އައްޑޫގައި ހަދަމުން އަންނަ ބްރިޖަށް ހިއްކާފައިވާ ތަނެއް: މިފަހަރު އެރި އުދާގައި މި ހިސާބަށް ބޮޑު ގެއްލުމެއް ލިބުނު (ދައުރު ފޮޓޯ)

ތިމާވެށި

ސިޔާސަތު ފަގީރުވުން: ހުރިހާ ގެއްލުމެއްގެ ބުރަ ރައްޔިތުންނަށް

ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުން ހިމެނުނަސް، އަމަލުން ދައްކަނީ މުޅިން އެހެން މަންޒަރެއް

މުހިންމު ނުކުތާތައް

ގުޅިފަޅު ފަދަ އަގުބޮޑު މަޝްރޫއުތަކުން ތިމާވެއްޓަށް ލިބޭ ގެއްލުން މާ ބޮޑު

ބޭރުގެ ކޮންޓްރެކްޓަރުން ގެންދަނީ ތިމާވެށި ހަލާކުކޮށް މާލީ މަންފާ ހޯދަމުން

ދިވެހިންނަށް ރާއްޖޭގައި ދިރިއުޅެން އޮތް ބިރު ވެސް މިހާރު ކުޑައެއް ނޫން

ފަށަމުން ވެސް ކިޔަން މިޖެހެނީ އެންމެން ވެސް ދަންނަ، ތާއަބަދު ކިޔަމުންދާ ވާހަކަތަކެކެވެ.

ދިވެހިރާއްޖެއަކީ ތިރި ޖަޒީރާ ގައުމެކެވެ.

ދިވެހިރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް އޮންނަ ގުދުރަތީ ގޮތުން ޚާއްސަ ސިފަތަކެއް ލިބިފައިވާ ގައުމެކެވެ.

ދިވެހިރާއްޖެއަކީ މުޅި ދުނިޔެއަށް ދިމާވެފައިވާ މޫސުމީ ބަދަލުތަކުގެ ބޮޑު ގޮންޖެހުންތަކުގެ އަސަރު ބޮޑު ތަނުން ކުރާނެ ގައުމެކެވެ.

ދިވެހި ސަރުކާރުތަކުން ކެނޑިނޭޅި ދައްކަމުންދާ ވާހަކަތަކަކީ މިއީ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2018 ގެ ރިޔާސީ އިންތިޚާބުގައި ވަޑައިގަތީ އެމްޑީޕީން ތައްޔާރުކޮށްފައި އޮތް މެނިފެސްޓޯއެއް ހިއްޕަވައިގެންނެވެ. އޭގައިވާ ގޮތުގައި:

"ދިވެހިން ވަޒަންވެރިވެފައި ހުރީ ޖެހޭ ވަޔާއި ދޭ އަތްވާއި ކުރާ ވިއްސާރަ ދަނެގެންނެވެ... އާބާދުވެފައި ހުރީ އިރުވަރާއި ދިޔަވަރާއި ޖަހާ ރާޅަށް ފަރުވާތެރިވެގެންނެވެ... ގުދުރަތުން މި ރާއްޖެ ލައްވާފައިވާ ފުރިހަމަ ނިޒާމާއި އިދިކީލި ނުވާހެންނެވެ."

އަދި އެމްޑީޕީ ސަރުކާރެއްގައި ތިމާވެށީގެ ސިޔާސަތު ބައްޓަން ކުރާނެ ގޮތުގެ ވާހަކަ މި މެނިފެސްޓޯގައި އޮތެވެ.

އޭގައި ބުނާ ގޮތުގައި:

"ތިމާވެށި ދިރުވުމާއި ހިމާޔަތްކުރުމަކީ... ރާއްޖޭގެ އިގްތިސާދު ދުޅަހެޔޮ ގޮތުގައި ކުރިއަރުވާން ކޮންމެހެން ކުރަން ޖެހޭ އިގްތިސާދީ އެންމެ ބޮޑު މަސައްކަތެވެ. އެއީ ކޮންމެ ރަށެއް ތަރައްގީކުރުމަށްޓަކައި އަބަދު ހިންގަން ޖެހޭ އެންމެ ބޮޑު މަޝްރޫއެވެ... އެމްޑީޕީގެ ނޫ އިގްތިސާދުގެ ސިޔާސަތަކީ، ގުދުރަތާއި އެއްކީއްޔަށް ތަރައްގީ ހިންގުމުގެ ސްޓްރެޓަޖީއެކެވެ.

މި ސްޓްރެޓަޖީއަކީ ވަށައިޖެހޭ، މާހައުލުން ނެގޭ މައުދަން މަދުކޮށް، މިހާރު ނެގިފައި ހުރި އެއްޗެއް ގިނައިން ބޭނުންކުރެވޭ އިގްތިސާދެކެވެ. ގަސްތައް ކަނޑައި، ކުޅިތައް ހިއްކައި، ފަނާކުރުވަނިވި 'ތަރައްގީ'އާ މުޅިން ދުރަށް ގޮސް، އޮޔާއި ވަޔާ އިދިކޮޅަށް ނުފަތައި، ކަނޑުތަކާއި ފަރުތަކާއި ދިޔަރެހާއި އުދަރެހާއި އެއްކުލައިން ފަރުމާކުރެވޭ ނޫ އިގްތިސާދެކެވެ."

ގދ. ފިޔޯރީއަށް އެރި އުދާގައި ބޮޑުވި ފެންގަނޑުގައި މީހަކު ކަނދުފައްޗެއް ހަދައިގެން އިށީދެ: ރާއްޖެއަށް އުދަ އެރުން ބޮޑު ބިރަކަށް ދަނީ ބަދަލުވަމުން (ފޮޓޯ/ ހިލްޓަން އާޒިފް، ފޭސްބުކް)

މި ވާހަކަތަކަކީ އަޑުއަހާލަން ހިއްގައިމު ވާހަކަތެއް ކަމާ ދޭތެރޭ ޝައްކެއް ނެތެވެ.

ނަމަވެސް މިއީ ރައްޔިތަކަށް ގައުމެއް ހިންގުމަށް ބޭނުންކުރާނެ ސިޔާސަތުކަމަށް ވައުދުވެގެން އައިސް މިއާ ދިމާ އިދިކޮޅަށް ކަންކުރަމުން ދިއުމުން ސަރުކާރާ ދޭތެރޭ ހިތްބަރު ނުކުރެވި ނުދާނެ ފަދަ ވާހަކަތަކެކެވެ.

ރައީސް ސާލިހު 7 ފެބްރުވަރީ 2019 ގައި ރައްޔިތުންގެ މަޖިލިހުގައި އިއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ:

"މި ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމުގެ އެންމެ މުހިންމު ބަޔަކީ، މި ޤައުމުގެ ނާޒުކު ތިމާވެށި. މި ރާއްޖޭގެ ޖަޒީރާވަންތަ ސިފަ ދެމެހެއްޓުމަށްޓަކައި، ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން ރަށްރަށުގެ ޤުދުރަތީ ވެށި ހިމާޔަތްކުރުމުގެ މަސައްކަތް ޚާއްސަ އިސްކަމެއް ދީގެން މި ސަރުކާރުން ކުރާނެ.

ދިވެހިރާއްޖެއަކީ މާކަނޑުގެ ރާއްޖެއަކަށް ވީ ހިނދު، މި ޤައުމުގެ ދިރުން ގުޅިފައިވަނީ ކަނޑުތަކާއި، ފަރުތަކާއި، ހޭޅިފަށާއި، އެތަންތަނުގެ ދިރުމާ. ރަށްތަކުގެ ދިރުން ރައްކާތެރިކޮށް، އަންނާން އޮތް ޖީލުތަކަށް މި ރާއްޖެ ވާޞިލުކޮށްދިނުމަކީ، އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް،" މިހެންނެވެ.

ދެން އަހަން ޖެހޭ ސުވާލަކީ މިގޮތަށް މިކަން ސަރުކާރުން ކުރޭ ހެއްޔެވެ؟

އެއްވެސް މަޑުޖެހުމެއްނެތި ސާފުކޮށް ދޭންކެރޭ ޖަވާބަކީ ނުކުރެއެވެ. ކުރާކަށް ނުވެސް އުޅެމެ އެވެ.

ނުކުރާ ތަނުގައި ކަންކުރަމުން ދަނީ މި ވާހަކަތަކާ ދިމާ އިދިކޮޅަށެވެ. މީގެ ބައެއް ހެކިތައް ތިރީގައި ތަފްސީލުކޮށްލާނަމެވެ.

ރާއްޖޭގެ ސަރުކާރުން ތަންފީޒުކުރާނެކަމަށް ބުނާ ތިމާވެށީގެ ސިޔާސަތާ، ތަންފީޒު ކުރަމުންދާ ތިމާވެށީގެ ސިޔާސަތަކީ ނުބައްދަލު ދެ އެއްޗެކެވެ. މެނިފެސްޓޯގައި ލިޔެފައިވާ އެއްޗަކާ، އަނގަ ބަހުން ޚިތާބުތަކުގައި ބުނަމުންދާ އެއްޗަކާ، އަމަލީ ގޮތުން ކުރަމުންދާ ކަންކަމާ މުޅިން ނުބައްދަލެވެ. ސަރުކާރު ހިންގަން ތިބޭ ފަރާތްތަކުން ރައްޔިތުންނަށް ހަދަނީ ދޮގޭ ބުނުމަކީ ރީތި ގޮތެއް ކަމަށް ގިނަ ބަޔަކަށް ނުވެދާނެ އެވެ. ނަމަވެސް ސަރުކާރަކުން ރައްޔިތަކަށް ސީދާ ދޮގު ހެދުމަކީ ރީތި ސިފައެއްކަމަށް ބެލެވޭނެ ޖާގައެއް ވެސް ނެތެވެ.

ބ. ފުޅަދޫ ބޭރުގައި އޮންނަ ހިތްގައިމު މުރަކަ ބަގީޗާ: ރާއްޖެ ތަފާތުވާ ރީތިކަން ގުޅިފައި އޮތީ ގުދުރަތީ މިފަދަ ދިރުންތަކާ (ދައުރު ފޮޓޯ/ނާއިޝް ލަތީފް)

ތިމާވެށީގެ ސިޔާސަތު ގުދުރަތާ އެއްކީލިކުރުމަށް މެނިފެސްޓޯގައި ވެފައިވާ ވައުދާ، ސަރުކާރާ ހަވާލުވެ ދައްކަމުން ދާ ވާހަކަތަކާ ވެސް މުޅިން ޚިލާފަށް ސަރުކާރުން ހިންގާ މަޝްރޫއުތަކަކީ ރާއްޖޭގެ ރަށްތައް އިޔާދަނުކުރެވޭނެ މިންވަރަށް ފަނާކުރުމުގެ ގެއްލުން ބޮޑު މަޝްރޫއުތަކެކެވެ. މިސާލުތައް މިތަނުގައި ލިސްޓުކުރާ ވަރަށް ވުރެ މާ ގިނަ އެވެ. މިވަގުތު ހިންގަމުންދާ، ވެށްޓަށާއި މާލީ ގޮތުން ގައުމަށް ގެއްލުން ބޮޑު މަޝްރޫއުތަކަށް ބަލާއިރު ގުޅިފަޅު ހިއްކުމުގެ މަޝްރޫއަކީ އެއް މިސާލެވެ. އައްޑު އަތޮޅު ހިއްކަން އުޅޭ މަޝްރޫއަކީ ދެވަނަ މިސާލެވެ. މި ދެ މަޝްރޫއަކީ ވެސް ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބުނާ، އަދި ސަރުކާރުގެ ސިޔާސަތު ކަމުގައި ބުނާ ދެމެހެއްޓެނިވި ތަރައްގީއާ މުޅިން އިދިކީލި ދެ މަޝްރޫއެވެ.

ގުޅިފަޅު ހިއްކާ މަޝްރޫއަށް ދިވެހި ރައްޔިތުންގެ ނަމުގައި 120 މިލިއަން ޑޮލަރުގެ ދަރަނި ހަމައެކަނި ތަން ހިއްކަން ހޭދަކުރާނެކަމަށް މިނިސްޓަ ފޮ ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަ މުހަންމަދު އަސްލަމް ރައްޔިތުންގެ މަޖިލިހުގައި ވިދާޅުވެފައިވެ އެވެ. މިއީ ވެލީގެ ހޭދައިގެ ގޮތުން ބަލާ ނަމަ މިފަދަ ބިމެއް ހިއްކަން ބޭނުންވާ ވަރަށް ވުރެ ތިން ގުނަ އިތުރަށް ހޭދަކުރާނެ، އިޔާދަނުކުރެވޭނެ އަގުބޮޑު މައުދަނެއް ކަމުގައިވާ ގުދުރަތީ ގޮތުން އުފެދޭ ދިވެހި ފަރުތަކުގެ މުރަކަވެލީގެ ބޮޑު އިސްރާފެކެވެ. މި ބޮޑު އިސްރާފު ކުރާއިރު ތިމާވެއްޓަށް ދޭނެ ގެއްލުންތަކަކީ ފައިސާއިން އަގުކުރެވޭނެ އެއްޗެއް ނޫނެވެ.

އެނބޫދޫ ފަޅާއި ހުޅުމާލޭގެ އިތުރުން ރިސޯޓު ހަދަން ހިންގާފައިވާ ވެއްޓަށް ގެއްލުން ބޮޑު ފަޅުފަރު ހިއްކުމުގެ މަޝްރޫއުތައް މިހާރުވެސް ހައްދުން ނައްޓާފައިވާ މާލެ އަތޮޅަށް ކޮށްފައިވާ ނޭދެވޭ އަސަރަކީ ދައުލަތުން ދިރާސާކޮށް ދެނެގަންނަން މަސައްކަތްކުރާ ގެއްލުންތަކެއް ނޫނެވެ. ކަން މިހެން އޮތުމުން، އަހަރެން ދެކޭ ގޮތުގައި ގުޅިފަޅު ހިއްކުމަށް މާލޭގެ ސަރަހައްދުގެ ގާތްގަނޑަކަށް 14 އަކަ ކިލޯމީޓަރު ކޮނެގެން ކުރާ 24.5 މިލިއަން ކޮޑިމީޓަރުގެ ވެލީގެ ހޭދަ އާއި ގެއްލުމަކީ އާޚިރުގައި ގްރޭޓަ މާލޭގެ ރަށްވެހިންގެ ފުރާނައިން އަގުކުރަން ޖެހޭނެ ގެއްލުންތަކެކެވެ.

ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް: ތިމާވެށީގެ ގޮތުން ކުރިމަތިވާނެ ގެއްލުންތަކަށް މިހާރު މިވަނީ ވަރަށް ބޮޑަށް ވިސްނަން ޖެހިފައި 

އައްޑު އަތޮޅުގެ މުޅި އެތެރެވަރި ކޮނެގެން އެވެށީގެ %42ގެ ސަރަހައްދެއް ގަޑުބަޑުކޮށް އެތައް ދިރުންތަކަކާއި، ގާނޫނީ ގޮތުން ހިމާޔަތްކޮށްފައިވާ އެ ދިރުންތަކާ، ދިރިއުޅޭ މާހައުލީ ނިޒާމުތައް ދާއިމަށް ފަނާކޮށްގެން ސަރުކާރުން ހިންގަން އުޅޭ މަޝްރޫއަކީ އެ އަތޮޅަށް މިއަދު އަރައިގެން އުޅޭ މޫސުމީ އުދައިގެ ގެއްލުންތަކަށް ބަލައިލީމާ ވެސް ކުރަން ހެޔޮވާނެ ވަރުގެ ކަމެއް ނޫންކަން ސާފުވެ އެވެ.

އައްޑޫ ހިއްކުމުގެ މަޝްރޫއު އިން އިޔާދަނުކުރެވޭނެ މިންވަރަށް ފަނާވެދާނީ އައްޑު އަތޮޅުގެ އިގްތިސާދު އަދުވެސް އަދި މާދަމާ ވެސް އޭގެ މައްޗަށް ބަރޯސާވާން ޖެހޭ ދިރިއޮތް ތިމާވެށިކަން ޔަގީނެވެ. މި ގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާފައިވާ ތިމާވެށީގެ ގޯސްތަކާއި ޖަރީމާތަކަށް ބަލައިލާއިރު، ހޯރަފުށި އެއާޕޯޓަކީ ހޯރަފުށީގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާ 'ތަރައްގީ'ގެ މަޝްރޫއެކެވެ. ކޮށްފާނެ ފައިދާއަކަށް ވުރެ ދެވިފައިވާ ގެއްލުމުން އަރައިގަނެވެން ނެތް ގޯހެއްކަން މާލީ ގޮތުން ވެސް ހާމަވާން އޮތް ނަމޫނާ މިސާލެކެވެ. ކުޅުދުއްފުށި އެއާޕޯޓަކީ ވެސް އެފަދަ މިސާލެކެވެ. އެ "ތަރައްގީ" އައުމަށް ފަހު މޫސުމީ ގޮތުން ރަށުގައި ފެންބޮޑުވުމުގެ ކާރިސާތައް ގިނަވެ، އޭގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ލިބޭ ގެއްލުން އިތުރުވެފައިވެ އެވެ. މިހާރު އޮތީ އެޅި އެއާޕޯޓުގެ ގޮނޑުދޮށް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން ހިމާޔަތްކުރަން ޖެހިފަ އެވެ.

ގދ. އަތޮޅު މަޑަވެލި-ހޯޑެއްދޫ ކޯޒްވޭގެ މިސާލަކީ ވެސް ތަރައްގީގެ ސަބަބުން ލިބޭ ގެއްލުމުގެ ނަމޫނާ މިސާލެކެވެ. އެއީ ތަރައްޤީގެ މަޝްރޫއުގެ ސަބަބުން ރަށަށް ލިބެމުން ދިޔަ ގެއްލުން ބަލަން ތިބުމަށް ރަށު ރައްޔިތުންނަށް ދަތިވެ، އެންމެ ފަހުން އެމީހުންގެ އަމިއްލަ އަތުން އެ ތަރައްޤީ ފުހެލަން މަސައްކަތްކުރަން ޖެހުނު ހާލަތެކެވެ. މިހާރު އެ ތަރައްގީ އޮތީ އަނެއްކާވެސް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށް އިތުރަށް 'އަޕްގްރޭޑް' ކުރަން ޖެހިފަ އެވެ. ނަމަވެސް ފެންނަން އޮތް މިފަދަ އެތައް މިސާލަކަށް ނަޒަރުކުރުމެއް ނެތި، މި ގޯސްތަކުގެ ހިތި ނަތީޖާތަކަށް ބެލުމެއް ވެސް އަދި އޭގެ ނޭދެވޭ އަސަރުތައް ވަޒަންކުރުމެއް ވެސް ނެތި، ރާއްޖެއަށާއި ރައްޔިތުންނަށް ގެއްލުން ބޮޑު މަޝްރޫއުތައް ހިންގަން ސަރުކާރުން އެހާ ބޮޑު ޝައުގުވެރިކަމެއް އޮންނަނީ ކީއްވެތޯ ސުވާލުކުރަން ޖެހެ އެވެ.

ދިވެހި ރައްޔިތުންނަށް އޭގެ ސަބަބުން ފައިދާނުވާ ތަނުގައި ގެއްލުންވާނެ ގޮތަށް، ދުނިޔޭގެ ބޮޑު ވިޔަފާރީގެ ކުންފުނިތަކަށް ދޫކޮށްލައިގެން ހިންގާ ބިޔަ ބޮޑު މަޝްރޫއުތަކަކީ ތިމާވެށީގެ ނަޒަރުން ބަލާ ނަމަ ބޮޑެތި ޖަރީމާތަކެވެ. މިއީ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން މި ވިޔަފާރިތަކާއި މި ވިޔަފާރިތައް ހިންގާ ގައުމުތަކުގެ ސަރުކާރުތަކާ ގުޅިގެން އެ ގައުމުތަކުގެ ވިޔަފާރި އާލާކުރަން ކުރާ ކަންތައް ކަމަށް ބެލެވެ އެވެ. މިއީ ދިވެހިރާއްޖެ ފަދަ ދައުލަތް ހިންގުމުގައި ބޮޑެތި ގޮންޖެހުންތައް ހުންނަ ގައުމުތަކަށް އަަލަށް ދިމާވާ ކަމެއް ނޫނެވެ. މިއީ ސަރުކާރުގެ ސިޔާސަތާއި ގާނޫނު ތަންފީޒުކުރުމުގެ އަދި މުއައްސަސާތަކަށް ޒިންމާވާން ޖެހޭ ފަރާތްތައް ޖަވާބުދާރި ކުރުމަށް ނުކުޅެދޭ، ގައުމު ހިންގުމަށް ގެންގުޅޭ ސިޔާސަތާއި ހިންގާ އަމަލުތަކުގެ ބަލިކަށިކަމާއި ފަގީރުކަމުގެ ނާޖާއިޒު ފައިދާ ލިބެން އޮންނާތީ ރާއްޖެ ފަދަ ގައުމުތަކަށް އަންނަ ބޭރުގެ ކޮންޓްރެކްޓަރުންގެ ދަށުވެ ކުރާ ކަންކަމެވެ. އެމީހުންގެ މަސައްކަތަކީ ރާއްޖޭގެ ދަރަނީގައި ވިޔަފާރިކޮށް ފައިދާ ހޯދުމެވެ. އެ ދަރަނި ލިބެން އޮންނަނީ މި ވިޔަފާރިތައް ހިންގަމުން އަންނަ ގައުމުތަކުގެ ބޭންކުތަކުގެ އެހީތެރިކަމުގައެވެ. މިފަދަ ކޮންޓްރެކްޓުތަކުގެ މުހިންމު ކަމުން، ކޮންޓްރެކްޓަރުގެ 'ސީއެސްއާރު'ގެ ދަށުން ވެސް މަޝްރޫއަށް ބޭނުންވާ ބައެއް މަސައްކަތް ކުރާތަން ފެނެ އެވެ. އޭގެ އެއް މިސާލަކީ ގުޅިފަޅު ހިއްކަން މުރަކަ އެހެން ތާކަށް ގެންދިއުމަށް ބޮސްކާލިސްއިން 'ސީއެސްއާރު' ހޭދަކުރިކަމެވެ. މިއީ ހައިރާންވާ ފަދަ ކަމެކެވެ. ދިވެހި ދައުލަތުގެ ދަރަނި ހޭދަކުރާ މަޝްރޫއަކަށް ކޮންޓްރެކްޓަރު ނަގާ ފައިދާއިން ދޭން އޮންނާނީ ކޮން 'ސީއެސްއާރެއް' ތޯ އެވެ؟

ދެން ފާހަގަކުރެވޭ އަނެއް ކަމަކީ ދިވެހި ދައުލަތުން ހޭދަކޮށްގެން ހިންގާ ވެލީގެ ސާވޭގެ ނަތީޖާ ދިވެހި ދައުލަތަށް ލިބެން ނޯންނަ ކަމުގެ އަރަތެވެ. މިއީ ރާއްޖޭގެ މަޝްރޫއަކަށް ބޭނުންވާ ރާއްޖެއާ ބެހޭ މައުލޫމާތެއް ސަރުކާރުން ހޭދަކޮށްގެން ދިރާސާކުރުމުން ކޮންޓްރެކްޓަރުގެ މިލްކިއްޔާތަކަށް ވާ އަރަތެކެވެ.

ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގައި ހިންގާފައިވަނީ ނެދަލެންޑްސްގެ އައިއެންޖީ ބޭންކުން ހޯދާ ލޯނު ބޭނުންކޮށްގެންނެވެ. ބިން ހިއްކަން އަންނަނީ ނެދަލެންޑްސްގެ ކޮންނަބޯޓު ކުންފުނިތަކެވެ. ގުޅިފަޅު މަޝްރޫއުއަށް 16 ޖޫން 2022 ގައި ދިވެހި ސަރުކާރުން 101 މިލިއަން ޔޫރޯގެ ލޯނު ހޯދީ ޔޫރަޕުގެ ތިން ބޭންކަކުންނެވެ. އޭގެ ތެރޭގައި އައިއެންޖީ ބޭންކު ހިމެނެ އެވެ.

ގުޅިފަޅު ހިއްކުމަށް ކޮންޓްރެކްޓު ކޮށްފައިވަނީ ނެދަލެންޑްސްގެ ބޮސްކާލިސްއ އެވެ. އައްޑޫ ހިއްކުމުގެ މަޝްރޫއުއަށް ބޭނުންވާ 1.3 ބިލިއަން ރުފިޔާގެ ލޯނު ހޯދީ އިންޑިއާގެ އެގްޒިމް ބޭންކުންނެވެ. އެ މަޝްރޫއުގެ ބިން ހިއްކަން ކޮންޓްރެކްޓު ކޮށްފައިވަނީ އިންޑިއާގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ނެދަލެންޑްސްގެ ވެން އޫރުދު ކުންފުނިންނެވެ. މި ބޮޑެތި މަޝްރޫއުތަކަކީ ގޮތް ނޭނގޭ ގޮތްގޮތަށް ކޮންޓްރެކްޓު ކުރެވިގެން އެއް ބަޔަކު ހިންގާ މަޝްރޫއުތަކެކޭ ބުނެވޭނެ ޖާގަ ވެސް އޮވެ އެވެ.

ގުޅިފަޅު ކޮންޓްރެކްޓް 2019 ގައި ދީފައިވަނީ ބިޑަކާ ނުލާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރާ ޚަބަރެއް އިވުނެވެ. ނަމަވެސް އެއީ ކުރިއަށްދާ ތަހުގީގެއްކަމަށް އެއަށް ފަހު ފެންނާކަށް ނެތެވެ. ސަރުކާރުގެ މަޝްރޫއުތަކުގައި ކަންހިނގާ ގޮތް ރައްޔިތުންނަށް ސާފުވުމަށް ވުރެ ނުވުން އޮންނަނީ ގާތުގަ އެވެ. މި މަޝްރޫއުތަކުން ޔަގީންވާ ކަމަކީ ރައީސް ސޯލިހުގެ އިލެކްޝަން މެނިފެސްޓޯގައި އޮތް 'އޮޔާއި ވަޔާ އިދިކޮޅަށް ނުފަތައި، ކަނޑުތަކާއި ފަރުތަކާއި ދިޔަރެހާއި އުދަރެހާއި އެއްކުލައިން ފަރުމާކުރެވޭ ނޫ އިގްތިސާދެއް' ތަންފީޒުކުރަން ސަރުކާރުން ނޫޅޭކަމެވެ. ރިޔާސީ ބަޔާނުގައި ވިދާޅުވި ފަދައިން 'ރަށްތަކުގެ ދިރުން ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް މި ރާއްޖެ ވާޞިލުކޮށްދޭ" ކަށް ސަރުކާރުން މަސައްކަތެއް ނުކުރެ އެވެ.

ރާއްޖޭގައި ފަގީރީ ހަމައެކަނި ތިމާވެށީގެ ސިޔާސަތެއް ނޫނެވެ. ރާއްޖޭގައި ފަގީރީ ދައުލަތް ހިންގުމުގެ ވަށްޓަފާޅި އާއި ތަރައްގީގެ ވިސްނުން ގެންގުޅޭ ގޮތެވެ. ރާއްޖެ ތަރައްގީ ކުރުމުގެ ނަމުގައި ދެކެވޭ ވާހަކަތަކާއި ކަން ނިންމަން ތިބޭ ފަރާތްތަކުން އަމަލުކުރާ ގޮތާއި އޭގެ ސަބަބުން އާޚިރުގައި ފެނިގެންދާ ގެއްލުން ބޮޑު ނަތީޖާތަކަކީ ވެސް ރާއްޖެ ފަގީރުކުރުވާ ކަަންކަމެވެ. ސިޔާސީ ބޭނުންތައް ފުއްދުމަށް ރައްޔިތުންނަށް ކުރާ ވައުދުތަކާ ހަދަމުންދާ ދޮގުތަކުގެ ފަގީރުކަމަކީ ވެސް ރާއްޖޭގެ ރައްޔިތުންގެ ހާލަތު ހީނަރުވެގެން ދާކަމެކެވެ. ދައުލަތް ހިންގުމުގެ ދޯދިޔާކަމުގެ ނާޖާއިޒު ފައިދާ ނެގުމަށް ބޭރުގެ ފަރާތްތަކަށް ފަހިވެފައިވާ ހާލަތަކީ ވެސް ފަގީރުކަމެކެވެ. މި އެންމެހާ ނޭދެވޭ ފަގީރުކަމާއި ބަލިކަށިކަން އެއްވެގެން ނުކުންނަ ނޭދެވޭ ނަތީޖާތަކާއި އޭގެ ބުރަ އުފުލަން ރާއްޖޭގެ ރައްޔިތުންނަށް ވަނީ ޖެހިފަ އެވެ. ވެށި ފަނާކުރުމުން އަރާ އުދައިން ލިބޭ ގެއްލުމުގެ ބުރަ އެވެ. އިޔާދަނުކުރެވޭނެ މިންވަރަށް ވެށި ފަނާކޮށް ދައުލަތް ދަރަނިވެރިކުރުމުގެ ބުރަ އެވެ. ހިއްކާ ބިންތައް ގިރުމާއި ހިންގާ މަޝްރޫއުތައް ތާއަބަދު އަލުން މަރާމާތުކުރަން ޖެހުމުގެ ބުރަ އެވެ. ހިއްކާ ބިންތައް ހަނަފަސްކޮށް އޮވެ ރައްޔިތުންނަށް މަންފާނުވުމުގެ ބުރަ އެވެ. ވެށި ފަނާކުރުމުގެ ސަބަބުން ވެށިން ލިބޭ އިގްތިސާދީ އަދި އިޖްތިމާއީ ނަފާއިން މަހުރޫމް ވުމުގެ ބުރަ އެވެ. އަންނަން އޮތް ޖީލުތަކަށް ރާއްޖެ ވާސިލުކޮށްދިނުމުގެ ޒިންމާ ނެގުމަށް ސަރުކާރަށް ނުކުޅެދުމުގެ ބުރަ އެވެ. ދިވެހިންނަށް ރާއްޖޭގައި އުޅެން ދަތިވުމުގެ ހިތާމަވެރި ބުރަ އެވެ.

އެޑިޓަރުގެ ނޯޓު

ހުމައިދާ އަބްދުލްގަފޫރު (ހުމޭ) އަކީ އިންސާނީ ހައްގުތަކާއި އިޖްތިމާއީ ދާއިރާގެ އެކި މައްސަލަތައް ދިރާސާކުރުމުގެ މަސައްކަތްކުރައްވާ ބޭފުޅެކެވެ. މަދަނީ ޖަމިއްޔާތަކާ އެކު އެކި މަސައްކަތްކުރައްވަ އެވެ. ހުމޭއަކީ ރާއްޖޭގެ ތިމާވެށީގެ ހިމާޔަތުގައި ވަކާލާތުކުރާ ސޭވް މޯލްޑިވްސް ކެމްޕޭނުގެ ވޮލަންޓިއަރެއް ވެސް މެ އެވެ. އޭނާ ފުރަތަމަ ޑިގްރީ އާއި މާސްޓާސް ޑިގްރީ ހާސިލްކުރެއްވީ އިނގިރޭސިވިލާތުގެ ދެ ޔުނިވަސިޓީއަކުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް