ހުޅުލޭ ފަޅު ކުރިން އޮތްގޮތް އަދި ފަޅު ހިއްކުމުގެ ދެ ފިޔަވަހި ނިމި މީހުން ދިރިއުޅެން ފެށިފަހުން ހުޅުމާލެއަށް އައިސްފައިވާ ބަދަލުތައް ދައްކައިދޭ ފޮޓޯއެއް. މި ފޮޓޯ ނަގާފައިވަނީ އެޕްރިލް 2022ގައި.

ތާރީހު

ހުޅުމާލެއަށް 25 އަހަރު: މިއީ ކިހިނެއް ފެށުނު މަޝްރޫއުއެއް؟

16 އޮކްޓޯބަރު 2022
2
މީގެ 25 އަހަރު ކުރިން 16 އޮކްޓޯބަރު 1997 ގައި ހުޅުލޭ ފަޅުން ބިން ހިއްކަން ފެށުމަކީ މިހާރު މި ދެކޭ ބޮޑު ހުޅުމާލޭގެ އުފެދުން

މުހިންމު ނުކުތާތައް

ހުޅުމާލެ ހިއްކަން ފެށިއިރު މާލޭގައި ގެދޮރަށް ބޭނުން މީހުންގެ އަދަދު 6،000އާ ކައިރިކުރޭ

މަޝްރޫއު އަގުބޮޑުކަމުން އެވަރުގެ ކަމެއް ކުރިއަށް ގެންދަން އިސް ބައެއް ބޭފުޅުން ދެކޮޅު

ފުރަތަމަ ފޭސްގެ ބިން ހިއްކަން ސަރުކާރުން 22 މިލިއަން ޑޮލަރު ހޭދަކުރި

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫއު ފެށީ މީގެ 25 އަހަރު ކުރިން މިއަދު އެވެ. ބިލިއަން ރުފިޔާގެ މަޝްރޫއު ފަށްޓަވަައިދެއްވީ ހުޅުލޭ ފަޅުގައި އަޅާފައި އޮތް ބާޖެއްގައި ހުންނަވައި އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ. އެއީ 16 އޮކްޓޯބަރު 1997 ވީ ބުރާސްފަތި ދުވަހެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް 18 ޖުލައި 2002ގައި ނިމުނުއިރު 188 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. ސޯޝަލް ހައުސިންގެ ދަށުން އިމާރާތްކުރި ފްލެޓާއި ވިއްކި ގޯތިތަކުގައި 2004ގައި މީހުން ދިރިއުޅެން ފެށިއިރު ހުޅުމާލޭގެ އާބާދީއަކީ ގާތްގަނޑަކަށް 2،000 އެވެ.

ހުލޭ ފަޅުން ބިން ހިއްކުމުގެ މަޝްރޫއު 16 އޮކްޓޫބަރު 1997 ގައި ރައީސް މައުމޫން އަބްދުލް ގައްޔޫމް ފަށްޓަވައިދެއްވަނީ. އަރިހުގައި ޕަބްލިކް ވޯކްސް މިނިސްޓަރު އުމަރު ޒާހިރު. އަނެއް ފޮޓޯއިން ފެންނަނީ ފުރަތަމަ ފިހަވަހީގައި ބިން ހިއްކުމުގެ މަސައްކަތް
ހުޅުމާލޭ ބިން ހިއްކުމުގެ ފުރަތަމަ ފިޔަވަހީގައި ހިއްކާފައިވާ ބިން، 25 ޖޫން 2000 (ފޮޓޯ/އަލީ ރަފީގް)
ހުޅުމާލޭ ބިން ހިއްކުމުގެ ފުރަތަމަ ފިޔަވަހީގައި ހިއްކާފައިވާ ބިން، 25 ޖޫން 2000 (ފޮޓޯ/އަލީ ރަފީގް)

 ފަސްމަންޒަރު: ހުޅުލެ އާއި ފަރުކޮޅުފުށި ހިމެނޭ ފަޅާއި ވިލު ހިއްކުމުގެ ޚިޔާލު މީގެ 27 އަހަރު ކުރިން ކެބިނެޓްގައި  މަޝްވަރާކުރި އިރު އެކަމާ ބައެއް ބޭފުޅުން ދެކޮޅުހެއްދެވި އެވެ. އަދި ތަފާތު ސުވާލުތައް ކުރިމަތިކުރި އެވެ. ބިން ހިއްކުމުގެ މަސައްކަތް މާލޭ ހުޅަނގު ފަރާތުގައި 1980ގެ ތެރޭގައި ހިންގި ނަމަވެސް ބޮޑު ފަޅެއް ހިއްކުމުގެ ގާބިލްކަން ލިބިފައި ވޭ ހެއްޔެވެ؟ އަދި މާލީ ގޮތުން ބަލާއިރު އެއީ ކުރެވޭނެ ކަމެއް ހެއްޔެވެ؟

ނަމަވެސް މާލެއަށް ދިމާވެފައިވާ ގޯތިގެދޮރުގެ ދަތިކަން ހައްލުކުރުމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، ފެންނަ ޚިޔާލުތައް ހިމެނޭ ގޮތަށް އޭރުގެ މާލޭ ހައުސިން އެންޑް އާބަން ޑިވޮލަޕްމަންޓް ބޯޑުން މާޗް 1995 ގައި ތައްޔާރުކޮށް ކެބިނެޓަށް ހުށަހެޅި 37 ސަފުހާގެ ރިޕޯޓްގައި، ބޯހިޔާވަހިކަމަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރަން، ދުރު ރާސްތާއަށް ބަލާއިރު، ކުރަން ފެންނަ ކަމެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ:

1. މާލޭގައި ހުރި ހުސް ބިންތަކުގައި އުސް ފްލެޓް އިމާރާތްތައް ހެދުން

2. އަދި ހުސް ބިންތަކުން ގޯތި ދިނުން

3. މާލެ ކައިރި ސަރަހައްދުގެ ބޮޑެތި ފަޅުތައް ހިއްކުން

ހުޅުލޭ ފަޅު ހިއްކުމާ ބެހޭ ރިޕޯޓް، 1995
ހުޅުމާލޭ ފިޒިކަލް ޑިވޮލަޕްމަންޓް މާސްޓާ ޕްލޭން، ސެޕްޓެމްބަރު 2001

އެ ދުވަސްވަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު މާލެ އާއި ވިލިނގިލީގައި ހިމެނޭ 4،783 ހައުސިން ޔުނިޓްތަކުގައި 10،769 އާއިލާ ދިރިއުޅެ އެވެ. މާލޭގެ އާބާދީއަށް ބަލާއިރު ދިރިއުޅޭނެ އިތުރު 5،986 ހައުސިން ޔުނިޓް ބޭނުންވެ އެވެ. އެހެންކަމުން އިމާރާތްކުރުމުގެ ޚަރަދަށާއި މާލެއިން ލިބެން ހުރި ހުސް ބިންތަކުގައި އިމާރާތްކޮށްގެން ވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް އެކަށީގެންވާ، ދިގު ރާސްތާގެ، ލުޔެއް ނުލިބޭނެތީ މާލޭ ހައުސިން އެންޑް އާބަން ޑިވޮލަޕްމަންޓް ބޯޑުގެ ރިޕޯޓްގައި ހުށަހަޅާފައި ވަނީ ހުޅުލޭ ފަޅު ހިއްކުމަށެވެ.

ހުޅުމާލޭ ބިންހިއްކުމުގެ ފުރަތަމަ ފިޔަވަހީގައި ހިއްކާފައިވާ ބިން، 25 ޖޫން 2000 (ފޮޓޯ/އަލީ ރަފީގް)
ހުޅުމާލޭ ބިންހިއްކުމުގެ ފުރަތަމަ ފިޔަވަހީގައި ހިއްކާފައިވާ ބިން، 25 ޖޫން 2000 (ފޮޓޯ/އަލީ ރަފީގް)

މާލެ ކައިރި ފަޅުތައް ހިއްކަން ބަލާއިރު އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ފަޅުތަކަކީ:

1. އެނބޫދޫ ފިނޮޅު ފަޅު، 15.8 އަކަ ކިލޯމީޓަރު؛ މާލެއާ ދުރުމިން 5.5 ކިލޯމީޓަރު

2. ހުޅުލޭ ފަޅު، 12.8 އަކަ ކިލޯމީޓަރު؛ މާލެއާ ދުރުމިން 4.6 ކިލޯމީޓަރު

3. ތިލަފުށި، 3.5 އަކަ ކިލޯމީޓަރު؛ މާލެއާ ދުރުމިން 6 ކިލޯމީޓަރު

4. ގުޅީފަޅު، 3.3 އަކަ ކިލޯމީޓަރު؛ މާލެއާ ދުރުމިން 5.2 ކިލޯމީޓަރު

3. ވިލިނގިލި، 0.6 އަކަ ކިލޯމީޓަރު؛ މާލެއާ ދުރުމިން 1.7 ކިލޯމީޓަރު

އެނބޫދޫ ފިނޮޅު ފަޅަކީ އެންމެ ބޮޑު އަދި ތިލަ ފަޅެއް ނަމަވެސް އެއީ އެ ވަގުތަށް ބަލާއިރު ހިއްކަން ފެންނަ ފަޅެއް ނޫން ކަމަށް އާބަން ޑިވޮލަޕްމަންޓް ބޯޑުގެ ރިޕޯޓްގައި ވެ އެވެ. އެއް ސަބަބަކީ މާލެއާ ދުރުވެފައި ބައެއް ދުވަސްވަރު ވާދޫ ކަނޑު ވަރަށް ބޮޑަށް ގަދަވެ އެ ކަނޑު ހުރަސްކޮށް ދަތުރުކުރަން ދަތިވުމެވެ. އަދި މުސްތަގްބަލުގައި ފާލަމަކުން މާލެއާ ގުޅާލުމަކީ ވެސް ކުރެވޭނެ ކަމެއް ކަމަށް ނުފެންނާތީ އެވެ. (ފާލަމުން ހުޅެލެ އާއި މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމުގެ ޚިޔާލީ ކުރެހުމެއް ވެސް 37 ސަފުހާގެ މި ރިޕޯޓްގައި ހިމަނާފައި ވެ އެވެ.) އެކަމަކު މާލެ ސަރަހައްދުގެ ބިން އިތުރުކުރުމުގެ ގޮތުން ކުރިމަގުގައި އެނބޫދޫ ފިނޮޅު ހިއްކުމަކީ ކުރެވިދާނެ ކަމެއް ކަމަށް ވެސް ރިޕޯޓްގައި ފާހަގަކުރި އެވެ.

ހުޅުލޭ ފަޅު ހިއްކުމާ ބެހޭ ރިޕޯޓް، 1995
ހުޅުލޭ ފަޅު ބަދަލުވެގެން އައިގޮތް، 1997 ން 2018 އަށް
ހުޅުމާލޭ ބިން ހިއްކުމުގެ ފުރަތަމަ ފިޔަވަހީގައި ހިއްކާފައިވާ ބިން. ދުރުން އެ ފެންނަ ރަށަކީ ފަރުކޮޅުފުށި، 25 ޖޫން 2000 (ފޮޓޯ/އަލީ ރަފީގް)

ހުޅުލޭ ފަޅު ހިއްކަން ލަފާދިން މައިގަނޑު ސަބަބުތަކަކީ މާލެއާ ކައިރިވެފައި ފަޅު ތިލަވުމުގެ އިތުރަށް ފަހުން ފާލަމަކުން މާލެއާ ގުޅާލުމުގެ ފުރުސަތު ވެސް އޮތުމެވެ. އިނގިރޭސި ބަހުން ލިޔެފައިވާ މި ރިޕޯޓްގައި ސަރުކާރަށް ލަފާދީފައިވަނީ ހުޅުލޭ ފަޅު ހިއްކުމުގެ މަސައްކަތް ފެށުމަށެވެ. އެއީ މިފަދަ ބޮޑު މަޝްރޫއެއް ހިންގަން ބޭނުންވާ ތިމާވެށީގެ ދިރާސާތައް ހެދުމަށް ފަހު އެވެ.

ރިޕޯޓް ތައްޔާރުކުރި މާލޭ ހައުސިން އެންޑް އާބަން ޑިވޮލެޕްމެންޓް ބޯޑުގެ ޓެކްނިކަލް ކޮމިޓީގައި ހިމެނެނީ:

  • މުހައްމަދު ގާސިމް (މާލޭ ހައުސިން އެންޑް އާބަން ޑިވޮލެޕްމެންޓް ބޯޑު)

  • ހަމްދޫން ހަމީދު (މިނިސްޓްރީ އޮފް ޕްލޭނިން ހިއުމަން ރިސޯސަސް އެން އެންވަޔަރަމެންޓް)

  • މުހައްމަދު ޝަފީގް (މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯކްސް)

  • އިބްރާހިމް ރަފީގް (މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯކްސް)

  • މައުރޫފް ޖަމީލް (މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯކްސް)

  • އަބްދުﷲ ސަލީމް (މާލޭ ހައުސިން އެންޑް އާބަން ޑިވޮލެޕްމެންޓް ބޯޑު)

  • މުހައްމަދު އަލީ (މިނިސްޓްރީ އޮފް ޕްލޭނިން ހިއުމަން ރިސޯސަސް އެންޑް އެންވަޔަރަމެންޓް)

ހުޅުމާލެ ހިއްކުމުގެ ފިޔަވަހިތައް

  • ފޭސް 1: 188 ހެކްޓްރުގެ ބިން ހިއްކުން؛ ފޭސް 1 ގައި ދިރިއުޅޭނެ ކަމަށް ޕްލޭންކުރި އާބަދީއަކީ 8،925 ގޭބިސީގައި 53،000 މީހުން

  • ހުޅުމާލޭ ފުރަތަމަ ފިވަހި ހިއްކުމަށް މުޅިއެކު 22 މިލިއަން ޑޮލަރު (މިހާރުގެ އަގުން ނަމަ 340 މިލިއަން ރުފިޔާ) ޚަރަދުވި

  • ފޭސް 2: 244 ހެކްޓްރުގެ ބިން ހިއްކުން؛ ފޭސް 2 ގައި ދިރިއުޅޭނެ ކަމަށް ޕްލޭންކުރި އާބަދީއަކީ 100،000 މީހުން. ފޭސް 2 ހިއްކުމުގެ މަސައްކަތް ނިމުނީ 2015ގައި

ހުޅުމާލޭ ފުރަތަމަ ފިޔަވަހި:188 ހެކްޓަރުގެ ބިން ހިއްކައި ތޮށިލުމަށް 22 މިލިއިން ޑޮލަރު ޚަރަދުވި
ހުޅުމާލޭ މަތިން ނަގާފައިވާ ފޮޓޯއިން އެ ފެންނަ ހުޅުމާލޭ ކެނެލްގެ ކަނާތް ފަރާތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހި އަދި ވާތް ފަރާތުގައި ފުރަތަމަ ފިޔަވަހި، އެޕްރީލް 2022

ކޮމެންޓް (2)

އިބުރާ

19 އޮކްޓޯބަރު 2022
ތި ރިޕޯޓުން އެނގުނު ގޮތުގައި ހުޅުލޭ އެއަރޕޯރޓް 2 ވަނަ ރަންވޭ އަކީ މާކުރީގެ ނިންމުމެއްކަން. 1995 ގައި ހަދާފައިވާ ޕްލޭންގައި ހިމެނިފައިވާ ކަމެއް ކަން.
0 0

ނަވަތަ

17 އޮކްޓޯބަރު 2022
ވަރަށް ސަޅި...
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް