ސަރުކާރުގެ ހަފުލާއެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ފައްޔާޒާ މެދު ނަޝީދުގެ ޝައްކެއް ނެތް؛ ފައްޔާޒުގެ ޝުކުރު ނަޝީދަށް

ފައްޔާޒު ވިދާޅުވީ ނަޝީދުގެ އިރުޝާދާއި މަގު ދެއްކެވުމުގައި ގައުމަށް ތަރައްގީ ގެނެވޭނެ ކަމަށް

އިއްޔެ ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެމްޑީޕީއަށް އިތުރު ކާމިޔާބީތައް ހޯއްދަވައިދެއްވާނެ ކަމާ މެދު ޝައްކުނުކުރައްވާ ކަމަށް، އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހު ވެސް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނުގެ އެ ވާހަކަކޮޅުގެ ޓްވީޓު އާންމުކުރެއްވުމާ އެކު ފައްޔާޒު ވަނީ އެކަމަށް ޝުކުރު އަދާކުރައްވައި، ނަޝީދުގެ އިރުޝާދާއި މަގުދެއްކެވުމުގައި ގައުމަށް އިތުރު ކާމިޔާބީތައް ގެންނެވޭނެ ކަމަށް ވިދާޅުވެ، ޓްވީޓެއް ކުރައްވައިފަ އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ އިންތިހާބު ބޮޑު ތަފާތަކުން ފައްޔާޒު ކާމިޔާބުކުރެއްވީ ނަޝީދުގެ ތާއީދާ އެކު ނުކުންނެވި މާފަންނު އުުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ބަލިކުރައްވަ އެވެ. އިންތިހާބުގެ ކުރިން ނަޝީދު ވަނީ ފައްޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރައްވައި، 'ބްރޯއެއް'ގެ ގޮތުގައި ވެސް ސިފަކުރެއްވި އެވެ.

'ބްރޯ'ގެ ވަނަންް ރާއްޖޭގައި މަޝްހޫރުވެފައި ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި އިސްކޮށް ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ނިސްބަތްކޮށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރެއްވި އަދީބަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ދައުލަތުގެ އެކި މުއައްސަސާތައް ކޮންޓްރޯލްކުރަން ފައިސާ ބެއްސެވުން ހިމެނެ އެވެ.

ބުނީ ކީކޭ؟- އިންތިހާބުގެ ނަތީޖާ ޔަގީންވިތާ 18 ވަރަކަށް ގަޑިއިރު ފަހުން ބަލި ގަބޫލުކުރައްވާ އިމްތިޔާޒު ކުރެއްވި ޓްވީޢެއް ޝެއާކުރައްވަމުން ނަޝީދު ވިދާޅުވީ "ފަޔާ [ފައްޔާޒު]ގެ ޗެއާޕާސަން ކަމުގައި އެމްޑީޕީއަށް އިތުރު ކާމިޔާބީތައް ހޯދޭނެކަމީ އަޅުގަނޑު ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން" ކަމަށެވެ.

ނަޝީދުގެ އެ ޓްވީޓް ޝެއާކޮށް، ފައްޔާޒު ވަނީ އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އެ މަނިކުފާނުގެ ލަފަ އާއި އެހީތެރިކަމާ އެކު ޑިމޮކްރަސީ ހަރުދަނާކުރުމުގެ މަސައްކަތުގައި ޕާޓީ ކުރިއަށް ދާނެ ކަމަށާއި އޭގެ އިތުރުން ރާއްޖެއަށް ތަރައްގީ ވެސް ގެނެވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ފައްޔާޒު އަދި ނަޝީދުގެ ޓްވީޓް

އެނގުން މުހިންމު - ވަގުތީ ނަތީޖާ ދައްކާ ގޮތުން ފައްޔާޒު އިންތިހާބު ކާމިޔާބު ކުރެއްވީ %59 ވޯޓުންނެވެ.

އިންތިހާބުން މޮޅުވުމަށް ފަހު، ފައްޔާޒު ރޭ ވިދާޅުވީ ނަޝީދާ އެކު އޭނާއަށް މަސައްކަތް ކުރެއްވޭނެ ކަމަށެވެ. އަދި އިންތިހާބު ކެމްޕެއިން ތެރޭގައި އޭނާއަށް ކުރިމަތިކުރުވި ފާޑުކިޔުމާއި ތުހުމަތުތަކާ މެދު ހިތްބުރަކަމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

އިންތިހާބަށް ފަހު އެމްޑީޕީ ބައިބައިވާނެކަމަށް އަރާފައިވާ އަޑުތައް ދޮގުކުރައްވައި ފައްޔާޒު ވިދާޅުވީ އެ ޕާޓީ އޮންނާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ.

ބަލި ގަބޫލުކުރައްވާ އިމްތިޔާޒު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޕާޓީގެ އަސާސްތަކުގެ މަތީގައި ދެގޮތެއް ނުވެ ދެމިހުންނަވާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް