'ބިންވެރިޔާ' ސްކީމްގެ ދަށުން ގޯތިދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު ސާފުކުރަނީ. (ފޮޓޯ/އަބްދުﷲ އިޔާން)

މާލޭ މީހުންނަށް 1،000 ގޯތި ދޫކުރާ ސަރަހައްދު ސާފުކުރަން ފަށައިފި

'ބިންވެރިޔާ' ސްކީމުގެ ދަށުން އެންމެ ކުޑަކޮށް ވެސް ދޫކުރަނީ 1،250 އަކަފޫޓުގެ ގޯތި

'ބިންވެރިޔާ' ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ހުޅުމާލޭން ދޫކުރާ 1،000 ގޯތި ދޫކުރާ ސަރަހައްދުގެ ބިން ސާފު ކުރަން މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - 'ބިންވެރިޔާ' ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ދޫކުރާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެޗްޑީސީން މިއަދު ވަނީ ފަށައިފަ އެވެ. ގޯތި ދޫކުރާ ސަރަހައްދު ދައްކާލަން ނޫސްވެރިން ގެންގޮސް، އެ ސަރަހައްދުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް މިއަދު ވިދާޅުވީ ބިން ސާފުކުރުމުގެ މަސައްކަތް ދެ ހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

ބުނީ ކީކޭ؟ - އާތިފް ވިދާޅުވީ ހުޅުމާލޭން ގޯތި ދޫކުރުމަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށެވެ.

"އަޅުގަނޑުމެން އެޗްޑީސީގެ ފަރާތުން ކުރާ މަސައްކަތަކީ ގޯތި ދޫކުރަން ކަނޑައެޅިފައިވާ ބިން ސާފުކޮށް އިން ޖަހައި ކަޑަ ޖަހައި ކަންތައް ކުރުން،" އާތިފް ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތިދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު ސާފުކުރަނީ. (ފޮޓޯ/އަބްދުﷲ އިޔާން)
  • ހުޅުމާލޭން ދޫކުރާ 1،000 ގޯއްޗަށްވާ ބިން ސާފުކޮށް، އިން ވަކިކޮށް، ކަޑަޖަހާނެ

  • އެންމެެ ކުޑަ ގޯތިތަކުގައި ވެސް 1،250 އަކަފޫޓު ހުންނާނެ

  • ބިންތަކުގެ އިން ކަނޑައަޅާނީ އެއަށް ވުރެ ކުޑަ ނުވާނެހެން

ހައުސިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ ހުޅުމާލޭން ގޯތި ދޫކުރުމަށް ދެވަނަ ފިޔަވަހިން 1.2 މިލިއަން އަކަފޫޓުގެ ބިން އެޗްޑީސީން ހައުސިން މިނިސްޓްރީ އަށް ހަމަޖައްސައިދީފައިވާ ކަމަށެވެ.

"މި ބިންތައް ބެހިގެން މި ދަނީ 62 އޭރިއާއެއްގައި. ހުޅުމާލޭގައި ވަރަށް ގިނަ ޑިވެލޮޕްމެންތުތައް ހިންގާ އިރު ބައެއް ކަހަލަ ސްޓޯރޭޖު ބޭނުމަށް ބިންތައް އެބަހުރި،" އާރިފް ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތިދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު. (ފޮޓޯ/އަބްދުﷲ އިޔާން)

އޭނާ ވިދާޅުވީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓުކޮށް ނިމޭ އިރު ބިންތައް ސާފުކޮށް ނިމޭނެ ކަމަށެވެ.

"އަޅުގަނޑުމެން ޓާގެޓް މި ކުރަނީ މާޗު މަހު ފޯމުތައް އިވެލުއޭޓުކޮށް ނިންމާލެވޭނެ ކަމަށް. ބިންތައް ލިބޭ ފަރާތްތައް ކަނޑައެޅުމާ އެކު ވަގުތުން ވަގުތަށް ކަޑަޖަހާ އިން ވަކިކޮށް ހަވާލުކުރެވޭ ވަރަށް ތަން ސާފު ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ،" އާރިފް ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތިދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް ވާހަކަދައްކަވަނީ. (ފޮޓޯ/އަބްދުﷲ އިޔާން)
  • 'ބިންވެރިޔާ' އަދި 'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ބިމާއި ފްލެޓު ލިބޭ މީހުންގެ ލިސްޓު މާޗު މަހު އާންމު ކުރާނެ

  • އޭގެ ފަހުން ލިސްޓަށް ޝަކުވާ ހުށަހަޅަން މުހުލަތެއްދީ ޝަކުވާތަކަށް ބެލުމަށް ފަހު ދާއިމީ ލިސްޓު އާންމު ކުރާނެ

ފަސްމަންޒަރު - ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނީ، މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރަން ހިންގާ 'ބިންވެރިޔާ' ސްކީމް އާއި މާލެ ސަރަހައްދުން ފްލެޓް ދޭން ހިންގާ 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ގޯއްޗަށާއި ފްލެޓަށް އެދި ކުރިމަތިލުމުގެ މުއްދަތު ހަމަވި އިރު 36،000އާ ގާތްކުރާ އަދަދަކަށް ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

  • ގޯއްޗަށް - 15،164 މީހުން ކުރިމަތިލި

  • ތިން ކޮޓަރީގެ އެޕާޓްމަންޓް - 14،489 މީހުން

  • ދެ ކޮޓަރީގެ އެޕާޓްމަންޓް - 6،208 މީހުން

  • މުޅި ޖުމުލަ - 35،861

ބިންވެރިޔާ ސްކީމް

'ބިންވެރިޔާ' ސްކީމުގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ އާއި ގުޅީފަޅުގެ އިތުރުން ގިރާވަރު ފަޅު ހިއްކައިގެންނެވެ. މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 3.7 މިލިއަން އަކަފޫޓެވެ. މިނިސްޓްރީން ބުނެފައި ވަނީ، ދޫކުރާ ގޯތީގެ އަދަދު ކަނޑައަޅާނީ ގޯތި ދިނުމަށް ހޮވާ ވަކި ވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމަށް ފަހު ކަމަށެވެ.

  • އެޕްލިކޭޝަނަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1،250 އަކަފޫޓު  

  • ޖޮއިންޓް އެޕްލިކޭޝަނެއް ނުވަތަ އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަންތަކަށް، އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެ  

  • ހަތް މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރި ވާނަމަ، އެ އެޕްލިކޭޝަނަކަށް ލިބޭނީ ޖުމުލަ 4،000 އަކަފޫޓު

އިތުރު އާޓިކަލް

އިތުރު އާޓިކަލް