އިބްރާހިމް ރަޝީދު: ހާމާނުގެ އަޑާ އެކު ހަނދާނުގެ ތެރެއަށް

މުހައްމަދު ރަސޫލުﷲ ސިލްސިލާގައި ގިނަ ބައެއްގެ ސަމާލުކަން ހޯދި ހާމާނުގެ ބަޔަށް އަޑު އަޅަން ލިބުމަކީ މުހިންމު މަސައްކަތެއް
13 އޭޕްރީލު 2022
4

"އިއްބެ ވަރަށް އަޑުއަޑު ލައްވާ ވާހަކަ އަޑުއިވުނު،" ޓީވީއެމްގެ އެޑިޓިން ރޫމެއްގެ ތެރޭގައި އިންނެވި ކަށިމާ އަހުމަދު ޝާކިރު ވިދާޅުވި އެވެ. 

އިބްރާހިމް ރަޝީދު، މަޝްހޫރު ނަމުން ނަމަ މަހުރަބު އިއްބެ، އޭރު ވެސް ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ. ޝާކިރަކީ އޭރު މަޝްހޫރު ވާހަކަ ދެއްކުންތެރިއަކަށް ވެފައި، އިބްރާހިމް އެހާ ގަޔާވާ ބޭފުޅަކާ އެތަނުން ބައްދަލުކުރުން ވެސް އޭނާއަށް ވީ އުފަލަކަށެވެ.

ކުރަން މި އުޅެނީ ކޮން ކަހަލަ 'ބޮޑު މަސައްކަތެއް' ކަމެއް އޭރަކު އިބްރާހިމަކަށް ނޭނގެ އެވެ. އެކަމަކު ޝާކިރު ވާހަކަ ކުރިއަށް ގެންދިޔަ ގޮތުން ކޮންމެވެސް ބޮޑު ކަމެއް ލައިގެންފިކަމުގެ އިހުސާސްކުރެވުނެވެ.

ޝާކިރު ވިދާޅުވެއްޖެ "މީގައި ވަރަށް ވަރުގަދަ މީހަކާ ޖެހިގެންނޭ މި އުޅެނީ، [އެއީ] ހާމާން ކިޔާ މީހެކޭ،" މީގެ 30 އަހަރު ކުރީގެ ހަނދާންތައް އާކުރަމުން އިބްރާހިމް 'ދައުރު'އަށް ކިޔައިދިނެވެ.

އެހާ ހިސާބުން އޭނާއަށް ޖެހުނީ އެކި އަޑުއަޑު ނެރޭށެވެ. އިބްރާހިމަކީ އޭރު ރާއްޖޭގެ ނިސްބަތުން މޮޅު ފަންނާނެކެވެ. އެކްޓްކުރުމާއި އެކަމާ ގުޅޭ އެކި ފަންނުތަކުން އަރަމުން އައި ތަރިއެކެވެ. 

އީޕީއެސްގައި ތައުލީމު ހާސިލްކުރި އިރު މަޖާ ޑްރާމާތަކުން އެތައް ބަޔަކު ހެއްވާލި އެވެ. އެތައް ބަޔަކު ހައިރާންކޮށްލި އެވެ. އޭނާ ކުޅުނު ބައެއް ޑްރާމާތަކުގެ ބައެއް މަންޒަރުތައް ނަގަން ކޮނޑުގައި ކެމެރާ ބަހައްޓައިގެން ނުވަތަ އަތުން ހިފަހައްޓައިގެން ކެމެރާމަނުންނަށް ނުތިބެވެ އެވެ. އެމީހުން ހިނިއަންނަ ވަރުން، ޓްރައިޕޮޑްގައި ކެމެރާ ބަހައްޓާފައި ދުރުގައި ހުންނަން ޖެހުނު މަޖާ ބައިތައް ވެސް އޭނާ ހުރީ ކުޅެފަ އެވެ.

އެންމެ ފަހުން 'މަޖީދުގެ އަޑު'

'މުހައްމަދު ރަސޫލުﷲ'ގެ ސިލްސިލާގައި، މޫސާގެފާނުގެ ވާހަކަައިގެ ހާމާންގެ ޝަހުސިއްޔަތަށް އެކަށީގެންވާ އަޑެއް ނެރެވޭނެ މީހެއް ކަމަށް ޝާކިރަށް ފެނިވަޑައިގަތީ އިބްރާހިމެވެ. ޝާކިރު ބޭނުންވެގެން އުޅުނީ ވަރަށް ތަފާތު އަދި މީހުން ޖެހިލުންވާނެ ފަދަ އަޑެކެވެ.

ހާމާނުގެ "މި ހުންނަނީ ތަންކޮޅެއް ބަރު އަޑެއް. އަޅުގަނޑު ތޫލި އަޑު ވެސް ލައްވާލައިފިން. ދެތިން ހަތަރު އަޑެއް ލައްވާލީމާ [ޝާކިރު] ބުނެފި އިއްބޭ އަދި އެހާ މެޗެއް ނުވެއޭ، ދެން ނެތްހޭ އަޑެއް،" އިބްރާހިމް ބުންޏެވެ.

އެހާ ހިސާބުން އޭނާގެ ހަނދާނަށް ކުއްލިއަކަށް އައީ ސްކޫލް ދައުރުގައި ޓިއުޝަން ނެގި އަދި ފަހުން ޓިއުޝަން ދޭން ވެސް އުޅުނު އިރު އޭނާ ކޮޕީކުރި ވަރަށް ހާއްސަ އަޑެކެވެ. އެ އަޑަށް އޭނާ ވަރަށް ފަރިތަ އެވެ. އެ ހާއްސަ އަޑު ނިސްބަތްވަނީ އޭރުގެ މަޝްހޫރު ކިނާރާ ޓިއުޝަން ކްލާސްގެ ބާނީ އަބްދުލް މަޖީދު ޝަމީމް ނުވަތަ 'މަޖީދު ސާ' އަށެވެ.

އީޕީއެސްގައި ކިޔެވި އިރު ވެސް އިބްރާހިމް ރަޝީދަކީ ތަރިއެއް

މަޖީދަކީ 1980ގެ އަހަރުތަކާއި 1990ގެ އަހަރުތަކުގެ މެދަކާ ހަމައަށް ދިޔަ އިރު ވެސް މާލޭގެ އެތައް ސަތޭކަ ކުދިބަޔަކަށް

ޓިއުޝަން ދެއްވި ތައުލީމީ ދާއިރާގެ ވަރަށް ބޮޑު ހިދުމަތްތެރިއެކެވެ. އަދި އޭނާގެ ވަރުގަދަ އަޑުން ދަރިވަރުން ހިމޭންކޮށްލަ އެވެ. އޭނާ ދެކެ ޖެހިލުންވެ އެވެ. އޭނާއަށް ކިޔަމަންވި އެވެ.

އިބްރާހިމް ވެސް ޓިއުޝަނަށް ދިޔައީ އެ ކްލާހަށެވެ. ގްރޭޑް ހަތަކާ ހަމައަށް ޓިއުޝަން ނެގުމަށް ފަހު ދެން އޭނާ ބަދަލުވީ ޓީޗަރަކަށެވެ. ކްލާސްތަކުގައި ކުދިން އަޑުގަދަކުރަން ފަށައިފި ނަމަ، ނުފެންނަ ގޮތަށް ހުރެ، މަޖީދުގެ އަޑުން 'ކިހިނެއް ވެގެން ތި އުޅެނީ'އޭ ގޮވާލައިގެން ވެސް އެތައް ދުވަހަކު ކުދިންތައް ހިމޭންކުރި އެވެ. އެކަމަކު އޭނާ ދަންނަ އެ ހާއްސަ އަޑު ހާމާނާ ގުޅޭނެތޯ ހިތަށްއެރި އެވެ.

އެއީ "އަޅުގަނޑަށް ވަރަށް ފަރިތަ އަޑެއް. އެހެންވެ މި އަޑު ލައްވާލައިފިން. ޝާކިރު ވިދާޅުވެއްޖެ ތިއިއްޔޭ ހާމާނުގެ އަޑަކީ. ތި އަޑޭ ނުލިބިގެން މި އުޅެނީ،" އިބްރާހިމް ކިޔައިދިނެވެ.

އިބްރާހިމް ރަޝީދު، މަޝްހޫރު ނަމުން ނަމަ، މަހުރަބު އިއްބެ ސްކޫލް ދުވަސްވަރު: މަޖާ ޑްރާމާތައް ކުޅުނު

"ދެން އަޅުގަނޑު ބުނެފިން މިއީ އަޅުގަނޑު ވަރަށް މަސައްކަތުން ނެރޭ އަޑެކޭ. މި އަޑު ނެރެފިއްޔާ ކަރަށް ކޮންމެވެސް ވަރަކަށް އުނދަގުލެއް ވެސް ވާނޭ. ޝާކިރު ވިދާޅުވެއްޖެ އެއްވެސް ކަމެއް ނޫނޭ ތިއީ. އިއްބެއަށް ތިކަން ކުރެވޭނޭ. ދެން މަސައްކަތް ފެށީ."

އެ މަސައްކަތް ވަރަށް ކާމިޔާބެވެ. މިދިއަ 30 އަހަރުގެ ތެރޭގައި ކޮންމެ ރޯދަމަހަކު ޓީވީ ބެލުންތެރިންގެ ހަނދާންތަކާ އެ އަޑު ވަނީ ގުޅިލާމެހިފަ އެވެ. ހާމާނަކީ މުޅި ސިލްސިލާގައި ވެސް ބެލުންތެރިންނަށް އެންމެ ކަމުދިޔަ އެއް ޝަހުސިއްޔަތެވެ. އެ ޝަހުސިއްޔަތު ވަރުގަދަކޮށް ފެނުނީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި، އިބްރާހިމްގެ އެ ހާއްސަ އަޑެވެ. އޭނާގެ ހުނަރުންނެވެ. 

ވަރަށް އާދަޔާ ހިލާފު މަސައްކަތެއް

އިބްރާހިމް ރަޝީދަކީ އޭނާގެ ސްކޫލް ދައުރުގައި ވެސް މަޝްހޫރު ފަންނާނެކެވެ. އީޕީއެސްގައި އުޅެމުން ތައްޔާރުކުރި 'ލަދު'

އަދި 'ފެނު އަޑީގެ ކެންސަރު' ފަދަ ޑްރާމާތަކުން މީހުން މުނިފޫހިފިލުވައިދިނެވެ. މަޖާ ބައިތަކަށް އޭނާ ހާއްސަ އެވެ. ސްކޫލް ދައުރަށް ފަހު ވަޒީފާ ހޯދީ ޓީވީއެމުން، 1991 ގަ އެވެ. ހާމާނުގެ ބަޔަށް އަޑު އަޅަން ޖެހުނީ ޓީވީއެމްގައި އުޅެން ފެށިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ. 

ހާމާނުގެ ބައި އެހާ މަޝްހޫރު ވެދާނެއެކޭ ފުރަތަމަ ހިއެއް ވެސް ނުކުރެ އެވެ. އެކަމަކު ފަހުން ވިސްނާލި އިރު ސިލްސިލާގައި އެ ޝަހުސިއްޔަތު އަދާކޮށްފައި އޮތީ ވަރަށް ބޮޑު އަދި އާދަޔާ ހިލާފު ބައެއްކަން އެނގެ އެވެ. އޭރު ވެސް އަދި މިހާރު ވެސް ރާއްޖޭގައި ޓީވީގެ އެފަދަ ޝަހުސިއްޔަތަކަށް އެހާ ތަފާތު އަޑެއް އަޅާފައެއްނުވެ އެވެ. އެހެންކަމުން ސިލްސިލާގައި އެ ޝަހުސިއްޔަތު މޮޅުވެފައި، ދިވެހި ބަހުން އެޅި އަޑު ވެސް އެހާމެ ތަފާތުވުމުން، އިއްބެ ބުނީ، މީހުންނަށް އެބައި ކަމުދިޔައީ ކަމަށެވެ.

"ހާމާނު ފުރަތަމަ އެ އަންނަނީ ވެސް ވަރަށް ތަފަތު ގޮތަކަށް. އަދި އޭނާއަކީ ވަރަށް ސިކުނޑި ކާލައި، ދައްކާ ވާހަކަ އެއިން [ފިރުއައުނާއި] އެންމެން ވެސް މައިތިރިކޮށްލާ ވަރަށް ގަދަ މީހެއް،" އިބްރާހިމް ބުންޏެވެ.

މުހައްމަދު ރަސޫލުﷲ ސިލްސިލާއަށް އަޑު އެޅި ބައެއް ފަންނާނުންނާ ބެހޭ ގޮތުން ކުރިން ހެދި ވީޑިއޯއެއް

"އަޅުގަނޑަށް ހީވަނީ އެ ވަގުތާ ޖެހެންދެން، ހާމާނު އަޑާ ޖެހެންދެން، މީހުންނަށް އެކަހަލަ ކެރެކްޓާއެއް ތަފާތު އަޑަކާ އެކީގައި އެހާ އާންމެއް ނޫންހެން [ރާއްޖޭގައި]."

އެފަދަ ބަޔަކަށް އަޑު އެޅުމުގެ ފުރުސަތު ލިބުމަކީ އިބްރާހިމްގެ ކެރިއަރުގެ ވަރަށް މުހިންމު މަސައްކަތެއް ކަމަށް އޭނާ މިހާރު ވެސް ގަބޫލުކުރެ އެވެ. އޭނާގެ ފަންނުގައި އާންމުންގެ އެންމެ ބޮޑު ސަމާލުކަމެއް ލިބުނު، ބަލައިގަތް ހުނަރެވެ.

"މިހާ ބޮޑު ކަމަކަށް ވާނެއެކޭ، މީހުންނަށް އެހާ މަގުބޫލު ވާނެއޭ އެހެން ހިތަކަށްނާރާ މުހައްމަދު ރަސޫލުﷲގައި ހާމާނުގެ އަޑު އެޅުން،" އިބްރާހިމް ބުންޏެވެ.

އެކަމަކު އެ ބައި ފުރަތަމަ ޓީވީއެމުން ދައްކަން ފެށުމާ އެކު ވެސް އެންމެންގެ ލޮލުގައި އަޅައިގަތެވެ. ހާމާނުގެ އާ ބައިތަކަށް ވަރަށް ގިނަ ބަޔަކު އިންތިޒާރުކުރި އެވެ. އެހެންކަމުން އެ ޝަހުސިއްޔަތަށް އަޑު އެޅުމަކީ، މިއަދު ވިސްނާލާއިރު، އިބްރާހިމްގެ ފަންނުގައި ކުރެވުނު ވަރަށް ބޮޑު މަސައްކަތެއްކަން ގަބޫލުކުރެ އެވެ.

"އަޅުގަނޑަށް އިހުސާސްކުރެވެނީ އަޅުގަނޑުގެ ފަންނުގައި އަޅުގަނޑަށް ކުރެވުނު އެންމެ ރަނގަޅު އެއް މަސައްކަތޭ. އަދި އެންމެ ގިނަ މީހުން ބަލައިގަތް، މަގުބޫލުކަން ލިބުނު މސައްކަތަކީ އެއީއޭ،" އިބްރާހިމް، 52، ބުންޏެވެ.

ހާމާނުގެ ބަޔަށް އަޑު އެޅިއިރު އޭނާގެ އުމުރަކީ އެންމެ 22 އަހަރެވެ. މިހާރު އޭނާގެ އަޑާއި އޭރުގެ އަޑާ މެދު ވިސްނާލާފައި ބުނީ "އޭރުގެ އަޑު ތަންކޮޅެއް ޅަ" ކަމަށެވެ. ނަމަވެސް ގާތް ބައެއް ރައްޓެހިންނަށް ވެސް އެއީ އިބްރާހިމްގެ އަޑުކަން ނޭނގި އެބަ ހުއްޓެވެ. އޭނާގެ ތިން ދަރިންގެ ތެރެއިން އެއް ކުއްޖަކަށް، ހާމާނު އަޑުގެ ވެރިޔަކީ ބައްޕަކަން އެނގުނީ ވެސް، އިބްރާހިމް ބުނި ގޮތުގައި، ވަރަށް ފަހުންނެވެ.

"އަޅުގަނޑު ހީކުރީ ދެން އެނގޭނެއޭ،" އޭނާ ބުންޏެވެ.

"ދަރިންގެ ބައެއް ކްލާސް މޭޓުން ވެސް ބައްޕަގެ އަޑުހޭ ބުނީމާ އެއްކަލަ ބަލައިގަންނަން [އުނދަގޫވާ ކަހަލަ ގޮތަކަށް] އެހެން ހެއްޔޭ [އެ ކުދިންނަށް ބުނެލެވޭ]." 

ރޯދަމަހާއި މުހައްމަދު ރަސޫލުﷲގެ ގުޅުން

އަދިވެސް ޓީވީ ބެލުންތެރިންގެ މެދުގައި ރޯދަމަހު އެންމެ މަގުބޫލު ޕްރޮގްރާމްތަކުގެ ތެރޭގައި، މަންޒަރުތަކުން ކުލަ ވެއްޓިފައިވާ އަދި މިސްރުގައި މީގެ 50 އަހަރު ކުރިން އުފެއްދި ސިލްސިލާ ހިމެނެ އެވެ. ޓީވީއެމުން 1991 ހިސާބުގައި ދައްކަން ފެށި ސިލްސިލާއަކީ ފުރަތަމަ ދުވަހުން ފެށިގެން ހިޓެކެވެ.

ރޯދަމަހާ އެ ސިލްސިލާ މި އޮތީ ވަރަށް ބޮޑަށް ގުޅިފަ އެވެ. އޭގެ ސަބަބުތައް އިބްރާހިމް ދެއްކި އެވެ. އޭނާ ބުނި ގޮތުގައި ރޯދަމަހާއި ދިވެހިންނާ ގުޅިފައި ހުރި ރަމްޒީ ބައެއް ނަންތައް ހުރެ އެވެ. މިސާލަކަށް ރޯދަމަހާއި ކަރާ، އަދި ރޯދަމަހާއި ސޫޖީ އެވެ. ހޫނު ގަދަ ގައުމަކަށް ވުމުން ދިވެހިންނަށް ޒަމާނުއްސުރެ ކަރާ ވެފައި އޮންނަނީ ކަރު ހިއްކުން ފިލުވާލަދޭ ވަރަށް ރަނގަޅު މޭވާއަކަށެވެ. ކުރިން ނަމަ ރާއްޖޭގައި އާންމުކޮށް ކަރާ ހައްދަނީ ވެސް ރޯދަމާ ދިމާކޮށެވެ.

ހަމަ އެގޮތަށް ސޫޖީއަކީ ރޯދަމަހުގެ ތަރާވީސް ދަމުގެ ހާއްސަ ބުއިމެކެވެ. 

އިބްރާހިމް ރަޝީދަކީ މޮޅު ހުށައެޅުންތެރިއެއް އަދި އެކްޓަރެއް

ދީނީ މައުލޫއުތަކަށް ބަލާ ނަމަ ރަސޫލާގެ ސިޔަރަތާއި ރޯދަމަހުގެ ރޭތަކަށް ހާއްސަކޮށް ގެނެސްދޭ އިހުޔާ ޕްރޮގްރާމެވެ. މުހައްމަދު ރަސޫލުﷲ ސިލްސާ ދިވެހި ގައުމީ ޓީވީގައި އުފަންވުމާ އެކު ދިވެހިންނަށް ރޯދަމަހާ ގުޅުވާލާނެ އާ ނަމެއް ލިބުނީ އެވެ.

'ދައުރު'އަށް ދިން އިންޓަވިއުގައި އިބްރާހިމާ ކުރި އެއް ސުވާލަކީ އެ ސިލްސިލާ ދިވެހިންގެ ތެރޭގައި އެހާ މަގުބޫލުވީ ކީއްވެގެންތޯ އެވެ. އޭނާގެ ޖަވާބު ފެށީ، "ސިޔަރަތާއި ރޯދަ، ކަރާ ރޯދަ، ސޫޖީ ރޯދަ' މި ސިފަކުރުންތަކުންނެވެ. އޭނާގެ ބަހުން ނަމަ އެއީ ދިވެހިންނާ ގުޅިފައި ހުރި 'ރޯދައިގެ އިހުސާސްތަކެ"ވެ.

"ވަރަށް ޒަމާން ވަންދެން މެންދުރު ފަހު، ރޭޑިއޯއިން މި ފޮނުވާ ސިޔަރަތު [ދިވެހިން] އަޑުއަހަމުން މި އައީ،" އެ ސުވާލުގެ ތަފުސީލީ ޖަވާބާ ހަމައަށް ދަމުން އޭނާ ބުންޏެވެ.

"ދެން ކުއްލިއަކަށް އެދުވަސްވަރުގެ ރަސޫލު ބޭކަލުންގެ ވާހަކަ ވީޑިއޯއިން މި ފެންނަނީ. އަޅުގަނޑު ވެސް ހަނދާންވޭ، ފުރަތަމަ އެ ފެނުނީމާ ސުބުހާނަﷲ، އެ ދުވަސްވަރުގެ މީހުންނޭ މި އުޅެނީ، ގަބޫލެއްނުކުރެވޭ އެކްޓްކޮށްފައޭ. ހިތަށްއަރަނީ އާހާ އެ ދުވަސްވަރުގެ ކަންތައްތައް، އެ އިހުސާސްތަކުގައި ކަންނޭނގެ އެންމެންނަށް ބެލުނީ. އަޅުގަނޑަށް ހީވަނީ އެއީ ދިވެހިންނަށް ރޯދައާ އެކު އައި ވަރަށް ބޮޑު ބަދަލެއްހެން."

އިބްރާހިމް ރަޝީދު، މަހުރަބު އިއްބެ، 'ދައުރު'އަށް، މުހައްމަދު ރަސޫލުﷲ ސިލްސިލާގެ ހާމާނުގެ ބަޔަށް އަޑު އަޅަން ޖެހުނު ގޮތް ކިޔައިދެނީ

ސިލްސިލާއާ ގުޅިފައި އޮތް އަނެއް ކަމަކީ އޭގެން ލިބުނު/ލިބޭ އިބުރަތްތަކާއި ފިލާވަޅުތަކެވެ. އޭގައި އެކި ރަސޫލު ބޭކަލުންގެ ހަޔާތުގެ ގިނަ ވާހަކަތަކެއް ހިމެނެ އެވެ.

އިބްރާހިމް ބުނި ގޮތުގައި ދީނީ ތަގުރީރަކުން ވެސް ނުލިބޭނެ ގިނަ މައުލޫމާތުތަކެއް އެ ސިލްސިލާއިން ލިބެ އެވެ.

"އަޑުއަހާ ހިތްވާ ގޮތަކަށް ގެނެސްދިން އެއްޗެއް [އެއީ]. އަޅުގަނޑަށް އެކަންޏެއް ނޫން. ވަރަށް ގިނަ މައުލޫމާތުތަކެއް އަޅުގަނޑުމެން ހޭލައްވާލި އިނގޭތޯ،" އިބްރާހިމް ބުންޏެވެ.

މިއަދު ވެސް އެކަން އޮތީ އެހެންނެވެ. މަގުރިބު ނަމާދަށް ފަހު، ކުރިއަށް ވުރެ ބޮޑު އެޑިޓިންއަކާ އެކު ގެނައި ނަމަވެސް ޓީވީ ދޮށުގައި ތިބެ އަދިވެސް ގިނަ ބަޔަކު އެ ސިލްސިލާ ބަލަ އެވެ. ބައެއް މަންޒަރުތައް އެހާމެ ނުސާފެވެ. އެކަމަކު ޕީއެސްއެމްގެ ޗެނެލްއަށް ގިނަ ބަޔަކު ނަޒަރު ހުއްޓުވާލަނީ، މީގެ 30 އަހަރު ކުރިއެކޭ އެއްގޮތަށް، ޝައުގުވެރިކަމަކާ އެކު އެވެ.

ހާމާނު އަތުވެއްޖެ ނަމަ، އިބްރާހިމް ރަޝީދު، ނުވަތަ އަހަރެމެން އެންމެންގެ އިއްބެ މަތިން ހަނދާންކޮށްލާށެވެ.

ކޮމެންޓް (4)

މުޙައްމަދު

13 އޭޕްރީލު 2022
އަސްލު އިއްބެ އަކީ ވަރަށް މޮޅު ކުއްޖެއް
0 1

އަލީގަޅު ހުސޭނު

13 އޭޕްރީލު 2022
އީ.ޕީ.އެސް. އަދި އެމް.އީ.އެސް.އިން އެދުވަސް ވަރު ވަރަށް ގިނަ ތަރިން އުފަންވެގެންއައި.މީގެ ތެރޭގައި އާލިޔާ ސްކޫލްވެސް ހިމެނޭ.ޖުމުލަކޮށް މާލޭގައި އޭރު ހިގަމުންއައި "ޕްރައިވެޓް" ސްކޫލްތައް.އެތަންތަނުގައި އަސްލު މިކިޔާ "ވަށާޖެހޭ"ތަޢުލީމު އޮތީ.އެ ދަރިވަރެއްގެ ހުނަރު ދައްކާލަން ގިނަ އިތުރު ޙަރަކާތްތަކާއި އަދި މުބާރާތްތައް އޮވޭ.ލީޑަރޝިޕަށް އާދެވޭނެ ފުރުސަތު އޮވެ އަދި އަމިއްލައަށް އިސްނަގައިގެން ކަންކަން ހިންގަން ފުރުސަތު ލިބުނު.މިހާރު ކިޔަވަދެނީތަ.
6 0

ަހހަހަ

13 އޭޕްރީލު 2022
ނިބިހޫރު ކެރެކްޓާ ގެނެސްދީބަލަ
2 0

މުޙައްމަދު

13 އޭޕްރީލު 2022
ނައިސް އިންފޯ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް