ނަޒިމް ސަައްތާރު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތަކަށްފަހު އެ ކޯޓުގެ ބޭރުގައި: އޭނާއަށް ތުހުމަތު ކުރެވޭ ބަދުއަހްލާގީ ވީޑިއޯއެއްގެ މައްސަލަ ފުލުހުން ދަނީ ބަލަމުން (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ފުލުހުން

ނާޒިމް ސައްތާރަށް ތުހުމަތު ކުރެވޭ ވީޑިއޯގެ މައްސަލަ ފުލުހުން ބަލަނީ

މި މައްސަލަ ތަހުގީގުކޮށް، އެކަމުގެ ހަގީގަތް ހާމަކުރަން އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައި

ގާނޫނީ ވަކީލު ނާޒިމް ސައްތާރަށް ތުހުމަތުވާ ވީޑިއޯގެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީކިހިނެއް؟ - ނާޒިމް އާއި ބިދޭސީ ފިރިހެނަކު ކަމަށް ބެލެވޭ ދެ މީހަކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް މިއަދު ވަނީ ޝޯޝަލް މީޑިއާގައި ދައުރުވާން ފަށާފަ އެވެ. އެ މައްސަލަ ބަލަމުންދޭތޯ ނޫސްވެރިން ފުލުހުންގެ މީޑިއާ ގްރޫޕުގައި ސުވާލު ކުރުމުން، އެ މުއައްސާސާއިން ބުނީ، އެ ވީޑިއޯގެ މައްސަލަ ބަލަމުންދާ ކަމަށެވެ.

ތަފްސީލު - ފުލުހުން މީޑިއާ ގްރޫޕަށް ފޮނުވި މެސެޖްގައި ބުނީ، ގިނަ އަދަދެއްގެ މީހުން ހިމެނޭގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެމައްސަލައިގެ ތަހުގީގު ފުލުހުން ވަނީ މީގެ ކުރިން ފަށާފައިވާ ކަމަށެވެ. 

"ސޯޝަލް މީޑިއާގައި މިއަދު އާންމުވި ވީޑިއޯއާ ގުޅިގެން އެވީޑިއޯގައި ހިމެނޭ މީހުންނާ ގުޅޭ މައްސަލަ މިއަދު ވަނީ ތަހުގީގުކުރަން ފަށާފައި. މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް މިދަނީ އަޅަމުން،" ފުލުހުން ބުންޏެވެ.

 ނާޒިމް 'ދައުރު'އަށް ވިދާޅުވީ، އެ ވީޑިއޯއިން ފެންނަ މީހާއަކީ އޭނާ ނޫން ކަމަށެވެ. އަދި ޓްވިޓާގައިވެސް އޭނާ ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. 

ޕީޕީއެމްއިން ގޮވާލީ މައްސަލަ ތަހުގީގުކޮށް ހަގީގަތް ހާމަކުރަން

މި މައްސަލައާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ވަނީ އެ ވީޑިއޯގެ ހަގީގަތް ދެނެގަތުމަށްޓަކައި އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށާއި ވިޑީއޯއިން ފެންނަ ފަރާތްތައް ހޯދާ، ހިފާ ހައްޔަރުކޮށް ދައުވާ އުފުލުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައިފަ އެވެ.

މިފަދަ ގައިރު ގާނޫނީ އަދި ލާދީނީ ކަންކަން ކޮށްފައިވާ ފަރާތްތައް މީގެ ކުރިން ވެސް މި ސަރުކާރުން ގައުމުން ބޭރަށް ފުރުވާލާފައިވާކަމަށް ތުހުމަތުކޮށް، ވީޑިއޯއިން ފެންނަ މީހުންގެ ޕާސްޓްޕޯޓް ހިފެހެއްޓުމަށް ވެސް ބަޔާނުގައި ގޮވާލައިފައިވެ އެވެ.

"ސިޔާސީ ގޮތުން ބާރުގަދަ އާއިލާއަކަށް ނިސްބަތް ވުމަކީ ފާހިޝް މުޑުދާރު އަމަލުތައް ހިންގާ، ގާނޫނާ ޚިލާފު ވުމަށް ދެވޭ ހުއްދައަކަށް ވެގެން ނުވާނެ އެވެ. ވަކި އާއިލާއަކަށް ނުވަތަ ވަކި ނަސްލަކަށް ނިސްބަތް ވީ ނަމަވެސް ގާނޫނަކީ އެންމެންގެ މައްޗަށް ހަމަހަމަކަމާއެކު ހިނގަން ޖެހޭނެ އެއްޗެކެވެ." ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމްއަށް ތުހުމަތު ކުރެވޭ މި މައްސަލައާ ގުޅިގެން އިިދިކޮޅުގެ ބަޔާނުގައި ބުނެފައިވެ އެވެ.

"މީގެ ކުރިން ވެސް މިފަދަ އެތައް ޢަމަލެއް ހިންގާފައިވާ ފަރާތްތަކުގެ މައްސަލަތައް އޮއްބާލާ، ތުހުމަތު ކުރެވޭ ފަރާތްތަށް ގައުމުން ބޭރަށް ފުރުވާލުން ފަދަ އެތައް ކަމެއް މިސަރުކާރުން ވަނީ ކޮށްފަ އެވެ. އޭގެ ތެރޭގައި ރޯޔަލް ރޭޕް ހާދިސާއާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، އަންހެނުންގެ އިއްފަތްތެރިކަން ގަދަކަމުން ފޭރިގަތްފައިވާ ފަރާތްތަކުގެ ކަންކަން ފޮރުވާ މިސަރުކާރުން ވަނީ އެކަންކަން އޮއްބާލާފައި."

އިތުރު އާޓިކަލް

އިތުރު އާޓިކަލް