ސްރީލަންކަންގެ ބޯޓެއް ގަން އެއާޕޯޓްގައި: އެ އެއާލައިންގެ ދަތުރުތައް އިތުރު ކުރަން ވަނީ ނިންމާފައި. (ފޮޓޯ/ގަން އެއާޕޯޓް)

ސްރީލަންކަންގެ ދަތުރުތައް ގަމަށް އިތުރު ކުރަނީ

އަންނަ އޮކްޓޯބަރު މަހުން ފެށިގެން ހަފްތާއަކު ތިން ދަތުރު ކުރުމަށް ވަނީ ނިންމާފައި
14 އޯގަސްޓު 2022

ސްރީލަންކަން އެއާލައިންސް އިން ރާއްޖޭގެ އެންމެ ދެކުނު، އައްޑުއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.

ތަފްސީލް - ސްރީލަންކަންގެ ރާއްޖޭގެ އެޖެންޓް، އިނާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު މިއަދު 'ދައުރު'އަށް ވިދާޅުވީ: 

  • ސްރީލަންކަން އިން އައްޑުއަށް މިހާރު ދަތުރު ކުރަނީ ހަފްތާއަކު ދެ ފަހަރު؛ އެއީ ހޮނިހިރު އަދި އަންގާރައިގައި

  • އަންނަ އޮކްޓޯބަރު މަހުން ފެށިގެން ހަފްތާއަކު ތިން ދަތުރު ބޭއްވުމަށް ވަނީ ނިންމާފައި

  • އޭރުން ދަތުރު ކުރާނީ ކޮންމެ ހޮނިހިރު، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައި

ބުނީ ކީކޭ؟ - ފިރާގު ވިދާޅުވީ އައްޑުއަށް ފްލައިޓްތައް އިތުރުކުރަނީ އެ ދަތުރުތަކުން ރަނގަޅު ޕެސެންޖާ ލޯޑެއް ހޯދޭނެ ކަމަށް ލަފާކުރެވޭތީ ކަމަށެވެ. އެއީ ޓްރާންސިޓް މީހުން އެ ރޫޓުން ގިނައިން ހޯދޭނެތީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ ކޮރެއާ އާއި ޖަޕާން މާކެޓަށް އަމާޒުކޮށްގެން ބާއްވާ ދަތުރުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް އަޅުގަނޑުމެންގެ ދަތުރުތަކުގެ %80 ފުލްވޭ. ދަތުރު އިތުރު ކުރީމާ އަދިވެސް އަޅުގަނޑުމެންނަށް ރަނގަޅު ކުރެވޭނެ،" ފިރާގު ވިދާޅުވި އެވެ.

އެނގުން މުހިންމު - ސްރީލަންކަން އިން ގަމާއި ކޮލަމްބޯއާ ދެމެދު ސީދާ ދަތުރުތައް ފެށީ 1 ޑިސެމްބަރު 2016ގަ އެވެ. އަދި ކޮވިޑާ ގުޅިގެން ގަމުގެ ދަތުރުތައް މެދުކަނޑާލުމަށް ފަހު އަލުން ފެށީ މިދިޔަ ޑިސެމްބަރު މަހު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް