އެސްޓީއޯ

އެދިއެދި ތިބި ބަދަލެއް: އެސްޓީއޯ ސުޕަމާޓުގައި އާންމު ވިޔަފާރިތައް

ސުޕަމާޓުގެ ސައިޒުގައި ނުތިބެ، އެސްޓީއޯ ޕީޕަލްސް ޗޮއިސް މިހާރު ވަނީ ހައިޕަމާކެޓަކަށް ބަދަލުކޮށްލާފައި
10 އޭޕްރީލު 2022
1

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯއާ މެދު ވިޔަފާރިވެރިން އަބަދު ވެސް ކުރާ ޝަކުވާއަކީ އެ މީހުން ކުރާ ވިޔަފާރިތައް އެސްޓީއޯއިން ކޮށް، އެ މީހުންގެ ވިޔަފާރި ހަލާކު ކުރާ ކަމެވެ. އެހެންވެ، އާންމު ވިޔަފާރިވެރިން އަބަދު ވެސް އެދިއެދި ތިބެނީ އެސްޓީއޯއިން ކުދި ވިޔަފާރިތައް ކުރުން ހުއްޓާލުމެވެ.

އެ އެދޭ ބަދަލާ ދިމާލަށް އެސްޓީއޯ ދަތުރުކުުރުމުގެ ފުރަތަމަ ފިޔަވަޅު އެ ކުންފުނިން މި ވަނީ އަޅައިފަ އެވެ. އެސްޓީއޯގެ ސުޕަމާޓް، އެސްޓީއޯ ޕީޕަލްސް ޗޮއިސް ބޮޑުކޮށް ރޯދައަށް ހުޅުވާލިއިރު އާންމު ވިޔަފާރިތަކަށް އެ ސްޕަމާޓްގެ ތެރެއިން މި ވަނީ ޖާގަތައް ހުސްކޮށް ދީ، ވިޔަފާރި ކުރަން ފުރުސަތު ހުޅުވާލައިފަ އެވެ. ސުޕަމާޓުގެ ސައިޒުގައި ނުތިބެ، އެސްޓީއޯ ޕީޕަލްސް ޗޮއިސް މިހާރު ވަނީ ހައިޕަމާކެޓަކަށް ބަދަލުކޮށްލައިފަ އެވެ.

"އެސްޓީއޯއިން އަބަދު ވެސް ބަލަނީ އަދި މި ސަރުކާރުގެ ސިޔާސަތަކީ އަމިއްލަ ފަރާތްތަކުން ކުރާ ވިޔަފާރިތަކުގެ ތެރެއަށް ނުވަނުން. އާންމުން ނުކުރާ އިނޮވޭޓިވް ކަންކަން ކުރުން އެސްޓީއޯގެ އަމާޒަކީ. އެހެންވެ، އަޅުގަނޑުމެން ވިސްނީ ސުޕަމާކެޓް ފެށިފައި ހުރީމާ މިތާ ތެރެއިން ކުދި ވިޔަފާރިތަކަށް ފުރުސަތު ހޯދައިދެވޭނީ ކިހިނެއްތޯ ބަލާނިއްޔޭ. އެގޮތަށް ގެނައި ބަދަލެއް މިއީ،" އެސްޓީއޯ ސުޕަމާޓުން އަމިއްލަ ވިޔަފާރިތަކަށް ފުރުސަތު ދިނުމުގެ ފަހަތުގައި އޮތް ސަބަބާ ގުޅޭ ގޮތުން އެ ތަނުގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވި އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވިއްކަން ހުރި އިލެކްޓްރޯނިކް ސާމާނުތަކެއް. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ކުރިން ބީއެމްއެލްގެ އޭޓީއެމްތަކާއި އަލްފްރެސްކޯ ރެސްޓޯރަންޓް ހުރި ސަރަހައްދަށް ސުޕަމާޓް ދަމާލައި އެ ތަން ބޮޑުކޮށް ހުޅުވި އިރު، އަލަށް އިތުރުކުރި ބައިން ފުރުސަތު ދީފައި ވަނީ އަމިއްލަ ވިޔަފާރިތަކަށެވެ. ޒަމާނީކޮށް ހަދާފައި ހުރި ހަރުތަކުގައި މިހާރު އެއްޗެހި ބަހައްޓައިގެން ވިއްކަމުން އަންނަނީ މާލޭގައި ހިންގާ އެކި ބާވަތްތަކުގެ ތަކެތި ވިއްކާ އަމިއްލަ ވިޔަފާރިތަކުންނެވެ. ޖުމްލަ ނުވަ ވިޔަފާރިއަކަށް ޕީޕަލްސް ޗޮއިސްއިން މިހާރު ވަނީ ފުރުސަތު ދީފަ އެވެ.

އަމިއްލަ ވިޔަފާރިތަކުން ޝޯރޫމެއް ހުޅުވަން ވިޔަސް އިންޓީރިއާ، ތަނުގެ ކުލި، މިހެން ގޮސް ބޮޑެތި ހަރަދުތަކެއް ހުންނާނެ. މި ތަނުގައި ބޮޑު ކަސްޓަމާ ބޭސްއެއް އޮތް ތަނެއްގައި އަޅުގަނޑުމެން މި ދެނީ އެ ބޭފުޅުންނަށް ޖާގަ ވިޔަފާރިކުރަން. އެ ބޭފުޅުން ސްޓާފުން ލުން ނޫން ހަރަދެއް އަނެއްހެން ނުދާނެ.

ހުސައިން އަމްރު / އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު

އޭގެ ތެރެއިން ހަރުތަކުގައި ތަކެތި ބަހައްޓާ ވިޔަފާރި ފަށާފައި ވަނީ:

  • ސެންޓް ވިއްކާ ޕޮއިޒް ޕާފިއުމް

  • ކޮމްޕިއުޓަރާއި ފޯނު ވިއްކާ މެކްސްކޮމް

  • ފޮތް ފަންސޫރު ވިއްކާ އަޝްރަފީ ބުކްޝޮޕް

  • މޭކަޕާއި ރީތިވާ ސާމާނަށް ހާއްސަ ނޯޓް ކޮސްޓިއުމް

  • ކަސްރަތު ކުރާ މީހުންނަށް ހާއްސަ ތަކެތި ވިއްކާ މެރަތަން ޝޮޕް 

  • ސިޓީ ބޭކަރީ

މީގެ އިތުރުން، އެސްޓީއޯ އިލެކްޓްރޯނިކްސް އާއި އެސްޓީއޯ ފާމަސީ ވެސް މިހާރު ވަނީ ސުޕަމާޓުގެ ތެރޭގައި ހުޅުވައިފަ އެވެ. އަމުރު ވިދާޅުވީ އެސްޓީއޯ ސުޕަމާޓަށް ގެނައި އާ ބަދަލުގެ އަނެއް މަގުސަދަކީ ވީހާ ވެސް ގިނަ ތަކެތި އެއް ފުރާޅެއްގެ ދަށުން ލިބޭނެ މަގު އާންމުންނަށް ފަހިކޮށްދިނުމެވެ. އަމްރު ވިދާޅުވި ގޮތުގައި، އެސްޓީއޯ ސުޕަމާޓުން ގޭތެރެއަށް ބޭނުންވާ ތަކެތި ގަނެގެން ދާ މީހާއަށް އެކި ބާވަތްތަކުގެ އިލެކްޓްރޯނިކްސް އައިޓަމާއި ސެންޓާއި ރީތިވާ ބާވަތްތައް އަދި ފޮތް ފަންސޫރު ވެސް މިހާރު ގަނެލެވޭނެ އެވެ. 

ވަކިވަކި ވިޔަފާރިތައް އެސްޓީއޯގެ ސުޕަމާޓުގައި ވިޔަފާރި ކުރި ނަމަވެސް އެސްޓީއޯއިން އިންތިޒާމްތައް ރާވާފައި ވަނީ ކޮންމެ ވިޔަފާރިއަކުން ތަކެތި ގަތް ނަމަވެސް އެއް ކައުންޓަރަކުން ފައިސާ ދެއްކޭ ގޮތަށެވެ. އެހެންވުމުގެ ސަބަބުން ވިޔަފާރި ކުރާ ފަރާތްތަކަށް ތަކުލީފު ކުޑަކޮށް ވިޔަފާރިކޮށްލެވެ އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ބޭރު: މި ތަނުގެ ޖާގަ ތަނަވަސްވެފައި އެއް ފުރާޅެއްގެ ދަށުން ގިނަ ސާމާނު ލިބޭ. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)
އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ބަޔަކު ވިޔަފާރި ކުރަނީ. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

"ވަރަށް ކޮންވީނިއަންޓް ތަނަކަށް މި ތަން ހެދުން މީގެ އަނެއް ވިސްނުމަކީ. ކަމާ ކަން ފަށައިގެން ވަކި އެއްޗެއް ގަންނަން ފިހާރައަކަށް ނުގޮސް އެއް ތަނެއްގެ ތެރެއިން ކަސްޓަމަރުން ބޭނުންވާ މުދާ ލިބުން މިއީ އަސްލު ވަރަށް ބޮޑު ފަސޭހައެއް އަޅުގަނޑުމެންނަށް ތަނަވަސްކޮށްދެވޭ،" އަމްރު ވިދާޅުވި އެވެ.

"މި ބަދަލަކީ ދެ ފަރާތަށް ވެސް [އަމިއްލަ ވިޔަފާރިތަކަށް އަދި ކަސްޓަމަރުންނަށް] އޮތް ވަރަށް ބޮޑު ފަސޭހައެއް."

އޭނާ ވިދާޅުވީ 2019އިން ފެށިގެން އެސްޓީއޯގެ ސުޕަމާޓުން އާންމު ވިޔަފާރިތަކަށް ތަފާތު ފުރުސަތުތައް ފަހިކޮށްދޭން މަސައްކަތް ކުރެއްވި ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރެއްވި ކަންކަމަކީ:

  • ސުޕަމާޓުގެ ވަކިވަކި ހަރުތައް ކުއްޔަށް ނަގައިގެން ތަކެތި ވިއްކަން އާންމު ވިޔަފާރިތަކަށް ހުުޅުވާލި 

  • ފްރޯޒެން އައިޓަމްސް ނުވަތަ ގަނޑުކުރި ބާވަތްތައް ވިއްކަން ސުޕަމާޓުގެ ފުރިޖްތައް ވެސް ކުއްޔަށް ދޫކުރަން ހުޅުވާލި

"ބައެއް ފްރިޖްތައް އެކަނި އަޅުގަނޑުމެންނަށް ދޫކޮށްލެވުނީ ބައެއް ފްރޯޒަން އައިޓަމްސް ވިއްކަން. އެހެން ތަންތަނަށް އެހާ ތަރުހީބެއް ނުލިބުނު،" އަމްރު ވިދާޅުވި އެވެ.

އެސްޓީއޯއިން ސުޕަމާކެޓް ބޮޑުކޮށް އަލުން ހުޅުވުމަށް ފަހު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު 'ދައުރު'އަށް އިންޓަވިއު ދެއްވަނީ. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

މި ފަހަރު ވެސް އެސްޓީއޯ ސުޕަމާޓުން އަމިއްލަ ވިޔަފާރިތަކަށް ވިޔަފާރިކުރަން ހުޅުވާލުމުން އެހާ ގިނަ ހުށަހެޅުންތަކެއް ނުލިބުނު ކަމަށް އަމްރު ވިދާޅުވި އެވެ. އޭނާ ގަބޫލު ކުރައްވަނީ އާ ކޮންސެޕްޓަކަށް ވުމުން އެކަމުގެ ފައިދާ އަމިއްލަ ވިޔަފާރިތަކަށް އެހާ ރަނގަޅަށް އެނގިފައި ނެތީ އެވެ.

މި ބަދަލަކީ ދެ ފަރާތަށް ވެސް [އަމިއްލަ ވިޔަފާރިތަކަށް އަދި ކަސްޓަމަރުންނަށް] އޮތް ވަރަށް ބޮޑު ފަސޭހައެއް.

ހުސައިން އަމްރު / އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު

ނަމަވެސް، ސުޕަމާޓް ހުޅުވުމުން އެ ކަމަށް ޝައުގުވެރި ވެގެން އެތައް އާންމު ވިޔަފާރިތަކަކުން އެސްޓީއަށް ގުޅާ ޝައުގުވެރިކަން މިހާރު ފާޅުކޮށްފައިވާ ކަމަށް އަމްރު ވިދާޅުވި އެވެ. 

"އަމިއްލަ ވިޔަފާރިތަކުން ޝޯރޫމެއް ހުޅުވަން ވިޔަސް އިންޓީރިއާ، ތަނުގެ ކުލި، މިހެން ގޮސް ބޮޑެތި ހަރަދުތަކެއް ހުންނާނެ. މި ތަނުގައި ބޮޑު ކަސްޓަމާ ބޭސްއެއް އޮތް ތަނެއްގައި އަޅުގަނޑުމެން މި ދެނީ އެ ބޭފުޅުންނަށް ޖާގަ ވިޔަފާރިކުރަން. އެ ބޭފުޅުން ސްޓާފުން ލުން ނޫން ހަރަދެއް އަނެއްހެން ނުދާނެ،" އަމްރު ވިދާޅުވި އެވެ.

  • އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ތެރޭގައި ހުޅުވާފައިވާ އަސްރަފީ ބުކްޝޮޕްގެ ސްޓޭޝަނަރީ ފިހާރަ. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)
  • އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ހުޅުވާފައިވާ އެސްޓީއޯގެ ފާމަސީ. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)
  • އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ހުޅުވާފައިވާ ސިޓީބޭކަރީގެ ކައުންޓަރު. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

އާ ކޮންސެޕްޓަށް ލިބުނު ތަރުހީބާ އެކު އެސްޓީއޯގެ އަމާޒު މިހާރު ހުރީ އަދިވެސް ބޮޑަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ޝޯރޫމް ފުޅާކޮށް އަމިއްލަ ވިޔަފާރިތަކަށް އަދިވެސް އިތުރު ޖާގަ ދޫކުރާށެވެ. އެ މަޝްރޫއު ވަރަށް އަވަހަށް ފަށާނެ ކަމުގެ އުފާވެރި ހަބަރު އަމްރު ދެއްވި އެވެ.

"އިތުރު ފަންގިފިލާއަކަށް އަޅުގަނޑުމެން ފުޅާކޮށްގެން ވެސް އިތުރު ވިޔަފާރިތަކަށް ޖާގަ ދޭން އަޅުގަނޑުމެން އެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން. އެސްޓީއޯއިން ބޭނުންވަނީ އަމިއްލަ ވިޔަފާރިތަކުގެ އަތުގައި ހިފައިގެން ކުރިއަށް ދާން. ވިޔަފާރިތައް ކުރިއަރުވަން،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (1)

ހަހަބހ

10 އޭޕްރީލު 2022
ހަރު ތަށްދީފައި ތިހުރީ މާލޭގެ ބޮޑެތި ވިޔަފާރި ވެރިންނަށް. އަމްރު ކިހާ ވަރެއްނަގާފަތަ ދިނީ؟ މެކްސްކޮމް، އަސްރަފީ މީ ތިބުނާ ކުދި ވިޔަފާރިއަކީ؟ ހަމަ އަތްޖަހާ ބަޔަކު ޖަހާނެ ދޯ؟ ވޯޓް ދެން އޮތީ. ކުދި ވިޔަފާރިވެރިންގެ ދުވަސް އެއީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް