ވާހަކަ: ކުލަވި މަންޒަރު

ވާހަކަ

ވާހަކަ: ކުލަވި މަންޒަރު

ޕާޓީ ބޭއްވި ދުވަހު ހަލީމް ކުއްލިއަކަށް ނުކުމެގެން ދިޔަ ކަންތަކުގެ ވާހަކަ ދައްކަން ހަލީމްއާ ބައްދަލު ކުރަން ވަރަށް މަސައްކަތް ކުރެއެވެ. އެ ވީ ކަމެއް ބަލަން ކޮންމެހެން ވެސް ބޭނުންވެއެވެ.
5 ޑިސެމްބަރު 2022
1

އެޕިސޯޑް 10

"އަހަރެން މި ވަގުތު ދަނީ. ފަހުން ދިމާވާނީ،" ޝަމާންގެ އަތް ނައްޓުވާލަމުން ހަލީމް ބުންޏެވެ. އަދި ދޮރޯށިން ނުކުމެގެން ދިޔައެވެ. ޝަމާންގެ ބޮލުގައި ރިއްސާލިއެވެ. ކުއްލިއަކަށް އެ ކަހަލަ ގޮތަކަށް ހަލީމް ނުކުމެގެން ދިޔުން އެއީ ބަލައިގަންނަން އުނދަގޫ ކަމަކަށް ވިއެވެ. ދޮރޯށިން ބޭރަށް ޝަމާން ނުކުތެވެ. އަދި ދެކޮޅު ބަލާލިއެވެ. ހަލީމް ފެންނާކަށް ނެތެވެ.

"ކިހިނެއް ބާ އެ ވީ؟ އަހަރެން ސުވަލު ކުރީމަ ބުނީ ފަހުން ދިމާވާނީޔޯ. ވަރަށް ބޮޑަށް މީހާ ހާސް ވެފަ ހުރީ. ވީ ކީއް ކަމެއް ނުބުނި،" ގަމީހުގެ ގޮށްތައް ނައްޓުވަމުން ޝަމާން ވާހަކަ ދެއްކީ އަޒްފާއާއެވެ.

"ވެދާނެއެއްނު ކަމެއް ހަނދާން ވެގެން އަވަހަށް ދާން ޖެހުނީ ކަމަށް؟" އަޒްފާ ފަރުވާލެއް ނެތި ބުންޏެވެ. ނަމަވެސް ޝަމާންއަށް އެ ކަމެއް ގަބޫލެއް ނުކުރެވުނެވެ. ހަލީމްގެ މޫނުމައްޗަށް އަރާފައިހުރި ކުލަވަރަކީ ދޭހަ ކުރަން އުނދަގޫ ނަމަވެސް މާނަ ފުން އަސަރުތަކެކެވެ. މީހާ ހާސްވެފައި ހުރުމާއި ހަރަކާތްތައް އަވަސްވުމެވެ. ހީވަނީ ކަމަކާ ވަރަށް ބޮޑަށް ބިރުގެންފައި ހުރި ހެންނެވެ.

ހަވީރުގެ ވަގުތަކީ މާލޭގައި ކާރޫބާރޫ ބޮޑު ވަގުތެކެވެ. ސުކޫލްތަކާއި އޮފީސްތައް ނިމޭ ގަޑިއެވެ. ކުދިން ބަލާ ސުކޫލު ކައިރިއަށް ދާ ބެލެނިވެރިންނާއި އޮފީސްތައް ނިމިގެން ގެއަށް ދާ މީހުން ވަރަށް ގިނައެވެ. ޝަމާން އިނީ މާވެޔޮ މަގާއި މަޖީދީ މަގު ގުޅޭ ކަންމަތީގައި ސައިކަލު މަޑު ކޮށްގެންނެވެ. ފޯނެއްގައެވެ. އެއްލި ކަޅިއަކުން ފެނުނީ ހަލީމް މަގު ހުރަސް ކުރާ ތަނެވެ. ވަގުތުން ފޯނު ޖީބަށް ލާފައި ހަލީމަށް ހަނާ އަޅާލިއެވެ. ނަމަވެސް ފެނުނު ކަމަކަށް ހަލީމް ނުހެދިއެވެ. ޕޭވްމަންޓަށް އެރުމަށް ފަހު ހިނގުން ބާރު ކޮށްލިއެވެ. ޝަމާން ބެލީ ކައިރި ޕާކިން ޒޯނުގައި ސައިކަލު ޕާކް ކުރެވޭ ތޯއެވެ. ހިންދެމިލާފައި ބަލާލި އިރު ހަލީމް ފެންނާކަށް ނެތެވެ. ޗޮކެއް ކަނޑާލާފައި އަނެއްކާވެސް ސައިކަލަށް އަރައިގެން ގެއާ ދިމާލަށް ދިޔައެވެ.

ވަރަށް ވިއްސާރަ ރެއެކެވެ. ވައި އެހާ ގަދައެވެ. އުދަރެހުން އަންނަ ވައިރޯޅި ބީހެމުން ދިޔައީ ރަފްހާގެ ފަން އިސްތަށިގަނޑުގައެވެ. ބެލްކަނީގައި ރަފްހާ ހުރީ އެކަންޏެވެ. ތެމިގެންނެވެ. ލޯ މަރައިގެން ހުރީ ކުރިމަތިން ފެނިދާނެ މަންޒަރަކަށް ބިރުން ހެއްޔެވެ؟ ނުވަތަ ވާރޭގެ ތިކިތައް މޫނަށް ޖެހުމުން އެ ކުރެވޭ އިހުސާސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިގަންނަން ހެއްޔެވެ؟ ރަފްހާމެން ގެ ހުންނަނީ އާޓިފިޝަލް ބީޗާ ދާދި ގާތުގައެވެ. ހުޅުމާލެއަށް ދާން އޮންނަ ބްރިޖް ވެސް ވަރަށް ރީތިކޮށް ފެންނަން އޮތެވެ. މިހާ ވިއްސާރަ ރެއެއްގައި މިހާ ދަން ގަޑީގައި ވެސް ދަތުރު ކުރާ މީހުން ވަރަށް ގިނައެވެ.

ގޭ ހުރިހާ އެންމެން ނިދި އިރު ވެސް ރަފްހާގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ދިރިއުޅުމުގައި އުނިވަމުން ދަނީ ކޮން ކަމެއް ކަން އަދިވެސް ރަފްހާއަށް ނޭނގެނީ ހެއްޔެވެ؟ ސަންރާއާ ދޭތެރޭ ކަންތައް ކުރެވުނު ގޮތުން ރަފްހާ ދެރައެއް ނުވެއެވެ. ބަދަލުގައި އިތުރަށް ރުޅި ގަދަވިއެވެ. ބޭނުންވާ އެދެވޭ ނަތީޖާ ނުލިބުމުން އެކަމަށް ހައްލު ގެންނާނެ އިތުރު ގޮތެއް ރަފްހާ އަކަށް ނުވިސްނުނެވެ.

ރަފްހާ މަޑުމަޑުން ލޯ ހުޅުވާލިއެވެ. އަދި ފަރާތް ފަރާތަށް ބަލާލިއެވެ. ރަފްހާމެން ކޮޓަރި ބެލްކަނީގައި ހުންނަ އިރު ސަންރާ އާއި އިޝްފާ ނިދާ ކޮޓަރީގެ ބެލްކަނި ހުންނަނީ ޖެހިފައެވެ. ރަފްހާއަށް ފާހަގަވީ އެ ކޮޓަރީގައި ނިދާ ބޮކި ނޫން ބޮތްކެއް ދިއްލާފައި ހުރި ކަމެވެ. މި ގަޑީގައި ހޭލާ އުޅޭނީ ކޮން ކުއްޖެއް ބާވައޭ ރަފްހާގެ ހިތަށް އެރިއެވެ. ކުޑަ ދޮރު ހުރީ އަތް ޖެހޭ ހިސާބަކު ނޫނެވެ. ވުމާއެކު ކޮޓަރިއަށް ވަދެ ފެން ހިއްކާލިއެވެ. އަދި އެއްޗެހި ބަދަލު ކޮށްލައިގެން އެ ކުދިން ނިދާ ކޮޓަރިއަށް ދިޔައެވެ. ދޮރު ހުރީ ތަޅު ލާފައެވެ.

ރަފްހާ ހިތަށް އެރިއެވެ. ފަހަކަށް އައިސް ކޮޓަރި މާ ގިނައިން ތަޅުލާފައި ހުރުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ގޭގައި މާ ގިނަ މީހުންނެއް ނޫޅެއެވެ. ކުދިން ކަމަކާ މާ ބޮޑަށް ބިރުގަންނަނީ ބާވައެވެ؟ ވިސްނާލަން ހުރެފައި ދޮރުގައި މަޑުމަޑުން ޓަކި ޖެހިއެވެ. ދޮރެއް ނުހުޅުވިއެވެ. ދޮރު ދަށުން ފެނުނު އަލިކަން ވެސް ކެނޑުނެވެ. އަނެއްކާވެސް ޓަކި ޖެހިއެވެ. ނުހުޅުވިއެވެ. ރަފްހާ ވިސްނާލިއެވެ. ކޮންމެވެސް ކުއްޖަކު ހޭލާ އެބަ އުޅެއެވެ. އިޝްފާ ފިލާވަޅު ދަސް ކުރަނީ ބާއެވެ. ދެ ހިޔާލެއްގައި ހުރެފައި ކޮޓަރިއަށް ގޮސް ނިދަން އޮތެވެ.

"ދެން ތިކަމާ ކިތަންމެ ވަރަކަށް ހިތްހަމަނުޖެހި ރުޅި އަޔަސް ވާނެ ކަމެއް އޮންނާނެތަ؟ މަ އޭރު ވެސް ބުނި ގޮތަށް ހެދި ނަމަ؟" ނައުމާ ހިތްހަމަނުޖެހިފައި ރަފްހާ ގާތު ބުންޏެވެ.

"އަޝްރަފް ބުނީ އެ މީހާ ދީފައި އޮތީ ފޭކް އެއްޗެކޭ. ރަނގަޅު އެއްޗެއް ގެނައީ އޭނަޔޯ؟" ރަފްހާ ބުންޏެވެ.

"ފޭކް ކަމެއް ކިހިނެއް އެނގެނީ؟ އެ ބޭނުން ކުރީތަ؟" ނައުމާ އެހިއެވެ.

"ދެން ނޭނގެ މަށަކަށް،" ރަފްހާއަށް ވިސްނުނު ގޮތް ބާއްވާފައި އެހެން ޖަވާބެއް ދިނެވެ.

އެ ވަގުތު ލޮލުގައި އަޅައިގަތީ ޕާކަށް ވަންނަމުން އައި ޝަމާންއެވެ. ރަފްހާ އައީ ޒުކާން ގޮވައިގެންނެވެ. ނައުމާ އައީ އޭނަގެ ތިމާގެ ކުއްޖެއް ގޮވައިގެންނެވެ. ތަނަކީ ކުޑަކުދިންގެ ބަގީޗާއެވެ. ޝަމާން މި ތަނަށް އައި ބޭނުމެއް ރަފްހާ އަކަށް ނުވިސްނުނެވެ. ޝަމާން ގާތުގައި އަޒްފާ އަދި އިޝްފާއެއް ވެސް ނެތެވެ.

ޝަމާން ދިޔައީ މީހަކު ހޯދަމުންނެވެ. ފޯނުން އެ މީހަކަށް ގުޅަމުންނެވެ. އެކި ދިމަދިމާ ބަލަމުން ގޮސް މީހުން މަދު ދިމާލަކަށް ޝަމާން ހިނގައިގަތެވެ. ނައުމާ ގާތު އެބަ އަންނަމޭ ބުނެފައި ރަފްހާ ހިނގައިގަތެވެ. ޝަމާންގެ ފަހަތުން އެކަމަކު ތަންކޮޅެއް ދުރުދުރުންނެވެ. ޝަމާން ގޮސް އިށީނީ ބެންޗެއްގައި އިން ފިރިހެނެއް ގާތުގައެވެ. ކައިރިވުމުން އެއީ ހަލީމްކަން ރަފްހާއަށް އެނގުނެވެ. އެކަމަކު މިކަހަލަ ގަޑިއެއްގައި މިކަހަލަ ތަނަކަށް ދެ މީހުން އަންނަންވީ ސަބަބެއް ރަފްހާއަކަށް ނޭނގުނެވެ.

ޝަމާން އާއި ހަލީމްގެ ފަހަތުގައި އޮތް ގަސްތަކެއްގެ ނިވަލުގައި ރަފްހާ ހުއްޓެވެ. ފޯނާ ކުޅެން ކަމަށް ހަދާފައި ފުރަގަސްދީގެންނެވެ. ނަމަވެސް ދެ މީހުން ދައްކާ ވާހަކަ އަޑު އިވޭ ހިސާބުގައެވެ.

"ޝަމާން. މަށަކަށް ނޭނގެ މި ވާހަކަ ފަށާނެ ގޮތެއް،" ހަލީމްގެ މޫނުމައްޗަށް ހޫނު އަރަން ފެށިއެވެ.

"ކޮންމެވެސް ކޮޅަކުން ފެށީމައެއްނު ކުރިއަށް ދާނީ؟ ކިހިނެއް ވީތަ؟" ޝަމާން ހަލީމްގެ ކޮނޑުގައި އަތްލަމުން އެހިއެވެ. "ހަލީމްއަށް އެ ދުވަހު ވީ ގޮތް ފެނިގެން މަ މި ހުންނަނީ ހަމަ ނިދި ނުނިދާ. މަށަށް އެނގިއްޖެ ކޮންމެވެސް ގޯހެއް އެބަ އުޅޭކަން. ކިޔާ ދީބަލަ."

"އެ ދުވަހަށް ފަހު މަށަށް ވެސް ހަމަ ނިދި ނުނިދޭ. ހަމަ ހުވާ މި ބުނީ. މަށަކަށް ނޭނގުނު ވީ ގޮތެއް ވެސް." ހަލީމް ހާސްވާހެން ހީވިއެވެ.

"އޭތް. ހަމަޖެހިބަލަ. އަދިވެސް ތި ވެގެން އުޅޭ ގޮތެއް ނުބުނަމެއްނު؟" ޝަމާން އަވަސް އަވަހަށް ބުންޏެވެ. ރަފްހާ ހުރީ ވާނުވާގައެވެ. އަޑު އިވެން އުޅެނީ ކޮން ވާހަކައެއް ކަމެއް ނޭނގޭތީއެވެ.

"ޝަމާންގެ ދަރިފުޅު..." ހަލީމް ދުލުގައި ތަޅެއް އެޅުވުނު ކަހަލައެވެ.

"އަހަރެންގެ ދަރިފުޅު؟ އިޝްފާ، އޭނަ ކިހިނެއްވީ؟" ޝަމާން ހާސްވާން ފެށިއެވެ. ހިތް ނުތަނަވަސްވާން ފެށިއެވެ.

ދެން އިވުނު އަޑުން ޝަމާންގެ ކަންފަތުގެ އިވުން ގެންދިޔަ ނަމައޭ ޝަމާން ހިތަށް އެރިއެވެ. ރަފްހާގެ ދެ ލޯ ބޮޑުވެ، އަތުން ފޯނު ނުވެއްޓުނީ ކިރިޔާއެވެ. ހަލީމްގެ ގިރުވާނުގައި ޝަމާން ހިފިއެވެ.

- ނުނިމޭ -

އިތުރު ވާހަކަ

ކޮމެންޓް (1)

ޖުންދު

5 ޑިސެމްބަރު 2022
ވާހަކައިގައި ވާނުވާ އަދިހަމަ މި އެނގެނީ... ވަރަށްރީތި.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް