އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ޖެންޑާ މިނިސްޓްރީން ރޭ ބޭއްވި ޖަލްސާގައި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވާހަކަދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ފަސްޓް ލޭޑީގެ ވަރުގަދަ މެސެޖެއް: އަންހެނުން އުޅެނީ ފިރިހެނުންނަށް ވުރެ މޮޅުވާކަށް ނޫން

ފަޒްނާ ވިދާޅުވީ އަންހެނުން ވަކާލާތު ކުރަނީ މުޖުތަމައުގެ ތަރައްގީގައި ބަސް ބުނުމުގެ ޖާގަ ދިނުމަށް

"މިސާލަކަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުން ގާތު އައްސަވާ ބައްލަވާ ބަނދަރު ހަދާއިރު އިތުރަށް ވިސްނާލަންވީ ކަމެއް އޮތްތޯ،" އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރޭ ޖެންޑާ މިނިސްޓްރީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު އެއްސެވި އެވެ.

"އަޅުގަނޑަށް ހީވަނީ ބުނާނެހެން ބަނދަރަށް ލަފާ ތަނުގައި ފާހާނާ ބަރިއެއް ބަހައްޓާލަދޭށޭ. ދިގު ދަތުރެއް ނިންމާލާފައި ކުޑަކުދިން ސާފުކޮށްލައި މުސްކުޅި މަންމައާ ބައްޕަ ފާހާނާއަށް ވައްދާލައި ހައިވެގެން ރޯ ދަރިފުޅަށް ބުއްކޮޅެއް ދޭނެ ތަނެއް ހުރުން މުހިއްމޭ."

އެ ޖަލްސާގައި ފަޒްނާ މުޅިން ވެސް ދެއްވީ އެ ފަދަ މެެސެޖުތަކެވެ. އަންހެނުންނާ ގުޅޭ ގޮތުން އާއްމުކޮށް ވަކާލާތުކުރާ މައްސަލަތައް ގުޅުވާލެއްވީ އަމިއްލަ ދިރިއުޅުމާ ނުވަތަ ތަޖުރިބާއާ އެވެ. އަންހެނުންނަށް ބާރުތަކެއް ދީފައިވާ ކަމަށް ބުނާއިރު، އަންހެނުންގެ ކޮމެޓީގެ އިސް މަސައްކަތަކީ އަދިވެސް މެހެމާންދާރީ އަދާކުރުން އެކަނިތޯ ސުވާލު ކުރެއްވި އެވެ.

ފަޒްނާ ވިދާޅުވި ގޮތުގައި، ނިންމުންތައް ނިންމުމުގައި އަންހެނުންގެ ބައިވެރިވުން އޮންނަން ޖެހެނީ ކޮންމެހެން އާބާދީގެ ބޮޑު ބައެއް އަންހެނުން ހިއްސާކުރާތީއެއް ނޫނެވެ. އެކަމަކު ފިރިހެނެއްގެ ނަޒަރުން ވިސްނިފައި ނުވާ ކަމެއް، އަންހެނެއްގެ ނަޒަރުން ވިސްނައި ސުވާލުކޮށް ހުށަހެޅުންތައް ހިއްސާކުރާނެތީ އެވެ. ނިންމުމުގެ މޭޒަށް އަންހެނުންގެ ވިސްނުން ނުގެންނަހާ ހިނދަކު ކަންކަމުގެ ހަގީގީ ހައްލު ހޯދުމަށް ދަތިވާނެތީ ކަމަށް ވިދާޅުވި އެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ޖެންޑާ މިނިސްޓްރީން ރޭ ބޭއްވި ޖަލްސާގައި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވާހަކަދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ބަނދަރު ހަދާއިރު އެ ތަނުގައި ކުޑަކުދިން ސާފުކޮށްލައި ބަނޑުހައި ވެގެން ތުއްތު ދަރިފުޅަށް ބުއްދޭން ވަކި ތަނެއް ހެދުމުގެ ވިސްނުން ފިރިހެނުންގެ ނައިސްދާނެކަން އެ ކަމަނާ ފާހަގަކުރެއްވީ އެހެންވެ އެވެ.

'މި ވާކާލާތު ކުރަނީ ފިރިހެނަކަށް ވުރެ މޮޅުވާކަށް ނޫން'

މުޖުތަމައުގައި އަންހެނުންގެ ދައުރު ކިތަންމެ މުހިއްމު ކަމުގައި ވިޔަސް، އެކަން ފާހަގަކުރަނީ މަދު ފަހަރެއްގަ އެވެ. އަންހެނުންގެ ދުވަސް ފާހަގަކުރި ނަމަވެސް، ގިނަ ފަހަރަށް އެކަން ވެފައި އޮންނަނީ، ފަސްޓް ލޭޑީގެެ ބަހުން ނަމަ، ފޮޓޯ ނަގާލައި އިންސްޓަގްރާމްކޮށްލާ ދުވަހަކަށެވެ. އެ ދުވަހު ބޭނުންކުރާ ޝިއާރު ވަނީ 'ބަޒް ވާޑްސް' އަކަށެވެ. އެކަމަކު އެކަމާ އެކަމަނާ ދެކޮޅު ހެއްދެވި އެވެ. 

ފަޒްނާ ވިދާޅުވި ގޮތުގައި، "އެކަން ވާން ޖެހޭނީ އަޅުގަނޑުމެން އެކަމުގެ ދޭތެރޭގައި ވިސްނައި ފިޔަވަޅު އަޅާ އަދި ނަތީޖާ ނެރޭ ބަސްތަކަކަށެވެ."

އެ ޖަލްސާގައި އެ ކަމަނާ ގިނަ ވާހަކަތައް ދެއްކެވީ އަމިއްލަ ތަޖުރިބާއަށް ބިނާކުރައްވަ އެވެ. ދެމެހެއްޓެނިވި މުސްތަގްބަލެއް ބިނާކުރުމަށް، އަންހެނުން ކުރާ މަސައްކަތަކީ ކޮބައިތޯ ސުވާލުކޮށްފި ނަމަ، ފަޒްނާ ދައްކަވަނީ އެ ކަމަނާގެ "މަންމަ އާއި މާމަ އާއި މައިދަތަ އާއި ތުއްތަ އާއި އަޒިއްތަ އާއި ކާފަގޭ މަންމަ އާއި ދައްތަ" ފަދަ އެތައް އަންހެނުން، ބޯކިބާ އަޅަމުން، ތެޔޮ ހާނަމުން، ފަހަމުން، މާޖަހަމުން އެ ތަކެތި ވިއްކަމުން، ގޭތެރޭގައި ހިސާބު ބަލަހައްޓަމުން، ކެއިންބުއިމުގެ ކަންކަން ހަމަޖެއްސަމުން ދަރިން ބަލަމުން އެ ކުދިންނަށް އުނގަންނައިދިނުމަށް ކުރި މަސައްކަތެވެ. 

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ޖެންޑާ މިނިސްޓްރީން ރޭ ބޭއްވި ޖަލްސާގައި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވާހަކަދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި، ދަރިން ލިބުމުން ގިނަ މައިންނާއި ބަފައިންނަށް ވަޒީފާއަށް ނުކުމެވެނީ އާއިލާގެ ކޮންމެވެސް މީހަކު އެ ކުދިން ބަލައިދޭތީ އެވެ. ގޭގައި ތިބޭ އުމުރުން ދުވަސްވީ މައިންބަފައިންނާއި ނުކުޅެެދުންތެރިކަން ހުންނަ ދަރިފުޅާއި އެހެން ކުދިން ބަލަން ވަޒީފާ ދޫކޮށްލާފައި އަންހެނުން ގޭގައި ތިބޭތީ އެވެ.

"މި ބުރަ މަސައްކަތް ކުރަމުންދާ އަންހެނުންނާ ދިމާއަށް، ވަޒީފާ އަދާނުކޮށް ތިހެން ގޭގައި ތިބެން ވަރަށް އަރާމުދޯއޭ ބުނުމަކީ އޭނާއަށް ރައްދުވާ ބޭއިންސާފުވެރި، އިހާނާތްތެރި ބަސްތަކެއް،" ފަޒްނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ލިބޭ ކާމިޔާބީ ފާހަގަކުރާއިރު މި ދެންނެވި މާމަ އާއި މަންމަ އާއި ދައްތަ އާއި އަނބިމީހާގެ ފުރިހަމަ ދައުރާއި އަގު ވަޒަން ނުކުރުމަކީ ހިތާމަހުރި ކަމެއް."

ރޭގެ ޖަލްސާގައި ފަސްޓް ލޭޑީ ދެއްކެވި ވާހަކަ

ފަޒްނާ ވިދާޅުވީ އަންހެނުން ވަކާލާތުކުރަނީ ފިރިހެނަކަށް ވުރެ މޮޅުވާން ނޫން ކަމަށާއި ފިރިހެނަކު ކުރާ މަސައްކަތެއް ވެސް އަތުލަން ނޫން ކަމަށެވެ. ނޫނީ ފިރިހެނުން، އަންހެނުންގެ ދަށުކުރުވަން އަދި ދަރިންނާއި މައިންބަފައިން ބަލައި އާއިލީ ޒިންމާއިން ބަރީއަވާން ނޫން ކަމަށް ވެސް އެ ކަމަނާ ވިދާޅުވި އެވެ.

އޭގެ ބަދަލުގައި އަންހެނުން ވަކާލާތު ކުރަނީ، ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި، އަންހެންވަންތަކަން މަތީ ތިބެ، މުޖުތަމައުގެ ތަރައްގީގައި ބަސް ބުނުމުގެ ޖާގަ ދީ، އޭގެ ފުރިހަމަ އަގު ވަޒަން ކުރުމަށެވެ.

"އަޅުގަނޑުމެން މި ވަކާލާތު ކުރަނީ ވަޒީފާ އަދާކުރަމުން ގޭގެ ޒިންމާތައް އަދާކުރާއިރު އެ ޒިންމާތައް ނެގުމުގައި ހިއްސާވުމަށް. އަންހެނުންގެ މި ކަންބޮޑުވުންތަކަކީ މުޅި މުޖުތަމައުގެ ކަންބޮޑުވުންތަކެއްގެ ގޮތުގައި ދުށުމަށް،" ނިންމާލައްވަމުން ފަސްޓް ލޭޑީ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް