް ހިތްހަމަނުޖެހުމެއްގެ ބަދަލުހިފުން ކުޑަކުއްޖަކަށް އަމާޒުކުރުން ޝަމާން އަކަށް ބަލައެއް ނުގަނެވުނެވެ. އަޝްރަފް އެކަމަށް މާފަށް އެދުނަސް، އެއީ އެއަށް ވުރެ ބޮޑު ކަމެކެވެ.
1 ޑިސެމްބަރު 2022

އެޕިސޯޑް 9

"އަހަރެން ބުނަން މި އުޅެނީ..." އަޝްރަފްގެ އަޑުބެދުނެވެ. ވާހަކަ ދައްކަން އުނދަގޫވިއެވެ.

"އަޝްރަފް އެއްޗެއް ބުނުމުގެ ކުރިން އަހަރެން ސުވާލެއް ކޮށްލަންތަ؟ އެއީ އަޝްރަފް ކީއްވެ ކުރި ކަމެއް؟" ޝަމާން ރުޅި ކޮންޓްރޯލް ކުރަމުން އެހިއެވެ.

އަޝްރަފް އިސްދަށަށް ޖެހީ ލަދުން ކަމެއް، ގެންފައި ހުރި ބިރުން ކަމެއް ނޭނގެއެވެ. ރަފްހާ ގާތުގައި ކޮންމެ ރާގެއްގައި ވާހަކަ ދެއްކިޔަސް ޝަމާން ފެނުމުން އަޝްރަފް ޖެހިލުންވިއެވެ. އެކަން ރަފްހާއަށް ފާހަގަވިއެވެ.

"އަހަރެން ގަސްދުގައި ކުރި ކަމެއް ނޫން އެއީ،" އަޝްރަފް އިސް އުފުލާލަމުން ބުންޏެވެ.

"އަޝްރަފް ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ ނުދައްކާ. ތިއީ ބޮޑު ފިރިހެނެއް. ތަނެއް ދޮރެއް ނޭނގޭ މޮޔައެއް ނޫން. އެހެން ނޫން ނަމަތާ ނޭނގި ކުރެވޭނީ ވެސް. އަނެއްކާ މީހަކު ގަދަކަމުން ކުރުވާ ކަހަލަ ކަމެއް ވެސް ނޫނެއްނު އެއީ؟ ބުނޭ، ކީއްވެ ކުރި ކަމެއް؟" އަޝްރަފްއާ ދިމާލަށް އަތް މަޅާލި ވަގުތު އަޒްފާ ހުޝިޔާރު ކަމާއެކު އެ އަތުގައި ހިފިއެވެ.

"ގޭތެރޭގައި އަޅާކިއުން ގިނަކަމުން. ސަންރާ އާއި އިޝްފާގެ ތަފާތު ކުރުން ބޮޑުކަމުން ހަދާނެ ނުހަދާނެ ގޮތެއް ނޭނގިގެން. ބޭބެމެން ވެސް މާ ގިނައިން އެކަހަލަ ކަންތައް ކުރަނީ. ގަސްދުގައި ވެސް ބައެއް ކަންކަން ކޮށްފައި އެބަ ހުރި،" އަޝްރަފް ވާހަކަ ދެއްކީ މަޑުންނެވެ.

"މީހަކު އަޅެ އަޖާއިބެއް ނުވާނެތަ؟ ދެން އެ ރުޅި އެ ކުއްޖާއަށް ބާލަން ޖެހޭތަ؟ ބަދަލު ހިފަން ވިޔަސް ތިއީ ތަންފުކެއް ބޮޑުވަރު. ހަނދާން ނެތުނީތަ؟ އެއީ އަހަރެންގެ ދަރިފުޅޭ. ތިއީ އަހަރެން ނެތް ދުވަހަކުން އެ ކުއްޖާއަށް ހިމާޔަތް ދޭން ހުރި މީހާއޭ. ތިފަދަ ކަމެއް ކުރަން ކެރުނީތީ ވެސް އަހަރެން ހައިރާންވެއްޖެ. ސަންރާއަކީ އަހަރެން ދަރިއެއް ނޫނަސް އަހަރެން ދެކެނީ އިޝްފާއާ އެއް ހަމައިން. ދުވަހަކު ވެސް އޭނަ ދެރަވާ ފަދަ ކަމެއް ގަސްދުގައި ކޮށްފައެއް ނޯންނާނެ. އެއްޗެއް ބުނެފައެއް ވެސް ނުހުންނާނެ. ދެން ނޭނގި އެއްޗެއް ބުނެފައި އޮތް ކަމެއް ނޭނގެ،" ދެ ފަރާތަށް ބޯ ހޫރުވަމުން ޝަމާން ވާހަކަ ދެއްކިއެވެ.

"ބޭބެ. އަހަންނަށް މައާފު ކުރޭ. ދެން އިރާދަ ކުރެއްވިޔާ ދުވަހަކު ވެސް އެފަދަ ކަމެއް ނުކުރާނަން. ހަމަ ހުވާ ކޮށްފައި މި ބުނަނީ. އެއް ފަހަރެއް ކަމަށް މައާފު ކުރޭ،" ޝަމާންގެ އަތުގައި ހިފަމުން އަޝްރަފަށް ރޮވޭ ގޮތްވިއެވެ. ނަމަވެސް ތިމާގެ އަނބިމީހާ ކަންތައް ކުރި ގޮތް ސިއްރު ކުރިއެވެ. އެ ހަގީގަތް ހާމަވެއްޖެ ނަމަ މި ގެއިން ވެސް ނުކުންނަން ޖެހިދާނެ ކަމަށްޓަކައެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އަޝްރަފް ޝަމާން ދެކެ ވަރަށް ލޯބިވެއެވެ. ވަސްވާހުގައި ޖެހި ކުރެވުނީ ބޮޑު ކުށެކެވެ. ފަހަރުގައި މައާފު ނުލިބޭ ފަދަ ކުށެކެވެ.

"އަހަރެންނަކީ މައާފު ދޭހާ މާތް މީހެއް ނޫން. ހަމަ އެ ގޮތަށް އަޝްރަފް ތިއީ މައާފް ލިބެން ޖެހޭ ފަދަ މާތް މީހެއް ނޫން. އަހަރެންގެ ދަރިފުޅު ތަހައްމަލް ކުރަމުން ދިޔަ އަނިޔާތައް އަދިވެސް ހަނދާންވޭ. އަހަރެންނަކަށް މައާފެއް ނުދެވޭނެ. އެއްބަނޑު އެއްބަފާ ގުޅުން ނުކަނޑަން ދީނުގައި އަންގަވާފައި އޮތުމުން މިއަދު މި ގުޅުން މި އޮތީ. އެހެން ނޫން ނަމަ އަޝްރަފްގެ ނަން އެ ރާގީގެ އަޑުން އިވުނު ވަގުތުން ފެށިގެން ހަނދާން ނައްތާލާނަން ތިއީ އަހަރެންގެ ކާކު ކަން." އަޝްރަފްގެ އަތް ފޮޅުވާލަމުން ޝަމާން ގެއިން ނުކުމެގެން ދިޔައެވެ.

ރަފްހާ ހުރީ ބިރުންނެވެ. އަޝްރަފް ރަފްހާގެ ހަގީގަތް ކިޔައިދީފާނެތީއެވެ. އަޒްފާ ހުރީ ފެންކަޅިވެފައެވެ. އެ މީހުންގެ ހިތުގައި އެހާ ބޮޑު ނަފުރަތެއް އޮތް ކަމެއް ނޭނގެއެވެ. ހާއްސަކޮށް އަޒްފާގެ ދަރިފުޅާ މެދުގައެވެ. ފުރަތަމަ ވެސް ވާހަކަ ދެއްކި ނަމައެވެ. ހިތްހަމަނުޖެހުމާއި ހިތްބުރަކަން ނުބޭއްވި ނަމައެވެ. ކޮންމެ ކަމެއްގެ ހައްލު ނެރެވޭނީ މަޝްވަރާކޮށް، އަމަލީ ސިފަ އެ ކަމަކަށް ގެނެވިގެންނެވެ. ކޮންމެ އާއިލާއެއްގައި ވެސް ހިތްހަމަނުޖެހުމާއި ދެބަސްވުންތައް އޮންނާނެއެވެ. ދެމަފިރިންނާއި ދެބެންނެވެ. މައިންނާއި ދަރިންނެވެ. ތިމާގެ ދަރިންނާއި އަނެކާގެ ދަރިންނެވެ. އެކަމަކު އެކަކު އަނެކަކަށް ގެއްލުން ދޭން ރާވާ ނަމަ އިތުބާރު ކުރާނީ ކާކަށް ހެއްޔެވެ؟ އެއް ގޭތެރޭގައި އުޅޭ އިރު ދިމާވާ ކޮންމެ ކަމަކީ އޭގެ ބަދަލުހިފަން ޖެހޭނެ ކަންކަން ހެއްޔެވެ؟ ނޭނގި ކުރެވޭ ކަންކަމުން ނުކުންނަ ނަތީޖާ ވަރަށް ހިތިވެއެވެ. އެކަމަކަށްޓަކައި މުޅި އުމުރު ރޯން ޖެހޭ ފަހަރު ވެސް އާދެއެވެ.

ފަހުދު ބުނި ކަންކަން ކުރަން ފެށުމުން އިޝްފާގެ ހާލު ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން ދިޔައެވެ. ދުވަސްތައް ފާއިތުވަމުން ގޮސް، ކުދިންގެ އިމްތިހާނުގެ ނަތީޖާ ލިބޭ ދުވަސް އައެވެ. އިޝްފާ ސުކޫލަށް ދިޔައެވެ. ވާހަކަ ދެއްކުން އިހުނަށް ވުރެ ގިނަވިއެވެ. ސަކަރާތް ނުޖެހި ނަމަވެސް ހީ ހަދަން ފެށިއެވެ. ގޭތެރޭގައި ބޭއްވީ ކުލަ ގަދަ ހަފުލާއެކެވެ. ދެ ކުދިންނަށްޓަކައެވެ. ރަފްހާ އެންމެ އުންމީދު ކޮށްގެން ހުރި ދުވަސް އައީއެވެ. ފޯމް ހިފައިގެން ދެ ކުދިން ގެއަށް އައި އިރު ގޭގައި އާއިލާގެ ގިނަ ބަޔަކާއި ރައްޓެހިން ވެސް ތިއްބެވެ. ރަފްހާ ކެތްމަދުވެފައި ހުއްޓެވެ.

ސަންރާއަށް އައިސް ގެއަށް ވަދެވުމާ އެކު ރަފްހާ ފޯމް އަތުލިއެވެ. ސަންރާގެ އެލިފައިވާ ކަރު ފެނުނި އަޒްފާއަށެވެ. އެ ކުއްޖާ ވާނެ ދެރަ އަޒްފާ ހިތަށް އެރިއެވެ. ދަރިއެއްގެ މޫނު މަތިން ފެންނަ ކުލަވަރާއި އަސަރު ކޮންމެ މަންމައަކު ވެސް ދެނެގަންނާނެއެވެ. ނަމަވެސް ރަފްހާ އަކަށް އެ މަންޒަރެއް ނުފެނުނެވެ. ރަފްހާ ހުރީ ފޯމު ހުޅުވައިގެން އެއަށް ބަލާށެވެ. އަތުން ފޯމު ވެއްޓުނެވެ. އެ ވަގުތު އެންމެން އެ ދިމާލަށް ބަލާލިއެވެ. ރަފްހާގެ ކައިރީގައި އިސްޖަހައިގެން ސަންރާ ހުރީ ލޯ މަރައިގެންނެވެ. އަޝްރަފް އައިސް ފޯމް ނެގިއެވެ.

"ދަރިފުޅާ! ކިހިނެއް މި ވީ؟" އަޝްރަފް ވެސް ހައިރާންވިއެވެ.

ސަންރާ އެއްވެސް މާއްދާ އަކުން ފާހެއް ނުވިއެވެ. ހުރިހާ އެއްޗަކުން ވަނީ ފެއިލްވެފައެވެ. ކިޔެވުމުގެ އިތުރުން އެހެނިހެން ބައިތަކުން ވެސް ލިބިފައިވަނީ އެންމެ ދަށްކޮށެވެ. ގަނޑުވެފައި ހުރި ރަފްހާ ހިތަށް އަރަމުން ދިޔައެވެ. ފޯމުގައި ބޮޑު ކޮށް "ފެއިލް" ލިޔެފައި އޮތުން އެއީ ކިހާ ބޮޑު ހުތުރެއް ހެއްޔެވެ؟ ކުރެވުނީ ކިހާ ފޮނި އުންމީދެއް ހެއްޔެވެ؟ ނުކުތީ ކޮން ފަދަ ނަތީޖާއެއް ހެއްޔެވެ؟ އާއިލާ އާއި ރައްޓެހިންގެ ކުރިމަތީގައި ރަފްހާގެ އަގު ވެސް ވެއްޓުނީއެވެ. ހިނދުކޮޅެއްގެ ތެރޭގައެވެ.

ގޭތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމުގެ ހިނދުކޮޅެކެވެ. ޝަމާން އާއި އަޒްފާ އެކަކު އަނެކަކަށް ބަލާލިއެވެ. އަޒްފާ ސަންރާއާ މެދު ހަމްދަރުދީ އުފެދުނެވެ. އެ ވަގުތު ގޭތެރެއަށް ކުދިންތަކެއް ވަންނަން ފެށިއެވެ. ސަންރާ އާއި އިޝްފާގެ ކްލާސް ކުދިންނެވެ. އެ ކުދިންގެ ބެލެނިވެރިންނާ އެކުގައެވެ. އިޝްފާއަށް ސަޕްރައިޒެއް ދޭން ވެގެންނެވެ. އެއީ ޝަމާންގެ ރޭވުމެކެވެ. ހިނގާދިޔަ ހާދިސާ މަތިން ދަރިފުޅު ހަނދާން ނައްތާލުމަކީ އުނދަގޫ ކަމެކެވެ. ފަހަރުގައި ނުވެދާނެ ކަމެއް ވެސް މެއެވެ. އެކަމަކު އަޒްފާ އާއި ޝަމާން އަބަދުވެސް ތިބޭނީ އިޝްފާއާ އެކުގައެވެ. ކޮންމެ ކަމެއްގައި އެހީތެރިވެ ހިތްވަރު ދިނުމުގައެވެ.

ހުރިހާ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިން ތަށިތައްޓަށް އެއްޗެހި އެޅުމުގައި އަވަދިނެތި އުޅުނެވެ. ރަފްހާ ހުރީ ރުޅިއައުމުގެ އިތުރަށް ދެރަ ވެފައެވެ. އެ އުފަލުގައި ބައިވެރިވާން ވެސް ބޭނުން ނުވެފައެވެ. ސަންރާ އިނީ މަންމަގެ ރުޅިގަނޑު ފަޅައިގެންދާނެ ގަޑިއަކަށް ބިރުންނެވެ. ނަފުސާނީ ގޮތުން އެ ހިތަށް އަސަރުތަކެއް ކުރިއެވެ. މަންމަ ދިން އިންޒާރާއި އަމުރު ކުރި ކަންކަން ކުރާނެ ކަމަށް ބުންޏެވެ.

ތަނުގައި ޖަހާފައި ހުރީ މަޑުމައިތިރި އެހެނަސް އުފާވެރި ލަވައެކެވެ. މަރުހަބާގެ ލަވައެކެވެ. އެކި ކުދިން ވަކިވަކިން އައިސް އިޝްފާއަށް މަރުހަބާ ކިޔެވެ. ބެލެނިވެރިންގެ ހުނުމުގެ އަޑާއި ސަމާސާ ކުރުމުގެ އަޑު ވެސް ފެތުރިފައި ވެއެވެ. ހޫނު ގަދަ ގަޑިއެއް ކަމުން އޭސީ ޖެއްސިއެވެ. އެއާއެކު ކާ އެއްޗެހީގެ ވަސް މުޅި ގޭތެރޭގައި ހިއްޕާލިއެވެ. ފިނި ބުއިންތަކާއި ހޫނު ބުއިންތައް ހުއްޓެވެ. ތަފާތު ވައްތަރުގެ ހެދިކާ އާއި ނޫޑްލްސްގެ އިތުރުން ޕާސްތާ ވެސް ހުއްޓެވެ.

"ވަރަށް ބޮޑަށް މަރުހަބާ. ދަރިފުޅު ހޯދި ކާމިޔާބީގެ ފަހަތުގައި ތިބޭނީ ތިކަހަލަ މައިންބަފައިން،" ޝަމާންއާ ސަލާމް ކޮށްލަމުން ހަލީމް ބުންޏެވެ. ހަލީމަކީ އިޝްފާ ކުލާހުގެ ޒާރާގެ ބައްޕައެވެ. ޝަމާންއާ ރައްޓެހިކަން ބަދަހިވެ ގުޅުން ބަދަހިވިއެވެ. އެ ވަގުތު ހަލީމް އަތުގައި ހުރި ކޮފީ ތަށި އޮއްސުނީ ކުއްޖަކު ދުވަމުން އައިސް ހަލީމްގެ ގައިގައި ޖެހުމުންނެވެ. ކޮފީ އެޅުނީ ގަމީހަށާއި ލައިގެން ހުރި ޖީންސަށެވެ. ޝަމާން ދިޔައީ ހަލީމް ގޮވައިގެން ކޮޓަރިއަށެވެ.

"އޯހް. އަދި މި ހަނދާން ވީ. މި ރޫމުގެ ފާހާނާ ހުންނާނީ ފެން ކަނޑާލާފައި މިއަދު. އެއީ ރޭގައި މިތަނުގެ މުށިތައް ތެޅިގެން މުށި ޖަހާފައި އެ އޮތީ މިއަދު. އެހެންވެ އޮޅިގެން ވެސް ފެން ބޭނުން ކުރެވިދާނެތީ ހުންނާނީ ފެން ކަނޑާލާފައި. ހިނގާ އިޝްފާމެންގެ ރޫމަށް،" އެ ކޮޓަރިއާ ދިމާލަށް ހިނގައިގަންނަމުން ޝަމާން ބުންޏެވެ. "އަންނާނަން މަ ލާ ތަނުން ޓީޝާޓަކާއި ޖީންސެއް ހިފައިގެން. ތި ލައިގެން މަގުމައްޗަށް ނުކުންނަން ވެސް ނުކެރޭނެ އެއްނު؟"

ދެ މީހުން ހެމުންހެމުން އިޝްފާމެންގެ ކޮޓަރިއަށް ދިޔައެވެ.

"ޗޭންޖް ކޮށްލައިގެން އާދޭ. މަ މަޑުކޮށްލާނަން ސިޓިން ރޫމްގައި،" ޝަމާން ހިނގައިގަންނަމުން ބުންޏެވެ.

ހަލީމް ކޮޓަރިއަށް ވަނެވެ. ދެތިން މިނެޓް ނުވެ ނުކުތެވެ. މީހާ ހުރީ ކޮންމެވެސް ވަރަކަށް ހާސްވެފައެވެ. މޫނުމަތިން ދާހިއްލާފައެވެ. ޝަމާން ދިން ޓީޝާޓަށް ވެސް ބަދަލު ނުކޮށް ގެއިން ނުކުންނަން ހިނގައިގަތެވެ. އެ ވަގުތު ޝަމާން އައިސް އަތުގައި ހިފެހެއްޓިއެވެ.

"އޭތް! ކިހިނެއްވީ؟ ޗޭންޖް ނުކޮށް ތިއައީ. އެ ތަނުގައި ވެސް ފެން ނެތީތަ؟" ޝަމާންއަށް ފުރަގަސް ދީފައި ހުރި ހަލީމް ހުރީ ދާހިއްލާފައެވެ. އެއްޗެއް ބުނާކަށް ނުކެރުނެވެ.

"ބައްޕަ ދަނީތަ؟" ޒާރާ އައިސް ހަލީމް ގާތަށް ހުއްޓުނެވެ.

"އާނ. ދަރިފުޅު އާދޭ މަންމައާ އެކު ގެއަށް. ބައްޕަ ކުއްލިއަކަށް ދާން ޖެހިއްޖެ،" ހަލީމް އަދިވެސް ހުރީ ޝަމާންއަށް ފުރަގަސް ދީގެންނެވެ.

"އަހަރެން މި ވަގުތު ދަނީ. ފަހުން ދިމާވާނީ،" ޝަމާންގެ އަތް ނައްޓުވާލަމުން ހަލީމް ބުންޏެވެ. އަދި ދޮރާށިން ނުކުމެގެން ދިޔައެވެ. ޝަމާންގެ ބޮލުގައި ރިއްސާލިއެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް