ވާހަކަ: ކުލަވި މަންޒަރު

ވާހަކަ

ވާހަކަ: ކުލަވި މަންޒަރު

ތިމާގެ އެންމެ ގާތް އެކަކު، ތިމާއަށް އެހާ ބޮޑު ގެއްލުމެއް ދީފާނެ ކަމަކަށް ޝަމާން ގަބޫލެއް ނުކުރެއެވެ. ފަންޑިތަވެރިކަމަށް އެހާ ތާއީދު ނުކުރެވެނީވެސް ގަބޫލު ކުރަން ދަތި ކަންކަމުގެ ވާހަކަ އެމީހުންގެ ފަރާތުން އިވޭތީއެވެ.
28 ނޮވެމްބަރު 2022

އެޕިސޯޑް 8

އަޒްފާ އާއި ޝަމާން އެކަކު އަނެކަކަށް ބަލާލިއެވެ.

"އަޝްރަފް،" ފަހުދު ބުންޏެވެ.

އަޒްފާ އާއި ޝަމާންގެ ދެ ލޯ ބޮޑު ވެގެން ދިޔައެވެ. އަނގައިން ބަހެއް ނުބުނެވުނެވެ. ޝަމާންގެ އަތް ފައި ގަނޑުވިއެވެ. ދޮރުން ބޭރުގައި ކަންފަތް ޖަހައިގެން ހުރި ރަފްހާއަށް އަޑު އިވުމާއެކު ސިއްސައިގެން ދިޔައެވެ. މެޔަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސާލި ހެންނެވެ. ކޮންމެ މީހަކަށް ވެސް އެކަން ގަބޫލު ކުރުން ވީ އުނދަގޫ ކަމަކަށެވެ.

"ތި ނުވާނެ ތެދަކަށް. އަނެއްކާ ރަނގަޅަށް ބަލާބަލަ،" ޝަމާންއަށް ގަބޫލު ނުކުރެވިގެން ބުންޏެވެ.

"މިއީ ތެދު. އަހަރެން ކުރާ ކޮންމެ ކަމެއް ވަރަށް ރަނގަޅަށް ކުރަނީ. އަދި ހޯދާ ބަލާ ކަމެއް ވެސް އޭގެ ތެދު ދޮގު އެނގޭހާ ސާފުކޮށް މައުލޫމާތު އެއްކުރަން. އެ އަށް ފަހު މީހަކު ގާތު ބުންޏަސް ބުނަނީ،" ފަހުދު ޔަގީން ކަމާއެކުގައި ބުންޏެވެ.

"އެކަމަކު އެއީ އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮ. އަހަރެން ނެތް ދުވަހެއްގައި ދަރިފުޅުގެ ބައްޕަ. އެ ވަރުގެ މީހެއް ތިފަދަ ކަމެއް ކުރާނެތަ؟" ޝަމާންއަށް ގަބޫލެއް ނުކުރެވުނެވެ. "އަޒޫ. އެހެންވެ އަހަރެން މި ކަހަލަ ކަންކަމަށް އެއްބަސް ނުވަނީ."

"އެނގޭ ގަބޫލު ކުރަން ވަރަށް އުނދަގޫ ވާނެކަން. އެކަމަކު މިއީ ހަމަ ހަގީގަތް. އަހަރެން ދައްކާ ވާހަކަ ގަބޫލު ނުކުރެވެންޏާ އެހެން މީހަކު ލައްވާ ވެސް ބަލާލަބަލަ،" ފަހުދު ހިނިތުންވަމުން ބުންޏެވެ.

"ކީއްވެ އޭނަ ކުރި ކަމެއް؟" އަޒްފާއަށް ނީނދެވިގެން އެހިއެވެ.

"އަހަރެންނަށް މި ވަގުތު ބުނެވޭނީ މި ހިސާބަށް. ދެން ދަރިފުޅަށް އޮތް ހައްލު ބުނެދޭނަން. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. މި ކަމުގެ ހަގީގަތް ހޯދަން ބޭނުން ނަމަ އޭނަ ގާތުގައި އަހާލަބަލަ. ނުބުނެފިއްޔާ އަހަރެން ބުނާނަން،" ފަހުދު ތެދުވަމުން ބުންޏެވެ.

ދެއްކި ހުރިހާ ވާހަކައެއް ރަފްހާ އަޑުއެހިއެވެ. ނަމަވެސް ގަބޫލު ކުރަން ދަތިވިއެވެ. އެފަދަ ކަމެއް އަޝްރަފް ކުރާނެ ކަމަކަށް ކުޑަކޮށް ވެސް ހިތަކަށް ނާރައެވެ. އަޝްރަފަކީ އަބަދުވެސް ހިތްހެޔޮ، އެންމެން ދެކެ ލޯބިވާ މީހެކެވެ. ރަފްހާ ކޮޓަރިއަށް ވަނެވެ. ހިޔާލުތައް ބޯމަތީގައި އެނބުރެން ފެށިއެވެ. އަޝްރަފްއާ ސުވާލު ކުރަން ބޭނުންވިއެވެ.

ދަންވަރު 2 ޖެހީއެވެ. ރަފްހާގެ ލޮލަކަށް ނިންޖެއް ނައެވެ. ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ސިކުނޑިއަށް ބުރަ ބޮޑުވިއެވެ. ހިޔާލުތަކުން ދުރުވެވޭނެ އޮތީ އެންމެ ގޮތެކެވެ.

"އޭތް އަޝްރަފް، ތެދުވެބަލަ،" ނިދާފައިވާ އަޝްރަފަށް ރަފްހާ ގޮވިއެވެ. "ތެދުވެބަލަ ދެން. ވާހަކައެއް ދައްކަން ވެގެންނޭ."

މޯޅިއަށް ދެމެމުން އަޝްރަފް ތެދުވިއެވެ. ނިދި ގަދަކަމުން ލޯ ހުޅުވަން އުނދަގޫވިއެވެ. ގަޑިއާ ދިމާލަށް ބަލާލީ ގަދަކަމުން ލޯ ހުޅުވާފައެވެ.

"މި އޮތް ދަންވަރު ކިހިނެއްވީ؟ ރަފްހާ ނުނިދަންތަ؟" އަޝްރަފް ވާހަކަ ދެއްކީ ތާއްޔަށް ޖެހެމުންނެވެ. އަޝްރަފްގެ ދެ ކޮނޑުގައި ހިފާފައި ރަފްހާ ތަޅުވައިގަތެވެ.

"ނިންޖެއް ނާންނާނެ މިކަހަލަ ކަންކަން ވީމާ. އަހަރެން ހައިރާންވަނީ އަޝްރަފްގެ ލޮލަށް ނިދި އަންނާތީ،" ރަފްހާ ފޫހިވެފައި ބުންޏެވެ.

"ކިހިނެއްވީތަ؟ ވީ ގޮތެއް ބުނީމަ އެނގޭނީ،" އަޝްރަފް އާފުރިލިއެވެ.

"ކީއްވެ އަހަރެން ގާތު ނުބުނީ؟" ރަފްހާ ސުވާލު ކުރިއެވެ.

"އަޖައިބެކޭ. ކޯއްޗެއް ނުބުނީތަ؟ މި އޮތް ދަންވަރު ކޮންހާ ސުވާލެއް ތި ކުރަނީ؟" އަޝްރަފް ފޫހިވެފައި ބުންޏެވެ.

"ކީއްކުރަން އިޝްފާއަށް ސިހުރު ހެދީ؟" އަހަން އުނދަގޫ ސުވާލެކެވެ. އެހެނަސް އެހެން ގޮތެއް ނެތުމުން ރަފްހާ އެކަން ކުރިއެވެ.

އަޝްރަފްގެ ލޮލުން ނިދި ފިލިއެވެ. ލޯ ހުޅުވުނެވެ. ސިކުނޑި ވެސް ހުޅުވުނެވެ. ހިންދިރުވާލިއެވެ. މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ. އެކަން ފޮރުވަން ކިތަންމެ މަސައްކަތެއް ކުރިޔަސް ފަނޑު އަނދިރިކަމުން އެކަން ފާޅުވާން ހުއްޓެވެ. އަޝްރަފްގެ ހަރަކާތްތައް އަވަސްވިއެވެ. ހަރަކާތް ނުކުރީ ދުލެވެ. ބުނާނެ އެއްޗެއް އެ ވަގުތު ވިސްނުމަކަށް ނައެވެ. މި ހުރިހާ ކަމެއް ރަފްހާއަށް ފެނެއެވެ.

"އަހަރެން މި އަހަނީ ކީއްވެ ކުރި ކަމެއްހޭ އެއީ؟" ރަފްހާ ރުންކުރުވެފައި އެހިއެވެ.

"ރަފްހާއާ ހެދި،" އަޝްރަފް ޖެހިލުމެއް ނެތި ޖަވާބު ދިނެވެ.

"މަށާ ހެދިއޭ؟ މަ ކީއް ކުރީ؟" ރަފްހާ ހައިރާންވެފައި އެހިއެވެ.

"އާނ ރަފްހާއާ ހެދި. މަ ހެދީމަ ގޯސް. އެކަމަކު ރަފްހާ އޯކޭ އެކަން ކުރަން،" އަޝްރަފް އެނދުން ތެދުވަމުން ބުންޏެވެ.

"ބުނެބަލަ ރަފްހާ އެ ކަމެއް ނުކުރަމޭ،" އަޝްރަފް އަޑަށް ބާރު ލާފައި ބުންޏެވެ. ރަފްހާ ހައިރާންވިއެވެ. އަޝްރަފަށް އެކަން އެނގުނީމައެވެ. ނުހަދަމޭ ބުނާކަށް ނުކެރުނެވެ.

"ރަފްހާ ގެނައި އެތި އަހަރެން އަންދާލައިފިން. އެއީ ރަނގަޅު އެއްޗެއް ނޫން. މަ އައީ ރަނގަޅު އެތި ހަދުވައިގެން. އެ ގެނެސް އެ ކާން ވެސް ދިނިން އިޝްފާއަށް،" އަޝްރަފް ކުރި ކަންތައް ކިޔައިދިނެވެ. "ރަފްހާ އާއި ނައުމާ ދައްކާފައި ހުރި ވާހަކަތައް ތި ފޯނުން މަ ދުށީމޭ."

ރަފްހާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދެބަސްވާކަށް ނުކެރުނެވެ.

"އަހަރެން އެކަން ކުރީ ސަންރާއަށްޓަކައި. ރަފްހާއަށް ކިހިނެއް ހީވަނީ؟ މި ގޭތެރޭގައި ވާ ކަންކަމާއި އާއިލާ ތެރޭގައި ހިނގާ ކަންކަން މަށަށް ނޭނގޭ ކަމަށްތަ؟ ނޫނީ ނުފެންނަ ކަމަށްތަ؟ ފެނޭ، އަޑު ވެސް އިވޭ. ސަންރާ އާއި އިޝްފާ ތަފާތު ކުރާކަން މާ ކުރިން ވެސް ފާހަގަވޭ. އަހަރެން ވެސް އެކަމާ ދެރަވޭ. އެކަމަކު ދުވަހަކު ވެސް ހިޔާލަކަށް ނާދޭ މި ކަހަލަ ކަމެއް ކުރާކަށް. ރަފްހާ އާއި ނައުމާގެ ޗެޓްތައް ފެނުނީމަ އަހަރެން ހިތަށް އެރީ އެކަން ކުރަން. އަނެއްކާ ސަންރާއާ ދޭތެރޭ ރަފްހާ ކަންތައް ކުރި ގޮތް ފެންނަން ފެށީމަ އެކަމުން އޭނަ ސަލާމަތް ކުރަން ކުރި ކަމެއް އެއީ،" އަޝްރަފްގެ އަޑު ގަދައެވެ.

"މަޑުން ވާހަކަ ދައްކަބަލަ،" ރަފްހާއަށް ބުނެވުނެވެ.

"މިހެން ވީމަ ބާރަށް ވެސް ވާހަކަ ދެއްކޭނެ. ސަންރާއަށް ކިހާ ޕްރެޝަރެއް ކުރީ ރަފްހާ. އެ ކުއްޖާ ސިކުނޑިއަށް ކުޅަދާނަ ނުވާ ވަރަށް ކަންކަމަށް އިންޒާރު ދިން. އަމުރުކޮށް ބިރުދެއްކި. ކޮން ކަމަކަށް؟ ރަނގަޅު ނަތީޖާއެއް ނެރޭތޯ؟ އެ ވަރު ކުރާކަށް ނުވާނެ އެއްނު؟ އެކި ކުދިންގެ ވިސްނުމާއި ތޫނުފިލިކަން ހުންނާނީ އެކި ވަރަށް. އޭނައަށް ކިހާ ވަރެއް ކުރީ؟ އަހަރެން ވިސްނައި ދީ ދީ ރަފްހާއަކަށް ނުވިސްނުނު. ބަދަލުގައި އަމިއްލަ ދަރިފުޅު ހަލާކުގެ ތެރެއަށް ތި ގެންދެވެނީ." އަޝްރަފް ވާހަކަ ދެއްކީ ރުޅި އައިސްގެންނެވެ.

"އަހަރެން ހިތަށް އެރީ ދަރިފުޅުގެ ނަތީޖާ އެންމެ މޮޅު ނުވިޔަސް އިޝްފާގެ ކިޔެވުން ހަލާކު ކޮށްލަން. އެހެންވެ ކުރި ކަމެއް އެއީ. މިހާރު ހިތްހަމަޖެހިއްޖެއެއްނު،" އަޝްރަފް ބުންޏެވެ.

ރަފްހާ ހުރީ އިސްދަށަށް ޖަހައިގެންނެވެ. ދެރަވިއެވެ. ވާހަކަ ދައްކަން ބޭނުންވި ނަމަވެސް އެއްޗެކޭ ނުބުންޏެވެ.

އާ ދުވަހެކެވެ. އާ ދުވަހަކަށް އާ އުންމީދުތަކެއް ކުރެވެއެވެ. ހަޔާތުގައި ހޭދަ ކުރަމުން ދާ ރާސްތާ ދިގު ނަމަވެސް ކެތްކުރަން ޖެހެއެވެ. ބޭނުންވާ ހުރިހާ ކަމެއް ނުވެ ހިނގައިދާނެއެވެ. ކާމިޔާބީއާ ހިސާބަށް ވާސިލްވާނީ ކެނޑިނޭޅި ކުރާ މަސައްކަތުންނެވެ. އާހިރުގައި ނަތީޖާ ފޮނިވާނީ އޭރުންނެވެ. އެހެން ނޫން ނަމަ ކުރަން ޖެހޭ ތަޖުރިބާ ހިތި ވެސް ވެދާނެއެވެ.

"ބޭބެ! އަހަރެން އެބަ އޮތް ވާހަކައެއް ދައްކަން،" ކޮޓަރިން ޝަމާން ނުކުތުމާއެކު ސޯފާގައި އިން އަޝްރަފް ބުންޏެވެ. އެ ވަގުތު ސިޓިންރޫމުގައި ރަފްހާ ވެސް އިނެވެ. ބޭރުން ގެއަށް އައިސް ވަނީ އަޒްފާއެވެ.

"އަހަރެން ބުނަން މި އުޅެނީ...." އަޝްރަފްގެ އަޑުބެދުނެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް