ޓީޗަރުންގެ ދުވަހު މި ހާއްސަ 2 ޓީޗަރުންގެ ތަޖުރިބާ

ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ހުންނަ ދަރިވަރުންނަށް ކިޔަވައިދިނުމުގައި ރައުނާ އާއި ޒަމްރާ ކުރަނީ ބުރަ މަސައްކަތްތަކެއް
5 އޮކްޓޯބަރު 2022
2

މުހިންމު ނުކުތާތައް

އެއްވެސް ކުއްޖަކު ބާކީނުކުރުމުގެ އަޒުމުގައި ހޭދަކުރާ ވަގުތު މުހިންމު

ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ލިބޭ ލޯތްބަކީ ބޮޑު ހިތްވަރެއް

ރަނގަޅު ކުރަން ޖެހޭ އެތައް ކަމެއް އަދިވެސް ހުރިކަން ގަބޫލުކުރޭ

"އިލްމް އުނގެނޭށޭ..ފަންނު އުނގެނޭށޭ

އެންމެ ފުރިހަމަވާން ހިތްމަތޭވީ ކުރާން

މި އަޒުމުގައި އަބަދުވީ ސާބިތުވާން

ތާޖުއްދީން ހިތްވަރޭ"

މިއީ ޕްރައިމަރީ ސްކޫލެއްގެ ގޮތުގައި 1989 ގައި ސަރުކާރުން ހުޅުވި ތާޖުއްދީން ސްކޫލްގެ ލަވައިގެ ތަންކޮޅެކެވެ. މިހާރު ސެކަންޑަރީ ތައުލީމު ވެސް ދެމުން އަންނަ އެ ސްކޫލްގައި ހާއްސަ އެހެން ކަމެއް ވެސް އޮވެ އެވެ: ތައުލީމު އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވެސް އެ ހިދުމަތް ފޯރުކޮށްދިނުމެވެ.

މިއަދަކީ ޓީޗަރުންގެ ދުވަހެވެ. މި ދުވަހު 'ދައުރު'ން މިވަނީ ތާޖުއްދީންގައި އެ ދާއިރާއިން ކިޔަވައިދެމުން އަންނަ ދެ ޓީޗަރުންނާ ވާހަކަ ދައްކައިފަ އެވެ. ބުރަ ބޮޑު އެ މަސަައްކަތުގައި އެމީހުންގެ ހިތްވަރާއި އަޒުމަކީ ކޮބައިތޯ ވެސް ސުވާލުކުރީމެވެ.

ސަރުކާރުގެ އިންކްލޫސިވް އެޑިއުކޭޝަން ސިޔާސަތު ތަންފީޒުކުރުމާ އެކު ޖިސްމާނީ އަދި ނަފްސާނި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން ޝާމިލްކޮށްގެން ސްކޫލްތަކުގައި ކިޔަވައިދެ އެވެ. އެހެންކަމުން، ޑައުންސިންޑްރޯމް، އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ، އިންޓެލެކްޗުއަލް އިމްޕެއާމަންޓް، ސެރެބްރަލް ޕާލްސީ އަދި ޑްވޯފިޒަމް ފަދަ ހާއްސަ އެހީއަށް ބޭނުންވާ ކުދިން ކިޔަވާނީ ވެސް އާންމު ސްކޫލްތަކުގަ އެވެ.

އެހެން ކުދިންނާ އެއްވަރަށް އެކުދިންގެ ހުނަރުތައް ތަރައްގީކޮށް، ލިޓްރެސީ އާއި ނިއުމަރަސީ ހުނަރުތައް ތަރައްގީ ކުރުމަށް ހާއްސަކޮށްފައިވާ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ކްލާސްރޫމްތަކަށް އެކުދިން ގެންގޮސް އުނގަންނައިދޭނެ އެވެ. މިތަނުގައި ތިބެނީ އެކަމަށް ހާއްސަކޮށް ތަމްރީންވެފައިވާ ޓީޗަރުންނެވެ.

ޖުމްލަ 1535 ދަރިވަރުންނާ އެކު، ދެ ދަންފަޅިއަށް ކިޔަވައިދޭ ތާޖުއްދީން ސްކޫލްގެ ކޮންމެ ސެޝަނެއްގައި އެފަދަ ޓީޗަރުންގެ އެހީ ބޭނުންވާ ގާތްގަނޑަކަށް 50 އެއްހާ ކުދިން އުޅެ އެވެ. އެކުދިންގެ ކަންކަމުގައި އެ ޓީޗަރުން ވަރަށް ބުރަކޮށް މަސައްކަތްކުރެ އެވެ.

ރައުނާ އެދެނީ ކޮންމެ ޓީޗަރަކު ވެސް ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އެހީތެރިވާން ދަސްކުރަން (ދައުރު ފޮޓޯ/ އިބްރާހިމް އިފާޒް)

ރައުނާ ރަމީޒްއަކީ ތާޖުއްދީން ސްކޫލްގެ އިންކްލޫސިވް ސަޕޯޓް ޔުނިޓުގައި މަސައްކަތް ކުރާ 11 ޓީޗަރުންގެ ތެރެއިން އެކެކެވެ. އެ ސްކޫލްގެ ދަރިވަރުންނަށް ހަޔާތަށް ތަފާތެއް، އޭނާގެ މަސައްކަތުން ގެނެސްދިނެވެ. މީގެ 17 އަހަރު ކުރިން، ރައުނާ  ތާޖުއްދީން ސްކޫލާ ގުޅުނީ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގަ އެވެ. ސްޕެޝަލް ނީޑް ޓީޗަރަކަށް ސްޕެޝަލައިޒްވެ، މާސްޓާސް އޮފް އިންކުލޫސިވް އެޑިއުކޭޝަން ފުރިހަމަކުރީ އޭގެ ފަހުންނެވެ. މިހާރު އޭނާ އަކީ އިންކްލޫސިވް ސަޕޯޓް ޔުނިޓްގެ ލީޑީން ޓީޗަރު ވެސް މެ އެވެ.

ސެޕްޝަލް ނީޑް އެޑިއުކޭޝަން ދާއިރާއިން ރައުނާ ކެރިއާއެއް ބިނާކުރަން ނިންމީ އެ ދާއިރާއިން ތަމްރީން ވެފައިވާ މީހުން ނެތުމުންނެވެ.  ޓީޗަރަކަށް ނުކުތް ގޮތަށް އޭނާ އެހުރީ އަދިވެސް ހަމަ އެގޮތުގައި، އެ ހިދުމަތުގަ އެވެ. އޭނާގެ ހިތްވަރަށް ބަދަލެއް ނާދެ އެވެ.

 ރައުނާ ބުނި ގޮތުގައި ކޮންމެ އަހަރަކު ވެސް އޭނާގެ ކްލާސްތަކަށް ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން އާދެ އެވެ. އެކަމަކު އެކުދިންނަށް އުނގަންނައި ދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރަން އޭރު ތަމްރީންވެފައިވާ ޓީޗަރުން މަދެވެ.

"މި ދާއިރާއިން ކިޔަވައިގެން ނޫނީ ކުދިންގެ ނީޑްސް އަށް ކޭޓަނުކުރެވޭނެކަން އެނގުނު. ތަފާތު ކަމެއް ކުރުމުގެ ގޮތުން މި ދާއިރާ ހިޔާރުކުރީ،" ރައުނާ ބުންޏެވެ.

ރައުނާގެ ދަރިވަރަކަށް ލިބުނު ކާމިޔާބު ފާހަގަކުރުމުގެ ތެރެއިން

ހާއްސަ އެހީއަށް ބޭނުންވާ ކުދިން ގޮވައިގެން އުޅުމާއި ކިޔަވައި ދިނުމަކީ ބުރަ ބޮޑު މަސައްކަތެކެވެ. އެކަމުގެ ހާއްސަ ތަމްރީން ނެތުމުން ބައެއް ފަހަރަށް 'ގޮތް ހުސްވާ' ހާލަތު ވެސް ކުރިން ދިމާވި އެވެ. ނަމަވެސް މިހާރު އޭނާގެ ތައުލީމާއި ތަމްރީނާއި ތަޖުރިބާގެ އަލީގައި އަމިއްލަ ނަފްސަށް ވެސް އިތުބާރު ބޮޑެވެ.

"އެއްވެސް ކުއްޖަކާ މެދު އުއްމީދު ކަނޑާލާކަށް ބޭނުމެއް ނުވޭ. މީގެ 12 އަހަރު ކުރިން އެވަރަށް ނޮލެޖް ލިބިފައި ނެތީމާ ހިތަށްއަރާ އެންމެ ރަނގަޅަށް ނުކުރެވޭ ކުދިންނަށް ކަންކަން. މިހާރު އެހެން ހިތަކަށް ނާރާ،" ރައުނާ ބުންޏެވެ.

މިހާރު ކޮންމެ ކުއްޖަކަށް ވެސް ދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އޭނާއަށް އޮވެ އެވެ.

"ވަރަށް ހަނދާން ހުރޭ މީގެ 10 ވަރަކަށް އަހަރު ކުރިން، ވަރަށް އެކްޓިވް ވެގެން ކްލާހުން ކުއްޖަކު ބަދަލުކުރަން ޖެހުން. އެކަމަކު މިހާރު އެ ކުއްޖާއަށް އައިސްފައިވާ ބަދަލާއި މިނިވަންކަމާ އެކު އެކަނި ސްކޫލް ތެރޭގައި އުޅޭތަން ފެނުމަކީ ބޮޑު ހިތްހަމަޖެހުމެއް،" ރައުނާ ބުންޏެވެ.

ކޮވިޑް-19ގެ ސަބަބުން ކުދިންގެ ތައުލީމަށާއި އުނގަންނައި ދިނުމަށް ބޮޑު ހުރަހެއް އެޅުނެވެ. ހާއްސަ އެހީތެރިކަން ބޭނުންވާ ކުދިންނަށް އެކަމުގެ އުނިކަން އަދި މާ ބޮޑަށް އިހްސާސްކުރެވުނެވެ. އެހެން ދަރިވަރުން އޮންލައިންކޮށް ކިޔެވިޔަސް އެފަދަ ކުދިންނަށް އެއީ ފަސޭހަ ކަމެއް ނޫނެވެ. އެހެންކަމުން ތާޖުއްދީނުން ވަނީ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔެވޭނެ ގޮތަށް ޕެކް ތައްޔާރުކޮށް ގޭގެއަށް ފޮނުވައިދީފަ އެވެ. އެއީ އެ ސްކޫލުން އިންތިޒާމްކޮށްގެން ޓީޗަރުން ކުރި މުހިއްމު މަސައްކަތެކެވެ.

ދަރިވަރުންނާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުން މުހިންމު

"ގިނަ ކުދިން ގެއިން ނުނިކުމެ އެއް ތަނެއްގެ ތެރޭގައި ބަންދުވެފައި ތިބުމުގެ ސަބަބުން ވަރަށް ބޮޑެތި ބަދަލުތަކެއް އައިކަން އަލުން ކިޔެވުން ފެށި އިރު ވެސް ފާހަގަވޭ. ބައެއް ކުދިން ދެ އަހަރުގެ މަސައްކަތް ފަހަތަށް ޖެހިފައި ހުރިކަން ފާހަގަވި. ވާހަކަ ދެއްކުމާއި ކަންކަމުގައި ހޯދި ކުރިއެރުންތައް ފަހަތަށް ޖެހުނު،" ރައުނާ ބުންޏެވެ.

ވަރަށް ގިނަ ވަގުތު ސްކޫލުހައި ހޭދަކުރަން ޖެހެ އެވެ. ރައުނާ ބުނީ މި ދާއިރާގައި މަސައްކަތް ކުރުމަށް އެންމެ ބޮޑަށް ހިތްވަރު ލިބެނީ އާއިލާގެ ފަރާތުން ދޭ އެހީތެރިކަމުން ކަމަށެވެ. 

އާއިލާގެ އިތުރުން ސްކޫލްގެ މެނޭޖްމަންޓާއި ބެލެނިވެރިންނަކީ ވެސް، އޭނާ ބުނި ގޮތުގައި، ހިތްވަރުގެ ބައެކެވެ.

"މެނޭޖްމަންޓުން މިވެނި ގޮތަކަށް ކަމެއް ކޮށްލުމަށް ދޭ ހިތްވަރު، އަދި އެކީގައި މަސައްކަތް ކުރާ ޓީމުގެ ފަރާތުން ލިބޭ ސަޕޯޓް ފާހަގަކުރަން،" އޭނާ ބުންޏެވެ.

"[މިއީ] ރިސްކީ ކަމެއް އެކަމަކު ލިބެނީ ބޮޑު ހިތްހަމަޖެހުމެއް. ބެލެނިވެރިންގެ ފަރާތުން އެފަދަ ބަސްތައް ލިބެނީ. އަމިއްލަ ދިރިއުޅުމުގައި ވެސް ރަނގަޅު އިމްޕެކްޓެއް ކުރަނީ މިފަދަ މަސައްކަތެއް ކުރާތީ. ކުރާ މަސައްކަތް ބަލައިގަންނަކަން ވަރަށް ބޮޑަށް އިހްސާސް ކުރެވޭ."

ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދެނީ

ރައުނާގެ ފަރާތުން ބެލެނިވެރިންނަށް ނަސޭހަތެއް އެބަ އޮތެވެ. ސްކޫލަށް ފޮނުވުމުގެ އިތުރުން ހާއްސަ ތެރަޕީއެއް ނަގާ ނަމަ، ދެ ތަނުގައި ވެސް އެއްގޮތަކަށް ކަންކަން ބެހެއްޓުން ކުދިންނަށް ވަރަށް މުހިންމެވެ. އެހެން ނޫނީ އެފަދަ ކުދިންނަށް އަރާ އޮޅުން ބޮޑުވެ އެވެ. 

ޓީޗަރުންގެ ދުވަސް ނޫނަސް ކޮންމެ ދުވަހަކުވެސް އަގުވަޒަންކުރޭ

އައިމިނަތު ޒަމްރާ، ސްޕެޝަލް އެޑިއުކޭޝަން ނީޑް ޓީޗަރެއް
ޒަމްރާ: ވަރަށް ތަފާތު ތަޖުރިބާތައް ކުރެވޭ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

އުމުރުން 36 އަހަރުގެ އައިމިނަތު ޒަމްރާއަކީ، ތާޖުއްދީންގައި، ރައުނާއާ އެކު މަސައްކަތްކުރާ ޓީޗަރެކެވެ. އެކަމަކު މީގެ 14 އަހަރު ކުރިން އޭނާ ވެސް އެންމެ ފުރަތަމަ ތާޖުއްދީން ސްކޫލާ ގުޅުނީ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގަ އެވެ. މިހާރު ޒަމްރާ ވެސް ވަނީ އިންސްކްލޫސިވް އެޑިއުކޭޝަންގެ ދާއިރާއިން މާސްޓާޒް ޑިގްރީ ނަގައިފަ އެވެ. 

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގެ ރަސްމީ ތަމްރީން ނެތް ދުވަސްވަރު ވެސް އޭނާގެ ކްލާސްތަކަށް އޭގެ ކުދިން ފޮނުވުމަކީ، ޒަމްރާ ގަބޫލުކުރާ ގޮތުގައި ސްކޫލުން އޭނާއަށް ކުރި އިތުބާރެވެ. 

"ސްޕެޝަލް ނީޑް އެޑިއުކޭޝަން ފަށައިގަތީ ވެސް ރައުނާ. މި ދާއިރާ ޝައުގުވެރިވުމުން މަޑުމަޑުން ސްޕެޝަލް އެޑިއުކޭޝަނަށް ޝިފްޓްކޮށްލީ އިތުރަށް ދަސްކޮށްގެން މި ކުދިންނަށް އެހީތެރިކަމެއް ދެވޭނެކަން އެނގޭތީ،" ޒަމްރާ ބުންޏެވެ.

އެ ތަޖުރިބާ އޭނާއަށް ފޮންޏެވެ. ވަރަށް ތަފާތު ކުދިންނާ ބައްދަލުވާތީ އޭނާ ގަބޫލުކުރަނީ އެއީ ކޮންމެ ދުވަހަކު ވެސް ކުދިބަޔަކަށް އާ އެއްޗެއް ދަސްކޮށްދޭން ލިބޭ ފުރުސަތެއްގެ އިތުރުން އޭނާއަށް ވެސް އާ އެއްޗެއް އެނގުމުގެ މަގެއް ކަމަށެވެ.

"އަހަރެއް ނިންމާލާ އިރު މާ ބޮޑު ކަމެއް ކުރެވުނުކަމުގެ އިހްސާސް ނުކުރެވުނަސް ދެތިން އަހަރު ތެރޭ މަސައްކަތުގެ ސަބަބުން ނޯމަލް ކްލާހެއްގައި ހާއްސަ އެހީތެރިކަން ހުންނަ ކުއްޖަކު މީހެއްގެ އެހީއަކާ ނުލާ ކިޔަވެމުގައި އުޅޭތަން ފެނުމަކީ ލިބޭ ފަހުރެއް. އައި ހޭވް ޑަން ސަމްތިންއޭ ހިތަށްއަރާ،" ޒަމްރާ ބުންޏެވެ.

ހަނދާނުން ނުފިލާނެ ގިނަ ތަޖުރިބާތަކެއް އޭނާއަށް ވެސް ކުރެވުނެވެ. އެކަމަކު އޭނާ ބުނި ގޮތުގައި އޭގެ ދެކޮޅު ވެސް އޮވެ އެވެ. ކުދިންގެ ފަރާތުން އިންތިހާއަށް ލޯބި ލިބޭ ދުވަހާއި އެ ކުދިންގެ ޖަޒްބާތްތައް ކޮންޓްރޯލް ނުވާ ދުވަސްތަކެވެ. 

"ކްލާހުގައި ހުންނާނެ ވަރަށް އިންސިޑެންޓްސް ހިނގާފައި. ވަރަށް ލޯބިން ބައްދާލައި ގެއަށް ނުދާން އުޅޭ ދުވަސްތައް ހުންނާނެ. ސިވިއާ ކުދިން [އުޅޭއިރު] ލައިގެން ހުންނަ ހެދުން ވީދާލާ ދުވަސްތައް ވެސް އާދޭ،" އެކި ދުވަސްދުވަހު ދިމާވާ ކަންކަމާ ބެހޭ ގޮތުން ޒަމްރާ ބުންޏެވެ.

އެންމެ ބޮޑު ޗެލެންޖަކަށް އޮންނަނީ ބައެއް ބެލެނިވެރިންގެ ފަރާތުން ލިބެން ޖެހޭ އެއްބާރުލުން ނުލިބުމެވެ. ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ނަމަވެސް އެ ކުއްޖާއަށް މާ ބޮޑަށް އަޅާނުލައި، ދޫކޮށްލާ ބެލެނިވެރިން އުޅޭ ކަމަށް އޭނާ ބުންޏެވެ. ކުދިންގެ ހުނަރު ތަރައްގީވާން އެޅޭ ބޮޑު ހުރަހަކަށް އެކަން ވެ އެވެ. 

"ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކޭ ކިޔާފައި އެއްކޮށް ދޫކޮށްލެވިފައި، އުޅޭނެ ގޮތަކަށް އުޅެން ދޫނުކޮށްލަންވީއެއް ނޫން. އެހެން ދަރިންނެކޭ އެއް ގޮތަށް އެކުދިންނަށް ވެސް ކިޔަވައިދޭން މަސައްކަތް ކުރަންވީ، "ޒަމްރާ ބުންޏެވެ.

ކްލާސްރޫމެއްގެ ބޯޑުގައި ލިޔާ ދެތިން ފޮޅުވަތަކުން ޓީޗަރެއްގެ ޒިންމާ ނުނިމެ އެވެ. ޒަމްރާ އާއި ރައުނާ އެ ދައްކައިދެނީ އެހެން ހުރިހާ ޓީޗަރުން ވެސް ނަމޫނާއަކަށް ނަގަން ޖެހޭ ފަދަ މަސައްކަތެކެވެ. ޖިސްމާނީ އަދި ނަފްސާނީ އުނިކަމެއްގެ ސަަބަބުން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުގަ އެވެ.

މުޖުތަމައުގެ ވިސްނުން ބަދަލުވެއްޖެ އެވެ. އެހެންކަމުން ހާއްސަ އެހީއަށް ބޭނުންވާ ކުދިން ބަލައިގަންނަ މިންވަރު ބޮޑެވެ. ސްކޫލްގައި އެހެން ދަރިވަރުން ވެސް އެފަދަ ކުދިން ބަލައިގަންނަކަން ޒަމްރާ ފާހަގަކުރި އެވެ.

އެހެން ޓީޗަރުން ވެސް، އެ މީހުންގެ މަސައްކަތް ބަލައިގަނެ އެވެ. އެ ދަރިވަރުންނަށް ތައުރީފްކޮށް، ހިތްވަރުދެ އެވެ. އެހެންކަމުން ސްކޫލްގެ މާހައުލު ވެސް މިހާރު ވަރަށް އުފާވެރިކަން، ދެ ޓީޗަރުން ގަބޫލުކުރެ އެވެ.

ޒަމްރާ ކްލާހުގައި ކިޔަވައިދެނީ

މި ޓީޗަރުން މިއަދު ދޭ މެސެޖަކީ އެ ހުރިހާ ކުދިން ވެސް ތައުލީމުގައި ބައިވެރިކުރުމެވެ. ކުދިންގެ ކިބާގައި ހުންނަ ތަފާތުތަކާ އެކީ ވެސް އެކަކު އަނެކަކު ބަލައިގަންނަން ދަސްކޮށްދިނުމެވެ. އެހެން ނޫނީ މުޅި މުޖުތަމައު ކުރިއަށް ނުދާނެ ކަމެވެ. އިންކްލޫސިވިޓީ ބާއްވަންވީ ހަމައެކަނި ސްކޫލުގައި ނޫން ކަމެވެ. މުޅި މުޖުތަމައުއަށް ފެތުރެން ޖެހޭ ކަމެވެ.

ރައުނާ ބުނީ އަދިވެސް މި ދާއިރާގައި ތަމްރީން ލިބިފައިވާ ޓީޗަރުން މަދު ކަމަށެވެ.

"މެއިންސްޓްރީމް ޓީޗަރުން ވެސް ކޮންމެ ފަހަރަކު އިންކުލޫސިވް އެޑިއުކޭޓަރަށް ބަރޯސާ ނުވެ ކުދިންނަށް އުނގަންނައިދޭން ދަސްކުރުން މުހިއްމު. ޕްރައިމަރީ ޓީޗަރަކަށް ވުމުގެ ބަދަލުގައި އިންކްލޫސިވް އެޑިއުކޭޓަރަކަށް ވެއްޖެ ނަމަ ލިބޭނީ ބޮޑު ހިތް ހަމަޖެހުމެއް،" އޭނާ ބުންޏެވެ.

ޒަމްރާ އޭނާގެ ދަރިވަރަކާ އެކު

"ހުރިހާ އެންމެންނަށް ބުނެލަން އޮތީ އިންކުލޫސިވިޓީ ހަމައެކަނި ސްކޫލަށް ލިިމިޓް ނުކުރާށޭ. ސްކޫލުގެ އިތުރުން ކޮމިއުނިޓީ އަށް އިންކްލޫސިވިޓީ ސްޕްރެޑް ކުރަން [ފަތުރަން] ހިނގާށޭ އެންމެން އެކީގައި މަސައްކަތްކުރަން،" ޒަމްރާ ބުންޏެވެ.

ތާޖުއްދީން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ފާތިމަތު މުހައްމަދުގެ ނަޒަރުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ޓީޗަރުންނަކީ އެ ސްކޫލްގެ އެންމެ މުހިއްމު އެސްޓެވެ.

"ހާއްސަ އެހީތެރިކަން ހުންނަ ކުދިންތަކެއްގެ  ލޯބި ހޯދައި، އެކުދިންގެ ކުރިމަގު އުޖާލާ ކުރުމަށް މުހިއްމު މަސައްކަތެއް ކުރާ ބައެއް މިއީ،" ފާތުން ވިދާޅުވި އެވެ.

ތާޖުއްދީން ސްކޫލްގެ ލަވައިގައި ބުނާ ގޮތަށް މިއީ އެންމެ ފޮނި ކާމިޔާބީ އެވެ. 

ކޮމެންޓް (2)

ހަސަން

8 އޮކްޓޯބަރު 2022
ދެމީހުންނަށް ވެސް ކާމިޔާބަށް އެދެން. ދިވެހިން ވާހަކަ ދައްކަން ދަސްކުރުން ވެސް ވަރަށް މުހިއްމު. ޙާއްޞަ ކޮށް މުދައްރިސުން އެބަ ޖެހޭ ބަސްމަގު ދިވެހި، އިނގިރޭސި މަސްހުނި ނިކޮށް ބޭނުން ކުރަން.
1 0

ވަޖުދީ

6 އޮކްޓޯބަރު 2022
ދެ މުދައްރިސަށް ވެސް ކާމިބީއަށް އެދެން.ވަރަށް ހިތްވަރު ގަދަ މީހަކަށް މެނުވީ ނުކުރެވޭނެ ކަމެއް ތިކަމަކީ. ނަމަވެސް ކުޑަކަމެއް ރަގަޅުކޮށްލަން ޖޭހޭ.އިންޓަވިއު ނުވަތަ ވާހަކަ ދައްކާއިރު ކޮންމެވެސަ އެއްބަހަކުން ވާހަކަ ދެއްކިނަމަ ވަރަށް ފުރިހަމަވީސް.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް