ކޮވިޑަށް ޓެސްޓުކުރަން ސާމްޕަލް ނެގުމުގެ މަސައްކަތް މާލޭގެ ސޯޝަލް ސެންޓަރުގައި އިއްޔެ ކުރަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ކޮވިޑް-19

1 ދުވަސް ތެރޭ ކޮވިޑް ޖެހުނު މީހުންގެ އަދަދު 7 މަސް ފަހުން 500 އިން މައްޗަށް

މި ވަގުތު ކޮވިޑް ޖެހިފައި ތިބީ 4،320 މީހުން؛ އޭގެ ތެރެއިން 20 މީހަކަށް ފަރުވާ ދެނީ އެޑްމިޓުކޮށްގެން.
11 ޖެނުއަރީ 2022

އެއް ދުވަސް ތެރޭގައި ރާއްޖޭން ކޮވިޑަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު، ހަތް މަސްދުވަސް ފަހުން ފުރަތަމަ ފަހަރަށް މިއަދު 500 އިން މައްޗަށް އަރައިފި އެވެ.

މައްސަލައިގެ ފެށުން - ކޮވިޑުގެ އާ ވޭރިއަންޓް ކަމަށްވާ އޮމިކްރޮން ރާއްޖޭން ވެސް ފެނި، މި ވައްތަރު ފެނިފައިވާ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބާރަށް މައްޗަށް ދާން ވަނީ ފަށާފަ އެވެ. އެގޮތުން، ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނި ގޮތުގައި:

  • 1-

    އެންމެ ކޭސްތައް ގިނަވާނެ ކަމަށް ބެލެވެނީ މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ފަހުކޮޅު 

  • 2-

    އެންމެ ފުރަތަމަ މާލޭން ކޭސްތައް ގިނަވަމުން ދިޔަ ނަމަވެސް، ކުރިން ކުރިމަތިވި ކޮވިޑުގެ ޑެލްޓާ ވޭރިއަންޓުގެ ރާޅާ ހިލާފަށް މިފަހަރު އަތޮޅުތެރެ އިން ވެސް ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް ޖެހޭނެ ކަމަށް ލަފާކުރެވޭ

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވާހަކަދައްކަވަނީ: އޮމިކްރޮން މުޅި ރާއްޖެއަށް ފެތުރޭނެ ކަމުގެ އިންޒާރު ދެއްވ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ވީ ކިހިނެއް؟ - އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މުޅި ރާއްޖޭން ޓެސްޓުކުރި 5،818 ސާމްޕަލްގެ ތެރެއިން 593 ސާމްޕަލް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • މާލެ ސަރަހައްދުން 199 ކޭސް

  • އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްރަށުން 197 ކޭސް

  • ހުޅުވާފައި ހުރި ރިސޯޓުތަކުން 124 ކޭސް

އެއާ އެކު، މި ވަގުތު ކޮވިޑް ޖެހިފައި 4،320 މީހަކު ރާއްޖޭގައި އެބަތިއްބެވެ. އޭގެ ތެރެއިން 20 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލެއްގައި ނުވަތަ ކޮވިޑަށް ފަރުވާ ދިނުމަށް ހާއްސަ ފެސިލިޓީއެއްގަ އެވެ.

އެނގުން މުހިންމު - މީގެ ކުރިން އެއް ދުވަސް ތެރޭގައި ކޮވިޑަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު 500 އިން މައްޗަށް އަރާފައި ވަނީ މިދިޔަ ޖޫން މަހުގެ 7ގަ އެވެ. އެ ދުވަހު 552 މީހަކަށް އަލަށް ކޮވިޑް ޖެހުނު ކަމަށް ޓެސްޓުތަކުން ދެއްކި އެވެ. އެއީ، ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ކުރިމަތިވި ރާޅުގެ ފަހު ދުވަސްކޮޅުގަ އެވެ.

ރާއްޖޭގައި އެއް ދުވަސް ތެރޭގައި ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު މަތިވާން ފަށާފައި ވާއިރު، މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް ނުވަތަ ޓެސްޓުކުރާ ސާމްޕަލްގެ ނިސްބަތުން ބައްޔަށް ޕޮޒިޓިވް ވާ މިންވަރު މިހާރު ހުރީ %7ގަ އެވެ. މުޅި ރާއްޖެއަށް ބަލާއިރު އެ އިންސައްތަ އުޅެނީ ގާތްގަނޑަކަށް %6ގަ އެވެ.

ރާއްޖޭގެ ކޮވިޑުގެ ހާލަތު:

  • މިހާތަނަށް 99،099 މީހަކަށް ކޮވިޑް ޖެހިފައިވޭ

  • 94،502 މީހަކު ބަލިން ރަނގަޅުވެފައިވޭ

  • 264 މީހަކު ވަނީ މަރުވެފައި

ވެކްސިން ޖެހުން:

  • ފުރަތަމަ ޑޯޒް: 397،033 މީހުން (ޖުމްލަ އާބާދީގެ ނިސްބަތުން %73)

  • ދެ ޑޯޒް ފުރިހަމަކޮށްފައި: 368،351 މީހުން (ޖުމްލަ އާބާދީގެ ނިސްބަތުން %68)

  • ބޫސްޓާ ޑޯޒް: 28،085 މީހުން

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް